الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.
“المعازف” އަކީ معزفةގެ ގިނަ ގޮތެވެ. އެއީ މިއުޒިކުގެ އާލާތްތަކެވެ. [فتح الباري 10/55] އަދި އެއީ އޭގެން (މިއުޒިކު) ކުޅެވޭ އާލާތްތަކެވެ. [المجموع 11/577]
އަލްޖައުހަރީ رحمه اللهގެ އަރިހުން އަލްޤުރްޠުބީ رحمه الله ރިވާކުރައްވާފައިވެއެވެ. “المعازف” އަކީ ލަވަކިޔުމެވެ. އަދި އެކަލޭގެފާނުގެ ޞިޙާޙުގައި ވަނީ އެއީ މިއުޒިކު ކުޅޭ އާލާތްތައް ކަމެވެ.
އަދި ބުނެވެއެވެ. އެއީ އެއާލާތްތަކުގެ އަޑުތަކެވެ.
އަދި އަލްޙަވާޝީގައި އައްދިމްޔާޠީ رحمه الله ވިދާޅުވެފައިވެއެވެ.
“المعازف” ވަނީ ތާރައިން ނުވަތަ އެފަދައިން ޖެހުމަށް ބޭނުންކުރާ ތަކެތިންނެވެ. [فتح الباري 10 / 55]
* ޤުރުއާނާއި ސުންނަތުން ޙަރާމް ވެގެންވާކަމުގެ ދަލީލުތައް:
– ލުޤުމާން ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّـهِ…﴾ [سورة لقمان ٦]
މާނައީ: “ﷲގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ފައިދާއެއްނެތް ވާހަކަ ގަންނަ މީހުންވެސް، މީސްތަކުންގެ ތެރެއިން ވެއެވެ…”
މިއުންމަތުގެ ޢިލްމުވެރިޔާ، އިބްނު ޢައްބާސް رضي الله عنهما ވިދާޅުވެފައިވެއެވެ.
“އެއީ ލަވަކިޔުމެވެ.”
އަދި މުޖާހިދު رحمه الله ވިދާޅުވެފައިވެއެވެ.
“اللهو އަކީ ބެރެވެ.”
[تفسير الطبري 21 / 40]
އަދި އަލްޙަސަނުލް ބަޞަރީ رحمه الله ވިދާޅުވެފައިވެއެވެ.
“މިއާޔަތް ބާވައިލެއްވުނީ ލަވަކިޔުމާއި މިއުޒިކުގެ އާލާތްތަކާ ބެހޭގޮތުންނެވެ.” [تفسير ابن كثير 3 / 451]
އަދި އައްސަޢުދީ رحمه الله ވިދާޅުވެފައިވެއެވެ.
“ފަހެ މީގެ ތެރެއަށް ހުރިހާ ޙަރާމް ވާހަކަތަކެއް ވަދެއެވެ. އަދި ހުރިހާ ދޮގު ވާހަކަތަކާއި، ބާޠިލު ވާހަކަތަކާއި، އަދި ކުފުރާއި ނުކިޔަމަންތެރިކަމަށް މަގުފަހިކޮށްދޭ ވާހަކަތަކުގެ ތެރެއިން ހުރިހާ ދެކޮޅު ނުޖެހޭ ވާހަކަތަކެވެ. އަދި ޙައްޤާއި ދެކޮޅަށް، ޙައްޤުގޮތް ބަލިކޮށްލުމުގެ ގޮތުން ދައްކާ ވާހަކަތަކެވެ. އަދި ޣީބަ ބުނުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، މަލާމާތްކުރުމާއި، ޒުވާބުކުރުމެވެ. އަދި ލަވަކިޔުމާއި ޝައިޠާނާގެ ދުންމާރިތަކެވެ. އަދި ދީނާއި ދުނިޔޭގައި އޭގެން ފައިދާއެއް ނުކުރާ މިއުޒިކުގެ އާލާތްތަކެވެ.” [تفسير السعدي 6 / 150]
އިބްނުލްޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ.
“اللهو އަކީ ލަވަކިޔުން ކަމަށް ޞަޙާބީންނާއި ތާބިޢީން ކުރައްވާފައިވާ ތަފްސީރު ފުދިގެންވެއެވެ. ފަހެ އިބްނު ޢައްބާސްއާއި އިބްނު މަސްޢޫދުގެ އަރިހުން މިކަން ޞައްޙަ މަގުން އައިސްފައިވެއެވެ. އަބުއްޞަޙްބާ ވިދާޅުވެފައިވެއެވެ. އަންނަނިވި އާޔަތާއި ބެހޭގޮތުން ތިމަންކަލޭގެފާނު އިބްނު މަސްޢޫދާއި ސުވާލުކުރެއްވީމެވެ. ﴿وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ…﴾ [سورة لقمان ٦] ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. “އެއިލާހު ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ ފަރާތެއްނުވާ ﷲ ގަންދީ ބުނަމެވެ. އެއީ ލަވަކިޔުމެވެ.” -އެކަލޭގެފާނު ތިން ފަހަރު މި ބަސްފުޅު ތަކުރާރުކުރެއްވިއެވެ.- އަދި އިބްނު ޢުމަރު رضي الله عنهماގެ އަރިހުންވެސް އެއީ ހަމަކަށަވަރުން ލަވަކިޔުންކަމަށް ޞައްޙަ ގޮތުގައި އައިސްފައިވެއެވެ…” [إغاثة اللهفان 1 / 258]
– އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُم بِصَوْتِكَ…﴾ [سورة الإسراء ٦٤]
މާނައީ: ““އަދި އެއުރެންގެ ތެރެއިން، ކަލޭގެޔަށް ކުޅަދާނަވީ ބަޔަކު، ކަލޭގެ އަޑުން ހެއްލުންތެރިކުރުވާށެވެ.”.”
މުޖާހިދު رحمه اللهގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
” ““އެއުރެންގެ ތެރެއިން ކަލޭގެއަށް ކުޅަދާނަވީ ބަޔަކު ކަލޭގެ އަޑުން ދުރުކުރުވާށެވެ.” ވިދާޅުވިއެވެ. “(މިއާޔަތުގައި) އޭނާގެ އަޑަކީ ލަވަކިޔުމާއި ބާޠިލު ވާހަކަތަކެވެ.”.”
އިބްނުލްޤައްޔިމް رحمه الله ވިދާޅުވިއެވެ.
“… ފަހެ ﷲ ތަޢާލާއަށް ކިޔަމަންތެރިވުން ނޫން ގޮތެއްގައި ވާހަކަ ދައްކާ ކޮންމެ މީހަކު ނުވަތަ ފުމެގެން އަޑު ނެރޭ އާލާތްތައް ނުވަތަ ފުމޭ އޮނު (flute) ނުވަތަ ޙަރާމް ވައްތަރުތަކުގެ ތާރަ ނުވަތަ ބެރު އެއީ ފަހެ ޝައިޠާނާގެ އަޑެވެ. ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމުގެ ޢަމަލެއް ކުރުމަށް ހިނގާފައިދާ ކޮންމެ މީހަކީ ފަހެ ޝައިޠާނާގެ ލަޝްކަރުގައިވާ މީހެކެވެ. އަދި އެއިލާހަށް ނުކިޔަމަންތެރިވުމުގެ ޢަމަލެއް ކުރުމަށް ސަވާރުވެގެންދާ ކޮންމެ މީހަކީ ފަހެ ޝައިޠާނާގެ ސަވާރަވުމުގެ ތެރެއިންވާ މީހެކެވެ. ސަލަފުން ވިދާޅުވެފައިވަނީ މިފަދައިންނެވެ. އެއީ އިބްނު އަބީ ޙާތިމް، އިބްނު ޢައްބާސްގެ އަރިހުން ޛިކުރު ކުރައްވާފައިވާ ފަދައިންނެވެ: އޭނާގެ ލަޝްކަރަކީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމަށް ހިނގާފައިދާ ކޮންމެ މީހެކެވެ.” [إغاثة اللهفان]
ނުނިމޭ
_______________________________________
މަޞްދަރު: