[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة القارعة ގެ ތަފްސީރު – 2

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

فَأَمَّا مَن ثَقُلَتْ مَوَازِينُهُ ﴿٦﴾ فَهُوَ فِي عِيشَةٍ رَّاضِيَةٍ﴿٧﴾ وَأَمَّا مَنْ خَفَّتْ مَوَازِينُهُ ﴿٨﴾ فَأُمُّهُ هَاوِيَةٌ ﴿٩﴾ وَمَا أَدْرَاكَ مَا هِيَهْ ﴿١٠﴾ نَارٌ حَامِيَةٌ ﴿١١﴾

މާނައީ: “ފަހެ އެމީހެއްގެ (ހެޔޮކަންތަކުގެ) ތިލަފަތް ބަރުވެއްޖެމީހާ ދަންނާށެވެ. [6]  ފަހެ އެމީހާ ވާހުށީ ރުހިގެންވާ ދިރިއުޅުމެއްގައެވެ. [7]  އަދި އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާ ދަންނާށެވެ. [8] ފަހެ އޭނާ އުޅޭނެތަނަކީ ނަރަކައިގެ އަޑިއެވެ. [9]  އަދި އެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ. [10] އެއީ އަނދައަނދާހުންނަ ނަރަކައިގެ އަލިފާނެވެ. [11]”

ﷲ ތަޢާލާ ވަނީ މީސްތަކުން ދެބަޔަކަށް ބައްސަވާފައެވެ.

ފުރަތަމަ ބައި: އެމީހެއްގެ ތިލަފަތް ބަރުވެއްޖެމީހާއެވެ. އެއީ ނުބައި ކަންތަކުގެ މައްޗަށް ހެޔޮކަންތައް ތިލަފަތުގައި ބަރުވެއްޖެމީހާއެވެ.

ދެވަނަ ބައި: އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާއެވެ. އެމީހެއްގެ ހެޔޮ ކަންތަކުގެ މައްޗަށް ނުބައިކަންތައް ތިލަފަތުގައި ލުއިވެއްޖެމީހާއެވެ. ނުވަތަ ކާފިރުމީހާ ފަދައިން ޙަޤީޤަތުގައި އެއްވެސް ހެޔޮކަމެއް ނުވާމީހާއެވެ.

ﷲ ތަޢާލާ ވަޙީކުރައްވައެވެ.

فَأَمَّا مَن ثَقُلَتْ مَوَازِينُهُ ﴿٦﴾ فَهُوَ فِي عِيشَةٍ رَّاضِيَةٍ﴿٧﴾

މާނައީ: “ފަހެ އެމީހެއްގެ (ހެޔޮކަންތަކުގެ) ތިލަފަތް ބަރުވެއްޖެމީހާ ދަންނާށެވެ. [6]  ފަހެ އެމީހާ ވާހުށީ ރުހިގެންވާ ދިރިއުޅުމެއްގައެވެ.” 

العِيشَةނެގިފައިވަނީ العَيْشއިންނެވެ. އެއީ ޙަޔާތެވެ. މާނައީ: ހަމަކަށަވަރުން ރިވެތިވެގެންވާ ދިރިއުޅުމެއްގައެވެ.

ބުނެއެވެ:

عاش الرجل زمنا طويلا.

ދިގު ޒަމާނެއް ވަންދެން އެމީހާ ދިރިއުޅުނެވެ. އެބަހީ: ދިގު ޒަމާނެއް ވަންދެން އޭނާގެ ޙަޔާތް ވޭތުކުރިއެވެ.

މިތާގައި العِيشَةމިލަފްޒުމިވަނީ فِعْلَة ވަޒަނުގައެވެ. އެއީ އެކަމުގެ ގޮތް ބަޔާންކޮށްދޭ ވަޒަނެވެ. އެއީ މަޞްދަރެއްނޫނެވެ. މަޞްދަރު ބޭނުންކޮށްގެން عَيْشَةއޭ ބުނެފިނަމަ ދަލާލަތުކުރާނީ އެއްފަހަރު ކަމެއްކުރުމަށެވެ.

ނަމަވެސް عِيشَةއޭ ބުނުމުން އޭގެން ދޭހަވަނީ އެކަން ހިނގާގޮތެވެ.

އިބްނު މާލިކު رحمه اللهވިދާޅުވިއެވެ.

وفَعْلَةٌ لمرة كجَلْسَهٍ … وفِعْلَةٌ لهيئة كجِلْسَه

﴿رَاضِيَةٍ﴾ބުނެވެއެވެ. އެއީ އިސްމު ފާޢިލެވެ. މިތަނުގައި އެވަނީ އިސްމުލްމަފްޢޫލުގެ މާނައިގައެވެ. އެއީ: مَرْضِيَّة އެވެ. އަދި ބުނެވެއެވެ. ހަމަކަށަވަރުން އެއީ ބާބުއްނިސްބަތު ގައި އިސްމު ފާޢިލެވެ. އެބަހީ: ރުހުން ލިބިގެންވާ މީހާއެވެ. އަދި މިދެމާނައަކީ ވެސް ދާދި އެކައްޗެކެވެ.

އެބަހީ: ހަމަކަށަވަރުން އެއީ އެތަނުގައި އުނދަގޫކަމެއް ނެތް ރަނގަޅު ދިރިއުޅުމެކެވެ. އަދި އެތަނުގައި އުނދަގޫކަމެއްވެސް ގަދައަޑުތަކެއްވެސް ނުވެއެވެ. އަދި އެތަނުގައި ވަރުބަލިކަމެއްވެސް ނުވެއެވެ. ހުރިހާ ގޮތަކުން ފުރިހަމަވެގެންވާ ތަނެކެވެ.

އެބަހީ: މިއީ ﷲ ތަޢާލާ އެބައިމީހުންނަށް ދެއްވާފައިވާ ސުވަރުގޭގެ ދިރިއުޅުމެވެ. – އަޅަމެންނަކީ އެތަނުގެ އަހުލުވެރިންކަމުގައި ލައްވާށިއެވެ.- މި ދިރިއުޅުމުގައި އެބައިމީހުން ވަރުބަލިކަމެއް ނުޖެހޭނެއެވެ. އަދި އެބައިމީހުންނީ އެތަނުން ނެރެލެވޭނެ ބައެއްވެސް ނޫނެވެ. އެބައިމީހުން ހިތާމައެއްވެސް ނުކުރާނެއެވެ. އަދި ބިރެއްވެސް ނުގަންނާނެއެވެ. އެއީ ނިޢުމަތުން ފުރިގެންވާ ދިރިއުޅުމެއްގައެވެ. އަދި އެންމެ ހެޔޮވެގެންވާ ޙާލުގައެވެ. އެންމެ އުފާވެރި ޙާލުގައެވެ. ފަހެ އެއީ ރުހެވިގެންވާ ދިރިއުޅުމެކެވެ.

=ނުނިމޭ=

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه اللهލިޔުއްވާފައިވާ تَفْسِير سُورَة الْقَارِعَةގެ ތަރުޖަމާއެވެ.

 

މިލިޔުމުގެ އެހެންބައިތައް