[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލް އިމާމު އަބޫ ހަނީފާ النُّعْمَانُ بنُ ثَابِت (1)

الإمام أبو حنيفة

ނަންފުޅު:

النُّعْمَانُ بنُ ثَابِتِ بنِ زُوْطَى التَّيْمِيُّ، الكُوْفِيُّ[1]

ކުންޔާ:

އެކަލޭގެފާނުގެ ކުންޔާއަކީ أبو حنيفة އެވެ. އެކަލޭގެފާނު މަޝްހޫރުވެފައިވަނީ ކުންޔާއިންނެވެ.

ބުނެވެއެވެ. أبو حنيفةއަށް މިނަމުން ކުންޔާދެވުނީ އެކަލޭގެފާނު ލިޔުމަށްޓަކައި ބޭނުންކުރާ ދެލިހިއްޕަވައިގެން އުޅުއްވާތީއެވެ. حنيفةއަކީ ޢިރާޤު މީހުންގެ ބަހުރުވައިގައި ލިޔުމަށްޓަކައި ބޭނުންކުރާ ދެއްޔަށް ކިޔާނަމެކެވެ.[2]

އުފަންވެ ވަޑައިގަތުން:

އެކަލޭގެފާނު އުފަންވެވަޑައިގަތީ عبد الله بن مروانގެ ޚިލާފަތުގައި ހިޖުރައިން އަށްޑިހަ (80ހ) ވަނައަހަރުގައި ކޫފާގައެވެ. އެކަލޭގެފާނު އުޅުއްވީ ޢުމުރުން ހަގު ޞަޙާބީންގެ ދުވަސްވަރުގައެވެ. أنس بن مالكކޫފާއަށް ވަޑައިގެންނެވިހިނދު އެކަލޭގެފާނު އަނަސްގެފާނު ދެކިވަޑައިގަތެވެ. އެހެންނަމަވެސް އެކަލޭގެފާނު އެއްވެސް ޞަޙާބީއެއްގެ ފަރާތުން އެންމެ އަކުރެއްވެސް ރިވާކުރެއްވެވިކަމަކަށް ޘާބިތެއްނުވެއެވެ.[3]

އެކަލޭގެފާނުގެ ޞިފަފުޅު:

أبو حنيفةގެ އެންމެ އިސް އެއްދަރިވަރުކަމުގައިވާ أبو يوسفވިދާޅުވިއެވެ.

“އެކަލޭގެފާނަކީ އިސްކޮޅުގައި މެދުމިނުގެ ބޭފުޅެކެވެ. މީސްތަކުންގެ ތެރެއިން އެންމެ ރީތި ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އަދި ވާހަކަދެއްކެވުމުގައި އެންމެ ބަލާޣާތްތެރި ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އެންމެ ފުރިހަމަ ކަންކަން ބޭނުންވާ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އަދި އަޑު އެންމެ ރީތި ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އަދި އެކަލޭގެފާނު ބޭނުންވެއްޖެ މީހަކަށް ޙުއްޖަތް ބަޔާންކޮށްދެއްވައެވެ.”[4]

حمّادއާއި އެކަލޭގެފާނުގެ ދަރިކަލުން ވިދާޅުވިއެވެ.

“އެކަލޭގެފާނަކީ މުށި ދޮންކުލައިގެ ބޭފުޅެކެވެ. މޫނުފުޅު ރިވެތި ހައިބަތު ބޮޑުބޭފުޅެކެވެ. ޖަވާބެއްދެއްވުމަށްޓަކައި މެނުވީ ވާހަކަފުޅު ނުދައްކަވައެވެ. އަދި ފައިދާއެއްނެތް ބޭކާރުކަންކަމުގައިވެސް ވާހަކަފުޅު ނުދައްކަވައެވެ.”[5]

أحمد بن حجر الهيثميވިދާޅުވިއެވެ.

“އެކަލޭގެފާނަކީ މެދުމިނުގެ ބޭފުޅެކޭ ބުނެވޭބަހާއި ދިގުބޭފުޅެކޭ ބުނެވޭ ބަހުގައި އަރާރުމެއް ނެތެވެ. އެހެނީ މެދުމިނުގެ މީހުންވެސް ދިގުމިނާއި ކައިރިކުރުން އެކަށީގެންވެއެވެ.”[6]

ابن المباركވިދާޅުވިއެވެ.

“އެކަލޭގެފާނަކީ މޫނުފުޅު ރީތި ބޭކަލެކެވެ. އަދި ތުރުކުރައްވާ ހެދުންކޮޅު ރީތި ބޭފުޅެކެވެ.”[7]

عبد الرحمن بن محمد بن المغيرةވިދާޅުވިއެވެ.

“ކޫފާގެ މިސްކިތުގައި މީސްތަކުންނަށް ފަތުވާދެއްވާ ބޭކަލެއްގެގޮތުގައި أبو حنيفةތިމަންކަލޭގެފާނު ދެކިވަޑައިގަތީމެވެ. އެކަލޭގެފާނުގެ ބޮލުގައި ކަޅުކުލައިގެ ދިގު ތާކިހަލެެއްވެއެވެ.”[8]

______________________________________________

[1] من أعلام السلف,للدكتور أحد فريد/ صفحة (132), دار ابن الجوزي القاهرة

[2] من أعلام السلف,للدكتور أحد فريد/ صفحة (132), دار ابن الجوزي القاهرة

[3] من أعلام السلف,للدكتور أحد فريد/ صفحة (132), دار ابن الجوزي القاهرة

[4] الخيرات الحسان في مناقب الإمام الأعظم أبي حنيفة النعمان (32).

[5] الخيرات الحسان في مناقب الإمام الأعظم أبي حنيفة النعمان (32).

[6] الخيرات الحسان في مناقب الإمام الأعظم أبي حنيفة النعمان (32).

[7] الخيرات الحسان في مناقب الإمام الأعظم أبي حنيفة النعمان (32).

[8] سير أعلام النبلاء (6/399).

-ނުނިމޭ-

މިލިޔުމުގެ އެހެނިހެން ބައިތައް