[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (45)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

38 ވަނަ ނަސޭހަތް: ގެ އިޚްތިޔާރުކުރުމުގެ ކުރިން އަވަށްޓެރިޔާ އިޚްތިޔާރުކުރުން

 

މިމައްސަލަ ވަކިން ނަގާފައިމިވަނީ ކަމުގެ އަހަންމިއްޔަތުކަމުގެ ބޮޑުކަމަށްޓަކައެވެ.

ފަހެ، އަޅުގަނޑުމެންގެ މިޒަމާނުގައި އަވަށްޓެރިޔާއަކީ ވަރަށް ބޮޑަށް އަޘަރުކުރުވާ ފަރާތެކެވެ. އެއީ ކައިރި ކައިރީގައި ގެތައް ވުމުގެ ސަބަބުންނެވެ. އަދި އެއް ޢިމާރާތެއްގެ އެޕާޓްމަންޓްތަކުގައި އުޅެން ޖެހިފައިވުމުންނެވެ.

ރަސޫލުﷲ صلى الله عليه وسلم ބާއްޖަވެރިކަމުގެ ހަތަރުކަމެއް އަޅުގަނޑުމެންނަށް ޚަބަރު ކުރައްވަމުން ޛިކުރު ކުރައްވާފައިވަނީ ޞާލިޙު އަވަށްޓެރިޔާއެވެ. އަބާއްޖަވެރިކަމުގެ ހަތަރުކަމެއް ޚަބަރު ކުރައްވަމުން ޛިކުރު ކުރައްވާފައިވަނީ ނުބައި އަވަށްޓެރިޔާއެވެ. [رواه أبو نعيم في الحلية ٨/٣٨٨ وهو في صحيح الجامع ٨٨٧] އަދި ފަހުން ޚަބަރުކުރައްވާފައި އެވާ ފަރާތުގެ ނުރައްކާތެރިކަމަށްޓަކައި އެކަލޭގެފާނު صلى الله عليه وسلم އެފަދަ މީހާގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދި މިފަދައިން ދުޢާ ކުރައްވައެވެ.

«اللَّهُمَّ إِنِّي أَعوذُ بِكَ مِنْ جَارِ السُّوءِ فِي دَارِ الْمُقَامَةِ، فَإِن جَارَ الْبَادِي يَتَحَوَّلُ » [صحيح الجامع ۱٢٩٠]

މާނައީ: “އޭ ﷲ! މިއަޅާ ޤާއިމުވެ ހުންނަ ގޭގެ ކައިރީގައިވާ ނުބައި އަވަށްޓެރިޔާގެ ކިބައިން ރައްކާތެރިކޮށްދެއްވުންއެދި ހަމަކަށަވަރުން އިބައިލާހުގެ ޙަޟްރަތަށް މިއަޅާ ދަންނަވަމެވެ. ފަހެ، ހަމަކަށަވަރުން ބާދިޔާގެ ތެރޭގައި އުޅޭ އަވަށްޓެރިޔާއަކީ (އިސާހިތަކު އެތަން) ދޫކޮށްފައިދާނެ މީހެކެވެ.”

އަދި އެފަދައިން ރައްކާތެރިކަމަށް އެދުމަށް މުސްލިމުންނަށްވަނީ އަމުރު ކުރައްވާފައެވެ.

«تَعَوَّذُوا بِاللَّهِ، مِنْ جَارِ السوْءِ فِي دَارِ الْمُقَامِ، فَإِنَّ جَارَ الْبَادِيَةِ يَتَحَوَّلُ عَنْكَ » [رواه البخاري في الأدب المفرد رقم ۱۱٧ واللفظ في صحيح الجامع ٢٩٦٧]

މާނައީ: “ފަހެ، ޤާއިމުވެ ހުންނަ ގޭގެ ކައިރީގައިވާ ނުބައި އަވަށްޓެރިޔާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް ﷲގެ ޙަޟްރަތުގައި އެދި ދަންނަވާށެވެ. ފަހެ، ހަމަކަށަވަރުން ބާދިޔާގެ ތެރޭގައި އުޅޭ އަވަށްޓެރިޔާއަކީ (އިސާހިތަކު) ތިބާ ދޫކޮށްފައި ދާނެ މީހެކެވެ.”

މިތަނުގައި ނުބައި އަވަށްޓެރިއެއްގެ ސަބަބުން ދެމަފިރިންނާއި އެމީހުންގެ ދަރިންނަށް ކުރާ އަޘަރުތަކާއި، އޭނާގެ ފަރާތުންވާ ދުއްތުރާތަކާއި، އޭނާގެ ކައިރީގައި ދިރިއުޅެން ޖެހިފައިވުމުން ކުރިމަތިވާ އުނދަގޫތައް ބަޔާންކުރަން ވަރަށް ދައްޗެވެ. ނަމަވެސް އިސްވެދިޔަ ޙަދީޘްތަކަށް ތަބާވުމުން ވިސްނޭ މީހަކަށް ފައިދާކުރާނެއެވެ. އަދި މިކަމުގައި ބައެއް ރަނގަޅު މީހުން ޢަމަލުކުރާ ގޮތަކީ ކައިރީގައިވާ ގެތައް އޭނާގެ ޢާއިލާ މީހުން ދިރިއުޅުމަށް ކުއްޔަށް ހިފުމެވެ. އަވަށްޓެރިންގެ މައްސަލައަށް މިކަމުން ޙައްލު ލިބެއެވެ. ނަމަވެސް މިއީ މާއްދީގޮތުން ބަލާއިރު ޚަރަދު ބޮޑު ގޮތެކެވެ. ފަހެ، ޞާލިޙު އަވަށްޓެރިންތަކެއް ލިބުމަކީ ފައިސާއިން އަގުނުކުރެވޭނޭ ކަމެކެވެ.

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް