[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢާޝޫރާ ދުވަހުގެ ރޯދަ

الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.

 

ޢާޝޫރާ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މުޙައްރަމު މަހުގެ ދިހަވަނަ ދުވަހެވެ. [1]  އެ ދުވަހު ރޯދަހިފުމަކީ ސުންނަތެކެވެ. [2] ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
(صحيح) ((وَصِيَامُ يَوْمِ عَاشُورَاءَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ)) [أخرجه مسلم في صحيحه برقم: ١٩٦ – (١١٦٢)]

މާނައީ: “އަދި ޢާޝޫރާދުވަހުގެ ރޯދައިގެ ސަބަބުން ވޭތުވެދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާދެއްވާނެކަމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.”

 

 

ޢާޝޫރާދުވަހުގެ ރޯދަ ހިފުމުގެ އެންމެ މޮޅުއިތުރު ގޮތް

 

ޢާޝޫރާދުވަހުގެ ރޯދަހިފުމުގައި އެންމެ ރަނގަޅު ގޮތަކީ:

މުޙައްމަރުމަހުގެ 9 ވަނަ ދުވަހާއި (ތާސޫޢާ ދުވަހާއި) 10 ވަނަ ދުވަހު (ޢާޝޫރާ ދުވަހު) ރޯދަ ހިފުމެވެ. [3]

މުޙައްރަމުމަހުގެ 9 ވަނަ ދުވަހު ރޯދަ ހިއްޕެވުމަށް ނަބިއްޔާ صلى الله عليه وسلم  އުންމީދުކުރެއްވި ނަމަވެސް، އެކަލޭގެފާނު އަވަހާރަވެފައިވަނީ ޖެހިގެން އައިއަހަރު އެދުވަހާ ބައްދަލު ނުވެއެވެ.

އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.

“ރަސޫލުﷲ صلى الله عليه وسلم، ޢާޝޫރާ ދުވަހު ރޯދަ ހިއްޕަވާ އަދި އެދުވަހު ރޯދަ ހިއްޕެވުމަށް އަމުރުކުރެއްވި ހިނދު އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުން އެއީ ޔަހޫދީންނާއި ނަޞާރާއިން މަތިވެރިކުރާ ދުވަހެކެވެ. ފަހެ ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.”

(صحيح) ((فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللهُ صُمْنَا الْيَوْمَ التَّاسِعَ)) [أخرجه مسلم في صحيحه برقم: ١٣٣ – (١١٣٤)]

މާނައީ: “ފަހެ ޖެހިގެން އަންނަ އަހަރު إِنْ شَاءَ اللهُ ނުވަވަނަ ދުވަހު އަހަރެމެން ރޯދަ ހިފާނަމެވެ.”

އެކަލޭގެފާނު (އެބަހީ: އިބްނު ޢައްބާސް رضي الله عنهما) ވިދާޅުވިއެވެ. “ފަހެ ޖެހިގެން އައި އަހަރު އައުމުގެ ކުރިން ރަސޫލުﷲ صلى الله عليه وسلم އަވަހާރަވެއްޖެއެވެ.”

 

 

ހަމައެކަނި މުޙައްރަމު މަހުގެ 10 ވަނަ ދުވަހު ރޯދަ ހިފުން

 

 ހަމައެކަނި ޢާޝޫރާ ދުވަހުގައި (މުޙައްރަމު މަހުގެ 10ވަނަ ދުވަހުގައި) ރޯދަ ހިފުމަކީ ހުއްދަކަމެކެވެ. އެކަމުގެ ސަބަބުން ޢާޝޫރާ ދުވަހު ރޯދަ ހިފުމުގެ ޘަވާބު ލިބިގެންދާނެއެވެ. إن شاء الله. އެއީ ހަމައެކަނި އެދުވަހުގައި ރޯދަ ހިފުން ރަސޫލާ صلى الله عليه وسلم ނަހީކުރައްވާފައި ނުވާތީއެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

“ޢާޝޫރާ ދުވަހުގެ ރޯދައަކީ އެއް އަހަރު ދުވަހަށްވާ (އެބަހީ: އެއް އަހަރުދުވަހު ކުރެވިފައިވާ ފާފަތަކަށްވާ) ކައްފާރާއެކެވެ. ހަމައެކަނި އެދުވަހު (އެބަހީ: ހަމައެކަނި ޢާޝޫރާ ދުވަހު) ރޯދަހިފުމަކީ މަކުރޫހަކަމެއް ނޫނެވެ.” [4]

އިބްނު ޙަޖަރު އަލްހައިތަމީ رحمه الله ވިދާޅުވިއެވެ.

“ހަމައެކަނި ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ މައްސަލައެއް ނޫނެވެ.” [5]

އިބްނުލް ޤައްޔިމުވެސް މިކަމަށް އިޝާރާތްކުރައްވާފައިވެއެވެ. [6] އަދި ހަމައެކަނި މުޙައްރަމު މަހުގެ 10 ވަނަ ދުވަހު ރޯދަ ހިފުމަކީ މައްސަލައެއް ނޫންކަމުގައި ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ކޮމިޓީން ފަތުވާދެއްވާފައި ވެއެވެ. [7]

މުޙައްރަމު މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަސް ނުވަތަ 10 ވަނަ ދުވަހާއި 11 ވަނަ ދުވަސް ރޯދަ ހިފުން

ޢާޝޫރާ ދުވަހުގެ ރޯދަ ހިފާއިރު، މުޙައްރަމު މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަސް ނުވަތަ 10 ވަނަ ދުވަހާއި 11 ވަނަ ދުވަސް ރޯދަ ހިފުމަށް ބާރުއަޅާފައިވާ ޙަދީޘެއް ވެއެވެ. އަދި ޔަހޫދީންނާއި ޚިލާފުވުމަށް އެ ޙަދީޘްގައި އަމުރުކުރައްވާފައިވެއެވެ. އެހެނަސް އެއީ ޞައްޙަ ޙަދީޘެއް ނޫނެވެ.

(ضعيف) ((صُومُوا يَوْمَ عَاشُورَاءَ، وَخَالِفُوا فِيهِ الْيَهُودَ، صُومُوا قَبْلَهُ يَوْمًا أَوْ بَعْدَهُ يَوْمًا)). [أخرجه الحميدي في مسنده برقم: (491) وأحمد في مسنده برقم: (2154) وابن خزيمة في صحيحه برقم: (2095) والطحاوي في شرح معاني الآثار برقم: (3303 – 3304)].

وفي لفظ: (ضعيف) ((صُومُوا قَبْلَهُ يَوْمًا وَبَعْدَهُ يَوْمًا)) [أخرجه البزار في مسنده برقم: (5238) وابن عدي في الضعفاء (3 / 554)، وروى البيهقي اللفظين في سننه الكبرى برقم: (8405 – 8406) وقال: “صوموا قبله يوما أو بعده يوما” هذا لفظ حديث المقرئ، وفي رواية ابن عبدان “صوموا قبله يوما وبعده يوما” وبمعناه رواه ابن شهاب عن ابن أبي ليلى: قبله وبعده”.]

މާނައީ: “ތިޔަބައިމީހުން ޢާޝޫރާ ދުވަހު ރޯދަ ހިފާށެވެ. އަދި ޔަހޫދީންނާ ޚިލާފުމަށް އެދުވަހުގެ ކުރީދުވަހު ނުވަތަ ފަހު ދުވަހު ރޯދަ ހިފާށެވެ.” އެބަހީ: 10 ވަނަ ދުވަހާއެކު 9 ވަނަ ދުވަހު ހިފާށެވެ. ނުވަތަ 10 ވަނަ ދުވަހާ އެކު 11 ވަނަ ދުވަހު ރޯދަ ހިފާށެވެ.

އަދި މި ޙަދީޘްގެ އެހެން ލަފްޒެއްގައި ވެއެވެ.

“އެދުވަހުގެ ކުރީ ދުވަހާއި ފަހު ދުވަހުވެސް ރޯދަ ހިފާށެވެ.” އެބަހީ: 10 ވަނަ ދުވަހާއެކު 9 ވަނަ ދުވަހާއި 11 ވަނަ ދުވަހުވެސް ރޯދަ ހިފާށެވެ.

މި ޙަދީޘްގެ އެއް ލަފްޒުގައި “ނުވަތަ” އަދި އަނެއް ލަފްޒުގައި “އަދި” އައިސްފައިވިޔަސް މިއީ އެއް ޙަދީޘެއްގެ ދެ ރިވާޔަތެކެވެ. އަދި މި ސުރުޚީއަށް ފަހުގައި އަންނަ ސުރުޚީގައި މި ޙަދީޘްގެ ދެވަނަ ލަފްޒާ ގުޅުން ހުރި ފިޤުހީ ވާހަކަތައް ގެނެސްދޭނަމެވެ. މި ދެ ލަފްޒުވެސް އެއް ސަނަދަކުން އައިސްފައިވާތީ މިދެ ލަފްޒުގެ ސަނަދާމެދު މި ލިޔުމުގައި ވާހަކަ ދައްކާނީ އެކުއެކީގައެވެ.

ފަހެ މި ޙަދީޘްގެ ހުރިހާ ރިވާޔަތެއްގައިވެސް މައިގަނޑު ގޮތެއްގައި އައިސްފައިވަނީ محمد بن أبي ليلى އަދި داود بن علي ގެ މަގުންނެވެ. މި ޙަދީޘް އިތުރު ސަނަދުތަކަށް ކުރި ފަޅާފައިވަނީ محمد بن أبي ليلى ގެ އަރިހުން ރިވާކުރެއްވި هشيم بن بشير ގެ އަރިހުންނެވެ. މި ޙަދީޘްގައި މިވާ محمد بن أبي ليلى އަދި داود بن علي މި ދެބޭކަލުންނަކީވެސް ޙަދީޘް ޢިލްމުގައި ބަލިކަށި ދެ ރާވީންނެވެ.

މިގޮތުން:

– محمد بن أبي ليلى: އާ ބެހޭގޮތުން އިބްނު ޙަޖަރު رحمه الله ވިދާޅުވިއެވެ.

“މިއީ ތެދުވެރި ބޭކަލެކެވެ. އެހަނަސް ހިތުދަސްކުރުމުގެ ބާރު ވަރަށް ދަށް ބޭކަލެކެވެ.” [8]

– داود بن علي: އާ ބެހޭގޮތުން އިބްނު ޙަޖަރު رحمه الله ވިދާޅުވިއެވެ.

“މިއީ މަޤްބޫލު ރާވީއެކެވެ.” [9]

އިބްނު ޙަޖަރުގެ އަރިހުގައި “މަޤްބޫލު” ރާވީއެއްގެ މުރާދަކީ އެބޭކަލެއްގެ ޙަދީޘަށް ބާރުދޭނެ އެހެން ރާވީއެއް ވާނަމަ ޤަބޫލުކުރުމެވެ. އަދި ބާރުދޭނެ ރާވީއެއް ނުވާނަމަ ބަލިކަށިވުމެވެ. އެގޮތުން داود بن علي އަށް މި ޙަދީޘްގައި ބާރުދޭނެ އެހެން ރިވާޔަތެއް ނުވެއެވެ. محمد بن أبي ليلى އަށް ބާރުދޭ އެހެން ރިވާޔަތެއް ވެއެވެ. [10] އަދި ކިއެއް ހެއްޔެވެ. عطاء ގެ ރިވާޔަތުގައި ވަނީ މިބޭކަލުންގެ ރިވާޔަތާ ޚިލާފަށް މައުޤޫފުކޮށެވެ.

ފަހެ މި ޙަދީޘަކީ ޙަސަން ދަރަޖައަށްދާ ޙަދީޘެއްކަމުގައި ޝައިޚު އަޙްމަދު ޝާކިރު رحمه الله ވިދާޅުވިއެވެ. އެހެނަސް ޝައިޚު އަޙްމަދު ޝާކިރު رحمه الله ތަޢުލީޤުކުރައްވާފައިވަނީ محمد بن أبي ليلى ގެ ޙާލަތާ މެދުއެވެ. داود بن علي ގެ ޙާލަތާމެދު ތަޢުލީޤުކުރައްވާފައި ނުވެއެވެ. [11]

ފަހެ މި ޙަދީޘް ދިރާސާކުރެއްވި ގިނަ ޢިލްމުވެރިންގެ އަރިހުގައި މި ޙަދީޘްގެ ދެ ލަފްޒަކީވެސް ޟަޢީފު ދެ ލަފްޒެވެ.

– محمد بن أبي ليلى ޟަޢީފުވުމުގެ ސަބަބުން މި ޙަދީޘް ޟަޢީފުވާކަމަށް الهيثمي އިޝާރާތްކުރައްވާފައިވެއެވެ. [12] އަދި މުސްނަދު އަޙުމަދާއި ބައިހަޤީގެ ސުނަނުގައިވާ ޙަދީޘްގައި محمد بن أبي ليلى ވުމުން އެ ޙަދީޘް ޟަޢީފުކަމަށް البوصيري ވިދާޅުވެފައިވެއެވެ. [13]

– އަދި داود بن علي ޟަޢީފުވުމުގެ ސަބަބުން މި ޙަދީޘް ޟަޢީފުވާކަމަށް البزار އިޝާރާތްކުރައްވާފައިވެއެވެ. [14]

– މި ޙަދީޘް ޟަޢީފުކުރެއްވި އެހެނިހެން ޢިލްމުވެރިންގެ ތެރޭގައި:

އައްޝައުކާނީ [15]، އަލްބާނީ [16]، ޢަބްދުﷲ އަލްފައުޒާނު [17]، މާހިރުލް ފަހްލު [18] އަދި މުސްނަދު އަޙްމަދުގެ މުއައްސަސަތުއް ރިސާލާގެ ޗާޕު ތަޙުޤީޤުރެއްވި ޢިލްމުވެރިން [19] ހިމެނިވަޑައިގަންނަވައެވެ.

ފަހެ އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން މައުޤޫފުކޮށް ޞައްޙަކޮށް އައިސްފައިވާ ލަފްޒުގައިވަނީ:

«خَالِفُوا الْيَهُودَ وَصُومُوا التَّاسِعَ وَالْعَاشِرَ» [أخرجه عبد الرزاق في مصنفه (7839) والطحاوي في شرح معاني الآثار (3302) والبيهقي في الشعب (3509) وصححه الألباني في تعليقه على صحيح ابن خزيمة (2905) وصححه محققو مسند أحمد (3213)]

މާނައީ: “ޔަހޫދީންނާ ޚިލާފުވާށެވެ. އަދި ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު (އެބަހީ: މުޙައްރަމުމަހުގެ 9ވަނަ ދުވަހާއި 10ވަނަ ދުވަހު) ރޯދަ ހިފާށެވެ.”

މިއީ ފުރަތަމަ ސުރުޚީގައިވާ ޞައްޙަ ޙަދީޘާ އެއްގޮތަށް މުޙައްރަމު މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިފަން ބާރުއަޅާ ބަސްފުޅެކެވެ. އަދި އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާކުރައްވާފައިވާ ބަލިކަށި ޙަދީޘާ ޚިލާފުވާ ބަސްފުޅެކެވެ.

 

 

މުޙައްރަމު މަހުގެ 9، 10، 11 މި ތިން ދުވަހު ރޯދަ ހިފުން

 

މުޙައްރަމު މަހުގެ 9، 10، 11 މި ތިން ދުވަހު ރޯދަ ހިފުމަށް ބާރު އަޅާ ޙަދީޘްއަކީ ޞައްޙަ ޙަދީޘެއް ނޫނެވެ. މިކަން ވާނީ އިސްވެ ދިޔަ ސުރުޚީގެ ދަށުން ބަޔާންވެފައެވެ.

މި ޙަދީޘްގައިވަނީ:

(ضعيف) ((صُومُوا قَبْلَهُ يَوْمًا وَبَعْدَهُ يَوْمًا)) [أخرجه البزار في مسنده برقم: (5238) وابن عدي في الضعفاء (3 / 554)]

މާނައީ: “އެދުވަހުގެ ކުރީ ދުވަހާއި ފަހު ދުވަހުވެސް ރޯދަ ހިފާށެވެ.” އެބަހީ: 10 ވަނަ ދުވަހާއެކު 9 ވަނަ ދުވަހާއި 11 ވަނަ ދުވަހުވެސް ރޯދަ ހިފާށެވެ.

އެހެންކަމުން ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމުގައި އެންމެ މޮޅު އިތުރު ގޮތަކީ މުޙައްރަމު މަހުގެ 9، 10، 11 ގައި ރޯދަ ހިފުމޭ ބުނުމަށް ޖާގައެއް ނުވެއެވެ. ނަމަވެސް ހަނދުބެލުމުގައި އޮޅުމެއް އަރާފާނެކަމުގެ ބިރަށްޓަކައި ނުވަތަ ކަލަންޑަރުގައިވާ ގޮތަށް މުޙައްރަމު މަހުގެ ދުވަސްތަކަށް ބަލައިގެން ރޯދަހިފައިފިނަމަ ޢާޝޫރާދުވަހާ ދިމާނުވެދާނެކަމަށް ބިރުހީވާނަމަ ރައްކާތެރިކަމުގެ ގޮތުން 9، 10، 11 މި ތިން ދުވަހު ރޯދަ ހިފިދާނެއެވެ. [20]

އަދި މުޙައްރަމު މަހަކީ މާތް މައްސަރަކަށް ވެފައި އެ މަހުގައި ވީހާވެސް ގިނައިން ރޯދަ ހިފުމަށް އެދޭ މީހާ، އެ ތިން ދުވަހުގައި އަދި މުޙައްރަމުގެ އެހެނިހެން ދުވަސްތަކުގައިވެސް ރޯދަ ހިފަމުން ދާންވީއެވެ. އެހެނީ އެ މަހަކީ ރޯދަހިފުން ގިނަކުރުމަށް ހިތްވަރުދެވިފައިވާ މަހެކެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

(صحيح) ((أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ)) [ رواه مسلم برقم: ٢٠٢- (١١٦٣)]

މާނައީ: “ރަމަޟާން މަހަށް ފަހު އެންމެ މޮޅު އިތުރުވެގެންވާ ރޯދައަކީ  ﷲ ތަޢާލާގެ ޙުރުމަތްތެރި ވެގެންވާ މުޙައްރަމު މަހުގެ ރޯދައެވެ.”[21]

ފަހެ މުޙައްރަމު މަހުގެ 9 ވަނަ ދުވަހާއި 10ވަނަ ދުވަހު ޚާއްޞަކޮށް ރޯދަ ހިފުމަށް ބާރުއަޅާފައިވާ ފަދައިން، މުޙައްރަމު މަހުގެ 11 ވަނަ ދުވަސް ޚާއްޞަކޮށްގެން ރޯދަ ހިފުން މޮޅު އިތުރު ދުވަހެއްކަމަށް ބަލައިގެން އެ ދުވަހުގައި ރޯދަ ހިފުމަށް ދަލާލަތުކުރާ ޞައްޙަ ޙަދީޘެއް ފެންނާކަށް ނެތެވެ. والله أعلم.

 

 

ޚުލާޞާ:

 

  1. ރަމަޟާން މަހަށް ފަހު އެންމެ މޮޅު އިތުރުވެގެންވާ ރޯދައަކީ މުޙައްރަމު މަހު ހިފާ ރޯދައެވެ.
  2. މުޙައްރަމު މަހުގެ އެންމެ ޚާއްޞަ ރޯދައަކީ ޢާޝޫރާ ދުވަހު (މުޙައްރަމު މަހުގެ 10 ވަނަ ދުވަހު) ހިފާ ރޯދައެވެ. އެ ދުވަހު ރޯދަ ހިފުމުގެ ސަބަބުން ވޭތުވެދިޔަ އަހަރުގެ ފާފަތައް ފުހެވިގެން ދެއެވެ.
  3. ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމުގެ އެންމެ މޮޅު އިތުރު ގޮތަކީ: މުޙައްރަމު މަހުގެ 9ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިފުމެވެ.
  4. ހަމައެކަނި 10ވަނަ ދުވަހު ރޯދަ ހިފުމަކީ މަކުރޫހަކަމެއް ނޫނެވެ.
  5. މުޙައްރަމު މަހުގެ 10 ވަނަ ދުވަހާ އެކު 11 ވަނަ ދުވަހު ރޯދަ ހިފަން ވާރިދުވެފައިވާ ޙަދީޘަކީ ޞައްޙަ ޙަދީޘެއް ނޫނެވެ.
  6. މުޙައްރަމު މަހުގެ 9 ، 10 ، 11 މި ތިން ދުވަހު ރޯދަ ހިފަން ވާރިދުވެފައިވާ ޙަދީޘަކީ ޞައްޙަ ޙަދީޘެއް ނޫނެވެ. ނަމަވެސް ހަނދުބެލުމުގައި އޮޅުމެއް އަރާފާނެކަމުގެ ބިރަށްޓަކައި ނުވަތަ ކަލަންޑަރުގައިވާ ގޮތަށް މުޙައްރަމު މަހުގެ ދުވަސްތަކަށް ބަލައިގެން ރޯދަހިފައިފިނަމަ ޢާޝޫރާދުވަހާ ދިމާނުވެދާނެކަމަށް ބިރުހީވާނަމަ ރައްކާތެރިކަމުގެ ގޮތުން މި ތިން ދުވަހު ރޯދަ ހިފިދާނެއެވެ.

والله أعلم.

وصلى الله وسلم على نبينا محمد وعلى آله وصحبه وسلم.

 


 

[1] ބައްލަވާ: نيل الأوطار للشوكاني (8 / 409).

[2]  ބައްލަވާ: مجموع الفتاوى لابن تيمية (25 / 167).

[3] ބައްލަވާ: مجموع الفتاوى لابن تيمية (25 / 167).

[4] الفتاوى الكبرى لابن تيمية (5 / 378).

[5] تحفة المحتاج في شرح المنهاج لابن حجر الهيتمي (3 / 455).

[6] ބައްލަވާ: زاد المعاد لابن القيم (2 / 72).

[7] ބައްލަވާ: فتاوى اللجنة الدائمة (10 / 401).

[8] التقريب لابن حجر (ص: 493).

[9] التقريب لابن حجر (ص: 199).

[10] ބައްލަވާ: إتحاف الخيرة المهرة للبوصيري (2225).

[11] ބައްލަވާ: مسند أحمد بتحقيق أحمد شاكر (2151).

[12] ބައްލަވާ: مجمع الزوائد للهيثمي ( 3 / 183).

[13] ބައްލަވާ: إتحاف الخيرة المهرة للبوصيري (2225).

[14] ބައްލަވާ: مسند البزار (5232)(5238).

[15] ބައްލަވާ: نيل الأوطار للشوكاني (4 / 289).

[16] ބައްލަވާ: ضعيف الجامع الصغير للألباني (3506) وصحيح ابن خزيمة مع تعليقات الشيخ الألباني (2095).

[17] ބައްލަވާ: منحة العلام لعبدالله الفوزان (5 / 81 – 82).

[18] ބައްލަވާ: صحيح ابن خزيمة مع تحقيق ماهر الفحل (2095).

[19] ބައްލަވާ: مسند أحمد طبعة الرسالة (2154).

[20]  ބައްލަވާ: مجموع فتاوى لابن باز (15 – 397 – 398)

[21]  މުޙައްރަމުމަހުގެ މާތްކަން