الحمد لله وحده والصلاة والسلام على من لا نبي بعده وعلى آله وصحبه ومن تبعه. وبعد:
އަދި ކުންޔާއަކީ، ތިމާއަށް ލިބިފައިވާ ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިއަށް ނިސްބަތްކޮށް ކިޔާފައިވާ ކުންޔާއަކަށްވުންވެސް ލާޒިމެއްނޫނެވެ. އެހެންނަމަވެސް އެންމެ ރަނގަޅު ގޮތަކީ، އެންމެ ދޮށީ ދަރިއަށް ނިސްބަތްކޮށް ކުންޔާކިއުމެވެ. ހާނީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު، އެކަލޭގެފާނުގެ ޤައުމުގެ ވަފްދަކާއިގެން ރަސޫލުﷲ صلى الله عليه وسلمގެ އަރިހަށް ވަޑައިގަތެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނަށް އަބުލްޙަކަމް ގެ ނަމުން ކުންޔާދީ، އެނަމުން އެކަލޭގެފާނަށް ގޮވާއަޑު ރަސޫލުﷲ صلى الله عليه وسلمއަށް އިވިވަޑައިގަތެވެ. ދެންފަހެ ރަސޫލުﷲ صلى الله عليه وسلم އެކަލޭގެފާނަށް ގޮވާލެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ.
(( إِنَّ اللَّهَ هُوَ الْحَكَمُ وَإِلَيْهِ الْحُكْمُ فَلِمَ تُكْنَى أَبَا الْحَكَمِ ؟))
މާނައި: “ހަމަކަށަވަރުން ﷲއީ އަލްޙަކަމްއެވެ. އަދި ޙުކުމް ކުރުންވަނީ އެއިލާހަށެވެ. ފަހެ ކަލޭގެފާނަށް އަބުލްޙަކަމްގެ ނަމުން ކުންޔާ ކިޔެނީ ކީއްވެގެން ހެއްޔެވެ؟” ދެން އެކަލޭގެފާނު ދެންނެވިއެވެ. “ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ޤައުމުގެ މީހުންގެ މެދުގައި ކަމަކާމެދު ޚިޔާލު ތަފާތުވެއްޖެނަމަ އެބައިމީހުން ތިމަންކަލޭގެފާނުގެ ގާތަށް އާދެއެވެ. ދެންފަހެ ތިމަންކަލޭގެފާނު އެބައިމީހުންގެ މެދުގައި ޙުކުމް ކުރައްވަމެވެ. ދެން ޚިލާފު އުފެދުނު ދެބައިމީހުންވެސް ތިމަންކަލޭގެފާނު ޙުކުމް ކުރައްވާ ގޮތާމެދު ރުހެއެވެ.” ދެން ފަހެ ރަސޫލުﷲ صلى الله عليه وسلم ޢަޖައިބުވެލައްވައިފައި ޙަދީޘްކުރެއްވިއެވެ.
((مَا أَحْسَنَ هَذَا فَمَا لَكَ مِنَ الْوَلَدِ ؟))
މާނައީ: “ތިއީ ހާދަ ރިވެތިވެގެންވާ ކަމެކެވެ! ކަލޭގެފާނަށް އެއްވެސް ދަރިކަލަކު ލިބިވަޑައިގެންފައިވޭ ހެއްޔެވެ؟”
ދެން އެކަލޭގެފާނު ދެންނެވިއެވެ.
“ތިމަންކަލޭގެފާނަށް ޝުރައިޙު ނަމަކަށްކިޔާ ދަރިކަލަކުވެއެވެ. އަދި މުސްލިމް ކިޔާ ދަރިކަލަކުވެއެވެ. އަދި ޢަބްދުﷲ ކިޔާ ދަރިކަލަކުވެއެވެ.”
ދެން ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވެވިއެވެ.
” فَمَنْ أَكْبَرُهُمْ ؟”
މާނައީ: “އޭގެ ތެރެއިން އެންމެ ދޮށީ ދަރިކަލަކީ ކޮންދަރިކަލެއް ހެއްޔެވެ؟”
ތިމަންކަލޭގެފާނު ދެންނެވީމެވެ.
“ޝުރައިޙެވެ.”
ދެން ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
” فَأَنْتَ أَبُو شُرَيْحٍ”
މާނައީ:”އެހެންކަމުން ކަލޭގެފާނަކީ އަބޫ ޝުރައިޙެވެ.”
[رواه أبو داود ( 4955 ) والنسائي ( 5387 ) ، وصححه الألباني في ” صحيح أبي داود ” ].
-ނުނިމޭ-
މަސްދަރު: http://islamqa.info/ar/114158