[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލް އިމާމު އަބޫ ހަނީފާ النُّعْمَانُ بنُ ثَابِت (2)

الإمام أبو حنيفة

ބައެއް ޢިލްމުވެރިން އެކަލޭގެފާނަށް ކިޔުއްވާފައިވާ ޘަނާ

فضيل بن عياض–رحمه الله- ވިދާޅުވިއެވެ:

“އަބޫ ޙަނީފާއަކީ ފިޤުހުވެރި ބޭފުޅެކެވެ. އަދި އެކަމުގައި އެންމެން ދަންނަ ބޭފުޅެކެވެ. ވަރަޢަވެރިކަމުގައި މަޝްހޫރު ބޭފުޅެކެވެ. މުދަލުގެގޮތުން ތަނަވަސް ބޭފުޅެކެވެ. އަދި އެކަލޭގެފާނުގެ އަރިހަށް ކަންކަމުގައި އަންނަ މީހުންނަށް ހެޔޮކޮށް ހިއްތެވުމުގައި އެންމެން ދަންނަ ބޭފުޅެކެވެ.  ރޭގަނޑާއި ދުވާލު ޢިލްމު އުނގަންނަވައި ދެއްވުމުގައި ކެތްތެރި ބޭފުޅެކެވެ. ގިނަގިނައިން ހަނުހުންނަވާ ބޭފުޅެކެވެ. ބަސްމަދު ބޭފުޅެކެވެ. އެއީ ޙަލާލާއި ޙަރާމްގެ މައްސަލަތަކަށް ރައްދު ދެއްވުމުގައިވިޔަސްމެއެވެ. އަދި ހެޔޮގޮތުގައި ޙައްޤު މަގަށް މަގުދެއްކެވުމުގައި ހުންނެވި ބޭފުޅެކެވެ. އަދި ވެރިންގެ މުދަލުގައި ޖެހުމުން ފިއްލަވާ ބޭފުޅެކެވެ.”[1]

ابن الصباح–رحمه الله- ވިދާޅުވިއެވެ:

“ޞައްޙަ ޙަދީޘެއް އެކަލޭގެފާނުގެ އަރިހުގައި ރިވާކުރެވިއްޖެނަމަ އެޙަދީޘަކަށް ތަބަޢަވެލައްވައެވެ. އަދި ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންގެ އަރިހުން ކަމެއް ރިވާވެފައިވާނަމަ އެބޭކަލުންނަށް ތަބަޢަވެލައްވައެވެ. ޙަދީޘަކުން ނުވަތަ ސަޙާބީބޭކަލެއް އަދި ތާބިޢީބޭކަލެއްގެ އަރިހުން އެއްވެސްގޮތަކަށް ރިވާވެފައިނުވާ މައްސަލަތަކުގައި ޤިޔާސްކުރައްވައެވެ. އެކަލޭގެފާނުގެ ޤިޔާސްއަކީ އެންމެ ރަނގަޅުވެގެންވާ ޤިޔާސްއެވެ.”[2]

أبو وهب محمد بن مزاحمގެއަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. عبد الله مبارك ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.

“މީސްތަކުންގެ ތެރެއިން އެންމެ އަޅުވެރި ބޭފުޅާ ތިމަންކަލޭގެފާނު ދެކިވަޑައިގަތީމެވެ. އަދި މީސްތަކުންގެ ތެރެއިން އެންމެ ވަރަޢަވެރިބޭފުޅާ ތިމަންކަލޭގެފާނު ދެކިވަޑައިގަތީމެވެ. އަދި މީސްތަކުންގެ ތެރެއިން އެންމެ ޢިލްމުވެރިބޭފުޅާ ތިމަންކަލޭގެފާނު ދެކިވަޑައިގަތީމެވެ. އަދި މީސްތަކުންގެ ތެރެއިން އެންމެ ފިޤުހުވެރިބޭފުޅާ ތިމަންކަލޭގެފާނު ދެކިވަޑައިގަތީމެވެ. ފަހެ މީސްތަކުންގެ ތެރެއިން އެންމެ ބޮޑު އަޅުވެރިޔާ ދަންނައެވެ. އެއީ ޢަބްދުލް ޢަޒީޒު އިބުނު އަބޫދާވޫދެވެ. އަދި މިސްތަކުންގެ ތެރެއިން އެންމެ ވަރަޢަވެރިބޭފުޅާ ދަންނައެވެ. އެއީ ފުޟައިލް ބުން އިޔާޟްއެވެ. އަދި މިސްތަކުންގެ ތެރެއިން އެންމެ ޢިލްމުވެރިބޭފުޅާ ދަންނައެވެ. އެއީ ސުފުޔާނުއްޘައުރީއެވެ. އަދި މިސްތަކުންގެ ތެރެއިން އެންމެ ފިޤުހުވެރިބޭފުޅާ ދަންނައެވެ. އެއީ އަބޫ ޙަނީފާއެވެ.”

އެއަށްފަހުގައި ދެންނެވިއެވެ.

“ފިޤުހުވެރިކަމުގައި އެފަދަ އެހެން މިޘާލެއް ތިމަންކަލޭގެފާނު ދެކިވަޑައިނުގަންނަވަމެވެ.”[3]

_________________________________________

[1] تاريخ البغداد (13/340)

[2] تاريخ البغداد (13/340)

[3] تاريخ البغداد (13/340)

-ނުނިމޭ-

މިލިޔުމުގެ އެހެނިހެން ބައިތައް