[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލް އިމާމު އަބޫ ހަނީފާ النُّعْمَانُ بنُ ثَابِت (5)

الإمام أبو حنيفة

އެކަލޭގެފާނުގެ ވަރަޢަވެރިކަން –رحمه الله

عبد الله بن مباركވިދާޅުވިއެވެ.

“ތިމަންކަލޭގެފާނު ކޫފާއަށް ދިޔައީމެވެ. އަދި އެރަށުގެ އަހުލުވެރިންގެ ތެރެއިން އެންމެ ވަރަޢަވެރި ބޭފުޅަކާ ބެހޭގޮތުން ސުވާލު ދެންނެވީމެވެ. (ވަރަޢަވެރިކަމަކީ: އެކަށީގެންނުވާ ކަންތައްތައްކުރުމުން ދުރުހެލިވުމެވެ.) ފަހެ އެރަށުގެ އަހުލުވެރިން ދެންނެވިއެވެ. އެންމެ ވަރަޢަވެރި ބޭފުޅަކީ އަބޫ ޙަނީފާއެވެ.”[1]

مكي بن إبراهيم ވިދާޅުވިއެވެ.

“ތިމަންކަލޭގެފާނު ކޫފާގައި މަޑުކުރެއްވީމެވެ. އަބޫ ޙަނީފާއަށްވުރެ ވަރަޢަވެރި ބޭކަލެއް ތިމަންކަލޭގެފާނު ދެކިވަޑައިނުގަންނަވަމެވެ.”[2]

إبراهيم علي بن حفض البوار ވިދާޅުވިއެވެ.

“حفص بن عبد الرحمن، އަބޫ ޙަނީފާގެ ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައި ވިއެވެ. އަބޫ ޙަނީފާ އެކަލޭގެފާނުގެ މުދާތައް ތައްޔާރު ކުރެއްވުމަށްފަހުގައިحفص بن عبد الرحمنއަށް ފޮނުއްވިއެވެ. އަދި އެމުދަލުގެ ތެރެއިން އެވެނި މިވެނި ހެދުންތަކެއްގައި ޢައިބެއް ހުންނާނެކަމަށް ބަޔާންކޮށްދެއްވިއެވެ. އަދި ވިއްކުމުގެ ކުރިން އެ ޢައިބު ގަންނަ މީހުންނަށް ބަޔާންކޮށްދިނުމަށްވެސް ދެންނެވިއެވެ. ދެންފަހެ حفص بن عبد الرحمن އެމުދާތަށް ވިއްކާ ހުސްކޮށްލިއެވެ. އަދި ވިއްކިއިރުގައި ޢައިބު ހުރިވާހަކަ ބަޔާންކުރަން ހަނދާންނެތުނެވެ. އަދި އެހެދުންތަށް ވިއްކުނު މީހެއްވެސް حفص بن عبد الرحمنއަކަށް ނޭނގުނެވެ. ދެންފަހެ އަބޫ ޙަނީފާއަށް މިކަން އެނގުމުން، އެހުރިހާ މުދަލުގެ އަގަށް ވާވަރަށް ޞަދަޤާތްކުރެއްވިއެވެ.”[3]

އެކަލޭގެފާނުގެ ސަމާޙަތްތެރިކަން (ސަމާޙަތްތެރިކަމަކީ: ދީލަތިކަމާއި ކަންތައްތައް ފަސޭހަކޮށްދިނުމެވެ.)  –رحمه الله

قيس بن الربيعގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“އަބޫ ޙަނީފާއަކީ ވަރަޢަވެރި ބޭފުޅެކެވެ. އެހާމެމޮޅު ފަޤީހެކެވެ. ރަޙިމުގެ ގުޅުން ގިނަގިނައިން ގުޅުއްވާ ބޭފުޅެކެވެ. އަދި އެކަލޭގެފާނުގެ އަރިހަށް އަންނަ ކޮންމެ މީހަކަށް ހެޔޮކޮށްހިއްތަވާ ބޭފުޅެކެވެ. އަދި އެކަލޭގެފާނަކީ، އެކަލޭގެފާނުގެ އަޚުންނަށް ހެޔޮފޯރުކޮށްދިނުން ގިނަ ބޭފުޅެކެވެ.”[4]

حفص بن حمزة القرشيގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“އަބޫ ޙަނީފާގެ އަރިހުންލާފައި ހިނގާފައިދާ މީހަކު ޤަސްދެއްނެތި އެކަލޭގެފާނުގެ އަރިހުގައި އިށީނދުމަށްފަހު، ދެން އެމީހަކު ތެދުވެ ހިނގައްޖެނަމަ، އަބޫ ޙަނީފާ އެމީހަކާއި ބެހޭގޮތުން ސުވާލުކުރައްވައެވެ. އަދި އެމީހެއްގެ އެއްވެސް ހާޖަތެއްވާނަމަ ފުއްދަވައި ދެއްވައެވެ. އަދި އެމީހަކު ބަލިވެއްޖެ ކަމުގައިވާނަމަ ޒިޔާރަތްކުރައްވައެވެ. އެހެންގޮސް އޭނާ އަބޫ ޙަނީފާއާ ގުޅުން ބާއްވަން ފަށައެވެ. ފަހެ އެކަލޭގެފާނަކީ އެކަލޭގެފާނުގެ އަރިހުގައި އިށީންނަ މީހުންނަށް މީސްތަކުންގެ ތެރެއިން އެންމެ ދީލަދި ބޭކަލެވެ.”[5]

__________________________________

[1] تاريخ البغداد (13/358)

[2] تاريخ البغداد (13/358)

[3] تاريخ البغداد (13/358)

[4] تاريخ البغداد (13/360)

[5] تاريخ البغداد (13/360, 361)

-ނުނިމޭ-

މިލިޔުމުގެ އެހެނިހެން ބައިތައް