[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލް އިމާމު އަބޫ ހަނީފާ النُّعْمَانُ بنُ ثَابِت (4)

الإمام أبو حنيفة

އެކަލޭގެފާނުގެ އަޅުވެރިކަން -رحمه الله-

 

القاضي أبو يوسف ގެއަރިހުން بشر بن الوليد ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“އަބޫ ޙަނީފާއާއި އެކު ތިމަންކަލޭގެފާނު ހިނގާފައި ދިޔައީމެވެ. އެވަޤުތު މީހަކު އެހެން މީހެއްގެ ކައިރީގައި ބުނާއަޑުއިވެއެވެ. “އެއީ އަބޫ ޙަނީފާއެވެ. އެކަލޭގެފާނަކީ ރޭގަނޑުގައި ނިދިކުރައްވާ ބޭކަލެއް ނޫނެވެ.” ފަހެ އެވަޤުތު އަބޫ ޙަނީފާ ވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ. އަހަރެންނާމެދު އަހަރެން ނުކުރާކަންތައްތަކުގެ ވާހަކަ ނުދައްކާށެވެ.” (އަބޫ ޙަނީފާ ގެ މިބަސްފުޅަކީ އެކަލޭފެފާނުގެ ތަވާޟަޢުވެރިކަމުން ވިދާޅުވި ބަސްފުޅެކެވެ.) (އަބޫ ޔޫސުފު ވިދާޅުވިއެވެ.) “ނަމަވެސް އެކަލޭގެފާނަކީ ނަމާދުކުރުމާއި ދުޢާކުރުމާއި ﷲއަށް ބިރުވެތިވެ މޮޑުމޮޅިވުމުގައި ރޭގަނޑުގެ ވަޤުތު އިޙްޔާކުރައްވާ ބޭކަލެކެވެ.”[1]

المثني بن رجاءގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“އަބޫ ޙަނީފާ ﷲ ގަންދެއްވާ ހުވައެއް ކުރައްވައިފިނަމަ ދީނާރެއް ޞަދަޤާތްކުރެއްވުމަށް އަމިއްލަ ނަފްސަށް މަޖުބޫރު ކުރައްވާފައިވެއެވެ. އަދި އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް ހޭދައެއް ކުރައްވައިފިނަމަ ހަމަ އެވަރު ޞަދަޤާތުގެ ގޮތުގައި ނެރުއްވައެވެ.”[2]

أبو عاصم النبيلވިދާޅުވިއެވެ.

“އަބޫ ޙަނީފާ ނަމާދުކުރައްވާލެއް ގިނަކަމުން “الوتد”ގެ ނަމުން އެކަލޭފާނަށް ނަންދެވުނުކަމުގައި ވެއެވެ.”[3] (الوتد އަކީ ޘާބިތު ކުރުމަށްޓަކައި ބިމަށްޖަހާ ކަޑައެވެ. އެކަލޭގެފާނު ގިނަވަޤުތު ނަމާދުގައި ޘާބިތުވެ ހުންނަވާތީވެ މި ނަމުން މަޝްހޫރުވުން އެކަށީގެންވެއެވެ.)

القاسم بن معنގެ އަރިހުން ރިވާވެގެންވެއެވެ.

“ހަމަކަށަވަރުން އަބޫ ޙަނީފާ ރޭ އަޅުކަމަށް ތެދުވެ ވަޑައިގަތެވެ. އަދި ﷲތަޢާލާގެ އަންނަނިވި ވަޙީބަސްފުޅު ތަކުރާރު ކުރައްވަމުން ގެންދެވިއެވެ.”

﴿بَلِ السَّاعَةُ مَوْعِدُهُمْ وَالسَّاعَةُ أَدْهَىٰ وَأَمَرُّ﴾ [القمر: ٤٦]

މާނައީ: “އަދި ކިޔެއް ހެއްޔެވެ. ޤިޔާމަތް ދުވަހަކީ ކަނޑައެޅިގެން އެމީހުންނަށް ޢަޛާބު އޮންނާނެކަމަށް ވަޢުދު ވެވިގެންވާ ދުވަހެވެ. އަދި ޤިޔާމަތްދުވަހުގެ ޢަޛާބު، ގަދަފަދަކަން ބޮޑުވެފައި ބިރުވެރިކަން ބޮޑެވެ. އަދި ހިތިކަންވެސް މާބޮޑެވެ.”

ދެން އެކަލޭގެފާނު ކީރިތި ކުރައްވައެވެ. އަދި ﷲއަށް ބިރުވެތިވެ މަޑުމޮޅިވުމުގައި ފަތިސްވަންދެން ހޭދަކުރައްވައެވެ.[4]

أم ولد އަބޫ ޙަނީފާއާއި ބެހޭގޮތުން ވިދާޅުވިއެވެ.

“ތިމަންކަމަނާއަށް އެކަލޭގެފާނު ފެނުނީއްސުރެ ތައްމަތި އަޅުއްވާގެން އެކަލޭގެފާނު ނިދި ނުކުރައްވައެވެ. ހޫނު މޫސުމުގައި މެންދުރާއި ޢަޞުރާ ދެމެދުގައި ނިދިކުރައްވާކަމުގައިވިއެވެ. އަދި ފިނި މޫސުމުގައި ރޭގަނޑުގެ ކުރީކޮޅުގައި މިސްކިތުގައި ނިދިކުރައްވާ ކަމުގައިވިއެވެ.”[5]

(أم ولد އަކީ އަޅު އަންހެނަކަށް ސާހިބުމީހާގެ ފަރާތުން ދަރިއެއް ލިބިމުން ކިޔާ ނަމެކެވެ. ސާހިބު މީހާ މަރުވުމުން އެފަދަ އަންހެނުން މިނިވަންވާނެއެވެ. މިތަނުގައި މިވާ أم ولد އަކީ އަބޫ ޙަނީފާގެ ޖާރިޔާއެކެވެ.)

سفيان بن عيينةވިދާޅުވިއެވެ.

“އަބޫ ޙަނީފާއަށްވުރެ ގިނައިން ނަމާދު ކުރައްވާ ބޭކަލެއް ތިމަންބޭކަލުންގެ ޒަމާނުގައު މައްކާއަކަށް ނާދެއެވެ.”[6]

___________________________________

[1] سير أعلام النبلاء (6/399)

[2] سير أعلام النبلاء (6/400)

[3] سير أعلام النبلاء (6/400)

[4]سير أعلام النبلاء (6/401)

[5] الخيرات الحسان (51, 52).

[6] تاريخ البغداد (13/353)

-ނުނިމޭ-

މިލިޔުމުގެ އެހެނިހެން ބައިތައް