الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
وَأَمَّا مَنْ خَفَّتْ مَوَازِينُهُ ﴿٨﴾
މާނައީ: ” އަދި އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާ ދަންނާށެވެ.”
އެއްގޮތަކީ އެއީ އެއްވެސް ހެޔޮކަމެއް ނެތް ކާފިރުމީހާއެވެ. އެހެނީ ކާފިރުމީހާއަށް ހެޔޮކަންތަކުން ޖަޒާލިބެނީ ދުނިޔޭގައެވެ. އާޚިރަތުގައި އޭގެން ފައިދާއެއް ނުކުރެއެވެ.
ނުވަތަ އަނެއްގޮތަކީ އެއީ މުސްލިމެކެވެ. އެކަމަކު އޭނާގެ ނަފްސުގެ މައްޗަށް (ފާފަކުރުމުގައި) އިސްރާފުކޮށްފައިވާ މީހެކެވެ. އަދި އޭނާގެ ގިނައީ ނުބައި ކަންތައްތަކެވެ.
فَأُمُّهُ هَاوِيَةٌ ﴿٩﴾
މާނައީ: “ފަހެ އޭނާ އުޅޭނެތަނަކީ ނަރަކައިގެ އަޑިއެވެ.”
މިތަނުގައި أُمّގެ މާނައަކީ އޭނާ ދާނެ ތަނެވެ. އެބަހީ: އޭނާ ދާނެ ތަނަކީ الْهَاوِيَةއެވެ. އަދި الْهَاوِيَةއަކީ ނަރަކައިގެ ނަންތަކުގެ ތެރެއިން ނަމެކެވެ. މާނައީ: ހަމަކަށަވަރުން އޭނާ އެނބުރި ދާނެ ތަނަކީ ނަރަކައިގެ އަލިފާނެވެ. -އެތަނުން ރައްކާތެރިކޮށްދެއްވުމަށް ﷲގެ ޙަޟްރަތުގައި ދުޢާކުރަމެވެ –
އަދި ބުނެވެއެވެ: މިތަނުގައި الأُمّގެ މުރާދަކީ ސިކުނޑީގެ އަޞްލެވެ.
މާނައީ: ހަމަށަވަރުން އޭނާ ނަރަކައަށް އެއްލާލެވޭނީ ބޯކޮޅު ވަތަށެވެ. – މިކަމުން ސަލާމަތްކޮށްދެއްވުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އަޅަމެން ދަންނަވަމެވެ. –
އަދި އާޔަތުގައި ދެމާނަ ހިމެނޭކަމުގައި ވާނަމަ، އެދެމާނައިން އެއްމާނައިގެ މައްޗަށް އަނެއް މާނަ ރާޖިޙު ނުކުރާނެއެވެ. އަދި އެދެމާނަ ތަޢާރުޟު ނުވާނަމަ ދެމާނައިގައި އެއްކޮށް ހިފާނީއެވެ.
ފަހެ ބުނާނީ: އޭނާ ނަރަކައިގެ އަލިފާނަށް އެއްލާލެވޭނީ ބޯކޮޅު ވަތަށެވެ. އަދި ހަމައެކާއެކު ނަރަކައިގެ އަލިފާން ފިޔަވާ، އޭނާއަށް ހިޔާވަހިކަމެއް އަދި ވަންނާނޭ ތަނެއްވެސް ނުވެއެވެ.
وَمَا أَدْرَاكَ مَا هِيَهْ ﴿١٠﴾
މާނައީ: “އަދި އެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ.”
މިއީ الْهَاوِيَةގެ ބޮޑުކަމާއި މަތިވެރިކަމާ ބެހޭގޮތުންނެވެ. ސުވާލު އެކުރަނީ އެއީ ކޮން އެއްޗެއް ހެއްޔެވެ؟ އެއީ ކޮން އެއްޗެއްކަން އެނގޭ ހެއްޔެވެ؟ ހަމަކަށަވަރުން އެއީ ބޮޑުވެގެންވާ އެއްޗެކެވެ. ހަމަކަށަވަރުން އެއީ އެންމެ މަތީ ދަރަޖައަށް ހޫނުކުރެވިފައިވާ އަލިފާނެވެ.
ނަބިއްޔާ عليه الصلاة والسلامޙަދީޘްކުރައްވާފައިވެއެވެ.
((فُضِّلَتْ عَلَيْهِنَّ بِتِسْعَةٍ وَسِتِّينَ جُزْءًا كُلُّهُنَّ مِثْلُ حَرِّهَا)) [رواه البخاري ومسلم]
މާނައީ: “ނަރަކައިގެ އަލިފާންވަނީ ދުނިޔޭގެ އަލިފާނުގެ މައްޗަށް ފަސްދޮޅަސް ނުވަ ބަޔަށް (ހޫނުކަން) އިތުރުކުރެވިގެންނެވެ. އޭގެ ތެރެއިން ކޮންމެ ބައެއްވެސް މިދުނިޔޭގެ އަލިފާނެކޭ އެއްފަދައެވެ.”
ދުނިޔޭގެ ހުރިހާ ވައްތަރެއްގެ އަލިފާނާމެދު ތިބާ ވިސްނާލައިފިނަމަ، އެއީ ދަރު ނުވަތަ ފަތް ނުވަތަ ގޭހުން ނުވަތަ އެއަށްވުރެ ބާރުގަދަ އެއްޗެއް އަންދައިގެން ރޯކުރާ އަލިފާންކަމުގައި ވިޔަސް، އޭގެ މައްޗަށް ފަސްދޮޅަސް ނުވަ ބަޔަށް ނަރަކައިގެ އަލިފާނުގެ ހޫނުކަން އިތުރުކުރެވިގެންވެއެވެ. – ﷲ ތަޢާލާގެ ޙަޟްރަތުން އަޅުގަނޑުމެން ޢާފިޔަތަށް އެދެމެވެ –
މިއާޔަތުގައި މިވަނީ މިދުވަހާމެދު ބިރުވެރި އިންޛާރު ދެއްވާފައެވެ. އަދި ހަމަކަށަވަރުން އިންސާނުން (ޤަބުރުތަކުން) ނުކުންނާނީ ދެޙާލަތެއްގައިކަން ވެސް މިއާޔަތުގައި ވެއެވެ. އެއީ:
އޭނާގެ ހެޔޮކަންތައްތައް ބަރުވެގެންވާ ޙާލެވެ. ނުވަތަ އޭނާގެ ނުބައި ކަންތައްތައް ބަރުވެގެންވާ ޙާލެވެ.
އަދި ޤިޔާމަތް ދުވަހު މީޒާންތައް ބެހެއްޓޭނެކަމަށްވެސް މިއާޔަތުގައި ދަލީލުވެއެވެ. އަދި ބައެއް ނައްޞުތަކުގައި އައިސްފައިވަނީ މީޒާން ބެހެއްޓޭނެކަމަށެވެ. ފަހެ އެއީ އެއް މީޒާން ހެއްޔެވެ؟ ނުވަތަ ބައިވަރު ހެއްޔެވެ؟ [ބައްލަވާ: مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين -رحمه الله- ٢/٤٣ فتوى رقم (۱٦٨) عقيدة]
=ނުނިމޭ=
________________________________________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه اللهލިޔުއްވާފައިވާ تَفْسِير سُورَة الْقَارِعَةގެ ތަރުޖަމާއެވެ.