الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޚިޔާލަށް ގެންނަވާށެވެ! ދެ ރެއެކެވެ. ފުރަތަމަ ރެއަކީ ގޭގައި ތިބާ ހުރި ރެއެކެވެ. އަނބި ދަރީންނާ އެކުގައެވެ. އެކުދިން އުފާކޮށްދީ އެކުދިންނާއެކު ކުޅެ ސަމާސާކުރުމުގައެވެ. ކުޑަކުޑަ އުފާވެރި އާއިލާއެކެވެ. ދެން ޖެހިގެންއައި ރެއެވެ. ތިބާ ކަށްވަޅަށް ތިރިކުރެވެނީއެވެ. އަނބިދަރީންނާ ވަކިވެ، އަނދިރި ވަޅުގަނޑެއްގެ ތެރެއަށް ލެވެނީއެވެ. އެތަނުގައި އެއްވެސް ބައިވެރިއަކު ނެތެވެ. ލޯބިވާ އަނބިމީހާވެސް ނެތެވެ. އަދި ދަރިންނެއްވެސް ނެތެވެ. އެތަނުގައި އެކަނި އޮންނަން ޖެހުނީއެވެ.
އެއީ ކަށްވަޅުގެ ފުރަތަމަ ރެއެވެ. އެރެއާމެދު ޞާލިޙުންނާއި ޢިލްމުވެރީން ކީރިތިކުރައްވާ ހިތާމަކުރައްވާ އުޅުނު ރެއެވެ. އަދި ތަޤްވާވެރި އަޅުވެރިން އެރޭގެ ބިރުވެރި ކަމާމެދު ޝަކުވާކޮށް އުޅުނު ރެއެވެ.
ޢުމަރު ބުނު ޢަބްދުޢަޒީޒަކީ މުއްސަނދި ޢާއިލާއަކަށް އުފަންވެ، މުއްސަނދިކަމުގެ ލައްޒަތުގައި ބޮޑުވި ކުއްޖެކެވެ. ގަނޑުވަރުތަކާއި ޚާދިމުން ހުއްޓެވެ. ނަމަވެސް، އިސްލާމީ ދައުލަތުގެ ޚަލީފާއަކަށް ވުމަށްފަހު މި ހުރިހާ ލައްޒަތާއި ދުނިޔެވީ ފޮނި މީރުކަން ދޫކޮށްލެއްވިއެވެ. ކީއްވެގެންތޯއެވެ؟ ކަށްވަޅުގައި ހޭދަކުރަންޖެހޭ ފުރަތަމަ ރޭ ހަނދުމަވުމުންނެވެ.
ހުކުރު ދުވަހެއްގައި މިންބަރު މައްޗަށް އަރާވަޑައިގަތެވެ. އަދި ކީރިތި ކުރައްވަން ފެއްޓެވިއެވެ. އެތަނުގައި ހުކުރު ޖަމާޢަތަށް ޙާޟިރުވެވަޑައިގެން ޢިލްމުވެރީންނާއި ވަޒީރުންނާއި ޢާންމު ރައްޔިތުން ތިއްބެވެ. ޢުމަރު ބުނު ޢަބްދުލް ޢަޒީޒު ވިދާޅުވިއެވެ.
“ތިޔަބައިމީހުން އަޅުގަނޑަށް ހިއްޕެވި ބައިޢަތު އަނބުރާ ގެންދަވާށެވެ.”
އެބައިމީހުން އެންމެން އެކައްޗަކަށް ދެންނެވިއެވެ. “ކަލޭގެފާނު ނޫން މީހަކު ޚަލީފާއެއްކަމުގައި ބޭނުމެއްނޫނެވެ.” އެހެންކަމުން، ޚަލީފާކަމަށް ނުރުހޭ ޙާލު،އެހެން ގޮތެއް ނެތިގެން، އެކަމުގެ ޒިންމާ ނެންގެވިއެވެ.
ޚަލީފާކަމުގައި ހަފްތާއެއް ނުވަނީސް އެކަލޭގެފާނުގެ ހަށިކޮޅު ނިކަމެތިވެ، ގައިގެ ކުލަ ބަދަލުވިއެވެ. އަދި ތުރުކުރައްވަން އަތްޕުޅުގައި އޮތީ އެންމެ ހެދުންކޮޅެކެވެ. އެހެންކަމުން އެކަލޭގެފާނުގެ އަނބިކަބަލުން އަރިހުގައި މީސްތަކުން ސުވާލު ކުރިއެވެ. އަޅުގަނޑުމެންގެ ޚަލީފާއަށް ވަމުން އެދަނީ ކިހިނެއްތޯއެވެ؟ ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ އަނބިކަބަލުން ވިދާޅުވިއެވެ.
“ﷲ ގަންދީ ބުނަމެވެ. އެކަލޭގެފާނު ރޭގަނޑު އަވަހާރަފުޅެއް ނުލައްޕަވައެވެ. ތަންމަތީގައި އޮންނެވުމަށްފަހު ފުރޮޅެން ފަށްޓަވައެވެ. އިންސާނަކު ހޫނު އަނގުރުގަނޑެއް މަތީގައި އޮވެގެން ފުރޮޅޭނެފަދަ ގޮތަކަށެވެ. ދެން ވިދާޅުވެއެވެ. “މުޙަންމަދުގެފާނުގެ އުއްމަތުގެ މީސްތަކުންގެ ޒިންމާ މި ނިކަމެތި އަޅާއާ ހަވާލުކުރެވިއްޖެއެވެ. މި އަޅާއާ ޤިޔާމަތް ދުވަހުން މި ޒިންމާތަކާ ބެހޭގޮތުން ސުވާލުކުރެވޭނެއެވެ. ފަޤީރުންނާއި މިސްކީނުންނާއި ތުއްތު ކުދިންނާއި ބެހޭގޮތުން ސުވާލުވެވޭނެއެވެ.””
ހަމައެހެންމެ، އެއްދުވަހަކު އެކަލޭގެފާނުގެ އަރިހުގައި ޢިލްމުވެރި ބޭކަލަކު ދެންނެވިއެވެ.
“އޭ އަމީރުލް މުއުމިނީންއެވެ! ކަލޭގެފާނު މީގެކުރިން މައްކާގައި ހުންނަވަނިކޮށް އަޅުގަނޑުމެން ދެކުނީމެވެ. އެއީ ކަލޭގެފާނު ޚަލީފާއަކަށް ވެވަޑައިގަތުމުގެ ކުރިންނެވެ. އޭރު ކަލޭގެފާނު ހުންނެވީ ވަރަށް ޞިއްޙަތާއި ޢާފިޔަތުގައެވެ. މުއްސަނދިކަމާއި ތަނަވަސްކަމުގައެވެ. ނަމަވެސް މިހާރު ކަލޭގެފާނު މި ފެންނަނީ ވަރަށް ބޮޑަށް ހިކި އަނަރޫފަވެފައި ވަނިކޮށެވެ. އެއީ ކީއްވެތޯއެވެ؟”
ޢިލްމުވެރިޔާގެ މިކަލިމަތައް އަޑުއެއްސެވުމަށްފަހު ޢުމަރު ބުނު ޢަބްދުލްޢަޒީޒް ވަޤުތުން ކީރިތި ކުރައްވަން ފެށްޓެވިއެވެ. އަދި ވިދާޅުވިއެވެ.
“އޭ ޒިޔާދެވެ! ކަލޭގެފާނަށް އަޅުގަނޑު މަރުވެ ކަށްވަޅަށް ލެވުމަށްފަހު ތިންވަނައަށްވާ ދުވަހު ފެނިލައްވައިފިނަމަ ހުންނާނެ މަންޒަރު އެނގިލައްވާތޯއެވެ! ﷲ ގަންދީ ބުނަމެވެ. ވަރަށް ވެސް ހިތާމަވެރި މާޔޫސް މަންޒަރަކަށް ނޫނީ އެ މަންޒަރު ނުވާނެކަން ކަށަވަރެވެ.”
އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭ!… އަޅުގަނޑުމެން މި ކަށްވަޅުގެ ފުރަތަމަ ރެއާ ބައްދަލު ކުރުމަށް ވަމުންދަނީ ކޮން ތައްޔާރީތަކެއްތޯއެވެ؟ އެއްވެސް ތައްޔާރީއެއް އެބަވެވޭތޯއެވެ؟
އުޘްމާނު ބުނު ޢައްފާނު رضي الله عنهގެ ކައިރިން ޖަނާޒާއެއް ގެންދެވިއްޖެނަމަ، ވަރަށް ބޮޑަށް ކީރިތި ކުރައްވައެވެ. އެކަލޭގެފާނު ހޭފުޅު ނެތިގެން ބައެއް ފަހަރު ވެއްޓިވަޑައިގަންނަވާ ކަމަށްވެސް ބައެއް ރިވާޔަތްތަކުގައިވެއެވެ. މިއީ ކޮންބޭކަލެއްކަން އެނގިލައްވާތޯއެވެ؟ ސުވަރުގޭގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ صلى الله عليه وسلم ދެއްވި ދިހަ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ތެދުމަގު ލިބިގެންވާ ޚުލަފާއުއްރާޝިދީންގެ ތެރެއިން ތިންވަނަ ޚަލީފާއެވެ. ކީރިތި ރަސޫލާ صلى الله عليه وسلمގެ ދެ ދަރިކަބަލުންނާ ކައިވެނި ބައްލަވައިގަތުމުގެ ޝަރަފު ލިބިލެއްވި މަތިވެރި ޞަޙާބީއެވެ. މިދީނަށްޓަކައި މާތް ނަބިއްޔާ صلى الله عليه وسلم އާއެކު އެތައް ޖިހާދެއްގައި ބައިވެރިވެވަޑައިގެންފައިވެއެވެ. ދީނަށްޓަކައި އެކަލޭގެފާނުގެ މުދަލުގެ ދެބައިކުޅަ އެއްބައި ހޭދަކުރެއްވި، ކިރީތި ރަސޫލާ صلى الله عليه وسلمގެ މަތިވެރި މާތް ޞަޙާބީއެކެވެ.
އެހެންކަމުން، އެއް ފަހަރަކު އެކަލޭގެފާނަށް ދެންނެވުނެވެ. “ތި ދަރަޖައަށް ކީރިތިކުރައްވަނީ ކީއްވެތޯއެވެ؟” ވިދާޅުވިއެވެ.
“ކީރިތި ރަސޫލާ صلى الله عليه وسلم މިފަދައިން ޙަދީޘްފުޅު ކުރައްވަނިކޮށް އަޑު އެހީމެވެ.
((الْقَبْرُ أَوَّلُ مَنَازِلِ الْآخِرَةِ)) [رواه ابن ماجة وحسنه الألباني]
މާނައީ: “ކަށްވަޅަކީ އާޚިރަތުގެ އެންމެ ފުރަތަމަ މަންޒިލެވެ.”
އެތަނުން ސަލާމަތްކަން ލިބިއްޖެ މީހަކަށް ސަލާމަތް ކަން ލިބިއްޖެއެވެ. އަދި އެތަނުން ނާކާމިޔާބުވެއްޖެ މީހެއް ގެއްލިހަލާކުވެއްޖެއެވެ.”
އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭ!… ޣާފިލުކަމުގެ ނިދިން ހޭލާށެވެ. އަދި މި ދުވަހަށް ތައްޔާރުވެލައްވާށެވެ. އެހެނީ މަރަކީ ބުނެފައި އަންނަ އެއްޗެއްނޫނެވެ. ނޭނގި ހުއްޓާ މަރާ ބައްދަލުކުރަން ޖެހިދާނެއެވެ.
އަޅުގަނޑުމެންގެ މި މަރުވެފައިވާ ހިތްތަކަށް ދިރުން ލިބޭތޯ ހަޤީޤި ހާދިސާއެއް ނަކަލުކޮށްލާނަމެވެ.
މިއީ ސަޢޫދީ ޢަރަބިޔާގެ ރިޔާޟުގައި ހިނގި ހާދިސާއެކެވެ. ދެމަފިރިންނެވެ. ޞާލިޙު ތަޤްވާވެރި ޢާއިލާއެކެވެ. އެއްދުވަހަކު، މިދެމަފިރިން ޢުމްރާވުމަށް މައްކާއަށް ދިއުމަށް ތައްޔާރުވިއެވެ. ނަމަވެސް، ދަތުރުފެށުމުގެ ކުރީން، އެދުވަހު، އަންހެންމީހާގެ ފަރާތުން އާދަޔާޚިލާފު ކަންތައްތަކެއް ފެނުނެވެ. އެހެނީ އެދުވަހު، އާދަޔާޚިލާފަށް އެ އަންހެންމީހާ، އޭނާގެ ދަރީންނަށް ބޮސްދީ ހަދާ އުޅުނެވެ. އަދި ވަޞިއްޔަތެއް ލިޔުނެވެ. އޭގައިވާ ޢިބާރާތްތަކުން އެއީ އޭނާގެ މަރުގެ ވަޞިއްޔަތޭވެސް ދެންނެވިދާނެއެވެ. މި އަންހެންމީހާއަކީ ވަރަށް މާތް ތަޤްވާވެރިއެކެވެ.
ކޮންމެއަކަސް، ދެމަފިރިން މައްކާއަށް އައިސް ޢުމްރާގެ މަތިވެރި އަޅުކަން ފުރިހަމަ ކުރިއެވެ. އަދި އެނބުރި ރިޔާޟަށް ދާން ދަތުރުފެށިއެވެ. އެއީ ވަދާޢުގެ ދަތުރެވެ. އަޖަލުގެ ދަތުރެވެ. ދެމަފިރިން ދުއްވަމުން ގެންދިޔަ ކާރުގެ ފުރޮޅު ފަޅައިގެން ދިޔައެވެ. އަދި އެއާއެކު ކާރު ފުރޮޅާލިއެވެ. ޞާލިޙް އެ އަންހެނާގެ ބޮލަށް ވަރަށް ބޮޑު ޒަހަމެއް ލިބުނެވެ. ނަމަވެސް ފިރިމީހާއަށް ސީރިއަސް ބޮޑު އަނިޔާއެއް ނުލިބެއެވެ. އެހެންކަމުން، ފިރިމީހާ އަވަސް އަވަހަށް އަނބިމީހާގެ ގާތަށް ދިޔައެވެ. އެވަޤުތު އަނބިމީހާ ޝަހާދަތުގެ ދެކަލިމަ ކިޔަމުން ގެންދެއެވެ. ދެން ފިރިމީހާއަށް ދެންނެވިއެވެ. “އަޅުގަނޑަށް މާފުކުރައްވާ! ދެން ބައްދަލުވާނީ ސުވަރުގެއިން… އަދި ކުދިންނަށްވެސް ސަލާމް ފޯރުކޮށްދެއްވާ…”
﴿وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُم مِّنْ عَمَلِهِم مِّن شَيْءٍ كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ﴾ [الطور: ٢١]
މާނައި: “އަދި އީމާންވިމީހުން އެއުރެންގެ ދަރިން އީމާންވުމާއެކު، އެއުރެންނަށް ތަބާވުމުން، އެއުރެންގެ ދަރިންވެސް ތިމަންއިލާހުއެއުރެންނާ އެއްދަރަޖައިގައި (ސުވަރުގޭގައި) ލައްވާހުށީމެވެ. އަދި އެއުރެންގެ ޢަމަލަކުން އެއްވެސް އެއްޗެއް ތިމަންއިލާހު އުންޏެއް ނުކުރައްވާހުށީމެވެ.ކޮންމެމީހަކީވެސް އެމީހަކު ހޯދި ޢަމަލަކަށް ކަނޑައަޅުއްވާފައިވާ ޖަޒާލިބޭނޭމީހެކެވެ.”
މިއީ ހަޤީޤީ ހާދިސާއެކެވެ. އެރެއަށްޓަކައި ތައްޔާރުވަމުން ދިޔަ އުޚުތެއްގެ ވާހަކައެވެ. މާތް ﷲ، އޭނާގެ ކަށްވަޅު އެއީ ސުވަރުގޭގެ ބަގީޗާއެއް ކަމުގައި ލައްވާށިއެވެ… އާމީން…