[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الماعون ގެ ތަފްސީރު – 2

ދެން ﷲ عز وجل ވަޙީކުރައްވަނީ:

﴿ فَوَيْلٌ لِّلْمُصَلِّينَ﴾

މާނައީ: “ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ.”

“ويل” މިއީ ވަޢީދުގެ ކަލިމައެކެވެ. މި ކަލިމަ ޤުރުއާނުގައި ގިނައިން ތަކުރާރުވެގެން އައިސްފައިވެއެވެ. މީގެ މާނައަކީ އެބައިމީހުންނަށްވާ ވަރުގަދަ ވަޢީދެވެ.

﴿الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ﴾ 

މާނައީ: “ފަހެ، އެއުރެންނީ ނަމާދާމެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނެވެ.”

އެބައިމީހުންނަކީ މީސްތަކުންނާއިއެކު ނުވަތަ އެކަނި ނަމާދުކުރާމީހުންނެވެ. އެހެނެއްކަމަކު އެބައިމީހުންވަނީ ﴿عَن صَلَاتِهِمْ سَاهُونَ﴾ 

އެބަހީ: އެއާމެދު ޣާފިލުވެގެންނެވެ. އެކުރަން އޮންނަގޮތަށް ޤާއިމު ނުކުރާމީހުންނެވެ. ކުރަންއޮންނަ އެންމެ ރަނގަޅު ވަގުތުން އެފަސްކުރާމީހުންނެވެ. ނަމާދުގެ ރުކޫއާއި، ސަޖިދައާއި، ޤިޔާމް އަދި އިށީނުން ޤާއިމު ނުކުރާމީހުންނެވެ. އަދި ނަމާދުގައި ކިޔަންޖެހޭ ޤުރުއާނާއި ޛިކުރު ނުކިޔާމީހުންނެވެ. ނަމާދުކުރަން ފަށައިފިކަމަށްވާނަމަ އެމީހަކު ޣާފިލުވެއެވެ. އޭނާގެ ހިތް ކަނާއަތަށާއި ވާއަތަށް ދަތުރުކުރެއެވެ. އެހެނީ އޭނާއަކީ ނަމާދާއިމެދު ޣާފިލުވެފައިވާ މީހެކެވެ. މިއީ ބަދުބަސް ލިބިގެންވާކަމެކެވެ. އެމީހެއްގެ ނަމާދާއިމެދު ޣާފިލުވެ، އެއާއިމެދު ފަރުވާކުޑަކުރާމީހާއަކީ ޝައްކެއްވެސް ނެތްގޮތުގައި ބަދުބަސް ރައްދުވެގެންވާ މީހެކެވެ. އެހެނެއްކަމަކު މީހަކަށް އޭނާގެ ނަމާދުގައި ކުށެއްކުރެވުމަކީ ބަދުބަސްލިބޭނޭ ކަމެއްނޫނެވެ. ދެކަމުގައިވާ ފަރަޤަކީ ނަމާދުގައި ކުށެއްކުރެވުމަކީ އޭނާއަށް ކަމެއް ހަނދާންނެތުމެވެ. ރަކުޢަތުގެ ޢަދަދު ހަނދާންނެތުމެވެ. ވާޖިބެއް ހަނދާން ނެތުމެވެ. ނުވަތަ އެފަދަ ކަމެއް ވުމެވެ. ރަސޫލު ﷲ صلى الله عليه وسلم އަށްވެސް ނަމާދުގައި ކުށްކުރެވުނެވެ. އެކަލޭގެފާނަކީ މީސްތަކުންގެ ތެރެއިން ނަމާދަށް އެންމެ ފަރުވާ ބަހައްޓަވާ އިންސާނާއެވެ. އަދިކިއެއްހެއްޔެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((جُعِلَتْ قُرَّةُ عَيْنِي فِي الصَّلَاةِ)) [سنن النسائي 3940]

މާނައީ:”ތިމަންކަލޭގެފާނުގެ ލޮލުގެ ފިނިކަން ލެއްވިފައިވަނީ ނަމާދުގައެވެ.”

މިއާއެކުވެސް އެކަލޭގެފާނު ނަމާދުގައި ކުށްކުރެވުނެވެ. އެހެނީ ކަމެއްގައި ކުށްކުރެވުމަކީ މަލާމާތްރައްދުނުވާފަދަ ގޮތަކަށް ކަމެއް ހަނދާންނެތުމެވެ. އެހެނެއްކަމަކު އެމީހެއްގެ ނަމާދާއިމެދު ޣާފިލުވާމީހަކީ ގަސްދުގައި ކަންފަސޭހަކޮއްލާމީހާއެވެ. ނަމާދަށް ޣާފިލުވާމީހުންގެ ތެރެއިން ޖަމާޢަތް ދޫކޮއްލާމީހުން ހިމެނެއެވެ. އެހެނީ ޝައްކެއްވެސްނެތްގޮތުގައި އެބައިމީހުންވަނީ އެބައިމީހުންގެ ނަމާދާއިމެދު ޣާފިލުވެފައެވެ.  އެހެންކަމުން މި ވަޢީދުގެ ބަސްފުޅުގެތެރެއަށް އެބައިމީހުންވަދެއެވެ. ﴿فَوَيْلٌ لِّلْمُصَلِّينَ . الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ﴾

=ނުނިމޭ=

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه اللهލިޔުއްވާފައިވާ سورة الماعونގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެންބައިތައް