[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުންޔާ (އަބޫ ނުވަތަ އުންމު ކުރިޔަށްލައިގެން ކިޔޭ ނަންތައް…) 6

kunya

الحمد لله وحده والصلاة والسلام على من لا نبي بعده وعلى آله وصحبه ومن تبعه. وبعد:

ކުޑަދަރިފުޅު ކިރުތުނބުން ވީއްލުމުގެ ކުރިންވެސް އަދި ވިހާދުވަހުވެސް ކުއްޖާއަށް ކުންޔާއަކުން ނަންދެވިދާނެއެވެ. އެއީ އަންހެން ކުއްޖެއްކަމުގައިވިއަސް އަދި ފިރިހެން ކުއްޖެއްކަމުގައި ވިއަސްމެއެވެ. މިފަދައިން ކުޑަކުދިންނަށް ކުންޔާދިނުމުގެ ފައިދާތައް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. އެގޮތުން ކުންޔާ ދިނުމުން ކުއްޖާގެ ޝަޚްޞިއްޔަތު ވަރުގަދަވެ ނުބައި ލަޤަބުތައް ކުއްޖާއަށް ދިނުމުން ދުރުހެލިވާކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އަދި މިއީ އެކުއްޖާއަށް ދަރިއަކު ލިބެންދެން ދުނިޔޭގައި ދިރި އުޅޭނެކަމުގެ ހެޔޮ ފާލެއްކަމުގަވެސް ޢިލްމުވެރިން ބަޔާންކުރައްވައެވެ.

އަދި ރަސޫލުﷲ صلى الله عليه وسلمގެ ޞައްޙަ ސުންނަތުން ކުޑަކުދިންނަށް ކުންޔާދިނުން ޘާބިތުވެގެންވެއެވެ. އަނަސް رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“މީސްތަކުންގެ ތެރެއިން އެންމެ ޚުލްޤުހެޔޮ ފަރާތެއްކަމުގައި ރަސޫލުﷲ صلى الله عليه وسلم ވެވަޑައިގަތެވެ. ތިމަންކަލޭގެފާނުގެ އަޚެއް ހުރެއެވެ. އޭނާއަށް އަބޫ ޢުމައިރުގެ ނަމުން ނަންކިޔެއެވެ. (އޭރު އެކުއްޖާއަކީ ކިރިޔާ ކިރުތުނބުން ވީއްލާވަރުގެ ކުޑަކުއްޖެކެވެ.) އަނަސްގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ވަޑައިގެންނެވިހިނދު އެކަލޭގެފާނަށް އެކުއްޖާ ފެނިވަޑައިގަތެވެ. (އެހިނދު އެކުއްޖާ އިނީ، ކުޅެން ގެންގުޅުނު ނުޣައިރު (ކުޑަދޫނި) މަރުވެގެން އެކަމާ ދެރަވެ ހިތާމަކުރާށެވެ.) ދެން މިމަންޒަރު ފެނިވަޑައިގެން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

(( أَبَا عُمَيْرٍ مَا فَعَلَ النُّغَيْرُ ؟))  

މާނައީ: “އޭ އަބޫ ޢުމައިރެވެ. ނުޣައިރަށް (ކުޑަދޫންޏަށް) ކިހިނެއްވީ ހެއްޔެވެ؟ ”  [رواه البخاري ( 5850) ومسلم ( 2150)]

މިޙަދީޘް ގެންނެވުމަށް، އަލް އިމާމުލް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ބާބު ބަންނަވަމުން ވިދާޅުވެފައިވެއެވެ.

” باب الكنية للصبي ، وقبل أن يولد للرجل “ 

މާނައީ: “ކުޑަކުދިންނަށް ކުންޔާ ކިޔުމާއި އަދި މީހާއަށް ދަރިއެއް ލިބުމުގެ ކުރިން ކުންޔާކިޔުން ނަންގަތް ބާބު.”

އަލް އިމާމު ނަވަވީ رحمه الله ވިދާޅުވެފައިވެއެވެ:

“މި ޙަދީޘުން ގިނަގުނަވެގެންވާ ފައިދާތައް ލިބިގެންވެއެވެ. އޭގެތެރޭގައި ދަރިއަކު ލިބިފައި ނުވާމީހަކަށް ކުންޔާ ކިޔުމަކީ ހުއްދަކަމެއްކަން އެނގިގެންދިޔުން ހިމެނެއެވެ. އަދި އެފަދައިން ކުންޔާ ކިޔުމަކީ ދޮގަކަށް  ނުވާނެއެވެ. (އެބަހީ: ނަމެއްގެ ކުރިއަށް އަބޫ ނުވަތަ އުންމު ކުރިޔަށް ލައިގެން ކިޔާނަންތަކުގެ މާނައަކީ އެވެނި މީހެއްގެ ބައްޕައޭ ނުވަތަ އެވެނި މީހެއްގެ މަންމައެވެ. މިފަދައިން މާނަކުރެވުނު ކަމުގައިވިއަސް، ދަރިޔަކު ލިބިފައިނުވާ މީހަކަށް ކުންޔާއެއްގެ ގޮތުގައި މިފަދަ ނަމެއް ކިޔައިފިނަމަ އެއީ ދޮގަކަށް ނުވާނެއެވެ.” ” شرح مسلم ” ( 14 / 129)

” الموسوعة الفقهية ގައި ވެއެވެ.

“ޢިލްމުވެރިން ވިދާޅުވެއެވެ. ކުޑަކުއްޖާއަށް ކުންޔާ ދިނުމަކީ އެކުއްޖާއަށް ދަރިއަކު ލިބެންދެން ދުނިޔޭގައި ދިރި އުޅޭނެކަމުގެ ހެޔޮ ފާލެކެވެ. އަދި ނުބައި ލަޤަބުތަކުންގޮވުމުން ސަލާމަތްކޮށްދޭ ކަމެކެވެ.”

والله أعلم

وصلى الله على نبينا محمد ، وآله وصحبه وسلم

-ނިމުނީ-

މަސްދަރު: http://islamqa.info/ar/114158

މިލިޔުމުގެ އެހެންބައިތައް