އެކަލޭގެފާނަށް ދިމާވި އިމްތިޙާނުތަކުގެ ތެރެއިން… –رحمه الله–
عبيد الله بن عمروގެ އަރިހުން ރިވާވެގެންވެއެވެ.
“އަބޫ ޙަނީފާ ޤާޟީ އެއްގެ ގޮތުގައި ހަމަޖެއްސުމަށް ابن هبيرة ނިންމެވުމުން އެކަލޭގެފާނު އެކަމާ ދެކޮޅުހެއްދެވިއެވެ. އެހެންކަމުން އޭނާ އެކަލޭގެފާނުގެ ގައިގައި ޗާބޫކުން ސަތޭކަ ދިހަ އެތިފަހަރު ޖެހިއެވެ. ابن هبيرةއަކީ ބަނޫ އުމައްޔާގެ ޒަމާނުގައި މަރުވާނުގެ ފަރާތުން ޢިރާޤުގައި ގަވަރުނަރެވެ. “[1]
يحيى بن عبد الحميد އެކަލޭގެފާނުގެ ބައްޕަގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“އަބޫ ޙަނީފާ އެކަލޭގެފާނުގެ ގެއިން ނުކުންނަ ކޮންމެ ދުވަހަކު (ނުވަތަ ވިދާޅުވީ: ބައެއްދުވަސް ދުވަހު) އެކަލޭގެފާނު ޤާޟީއަކަށް ވުމަށް މަޖުބޫރުކުރުމަށްޓަކައި ޗާބޫކުން ތަޅައެވެ. އެހެންނަމަވެސް އެކަލޭގެފާނު އެކަމާ ދެކޮޅުހެއްދެވިއެވެ. އަދި ބައެއް ދުވަސްދުވަހު އެކަލޭގެފާނު އެކަމާ ކީރިތި ކުއައްވާކަމުގައި ވިއެވެ. ދެންފަހެ އެމީހުން އެކަލޭގެފާނު ދޫކޮށްލުމުން ތިމަންކަލޭގެފާނުގެ އަރިހުގައި ވިދާޅުވިއެވެ. “ތިމަންކަލޭގެފާނުގެ މަންމާފުޅު ހިތާމަކުރެއްވުން، ޗާބޫކުން ތެޅުމަށްވުރެ ތިމަންކަލޭގެފާނުގެ މައްޗަށް ބުރައެވެ.” “[2]
بشر بن الوليدގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
” އަބޫ ޙަނީފާ ޤާޟީއަކަށް ހެދުމަށް މަންޞޫރު ބޭނުންވުނުން އަބޫ ޙަނީފާގެ އަރިހުގައި ޤާޟީއަކަށް ވުމަށް އެދުނެވެ. އަދި އަބޫ ޙަނީފާ ޤާޟީއަކަށް ވާނެކަމަށް މަންޞޫރު ހުވާކުރިއެވެ. ދެންފަހެ އަބޫ ޙަނީފާ އެކަމާ ދެކޮޅުހައްދެވިއެވެ. އަދި ޤާޟީއަކަށް ނުވާނެކަމަށް ހުވާކުރެއްވިއެވެ. ربيع الحاجب ބުނެފިއެވެ. “އަމީރުލް މުއުމިނީން ހުވާކުރައްވާތަން ދެކޭހާލު ކަލޭވެސް ހުވާކުރަނީ ހެއްޔެވެ؟” ދެންފަހެ އަބޫ ޙަނީފާ ޖަވާބުގައި ވިދާޅުވިއެވެ. ހުވާގެ ކައްފާރާދިނުމަށް ތިމަންކަލޭގެފާނަށްވުރެ ބޮޑަށް އޭނާއަށް ކުޅަދާނަކަން ލިބިގެންވެއެވެ. ދެންފަހެ އަބޫ ޙަނީފާ ޖަލަށްލުމަށް އޭނާ އަމުރުކުރިއެވެ. އަބޫ ހަނީފާ އަވަހާރަވީ އެޖަލުގައި، ބަޣުދާދުގައެވެ.”[3]
مغيث بن بديل ވިދާޅުވިއެވެ.
” އަބޫ ޙަނީފާ ޤާޟީއަކަށް ވުމަށް މަންޞޫރު އެދުނެވެ. ދެން އެކަލޭގެފާނު އެކަމުން މަނާވެގަތެވެ. ދެންފަހެ މަންޞޫރު ބުނެފިއެވެ. “އަހަރެމެން އެގޮތެއްގެ މަތީގައި ތިބިގޮތަށް ކަލޭ މޫނު އަނބުރާލަނީ ހެއްޔެވެ؟” ދެން އަބޫ ޙަނީފާ ވިދާޅުވިއެވެ. “ތިމަންކަލޭގެފާނަކީ އެކަމަށް އެކަށީގެންވާ ބޭފުޅެއް ނޫނެވެ.” މަންޞޫރު ބުނިއެވެ. “ކަލޭ ދޮގުހަދައިފިިއެވެ.” ދެން އަބޫ ޙަނީފާ ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު ހެއްދެވީ ދޮގެއްނަމަ އަމީރުލް މުއުމިނީން ތިމަންކަލޭގެފާނު އެކަމަށް އެކަށީގެން ނުވާކަމަށް ޙުކުމް ކޮށްފިއެވެ. އަދި ތިމަންކަލޭގެފާނު ހެއްދެވީ ތެދެއްނަމަ ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ޚަބަރު ކުރަމެވެ. ތިމަންކަލޭގެފާނު އެކަމަށް އެކަށީގެންނެއް ނުވެއެވެ.” ދެން އެކަލޭގެފާނު ހައްޔަރުކޮށް ޖަލައްލިއެވެ.”[4]
الفقيه أبو عبد الله الصيمري ވިދާޅުވިއެވެ.
“އެކަލޭގެފާނު ޤާޟީކަން ޤަބޫލެއްނުކުރައްވައެވެ. ފަހެ އެކަލޭގެފާނުގެ ގައިގައި ތަޅާ ޖަލައްލާ ހެދިއެވެ. އަދި އެކަލޭގެފާނު އަވަހާރަވެފައިވަނީ ޖަލުގައެވެ.”[5]
________________________________________________
[1] تاريخ البغداد (13/326)
[2] تاريخ البغداد (13/327)
[3] سير أعلام النبلاء (6/401)
[4] سير أعلام النبلاء (6/402)
[5]سير أعلام النبلاء (6/402)
-ނުނިމޭ-