أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ﴿1﴾ فَذَلِكَ الَّذِي يَدُعُّ الْيَتِيمَ ﴿2﴾ وَلَا يَحُضُّ عَلَى طَعَامِ الْمِسْكِينِ ﴿3﴾ فَوَيْلٌ لِّلْمُصَلِّينَ ﴿4﴾الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ﴿5﴾الَّذِينَ هُمْ يُرَاؤُونَ ﴿6﴾وَيَمْنَعُونَ الْمَاعُونَ ﴿7﴾
ސޫރަތުގެ މާނަ:
“(ޤިޔާމަތް ދުވަހުން) ޖަޒާދެއްވާނޭކަން ދޮގުކުރާމީހާ ކަލޭގެފާނު ދެނެވަޑައިގަންނަވަމުތޯއެވެ. (1) ފަހެ، އެއީ ޔަތީމު ކުއްޖާ ކޮއްޕައި ދުރަށްލާ މީހާއެވެ. (2) އަދި މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް ބާރުނާޅާ މީހާއެވެ. (3) ފަހެ، އެއުރެންގެ ނަމާދާމެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. (4،5) އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ. (6) އަދި ހިފައިގެންގުޅޭ ތަކެތި މީހުންނަށްނުދީ، މަނާކުރާ މީހުންނެވެ. (7)”
އަލްޢައްލާމާ އަލްފަޤީހު އިބުނު ޢުޘައިމީން رحمه الله މަތީގައި ބަޔާންވެފައިވާ ސޫރަތުގެ ތަފުސީރުގައި ބަޔާންކުރައްވައެވެ.
ބިސްމިނުގެ ތަފްސީރު އިސްވެ ހިނގައްޖެއެވެ.
ﷲ ތަބާރަކަ ވަތަޢާލާ ވަޙީކުރައްވަނީ:
﴿أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ﴾
“(ޤިޔާމަތް ދުވަހުން) ޖަޒާދެއްވާނޭކަން ދޮގުކުރާމީހާ ކަލޭގެފާނު ދެނެވަޑައިގަންނަވަމުތޯއެވެ.”
މިތަނުގައި މުޚާޠަބު ކުރައްވާފައި މިވަނީﷲ ރަސޫލާ صلى الله عليه وسلم އާ ހެއްޔެވެ؟ އެހެނީ ކީރިތި ޤުރުއާން ބާއްވާލެއްވުނީ އެކަލޭގެފާނުގެ މައްޗަށެވެ. ނުވަތަ އެއީ ޢާންމުވާނޭހެން އެބަސްފުޅު ރައްދުކުރެވޭ ކޮންމެ ފަރާތަކަށް ހެއްޔެވެ؟ މިފަދަ ޙާލަތެއްގައި ޚިޠާބު ޢާންމުކުރުން އައުލާވެގެންވެއެވެ. އެހެންކަމުން އަޅުގަނޑު ދަންނަވާނީ: ﴿أَرَأَيْتَ الَّذِي﴾ މިއީ އެބަސްފުޅު ރައްދުކުރެވޭ ކޮންމެ ފަރާތަކަށް މުޚާޠަބު ކުރެވޭ ބަސްފުޅެކެވެ.
﴿أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ﴾
މާނައީ:”(ޤިޔާމަތް ދުވަހުން) ޖަޒާދެއްވާނޭކަން ދޮގުކުރާމީހާ ކަލޭގެފާނު ދެނެވަޑައިގަންނަވަމުތޯއެވެ.”
އެބަހީ: ޖަޒާދެއްވުމާއި މެދުއެވެ. އަދި އެބައިމީހުންނަކީ އަލުން ދިރުއްވޭނޭ ކަމާއިމެދު ދެކޮޅުހަދާ މީހުންވެސްމެއެވެ. އަދި އެބައިމީހުން ބުނެތެވެ.
﴿أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَئِنَّا لَمَبْعُوثُونَ . أَوَآَبَاؤُنَا الْأَوَّلُونَ﴾ [الصافات: 16، 17]
މާނައީ: “ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، ހަމަކަށަވަރުން، ތިމަންމެންނަކީ، އަލުން ދިރުއްވޭނޭ ބަޔަކު ހެއްޔެވެ! [16] އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ! [17]”
އަދި އެބައިމީހުންގެ ތެރެއިން ބުނާމީހަކު ބުނާނެތެވެ.
﴿مَنْ يُحْيِي الْعِظَامَ وَهِيَ رَمِيمٌ﴾ [يس: 78]
މާނައީ: “ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް، އެތަކެތި ދިރުއްވާނީ ކާކު ހެއްޔެވެ!”
އެބައިމީހުންނަކީ ޤިޔާމަތް ދުވަސް، އެބަހީ: ޖަޒާދެވޭނެކަން ދޮގުކުރާމީހުންނެވެ.
﴿فَذَلِكَ الَّذِي يَدُعُّ الْيَتِيمَ . وَلَا يَحُضُّ عَلَى طَعَامِ الْمِسْكِينِ﴾
މާނައީ: ” ފަހެ، އެއީ ޔަތީމު ކުއްޖާ ކޮއްޕައި ދުރަށްލާ މީހާއެވެ. (2) އަދި މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް ބާރުނާޅާ މީހާއެވެ. (3)”
ފަހެ މިތަނުގައި ދެކަމެއް ޖަމާކޮށްފައިވެއެވެ.
ފުރަތަމަ ކަމަކީ: ރަޙުމަށް ބޭނުން ޖެހިފައިވާ ޔަތީމު ކުދީންނަށް ރަޙުމް ނުކުރުމެވެ. އެހެނީ ޔަތީމުކުދީންނަކީ ބާލިޣުވުމުގެ ކުރިން އެކުދީންގެ ބައްޕައިން މަރުވެފައިވާ ކުދީންނެވެ. އަދި އެކުދީންނަކީ ލޯތްބާއި އަޅާލުމަށް ބޭނުންޖެހިފައިވާ ކުދީންނެވެ. އެހެނީ އެކުދީންވަނީ އެކުދީންގެ ބައްޕައިން ގެއްލި އެކުދީންގެ ހިތްތައް ހަލާކުވެ، އެ ހިތްތަކަށް ޝިފާދޭނޭ މީހަކަށް ބޭނުންވެފައެވެ. އެހެންކަމުން ޤުރުއާނާއި ސުންނަތުގައި ޔަތީމުކުދީންނަށް އިޙްސާންތެރިވުމުގެ މާތްކަމާއިބެހޭގޮތުން އެތައް ނައްޞުތަކެއް އައިސްފައިވެއެވެ. އެހެނެއްކަމަކު މިއިންސާނާ – ﷲ ތަޢާލާ އަޅަމެން މިފަދަ ބައެއްކަމުގައި ނުލައްވާށިއެވެ – ﴿يَدُعُّ الْيَتِيمَ﴾ އަނިޔާވެރިކަމާއިއެކު (ޔަތީމުކުއްޖާ) ދުރައްލައެވެ. އެހެނީ “الدع” ގެ މާނައަކީ އަނިޔާވެރިކަމާއިއެކު ދުރައްލުމެވެ ނުވަތަ ކޮއްޕާކުރިޔަށްލުމެވެ. އެއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވާފަދައިންނެވެ.
﴿يَوْمَ يُدَعُّونَ إِلَى نَارِ جَهَنَّمَ دَعًّا﴾ [الصور: 13]
މާނައީ: “އެދުވަހު ނަރަކައިގެ އަލިފާނުގެ ތެރެޔަށް އެއުރެން ކޮއްޕައި ވައްޓައިލައްވާނެތެވެ.”
އެބަހީ: ބާރަށް ވަރުގަދަޔަށް ކޮއްޕާލުމެވެ. އެހެންކަމުން އެފަދަމީހެއްކައިރިއަށް ޔަތީމަކު ކަމަކަށް އެދިގެން އަތުވެއްޖެނަމަ، ނުވަތަ ކަމަކާއިމެދު ވާހަކަދައްކައިފިނަމަ އެމީހަކު ނިކަމެތިކޮއްލާ، ރަޙުމެއްނުކޮށް ގަދަކަމުން ދުރައްލާތަން ފެންނާނެއެވެ.
ދެވަނަ ކަމަކީ: އެހެންމީހުންނަށް ރަޙުމްކުރުމަށް ބާރުނޭޅުމެވެ. ﴿وَلَا يَحُضُّ عَلَى طَعَامِ الْمِسْكِينِ﴾ މިސްކީނަކީ ކާނޭއެއްޗަކަށް ބޭނުންޖެހިފައިވާ ފަޤީރު މީހާއެވެ. މިމީހަކު އެފަދަ މިސްކީނުންނަށް ކާންދިނުމަށް ބާރު ނާޅައެވެ. އެހެނީ އޭނާގެ ހިތް ހަރެވެ. އެފަދަ މީހުންގެ ހިތްތައް ގާތަކެއްފަދައެވެ. ނުވަތަ އެއަށްވުރެ ހަރެވެ. އެހެންކަމުން އެމީހެއްގެ ހިތުގައި ޔަތީމުންނަކަށްވެސް އަދި މިސްކީނުންނަކަށްވެސް ރަހުމެއްނުވެއެވެ. އެމީހަކީ ހަރުހިތެއްގެ ވެރިއެކެވެ.
=ނުނިމޭ=
________________________________________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه اللهލިޔުއްވާފައިވާ سورة الماعونގެ ތަފްސީރުގެ ތަރުޖަމާއެވެ.