[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އާދަމު ޢަލައިހިއްސަލާމް ގެ ވާހަކަ

އާދަމު ޢަލައިހިއްސަލާމް ގެ ވާހަކަ ކީރިތި ޤުރުއާނުގައި ﷲ ސުބްހާނަހު ވަތަޢާލާ ވަރަށްގިނަ ތަންތަނުގައި ބަޔާންކުރައްވާފައި ވެއެވެ.

 ޝައްކެއްވެސް ނެއް ގޮތުގައި އާދަމު ޢަލައިހިއްސަލާމަކީ އެންމެ ފުރަތަމަ ވުޖޫދުކުރެވުނު އިންސާނާއެވެ. ﷲ ތަޢާލާ އެކަލޭގެފާނު ޚަލްޤުކުރެއްވީ އެ އިލާހުގެ ދެ އަތްޕުޅުންނެވެ.  ﷲ ތަޢާލާ ވަޙި ކުރެއްވިއެވެ.

” قَالَ يَا إِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ …” ( ص 75)

 މާނަ : ” އެއިލާހު ވަޙީކުރެއްވިއެވެ. އޭ އިބްލީހެވެ. ތިމަން އިލާހުގެ ދެއަތްޕުޅުން ޚަލްޤުކުރެއްވި މަޚްލޫޤަކަށް ސަޖިދަކުރުމަށް އަމުރުކުރުމުން އެކަމުން މަނާކުރީ ކޮންކަމެއްހެއްޔެވެ ! …”

އާދަމު ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު ﷲ ތަޢާލާ މާތްކުރައްވާ މަތިވެރިކުރެއްވިއެވެ. އެ އިލާހު ކަމެއް  ކުރެއްވުމަށް އިރާދަކުރައްވާފިނަމަ އެކަމަކަށް  ” كُن ”  “ވާށޭ” ވަހީކުރައްވައެވެ. އެހިނދުން ލަހެއްފަހެއްނުވެ އެކަމެއް ވެދެއެވެ. ނަމަވެސް ﷲ ތަޢާލާގެ ދެއަތްޕުޅުން އާދަމް ޢަލައިހިއްސަލާމް ޚަލްޤު ކުރައްވަފައި ވާކަން އަންގަވާފައި ވުމުން އެނގިގެންދަނީ މި މަޚްލޫޤުގެ މަތިވެރިކަން ކަން ކަށަވަރެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

 ” وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلاً ” (الإسراء : 70)

މާނަ : ” ތިމަން އިލާހު އާދަމުގެ ދަރީން މާތްކުރެއްވީމެވެ. އަދި ކަނޑާއި އެއްގަމުގައި އެބައިމީހުންގެ ދަރަޖަ އުފުއްލެވީމެވެ. އަދި އެބައިމީހުންނަށް ހެޔޮ ރަނގަޅު ތަކެތީން ރިޒްޤުދެއްވީމެވެ. އަދި ތިމަން އިލާހު ޚަލްޤު ކުރެއްވި ގިނަ މަޚްލޫޤާތްތަކެއްގެ މައްޗަށް އެބައިމީހުން މަތިވެރިކުރެއްވުމަކުން މަތިވެރި ކުރެއްވީމެވެ.”

އެއްމެފުރަތަމަ އިންސަނާ އާދަމު ޢަލައިހިއްސަލާމް ޚަލްޤުކުރެވުނީ މަށީންނެވެ. މި ހަޤީޤަތް ބަޔާންކޮށްދެއްވާ ކީރިތިޤުރުއާންގައި ﷲ ތަޢާލާ ވަޙިކުރައްވާފައިވެއެވެ.

” إِذْ قَالَ رَبُّكَ لِلْمَلائِكَةِ إِنِّي خَالِقٌ بَشَرًا مِن طِينٍ ” (ص71)

 މާނަ : ” ކަލޭގެފާނުގެ ވެރި ރައްބު މަލާއިކަތުންނަށް ވަޙީ ކުރެއްވި ހިނދު ހަނދުމަކުރާށެވެ.  ހަމަކަށަވަރުން ތިމަންއިލާހު މަށީން އިންސާނަކު ހައްދަވާ ހުށީމެވެ .”

އަދިވެސް އެ އިލާހު ވަޙީކުރައްވައެވެ.

” وَإِذْ قَالَ رَبُّكَ لِلْمَلاَئِكَةِ إِنِّي جَاعِلٌ فِي الأَرْضِ خَلِيفَةً قَالُواْ أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ قَالَ إِنِّي أَعْلَمُ مَا لاَ تَعْلَمُونَ (30) وَعَلَّمَ آدَمَ الأَسْمَاءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى الْمَلاَئِكَةِ فَقَالَ أَنبِئُونِي بِأَسْمَاء هَؤُلاء إِن كُنتُمْ صَادِقِينَ (31) قَالُواْ سُبْحَانَكَ لاَ عِلْمَ لَنَا إِلاَّ مَا عَلَّمْتَنَا إِنَّكَ أَنتَ الْعَلِيمُ الْحَكِيمُ (32) قَالَ يَا آدَمُ أَنبِئْهُم بِأَسْمَآئِهِمْ فَلَمَّا أَنبَأَهُمْ بِأَسْمَآئِهِمْ قَالَ أَلَمْ أَقُل لَّكُمْ إِنِّي أَعْلَمُ غَيْبَ السَّمَوَاتِ وَالأَرْضِ وَأَعْلَمُ مَا تُبْدُونَ وَمَا كُنْتُمْ تَكْتُمُونَ (33) ” ( البقرة 30,31,32,33 )

މާނަ : “ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީ ކުރެއްވި ހިނދު ހަނދުމަކުރައްވާށެވެ. އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙަކިޔައި، އިބަރަސްކަލާނގެއަށް ތަޤްދީސް ކޮށްކޮށްތިއްބައި، އެބިމުގައި ފަސާދަ އުފައްދައި ލޭ އޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ ވަޙީ ކުރެއްވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެނގިގެންނުވާކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.(30) އަދި އާދަމްގެފާނަށް ހުރިހައިތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައިދެއްވިއެވެ. (އެބަހީ: ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ ހަޤީޤަތްތަކެވެ.) ދެން އެކަލާނގެ އެތަކެތި މަލާއިކަތުންނަށް ހުށަހަޅުއްވައި ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން (ތިޔަކުރާ ދަޢުވާގައި) ތެދުވެރިންކަމުގައި ވަނީނަމަ، މިތަކެތީގެ ނަންތަކުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ނިކަން އަންގައިދީބަލާށެވެ!(31) އެ މަލާއިކަތުން ދެންނެވޫއެވެ. އިބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށް އުގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެގުމެއްނުވެއެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، މޮޅަށްދެނެވޮޑިގެންވާ ޙަކީމްވަންތަ ރަސްކަލާނގެއެވެ.(32) އެކަލާނގެ ވަޙީ ކުރެއްވިއެވެ. އޭ އާދަމްގެފާނެވެ! ކަލޭގެފާނު، އެ މަލާއިކަތުންނަށް އެތަކެތީގެ ނަންތައް އަންގަވައިދެއްވާށެވެ! ދެން އެކަލޭގެފާނު، އެ މަލާއިކަތުންނަށް އެތަކެތީގެ ނަންތައް އަންގަވައިދެއްވި ހިނދު، އެކަލާނގެ ވަޙީ ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އުޑުތަކާއި ބިމުގެ  ޣައިބު ދެނެވޮޑިގެންވަމޭ، އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި ވަންހަނާކުރާ ކަންތައް ދެނެވޮޑިގެންވަމޭ، ތިޔަބައިމީހުންނަށް ވަޙީ ނުކުރައްވަން ހެއްޔެވެ؟(33) “

 އިންސާނުންގެ އުފެއްދެވުމުގެ އަސްލަކީ މަށްޓެވެ. ބިމުގެ ތަފާތު ހިސާބުތަކުން އެންމެހައި ކުލަތައް ހިމެނޭ ގޮތުން ނެގެވުނު ވެލީންނެވެ. އެ ވެލި ފެނާއި އެއްކުރެވި އެތައް މުއްދަތެއް ހޭދަވުމަށްފަހު ހަރު މައްޓަށް ބަދަލުވިއެވެ. އަބޫ މޫސާ އަލްއަޝްޢަރީ ރަޟިޔަﷲ ޢަންހު ގެ ކިބައިން ރިވާވެގެން އައިސްފައިވާ ޞައްޙަ ޙަދީޘެއްގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” « إِنَّ اللَّهَ خَلَقَ آدَمَ مِنْ قَبْضَةٍ قَبَضَهَا مِنْ جَمِيعِ الأَرْضِ فَجَاءَ بَنُو آدَمَ عَلَى قَدْرِ الأَرْضِ جَاءَ مِنْهُمُ الأَحْمَرُ وَالأَبْيَضُ وَالأَسْوَدُ وَبَيْنَ ذَلِكَ وَالسَّهْلُ وَالْحَزْنُ وَالْخَبِيثُ وَالطَّيِّبُ » – سنن أبي داود –

މާނާ:”ހަމަކަށަވަރުން ﷲ ސުބްޙާނަހޫވަތަޢާލާ އާދަމްގެފާނު ހެއްދެވީ، ބިމުގެ އެންމެހައި ކަންކޮޅުތަކުން، ﷲ ނެންގެވި ވެލި މުށްވަރަކުންނެވެ، ފަހެ އާދަމް ދަރިތަކުން އައިސްފައިވާކަން ކަށަވަރީ އެބިމުގެ މިންވަރަށެވެ. (އެބަހީ ވެލި ނެންގެވި މިންވަރަށެވެ. ނުވަތަ ވެލީގެ ކުލައާ ޠޮބީޢަތަށެވެ،) އެބައިމީހުންގެ ތެރެއިން ރަތް (މީހުންނާއި) ހުދު (މީހުންނާއި) ކަޅު (މީހުން) ހިމެނިގެން އައިސްފައިވެއެވެ. (އެބަހީ މީސްތަކުންގެ ކުލަ ތަފާތުވުމާއި މިޒާޖާއި ޚުލްޤާއި ސުލޫކު ތަފާތުވެފައިވަނީ ވެލިނެންގެވި ބިމުގައި ހުރި ވެލީގެ ކުލައާއި ޠޮބީޢަތާއި މިޒާޖުގެ ތަފާތުހުރި ނިސްބަތުންނެވެ)”

އެއަށްފަހު ﷲ ތަބާރަކަ ވަތަޢާލާ މި އިންސާނާ ރީތި ސޫރާގައި އުފެއްދެވިއެވެ. އެކަލޭގެފާނުގެ އިސްކޮޅުގައި 60 މުއް ހުރެއެވެ. ބުޚާރީ އާއި މުސްލިމުގައި އައިސްފައިވާ ޙަދީޘެއްގައި ވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސްކުރެއވިއެވެ. ” خَلَقَ اللَّهُ آدَمَ وَطُولُهُ سِتُّونَ ذِرَاعًا…”

މާނަ: ” ﷲ ތަޢާލާ އާދަމު ޢަލައިހިއްސަލާމް ގެ އިސްކޮޅު 60 މުށުގެ ދިގުމިނުގައި ޚަލްޤުކުރެއްވިއެވެ…”

ޞަޙީހް މުސްލިމުގައި އަނަސްގެފާނުގެ ކިބައިން ރިވާވެގެން އައިސްފައިވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘްކުރެއްވިއެވެ. ” لَمَّا صَوَّرَ اللَّهُ آدَمَ فِى الْجَنَّةِ تَرَكَهُ مَا شَاءَ اللَّهُ أَنْ يَتْرُكَهُ فَجَعَلَ إِبْلِيسُ يُطِيفُ بِهِ يَنْظُرُ مَا هُوَ فَلَمَّا رَآهُ أَجْوَفَ عَرَفَ أَنَّهُ خُلِقَ خَلْقًا لاَ يَتَمَالَكُ”

މާނަ : “ﷲ ސުބްޙާނަހޫވަތަޢާލާ ސުވަރުގޭގައި އާދަމްގެފާނުގެ ސޫރަ ހައްދަވައި ﷲ އާދަމްގެފާނު އެގޮތުގައި ބޭއްވުމަށް އެދިވޮޑިގެންނެވި ގޮތުގައި އާދަމްގެފާނު ސުވަރުގޭގައި ވީހިނދު، އެއީ ކޮން އެއްޗެއްތޯ ދެނެގަތުމަށް އާދަމްގެފާނުންގެ ކައިރީގާ އިބްލީސް އުޅެގަތެވެ. ފަހެ، އެއީ އެތެރޭގައި ހޮއި (އެތެރެ ހުސްކޮށް) އޮތް އެއްޗެއްކަން އިބްލީސް އަށް އެނގުނު ހިނދު އެސޮރު ދެނެގަތެވެ.ހަމަކަށަވަރުން އަމިއްލަ ނަފްސަށް ބާރުނުފޯރުވޭ މަޚްލޫޤެއް އެކަލާނގެ ހައްދަވައިފިއެވެ.”

އެއަށްފަހު ﷲ ތަޢާލާ ޚަލްޤުގައި ފުރާނަ އެޅުއްވިއެވެ. އެއިލާހު ގެ ވަޙީ ބަސްފުޅުގައި ވެއެވެ.

” … فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِنْ رُوحِي فَقَعُوا لَهُ سَاجِدِينَ ” (ص 23)

މާނަ: “ފަހެ، ތިމަންރަސްކަލާނގެ އެ އިންސާނާ (އެބަހީ: އާދަމްގެފާނު)ހައްދަވައި، ފުރިހަމަ ކުރައްވައި، ތިމަންރަސްކަލާނގެ ރޫޙުފުޅުން އެއިންސާނާއަށް ފުމެލައްވައިފި ހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި ސަޖިދައަަށް ތިރިވާހުށިކަމެވެ،”

ﷲ ތަޢާލާ އިބްލީހަށާއި މަލާއިކަތުންނަށް އަމުރުކުރެއްވީ އާދަމު ޢަލައިހިއްސަލާމް އަށް  ސަޖިދަ ޖެހުމަށެވެ. އެއްމެހާ މަލާއިކަތުން ސަޖިދަޖެހިއެވެ. ނަމަވެސް ބޮޑާކަމާއި އެކު އިބްލީސް އެކަމަށް އިންކާރު ކުރިއެވެ. އޭނާގެ ކިބުރުވެރިކަމުގެ ސަބަބުން ﷲ ތަޢާލާގެ ރަޙްމަތުން އިބްލީސް ބޭރުކުރެވުނެވެ. އަދި ކާފިރުންގެ ތެރެއިން ވެގެންދިޔައެވެ. އާދަމު ޢަލަހިއްސަލާމްގެ ދަރިފަސްކޮޅުގެ އެއްމެ ބޮޑު ދުޝްމަނަކީ ލަޢުނަތްލެއވިގެންވާ އިބްލީހެވެ.

ﷲ ތަޢާލަ ވަހީކުރެއްވިއެވެ. ”  وَلَقَدْ خَلَقْنَاكُمْ ثُمَّ صَوَّرْنَاكُمْ ثُمَّ قُلْنَا لِلْمَلآئِكَةِ اسْجُدُواْ لآدَمَ فَسَجَدُواْ إِلاَّ إِبْلِيسَ لَمْ يَكُن مِّنَ السَّاجِدِينَ (11) قَالَ مَا مَنَعَكَ أَلاَّ تَسْجُدَ إِذْ أَمَرْتُكَ قَالَ أَنَاْ خَيْرٌ مِّنْهُ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ (12) قَالَ فَاهْبِطْ مِنْهَا فَمَا يَكُونُ لَكَ أَنْ تَتَكَبَّرَ فِيهَا فَاخْرُجْ إِنَّكَ مِنَ الصَّاغِرِينَ (13) ” (الأعراف)

މާނަ: “އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން، (އެބަހީ: ތިޔަބައިމީހުންގެ އަޞްލުކަމުގައިވާ އާދަމްގެފާނު) ހެއްދެވީމެވެ. ދެން ތިޔަބައިމީހުން (އެބަހީ: އާދަމްގެފާނު) ޞޫރަ ކުރެއްވީމެވެ. ދެން މަލާއިކަތުންނަށް ވަޙީ ކުރެއްވީމެވެ. އާދަމްގެފާނަށް ތިޔަބޭކަލުން ސަޖިދަ ކުރައްވާށެވެ! ދެން އިބްލީސް ފިޔަވައި އެއުރެން ސަޖިދަކުރެއްވޫއެވެ. ސަޖިދަ ކުރެއްވި ބޭކަލުންގެތެރެއިން އެކަލޭގެ ނުވެއެވެ،(11) އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިމަން ރަސްކަލާނގެ ކަލެޔަށް އަމުރުކުރެއްވި ހިނދު ސަޖިދަ ކުރުން ކަލެޔަށް މަނާ ކުރީ ކޮންކަމެއް ހެއްޔެވެ؟ އެކަލޭގެ ބުންޏެވެ. އެކަލޭގެފާނަށްވުރެ ތިމަން މާމޮޅެވެ. އިބަރަސްކަލާނގެ ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ.(12) އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަތަނުން (އެބަހީ: ސުވަރުގެއިން) ކަލޭ ފައިބާށެވެ. ފަހެ، ތިޔަތާންގައި ހުރެ ކަލެޔަކަށް ބޮޑާވެގަތުމެއްނެތެވެ. ފަހެ، ކަލޭ ނިކުންނާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ދެރަވެ ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ.(13)

އެކަލޭގެފާނު ޚަލްޤުކުރެވުނީ ހުކުރުދުވަހެއްގައެވެ. ﷲ ތަޢާލާ އާދަމު ޢަލައިހިއްސަލާމްގެ އަރިކަށީގެ ކަށިކޮޅަކުން އެކަލޭގެފާނުގެ އަނބިކަނބަލުން އަދި އެއްމެހާ އިންސާނުންގެ މަންމަ ޚަލްޤުކުރެއްވިއެވެ. އެއަށްފަހު ސުވަރުގޭގައި ބޭނުން ގޮތަަކަށް ކައިބޮއި ހަދާ އަރާމްލިބިގަނެ އުޅުމަށް އެންގެވިއެވެ. ނަމަވެސް ﷲ ތަޢާލާ ކަނޑައެޅުއްވި ގަހަކާ ކައިރިނުވުމަށް އަމުރުކުރެއްވިއެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ” وَقُلْنَا يَا آدَمُ اسْكُنْ أَنتَ وَزَوْجُكَ الْجَنَّةَ وَكُلاَ مِنْهَا رَغَداً حَيْثُ شِئْتُمَا وَلاَ تَقْرَبَا هَذِهِ الشَّجَرَةَ فَتَكُونَا مِنَ الْظَّالِمِينَ ” (البقرة35)

މާނަ: “އަދި ތިމަންރަސްކަލާނގެ ވަޙީ ކުރެއްވީމެވެ. އޭ އާދަމްގެފާނެވެ. ކަލޭގެފާނާއި ކަލޭގެފާނުގެ އަނބިކަނބަލުން ސަވަރުގޭގައި ވަޒަންވެރިވެވަޑައިގެން އުޅުއްވާށެވެ. އަދި ތަނަވަަސް ކަމާއި ފަހިކަމާއެކު، ތިޔަ ދެކަނބަލުން އެދިވަޑައިގަންނަވާ ގޮތަކަށް އެތަނުން ފަރިއްކުޅުއްވާށެވެ. އަދި ތިޔަ ދެކަނބަލުން މިހިރަ ގަހާ ކައިރިވެވަޑައިނުގަންނަވާށެވެ. އޭރުން (އެބަހީ: އެގަހާ ކައިރިވެވަޑައިގެންފިނަމަ) ތިޔަދެކަނބަލުން ވެވަޑައިގަންނަވާހުށީ އަނިޔާވެރިވާމީހުންގެތެރެއިންނެވެ.”

ޝައިތޯނާގެ ނުބައި ވަސްވާހުން ، ﷲ ތަޢާލާ އެދެކަނބަލުންނަށް ފަރިއްކުޅުވުން ނަހީ ކުރެއްވި ގަހާ ކައިރިކުރުމަށް މަސައްކަތްކުރަން ފެށިއެވެ. ﷲ ތަޢާލާ ވަޙި ކުރެއްވިއެވެ.

” فَوَسْوَسَ إِلَيْهِ الشَّيْطَانُ قَالَ يَا آدَمُ هَلْ أَدُلُّكَ عَلَى شَجَرَةِ الْخُلْدِ وَمُلْكٍ لاَّ يَبْلَى (120) فَأَكَلا مِنْهَا فَبَدَتْ لَهُمَا سَوْآتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ الْجَنَّةِ وَعَصَى آدَمُ رَبَّهُ فَغَوَى(121)” (طه)

މާނަ: “ފަހެ ޝައިޠޯނާ އެކަލޭގެފާނަށް ވަސްވާސްދީ ބުންޏެވެ، އޭ އާދަމްގެފާނެވެ! (އެގަހުން ފަރިއްކުޅުއްވައިފިނަމަ، ކަލޭގެފާނު އަބަދަށް ދެމިހުންނާނެ) ޝަޖަރަތުލްޚުލްދު ގަހާއި، ފަނާވެގެން ނުދާނޭވެރިކަމެއް، ކަލޭގެފާނަށް ތިމަން ދައްކަންތޯއެވެ؟(120) ފަހެ އެދެކަނބަލުން އެގަހުން ފަރިއްކުޅުއްވިއެވެ. ދެން އެދެކަބަލުންގެ ޢަވްރަ އެދެކަނބަލުންނަށް ފާޅުވިއެވެ. އަދި ސުވަރުގޭގެ ފަތްތަކުން ޢަވްރަ ނިވާކުރައްވަން ފެއްޓެވިއެވެ. އަދި އާދަމްގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އުރެދި ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނުގެ މަޤްޞަދު ޙާޞިލްނުވެ މަގު ގެއްލުނެވެ.(121)”

މިއީ ޝައިތޯނާގެ ނުބައި ވަސްވާހެވެ. އޭނާގެ މަކަރުވެރިކަމުން އާދަމު ޢަލައިހިއްސަލާމް އާއި ހައްވާ ޢަލައިހައްސަލާމް ﷲ ތަޢާލާ އެގަހަކާއި ގާތްނުވަން އަމުރުކުރެއްވި ގަހާ ގާއްކުރުވީއެވެ. އެ ޝައިތޯނާ ﷲ ތަޢާލާ އެ ނަހީ ކުރެއްވި ނަހީކުރެއްވުން އެދެކަނބަލުންނަށް ދެއްކީ ޒީނަތްތެރިކޮށްފައެވެ. ” ކަލޭގެފާނަށް ދެމިގެންވާ ވެރިކަމެއް މި ސުވަރުގެއިން ލިބިދާނެ ފަދަ ގަހެއް ތިމަންނާ ކަލޭގެފާނަށް ދައްކަންހެއްޔެވެ. ” މިފަދައިން އޭނާ ވަސްވާސް ދިނެވެ. އަދި އެހެން އާޔަތެއްގާވެސް ﷲ ތަޢާލާ ވަނީ މިކަން ބަޔާންކޮށްދެއްވާފައެވެ. އޭނާ ހުވާކޮށްފައި ބުންޏެވެ.  މާނަ : ” ތިޔަ ދެކަނބަލުންނަކީ ދެ މަލާއިކަތުންނަށް ވެދާނެތީ ނުވަތަ މި ސުވަރުގޭގައި ދާއިމަށް ދެމިތިބޭނޭ ބަޔަކު ކަމުގައި ވާނެކަމަށްޓަކައި މެނުވީ ތިޔަ ދެ ކަނބަލުންގެ ވެރި ރައްބު ތިޔަ ދެކަނބަލުންނަށް މި ގަހުން ކެއުން މަނާނުކުރެއެވެ. ” . އެހިނދުން ﷲ ތަޢާލާގެ އަމުރުފުޅު ހަނދުމަނެތި ، އެ ފާފަ އަށް އަރާގަނެވުނީއެވެ. ( މިއީ އަޅުގަނޑުމެން މުސްލިމުން ވަރަށް ވިސްނަންޖެހޭ ނުޤުތާ އެކެވެ. މިފަދައިން ޝައިތޯނާ އަހަރެމެންނަށް ފާފަތައް ޒީނަތްތެރިކޮށްފާ ދައްކައެވެ. އިންސާނުންނާއި ޖިންނީންގެ ތެރޭގައިވެސް ޝައިތޯނީ ލަޝްކަރުގެ މީހުން އުޅެތެވެ. ތަބިޢީގޮތުންވެސް އިންސާނުންނަކީ ޝަހުވަތައް ވަރަށް ފަސޭހައިން ލެނބޭ ބަޔެކެވެ. )

އެއަށްފަހު އެދެކަނބަލު ވަޤުތުން ކުރެވުނުފާފައަށް ތައުބާވެ ﷲ ގެ ހަޟްރަތައް ރުޖޫޢަވިއެވެ. ﷲ ތަޢާލާ އެ ދެކަނބަލުންގެ ތައުބާ ޤަބޫލުކުރެއްވިއެވެ.

ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ” فَتَلَقَّى آدَمُ مِن رَّبِّهِ كَلِمَاتٍ فَتَابَ عَلَيْهِ إِنَّهُ هُوَ التَّوَّابُ الرَّحِيمُ ” (البقرة 37)

މާނަ: “ދެންފަހެ އާދަމްގެފާނު، އެކަލޭގެފާނުގެވެރިރަސްކަލާނގެ ޙަޟްރަތުން ކަލިމަފުޅުތަކެއް ބާވައިގަންނަވައި (އެކަލިމަފުޅުތައް ވިދާޅުވެ ތަވްބާ ވެވަޑައިގަތުމުން) އެކަލާނގެ އެކަލޭގެފާނުގެ މައްޗަށް ތަވްބާ ލައްވައިފިއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ތަވްބާ ޤަބޫލްކުރައްވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.”

އެދެކަނބަލުންގެ ދުޢާ ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ޒިކުރު ކުރައްވާފައިވެއެވެ. ” قَالاَ رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ” (الأعراف23)

މާނަ: “އެދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސުތަކަށް އަޅަމެން އަނިޔާވެރިވެއްޖައީމެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. “

އާދަމު އަދި ޙައްވާ ޢަލައިހިމައްސަލާމް ދެކަނބަލުންނަށް ﷲ ތަޢަލާ ނަހީކުރެއްވި ކަމަކަށް އަރައިގަނެވުމުން ވަގުތުންތަޢުބަވެ ރުޖޫއަވިއެވެ. ﷲ އީ ގިނަގިނައިން ފާފަ ފުއްސަވަ ތައުބާ ޤަބޫލުކުރައްވާ އިލަހެވެ. ނަމަވެސް ލަޢުނަތްލެއްވި އިބްލީސް ކަންތައްކުރީ ކިހިނެއްތޯއެވެ. އޭނާ ﷲ ތައާލާގެ އަމުރައް ނުކިޔަމަންތެރިވިއެވެ. އާދަމު ޢަލަހިއްސަލާމް އަށް ސަޖިދަޖެހުމަށް އިންކާރުކުރިއެވެ. ދެންވެސް ތައުބާވެ ރުޖޫޢަވުމުގެ ބަދަލުގާ އޭނާ ބޮޑާވިއެވެ. އޭނާ ބުންޏެވެ. ތިމަންނަ އެކަލޭގެފަނަށްވުރެ މާ ހެޔޮކަންބޮޑެވެ. އިބަ އިލާހު ތިމަންނާ އުފެއްދެވީ އަލިފާނުންނެވެ. ނަމަވެސް އާދަމު ޢަލައިހިއްސަލާމް އުފެއްދެވީ މަށީންނެވެ. އޭނަގެ މި ކިބުރުވެރި ކަމުގެ ސަބަބުން ﷲ ތަޢާލާގެ ރަހުމަތުން އޭނާ ބޭރުކުރެވުނެވެ. އެއީ އާދަމު ޢަލައިހިއްސަލަމާއި އެކަލޭގެފާނުގެ ދަރިފަސްކޮޅުގެ ބޮޑު ދުޝްމަނެވެ. ޢަދުއްވެވެ.

ﷲ ތަޢާލާ އާދަމް ޢަލައިހިއްސަލާމް އަށް ފަރިއްކުޅުވުން ނަހީ ކުރެއްވެވި ގަހާއި ބެހޭގޮތުން ތަފާތުގޮތްގޮތައް ވާހަކަ ދެކެވެއެވެ. ބަޔެއްމީހުން ބުނާގޮތުގައި އެއީ ތީން އެވެ. އަނެއްބަޔަކު އެގަހަކީ މޭބިސްކަދުރުގަހޭވެސް ބުނެއެވެ. އަދި އެނޫން ގޮތް ގޮތައްވެސް ވާހަކަ ދެކެވެއެވެ. ނަމަވެސް ކީރިތި ޤުރުއާން ގައިވެސް މާތް ނަބިއްޔާގެ ޙަދީޘަކުންވެސް އެއީ ކޮން ވައްތަރެއްގެ ގަހެއް ކަން ޘާބިތުވާކަށް ނެތެވެ. ﷲ ތަޢާލާ އެގަހުގެ ވައްތަރު ބަޔާންކޮށްދެއްވާފައި ނުވާ އިރު އަހަރެމެންނަށް އެކަމުގެ ތަކްލީފު އުފުލާކަށް އަދި އެގަހުގެ ވައްތަރުދެނެގަތުމަކީވެސް އެކަށީގެންވާ ކަމެއްނޫނެވެ. އެހެނީ ޣައިބުގެ ކަންތައްތަކާއިމެދު ޢިލްމެއްނެތި ވާހަކަ ނުދެއްކޭނެތީއެވެ.

ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ”  فَقُلْنَا يَا آدَمُ إِنَّ هَذَا عَدُوٌّ لَّكَ وَلِزَوْجِكَ فَلا يُخْرِجَنَّكُمَا مِنَ الْجَنَّةِ فَتَشْقَى (117) إِنَّ لَكَ أَلاَّ تَجُوعَ فِيهَا وَلا تَعْرَى (118) وَأَنَّكَ لا تَظْمَأُ فِيهَا وَلا تَضْحَى (119) فَوَسْوَسَ إِلَيْهِ الشَّيْطَانُ قَالَ يَا آدَمُ هَلْ أَدُلُّكَ عَلَى شَجَرَةِ الْخُلْدِ وَمُلْكٍ لاَّ يَبْلَى (120) فَأَكَلا مِنْهَا فَبَدَتْ لَهُمَا سَوْآتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ الْجَنَّةِ وَعَصَى آدَمُ رَبَّهُ فَغَوَى (121) ”  (طه)

މާނަ “ފަހެ، ތިމަންރަސްކަލާނގެ ވަޙީ ކުރެއްވީމެވެ. އޭ އާދަމް ގެފާނެވެ! ހަމަކަށަވަރުން، މިއީ ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުންނަށްހުރި ޢަދާވާތްތެރިޔެކެވެ. ފަހެ، އެކަލޭގެ ތިޔަ ދެކަނބަލުން ސުވަރުގެއިން ނެރެލިޔަ ނުދެއްވާހުށިކަމެވެ! އޭރުން ކަލޭގެފާނު ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެތެވެ.(117) ހަމަކަށަވަރުން، ކަލޭގެފާނަކަށް އެތާނގައި ބަނޑުހައިވުމެއް ނުވެތެވެ. އަދި އުނުއޮރިޔާންވުމެއްވެސް ނުމެވޭމެއެވެ.(118) އަދި ހަމަކަށަވަރުން، ކަލޭގެފާނަށް އެތާނގައި ކަރުހިއްކުމެއްނުލިބޭނެތެވެ. އަދި ކަލޭގެފާނަށް އަވީގެ ހޫނެއްވެސް ނުމެވާނެމެއެވެ.(119) ފަހެ ޝައިޠޯނާ އެކަލޭގެފާނަށް ވަސްވާސްދީ ބުންޏެވެ. އޭ އާދަމް ގެފާނެވެ! (އެގަހުން ފަރިއްކުޅުއްވައިފިނަމަ، ކަލޭގެފާނު އަބަދަށް ދެމިހުންނަވާނެ) ޝަޖަރަތުލްޚުލްދު ގަހާއި، ފަނާވެގެންނުދާނޭ ވެރިކަމެއް، ކަލޭގެފާނަށް ތިމަން ދައްކަންތޯއެވެ؟(120) ފަހެ، އެ ދެކަނބަލުން އެގަހުން ފަރިއްކުޅުއްވިއެވެ.ދެން އެ ދެކަނބަލުންގެ ޢަވްރަ އެ ދެކަނބަލުންނަށް ފާޅުވިއެވެ. އަދި ސުވަރުގޭގެ ފަތްތަކުން ޢަވްރަ ނިވާކުރައްވަން ފެއްޓެވިއެވެ. އަދި އާދަމްގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އުރެދިވަޑައިގަތެވެ. ފަހެ، އެކަލޭގެފާނުގެ މަޤްޞަދު ޙާޞިލް ނުވެ މަގު ގެއްލުނެވެ.(121)”

އަދި އާދަމު އާއި ޙައްވާ ޢަލައިހިމައްސަލާމް އަށް ޝައިތޯނާގެ ކިބައިން މިދިމާވި ކަންތަކުން ޢިބްރަތް ލިބިގަތުމަށް އެދެކަނބަލުންގެ ދަރިފަސްކޮޅަށް ﷲ ތަޢާލާ ވަނީ އަންގަވާފައެވެ. ” يَا بَنِي آدَمَ لاَ يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُم مِّنَ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لاَ تَرَوْنَهُمْ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاء لِلَّذِينَ لاَ يُؤْمِنُونَ (27)” (الأعراف)

މާނަ : “އޭ އާދަމްގެ ދަރީންނެވެ! ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި (އާދަމްގެފާނާއި ޙައްވާގެފާނާއި) ދެކަނބަލުންގެ ޢަވްރަ އެ ދެކަނބަލުންނަށް ދެއްކުމަށްޓަކައި، އެދެކަނބަލުންގެ ފޭރާން ބާލައި، އެދެކަނބަލުންސުވަރުގެއިން ނެރެލިފަދައިން، ޝައިޠޯނާ ތިޔަބައިމީހުން ހެއްލުންތެރި ކުރިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެ ޝައިޠޯނުންނުފެންނަހިނދުގައި، އެ ޝައިޠޯނާއާއިި، އޭނާގެ ލަޝްކަރަށް ތިޔަބައިމީހުން ފެނެއެވެ. ހަމަކަށަވަރުން، އީމާންނުވާ މީހުންނަށް، ވާގިވެރިވާ ބަޔަކު ކަމުގައި، ތިމަންރަސްކަލާނގެ ޝައިޠޯނުން ލެއްވީމެވެ.(27)”

ޝައިތޯނާގެ މަކަރުވެރިކަމުން އާދަމް އާއި ޙައްވާ ޢަލައިހިމައްސަލާމް ސުވަރުގެއިން ނެރެލިއެވެ. އެއީ ﷲ ތަޢާލާ ނަހީކުރެއްވި ގަހުން ފަރިއްކުޅުވުމުގެ ސަބަބުންނެވެ. އެއަށްފަހު އެ ދެކަނބަލުންގެ ތައުބާ ޤަބޫލުކުރައްވާ ، އެދެކަނބަލުން ދިރިއުޅޭނޭ ތަނެއްކަމުގައި ބިން ލެއްވިއެވެ. ކަނޑައެޅިގެންވާ އަޖަލަކާ ޖެހެންދެނެވެ. އަދި ޝައިތޯނާއަކީ އިންސާނީ ދަރިފަސްކޮޅު މަގުފުރައްދަން މަސައްކަތްކުރާނޭ ބަޔާންވެގެންވާ ޢަދުއްވެއް ކަމުގައި އެންގެވިއެވެ. ” قَالَ اهْبِطُواْ بَعْضُكُمْ لِبَعْضٍ عَدُوٌّ وَلَكُمْ فِي الأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَى حِينٍ (24) قَالَ فِيهَا تَحْيَوْنَ وَفِيهَا تَمُوتُونَ وَمِنْهَا تُخْرَجُونَ (25) ” ( الأعراف)

މާނަ : “އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ ޢަދާވާތްތެރީންކަމުގައިވާ ޙާލު، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި، ޤަރާރުވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ.(24) އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ދިރިއުޅޭ ހުށީ އެތާންގައެވެ. އަދި މަރުވާ ހުށީވެސް އެތާންގައެވެ. އަދި (ޤިޔާމަތް ދުވަހުން ދިރުއްވައި) ނެރުއްވާހުށީވެސް އެތަނުންނެވެ.(25)”

އަދި ﷲ ތަބާރަކަ ވަތަޢާލާގެ ހަޟްރަތުން ޝަރީޢަތެއް އަންނާނޭ ކަމާއި އެ ޝަރީޢަތް ޤަބޫލުކޮށް ތަބާވާ ބަޔަކަށް ކާމިޔާބުލިބޭނޭކަމާއި ، ދެ ކޮޅުވެރިވެ މޫނު އަނބުރާލައިފިނަމަ ދެދުނިޔޭގެ ބާއްޖަވެރިކަމުން މަޙުރޫމުވާނޭކަން އެންގެވިއެވެ.

އެއިލާހު ވަޙީކުރެއްވިއެވެ. ” قَالَ اهْبِطَا مِنْهَا جَمِيعًا بَعْضُكُمْ لِبَعْضٍ عَدُوٌّ فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَنِ اتَّبَعَ هُدَايَ فَلا يَضِلُّ وَلا يَشْقَى (123) وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَى (124) ” (طه)

މާނަ : “އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަދެކަނބަލުން އެކުގައި ސުވަރުގެއިން (ބިމަށް) ފައިބައިވަޑައިގަންނަވާށެވެ! ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ޢަދާވާތްތެރިން ކަމުގައިވާ ޙާލުގައެވެ. ފަހެ، ތިމަންރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ތެދުމަގެއް އަތުވެއްޖެނަމަ، ދެން ތިމަންރަސްކަލާނގެ ތެދުމަގަށް ތަބާ ވެއްޖެ މީހާ (ދަންނާށެވެ!) ފަހެ އެމީހަކު މަގު ފުރެދިގެނެއް ނުދާނެތެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނޭމެއެވެ. އަދި ތިމަން އިލާހުގެ ހިދާޔަތައް ފުރަގަސްދީ ތިމަން އިލާހުގެ ޒިކުރުން ޣާފިލުވެޖެ މީހާ ދަންނާށެވެ! އެމީހަކަށް ދަތި އުނދަގޫ ޙަޔާތެއްދެއްވާހުށީމެވެ. އަދި ޤިޔާމަތްދުވަހުގާ ލޯފަން މީހެއްގޮތުގައި މަޙްޝަރުކުރައްވާހުށީމެވެ.”

އަދި އާދަމު ޢަލައިހިއްސަލާމް އާއި ޙައްވާ ޢަލަހިއްސަލާމްގެ ކިބައިން ގިނަ ފިރިހެނުންނާއި ގިނަ އަންހެނުން ﷲ ތަޢާލާ ޚަލްޤުކުރެއްވިއެވެ.