فَمَا يُكَذِّبُكَ بَعْدُ بِالدِّينِ ﴿٧﴾
މާނައީ: (އޭ ނުކިޔަމަންތެރި އިންސާނާއެވެ!) މިހުރިހާ ކަމަކަށް ފަހުގައިވެސް ތިބާ ﷲގެދީން ދޮގުކުރަނީ ކޮންކަމާކާ ހުރެތޯއެވެ.”
ﷲތަޢާލާ، މިއާޔަތުން މިވަނީ ދުރުގަވާ މީހުންނާ މުޚާތަބު ކުރެވޭ ޞީޣާއިން، ކުރިމަތީގައި ވަނިކޮށް މުޚާޠަބު ކުރެވޭ މީހުންގެ ޞީޣާއަށް ބަދަލުކުރައްވާފައެވެ. ކުރިމަތީގައިވާ މީހުންނަށް މުޚާޠަބުވާ ގޮތަށް އެއިލާހު ވަޙީކުރެއްވިއެވެ.
﴿فَمَا يُكَذِّبُكَ بَعْدُ بِالدِّينِ﴾
އެބަހީ: އޭ އިންސާނާއެވެ. އިސްވެ ބަޔާންވެދިޔަ ކަންތައްތަކަށް ފަހުގައި ތިބާ ދޮގުކުރަންވީ ކޮންކަމެއް ހެއްޔެވެ؟
﴿بِالدِّينِ﴾ އެބަހީ: ﷲގެ ދީނުގައި އެއިލާހު އަމުރު ކުރައްވާފައިވާ ކަންކަމެވެ. އެހެންކަމުން އިންސާނާ އޭނާގެ ނަފްސަށާއި އޭނާގެ އަޞްލަށާއި އަދި އޭނާ ޚަލްޤު ކުރައްވާފައިވާ ގޮތަށް ބަލައިފި ކޮންމެ ފަހަރަކު، ހަމަކަށަވަރުންވެސް ﷲތަޢާލާ އިންސާނާ އިޚްތިޔާރު ކުރައްވާ އެންމެ ރީތި ޚަލްޤުކުރެއްވުމުގައި ޚަލްޤު ކުރައްވައި އަދި އެންމެ ފުރިހަމަ ފިޠުރަތުގައި ލައްވާފައިވާކަން އިންސާނާއަށް އެނގޭނެއެވެ. އޭގެ ސަބަބުން އޭނާގެ އީމާންކަން އިތުރުވެގެންދާނެއެވެ. އަދި އެއިލާހުގެ ފޮތް ތެދުކޮށް އަދި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ދެއްވާފައިވާ ޚަބަރުތައް ތެދުކުރާނެތެވެ.
(ނޯޓު: މިތަނުގައި މިވާ ﴿بِالدِّينِ﴾ ގެ މުރާދަކީ ޤިޔާމަތް ދުވަސް ކަމުގައިވެސް ތަފްސީރު ޢިލްމުވެރިން ވިދާޅުވެއެވެ. ބައްލަވާ ތަފްސީރު އިބުނު ކަޘީރު)
އެއަށްފަހު ވަޙީކުރެއްވިއެވެ.
أَلَيْسَ اللَّـهُ بِأَحْكَمِ الْحَاكِمِينَ ﴿٨﴾
މާނައީ: “ފަހެ ޙުކުމް ކުރެއްވުމުގައި އެންމެ ޢަދުލުވެރި ފަރާތެއްކަމުގައި ﷲތަޢާލާ ވޮޑިގެން ނުވޭ ހެއްޔެވެ.”
މިއާޔަތުގައި މިވާ ސުވާލަކީ އިޤުރާރު ކުރެއްވުމުގެ ގޮތުން ކުރައްވާފައިވާ ސުވާލެކެވެ. ﷲތަޢާލާ އިޤުރާރުކުރައްވާ އަންގަވަނީ ހަމަކަށަވަރުން އެއިލާހީ ޙުކުމް ކުރެއްވުމުގައި އެންމެ ޢަދުލުވެރި އިލާހުކަމުގައެވެ. މިތަނުގައި މިވާ أَحْكَم މިއީ اسم تفضيل އެވެ. އެކަލިމަ ނެގިފައިވަނީ الحكمة މިބަހުންނެވެ. އަދި الحكم ނެގިވައިވަނީވެސް އެބަހުންނެވެ.
ފަހެ އެންމެ މަތިވެރިވެގެންވާ އެންމެ މާތް މޮޅު ޙުކުމަކީ، އަދި އެޙުކުމަކާއި އެހެން އެއްވެސް އެއްޗެއް ފުށުއެރުމެއް ނުވާ ޙުކުމަކީ ﷲތަޢާލާގެ ޙުކުމްފުޅެވެ. އަދި އެންމެ މަތިވެރިގެންވާ އެންމެ ފުރިހަމަވެގެންވާ ޙިކުމަތަކީ ﷲތަޢާލާގެ ޙިކުމަތްފުޅެވެ. ފަހެ ﷲ ޞުބުޙާނަހޫ ވަތަޢާލާއީ ތަޤުދީރު ކުރެއްވުގައްޔާއި ޝަރުޢުކުރެއްވުމުގައި އެންމެ ޙިކުމަތްވަންތަ އިލާހެވެ. ޙުކުމްކުރެއްވުން ވަނީ އެއިލާހަށެވެ. އަދި ހުރިހާ ކަމެއްމެ، އެނބުރި ރުޖޫޢަވުންވަނީ އެއިލާހުގެ ޙަޟުރަތަށެވެ.
نسأل الله تعالي أن يرزقنا العلم بكتابه، وسنة رسول الله صلي الله عليه وعلي آله وسلم، إنه علي كل شيء قدير. وصلى الله على نبينا محمد، وآله وصحبه وسلم.
-ނިމުނީ-
________________________________________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه اللهލިޔުއްވާފައިވާ سورة التينގެ ތަފްސީރުގެ ތަރުޖަމާއެވެ.