الحمد لله رب العالمين. الصلاة والسلام على أشرف الأنبياء و المرسلين. أما بعد.
ދެން ފަހެ އެންމެ ތެދުހައްދަވާ، އެބޭކަލެއްގެ ބަސް ތެދުކުރެއްވިފައިވާ އެބޭކަލެއްގެ ބަސްފުޅުތަކަކީ ﷲގެ ވަޙީބަސްފުޅުކަމުގައި އެންގެވިފައިވާ ކަލޭގެފާނުން ވަނީ މިޔުޒިކްް އާލާތްތައް ހުއްދަކުރާނެ ބަޔަކު ނުވަތަ އެއީ ހުއްދަކަމެއްފަދައިން ބޭނުންްކުރާނެ ބަޔަކު އަންނާނެ ކަމުގެ ޚަބަރުދެއްވާ އުއްމަތަށް އިންޒާރުދެއްވާފައެވެ. ފަހެ އެއިންޒާރު ލިބިގަތީ ކިތައްމީހުންތޯއެވެ؟
އެނުބައި ފާޙިޝް ފާސިދު ފާސިޤުންގެ އެޢަމަލަކީ އެކަމުގެ ޙަލާލް ޙަރާމްކަމާމެދު، މިއުއްމަތުގެ އެއްވެސް ޢިލްމުވެރިޔަކު ޚިލާފު އުފައްދާފައިވާ މައްސަލައެއްތޯއެވެ؟ އެޚިލާފަކީ އެއްވެސް ބުރަދަނެއް ހުރި އޮއްޓަރެއްހުރި ޚިލާފެއްތޯއެވެ؟ ޚިލާފެއް އުފެދުނު ނަމަ އެއީ ކޮންސަބަބައެއްގެ ސަބަބުން އުފެދުނު ޚިލާފެއްތޯއެވެ؟ ނުވަތަ އެކަމާއި މެދު ޙަރާމްކަމަށް އެއްބަސްވެ ވަޑައިގެންފައިވަނީ ކިތައްބޭކަލުންތޯއެވެ؟ އެބޭކަލުންގެ ދަލީލުތަކަކީ ކޮބައިތޯއެވެ؟
އަދިވެސް މިމައްސަލާގައި ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްތަކަށް ބަލާލުމަށްޓަކައި ތިޔަބޭފުޅުންނަށް ދިވެހިބަހަށް ނަޤުލުކޮށް މިހުށައަޅާލަނީ ނަޖުދުގެ ޙަދީޘް ޢިލްމުވެރިޔެއްކަމަށް އައްޝައިޚު ޢަބްދުލްޢަޒީޒް ބިން މަރްޒޫޤު އައްޠަރީފީ ޙަފިޡަހުﷲ، ލަވަޔާއި މިޔުޒިކުގެ ޙުކުމާއި ބެހޭގޮތުން، އެކަމުގެ ޚިލާފުއޮތްކަމަށް ބުނާމީހުންނަށް ރައްދުދެއްވައި ޢިލްމީ ގޮތުން ލިޔުއްވާފައިވާ ކުރު ރިސާލާއެކެވެ. މިހުރިހާ ސުވާލުތަކެއްގެ ޖަވާބު ހޯއްދެވުމަށް ކުރިޔަށް ވަޑައިގަންނަވާށެވެ.
و الله الموفق، و صلى الله وسلم على سيدنا محمد و آله و صحبه و سلم.
مترجم: – أبو عبد الله عبد الرحيم المدني. –
އައްޝައިޚު ޢަބްދުލްޢަޒީޒު ބިން މަރްޒޫޤު އައްޠަރީފީ ޙަފިޡަހުﷲ ބަޔާންކުރައްވައެވެ.
” ލަވަޔާއި މިޔުޒިކުގެ ޙުކުމް.
الحمد لله رب العالمين. و صلى الله وسلم وبارك علي نبينا محمد، و على آله و أصحابه و من تبعهم بإحسان إلى يوم الدين، أما بعد:
ފަހެ ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާ އުފައްދާފަވާފައިވަނީ އެންމެ ރިވެތި ސިފައިގައެވެ. އަދި އިންސާނާއަށް އިވުމާއި ފެނުން ދެއްވިއެވެ. އަދި އޭނާއަށް ހިތްދެއްވިއެވެ. އަދި އެއިން ކޮންމެ އެއްޗަކީ ޤިޔާމަތްދުވަހު ސުވާލުވެވޭވެ އެއްޗެއްކަމުގައި ލެއްވިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އުފެއްދެވުމަށް ބަލައި ނަޒަރު ހިންގައި ފިކުރުކޮށްފިމީހަކަށް، އެއިލާހު ޢައްޒަވަޖައްލަގެ އުފެއްދެވުމުގެ މަތިވެރިކަން ފެނިގެން ދާނެއެވެ. އެއިލާހު އުފައްދަވައި ޚަލްޤުކުރައްވާފައިވާލެއް ރިވެތިކަމާއި އީޖާދުކުރައްވާފައިވާލެއް ފުރިހަމަކަން ފެނިގެންދާނެއެވެ.
އެހެންކަމުން ﷲ ޢައްޒަ ވަޖައްލަ ވަޙީކުރައްވާފައިވެއެވެ. (وَفِي أَنفُسِكُمْ، أَفَلَا تُبْصِرُونَ)(الذاريات: 21).
މާނައިގެ ތަރުޖަމާއީ: “އަދި ތިޔަބައިމީހުންގެ ނަފުސުތަކުގައިވެސްމެއެވެ. ތިޔަބައިމީހުން ބަލައިނުއުޅެނީ ހެއްޔެވެ؟”
އިވުމާއި ފެނުމަކީ އިންސާނާއަށް އެޙިއްޞުތަކެއްގެ މައްޗަށް އުފެއްދެވިފައިވާ އެންމެ މަތިވެރި ދެޙިއްސެވެ. އަދި އިންސާނާގެ މައްޗަށްވާ އެންމެ މަތިވެރި ނިޢުމަތެވެ. އެއިލާހުގެ މަތިވެރި ފޮތުގައި އެއިލާހު ވަޙީކުރައްވާފައިވެއެވެ. (إِنَّا خَلَقْنَا الْإِنسَانَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا) (الإنسان:2)
މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު، އިންސާނާ (އަންހެނުންނާއި ފިރިހެނުންގެ ކިބައިން ވާ) އެއްކުރެއްވިފައިވާ ދިޔަތިއްކަކުން އުފެއްދެވީމެވެ. އެއީ އޭނާ އިމްތިޙާންކުރެއްވުމަށްޓަކައެވެ. ފަހެ ތިމަންއިލާހު އެއިންސާނާ އަކީ އަޑުއިވޭ ފެންނަ މީހެއްކަމުގައި ލެއްވީމެވެ.”
މިއާޔަތަށް މީހަކު ބަލައި ވިސްނައިފިނަމަ އެތައްމާނަތަކެއް ފެނިގެންދާނެއެވެ. އެގޮތުން ފެނުމުގެ މައްޗަށް އިވުން އިސްކުރައްވާފައިވާ މަތިވެރިކަން ހިމެނެއެވެ. އަދި ހަމަކަށަވަރުން އިންސާނާއަށް ﷲގެ ދީނާއި އަދި ޝަރީޢަތް ދެނެގަތުމަށް ބޭނުންކުރާ އެންމެ މަތިވެރި ނިޢުމަތެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ފޮތުގައި 19 ތަނެއްގައި (السَّمْعُ و البَصَرُ) ‘އިވުމާއި ފެނުން” ގެންނަވާފައިވެއެވެ.
އަދި (السَّمْعُ) އިވުން (البَصَرُ) ފެނުމުގެ މައްޗަށް 17 ތަނެއްގައި އިސްކުރައްވާފައިވެއެވެ. މިކަމުން އިވުމުގެ (އަޑުއެހުމުގެ) މަޤާމް އަދި އިވުމުގެ މަތިވެރިކަމާއި، އަދި އިންސާނާއަށް ދެއްވިފައވާ އެހެނިހެން ނިޢުމަތްތަކާ ބަލާއިރު އެނިޢުމަތުގެ މާތްކަން މަތިވެރިކަން ދަލީލުކޮށްދެއެވެ. ބޭސްވެރިކަމުގެ ޢިލްމުވެރިން (ޑޮކްޓަރުން) ހާމަކުރައްވާގޮތުގައި ފެނުން އުފެދުމުގެ ކުރިން އިވުން އެއްކޮށް އުފެދި ފުރިހަމަވެއެވެ. މިކަމުން ފެނުމަށްވުރެ ކުރިން އަޑުއިވުން އިސްވުމުގައި މަތިވެރިވެގެންވާ ޙިކުމަތެއްވާކަން ދައްކައިދެއެވެ. އެހެންކަމުން އިންސާނާ އޭނާގެ އިވުމާއި އެކު ޖުމްލަގޮތެއްގައި މުކައްލަފަކަށް (ތަކުލީފު ލިބިގެންވާ) މީހަކަށް ވެއެވެ. އަދި އޭނާގެ ބުއްދިއަށާއި ހިތަށް ޝަރުޢީ ޙުކުމްތަކާއި ތަކުލީފުތައް ނަގައިގަނެއެވެ.
ލޯފަން މީހުންނަކީ އޭނާގެ ދީނުގައި އެންމެ ދަތިއުނދަގޫތައް ކުޑަ ނަމަވެސް އޭނާގެ ދުނިޔަވީ ކަންކަމުގައި އެންމެ ދަތި އުނދަގޫޖެހިފައިވާ މީސްތަކުންނެވެ. އަދި ޙިއްޞަށް ޖެހިފައިވާ ދަތިއުނދަގުލުގެ ސަބަބުން އެންމެ ރަނގަޅަށް ޖަޒާ ދެއްވޭ މީސްތަކުންނެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އިވުން ގެއްލިއްޖެމީހަކީ(ނީވޭ މީހާއަކީ) ދުނިޔަވީ ކަންކަމުގައި އެންމެ ދަތިއުނދަގޫތައް މަދު މީހެއްކަމުގައިވެއެވެ. އަދި ދީނީގޮތުންވެސް އެންމެ ފައިދާލިބޭލެއް ކުޑަމީހެއްކަމުގައި އޭނާވެއެވެ. ސަބަބަކީ އޭނާގެ އިވުމުން ޝަރުޢުކުރެއްވިފައިވާ ކަންކަން ފަހުމްވެ ދެނެގަނެވޭނެއެވެ. އަދި އެމީހަކު ފުރިހަމަ އަދި ތަކުލީފު ލިބިގެންވާ މީހެއްކަމުގައި ވާނެއެވެ. އެހެންކަމުންް އިވުން ވެފައިވަނީ އިންސާނާގެ ޖިސްމާނީގޮތުން ޙަމްދުލިބެނިވި މަޤާމެއްގައި ވާ ކަމަކަށެވެ. ފަހެ އިންސާނާއަށްވަނީ ހެޔޮވެގެންވާ އަޑެއްގެ ނިޢުމަތްދެއްވިފައެވެ. އަދި އޭނާއަށް އަޑުއިވުމުން ހިތްހަމަ ޖެހޭ އެކަމުން ނިޢުމަތްލިބެނިވި އަޑުއެހުން ދެއްވިގެންވެއެވެ. ﷲ ވަޙީކުރެއްވިއެވެ.
(الْحَمْدُ لِلَّـهِ فَاطِرِ السَّمَاوَاتِ وَالْأَرْضِ جَاعِلِ الْمَلَائِكَةِ رُسُلًا أُولِي أَجْنِحَةٍ مَّثْنَىٰ وَثُلَاثَ وَرُبَاعَ ، يَزِيدُ فِي الْخَلْقِ مَا يَشَاءُ)(فاطر:1)
މާނައީ: “އެންމެ ފުރިހަމަވެގެންވާ ޙަމްދާއި ޘަނާ ވަނީ ﷲއަށެވެ. އެއިލާހަކީ އުޑުތަކާއި ބިން (އެއްވެސް މިޘާލެއްނެތި އަލަށް) ޢީޖާދުކުރެއްވި(އުފެއްދެވި) އިލާހެވެ. އަދި ދޭކުން އަދި ތިނަކުން އަދި ހަތަރަކުން ފިިޔަފުޅުތައް ދެއްވިގެންވާ މަލާއިކަތްބޭކަލުން ރަސޫލުންގެ ގޮތުގައި(ކަންކަން ޙަވާލުކުރެއްވެވިފައިވާ) ބޭކަލުންގެ ގޮތުގައި ލެއްވެވި އިލާހެވެ. އެއިލާހު، އެއިލާހުގެ އުފެއްދެވުމުގައި އެއިލާހު ބޭނުންވެވޮޑިގަންނަވާ ބީދަޔަތަކުން އިތުރުކުރައްވައެވެ.”
ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިވަހީބަސްފުޅުގައި (يَزِيدُ فِي الْخَلْقِ مَا يَشَاءُ)(*)، އިބުނު ޖަރީރު އައްޠަބަރީ ރަޙިމަހުﷲ އެކަލޭގެފާނުގެ ތަފުސީރުގައި ވިދާޅުވެފައިވެއެވެ. “ހަމަކަށަވަރުން (އެބަހުގެ މުރާދަކީ) ރިވެތިވެގެންވާ އަޑެވެ. އެއީ އެއަޑަކުން އިންސާނުންނަށް ލައްޒަތް ލިބޭ(އުފާވެރިކަން ލިބޭ) ރިވެތިވެގެންވާ ބުނުމެވެ.(ބަހެވެ)”
ނުނިމޭ.
*( މާނައީ: އެއިލާހު، އެއިލާހުގެ އުފެއްދެވުމުގައި އެއިލާހު ބޭނުންވެވޮޑިގަންނަވާ ބީދަޔަތަކުން އިތުރުކުރައްވައެވެ)
(حكم الغناء ލަވަޔާއި މިޔުޒިކު މިގޮތަށް ތަރުޖަމާ ކުރެވުނު ގޮތުގެ މައްޗަށް މަދުޚަލެއް ވަނީ އެކުލަވާލެވިފައެވެ. ފޮތް ނިމުމުން ފޮތުގެ މުޤައްދިމާއަށް މިބައި އިތުރުކުރެވޭނެއެވެ)