[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރުގެ އެންމެ މާތް ދުވަސްތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަސްތަކެވެ. އެދުވަސްތަކުގައި ކުރެވޭ ހެޔޮ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިވެގެންވެއެވެ. އަދި ޘަވާބު އިތުރުވެގެންވެއެވެ. ޖާބިރު ބިން ޢަބްދިﷲ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((أَفْضَلُ أَيَّامِ الدُّنْيَا العَشْرُ)) [صحيح الجامع ١١٣٣، صحيح الترغيب والترهيب ١١٥٠]

މާނައީ: “ދުނިޔޭގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަސްތަކަކީ (ޙައްޖުމަހުގެ ފުރަތަމަ) 10 ދުވަހެވެ.”

ބައެއް ބޭފުޅުން ހިތަށް އަރާފާނެއެވެ:

މިދުވަސްތައް ރަމަޟާން މަހުގެ ފަހު ދިހަ ރެއަށްވުރެވެސް މާތް ވެގެންވޭ ހެއްޔެވެ. އެރޭތަކުގެ ތެރޭގައި ލައިލަތުލްޤަދްރި ވެސް ވެއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ﴾[سورة القدر ٣]

މާނައީ: “ލައިލަތުލްޤަދްރި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.”

މި ސުވާލުގެ ޖަވާބަކީ: ރޭގަނޑަށް ބަލާއިރު ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތައް އެއީ އަހަރުގެ އެންމެ މާތް ރޭތަކެވެ. ދުވާލުގެ ވަޤުތަށް ބަލާއިރު ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އެންމެ މާތް ދުވަސްތަކެވެ.[تحفة الأحوذي/ جزء: ٣/ صفحة: ٣٨٧/ رقم: ٧٥٥]

މިކަމާ ގުޅިގެން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ބުނެ ބައެއްފަހަރު ގެނެސްފައިވާ ޟަޢީފް ޙަދީޘެއް މިތާ ފާހަގަކޮށްލުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

((مَا مِنْ أَيَّامٍ أَحَبُّ إِلَى اللَّهِ أَنْ يُتَعَبَّدَ لَهُ فِيهَا مِنْ عَشْرِ ذِي الْحِجَّةِ يَعْدِلُ صِيَامُ كُلِّ يَوْمٍ مِنْهَا بِصِيَامِ سَنَةٍ وَقِيَامُ كُلِّ لَيْلَةٍ مِنْهَا بِقِيَامِ لَيْلَةِ الْقَدْرِ)) [رواه التِّرْمِذِيُّ وَابْنُ مَاجَهْ، ضعفه الألباني في مشكاة المصابيح/ صفحة: ٤٦٢/ رقم: ۱٤٧۱]

މާނައީ: “ﷲ ތަޢާލާއަށް އަޅުކަންކުރުމަށް ޛުލްޙިއްޖާ މަހުގެ ދިހަ ދުވަހަށްވުރެ ބޮޑަށް އެއިލާހު ލޯބިވެވޮޑިގެންވާ ދުވަސްތަކެއް ނުވެއެވެ. އެދުވަސްތަކުގެ ތެރެއިން ކޮންމެ ދުވަހެއްގެ ރޯދަ، އަހަރު ދުވަހުގެ ރޯދައާއި އެއްފަދަވެގެންވެއެވެ. އަދި އެއިން ކޮންމެ ރެއެއްގެ ރޭއަޅުކަން ލައިލަތުލްޤަދްރިގެ ރޭއަޅުކަމާ އެއްފަދަވެގެންވެއެވެ.” (މިއީ ޟަޢީފު ޙަދީޘެކެވެ.)

އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ޛުލްޙިއްޖާ މަހުގެ ދިހަދުވަހާ ބެހޭގޮތުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهَا أَحَبُّ إِلَى اللهِ مِنْ هَذِهِ الأَيَّامِ))

މާނައީ: “މިދުވަސްތަކަށްވުރެ ހެޔޮ ޢަމަލު ކުރުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއްނުވެއެވެ.”

އެކަލޭގެފާނަށް ސުވާލު ދެންނެވުނެވެ. “ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށްތޯއެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((وَلاَ الْجِهَادُ فِى سَبِيلِ اللهِ إِلاَّ رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَىْءٍ))

މާނައީ: “ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށެވެ. އޭނާގެ ޖާނާއި މާލުން ޖިހާދުކުރުމަށް ނިކުމެ، އެއިން އެއްޗަކާއިގެން އެނބުރި ނައަންނަ މީހާ ފިޔަވައެވެ.”

[رواه البخاري والترمذي وغيره]

އަދިވެސް އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَا مِنْ عَمَلٍ أَزْكَى عِنْدَ اللَّهِ وَلَا أَعْظَمَ أَجْرًا مِنْ خَيْرٍ تَعْمَلُهُ فِي عَشْرِ الْأَضْحَى)) [رواه الدارمي والبيهقي، حسنه الألباني في صحيح الترغيب والترهيب ١١٤٨ ]

 މާނައީ: “އަޟްޙާގެ (ޛުލްޙިއްޖާ މަހުގެ ފުރަތަމަ) ދިހަ ދުވަހު ކުރާ ޢަމަލުތަކަށްވުރެ، ﷲ ގެ ޙަޟުރަތުގައި އެޢަމަލުތަކެއްގެ އިތުރުކަން ބޮޑު އަދި  މަތިވެރި އަޖުރު ލިބޭ ޢަމަލެއް ނުވެއެވެ.”

ޢަބްދުﷲ ބުން މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَا مِنَ أَيَّامٍ الْعَمَلُ فِيهَا أَفْضَلُ مِنْ أَيَّامِ الْعَشْرِ… وَلَا الْجِهَادُ فِي سَبِيلِ اللهِ إِلَّا مَنْ عَثَرَ جَوَادُهُ وَأُهْرِيقَ دَمُهُ)) [صحيح ترغيب والترحيب ۱۱٤٩]

މާނައީ: “(ޛުލްޙިއްޖާ މަހުގެ ފުރަތަމަ) ދިހަ ދުވަހަށްވުރެ އެދުވަސްތަކެއްގައި ޢަމަލުތައް ހެޔޮވެގެންވާ ދުވަސްތަކެއް ނުވެއެވެ… ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށެވެ. އޭނާގެ އަސް ވެއްޓި، އޭނާގެ ލޭ އޮހޮރިގެން ދިޔަ މީހާ މެނުވީއެވެ. (ﷲ ގެ މަގުގައި ޝަހީދުވި މީހާ މެނުވީއެވެ.)”

ސަލަފުންގެ ބޭކަލުންނަށް ޛުލްޙިއްޖާ މަހުގެ ދިހަ ދުވަހު ހެޔޮ ޢަމަލު ގިނަކުރުމުގެ މުހިންމުކަން އެނގިވަޑައިގެންނެވިއެވެ. މިޘާލަކަށް މުޖާހިދު رحمه الله ރިވާކުރައްވާފައިވެއެވެ.

“ދިހަ ދުވަސް ވަނުމުން ސަޢީދު ބިން ޖުބައިރު ވަރަށް އަވަދިނެތި އުޅުއްވައެވެ. އެއީ އެކަލޭގެފާނުގެ ކުޅަދާނަކަން ހުރި އެންމެ މަތީ ދަރަޖައަށެވެ.”

މިދުވަސްތަކުގައި ޚާއްޞަކޮށް ޛިކުރުކުރުން ގިނަކޮށް ރޯދަ ހިފުމަކީ އެދެވިގެންވާ ކަމެކެވެ.

__________________________________________

 އަލްކިތާބް އެންޑް އައްސުންނާ ޕަބްލިޝިން އިން ޗާޕްކޮށްފައިވާ (ފެސްޓިވަލްސް އެންޑް ސެލެބްރޭޝަންސް އިން އިސްލާމް – މުޙައްމަދު އަލްޖިބާލީ) އެފޮތުން ނަގާފައި