الْحَمْدُ لِلَّهِ الَّذِيْ أَمَرَنَا بِبِرِّ الْأُمَّهَاتِ، وَجَعَلَنَا مِنْ خَيْرِ أُمَّةٍ أُخْرِجَتْ لِلنَّاسِ، وَصَلَّى اللَّهُ وَسَلَّمَ عَلَى مَنْ خَتَمَ اللَّهُ بِهِ الرِّسَالَاتِ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الْحِسَابِ، أَمَّا بَعْد:-
އެއްދުވަހަކު، ސަލަފުންގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ ޙައިވާ ބިން ޝުރައިޙު ދަރިވަރުންނަށް ކިޔަވައިދެއްވުމަށްޓަކާ މިސްކިތުގައި ހުންނަވަނިކޮށް މަންމަ ގޮވާލެއްވިއެވެ. އަދި ވިދާޅުވިއެވެ. “ދަރިފުޅާ، ކުކުޅުތަކަށް ކާންދޭން އާދޭ!” އަޅުގަނޑުމެންނަމަ މިފަދަ ޙާލަތެއްގައި ކަންތައް ކުރާނީ ކިހިނެއްތޯއެވެ؟ ދަރިވަރުންނަށް ކިޔަވާދެއްވުމަށްޓަކާ މިސްކިތުގައި ހުންނަވަނިކޮށް މަންމަ މިގޮވާލައްވަނީ އާދައިގެ ކުޑަކުޑަ ކަމަކުއެވެ. ކުކުޅުތަކަށް ކާންދޭން ދިއުމަށެވެ. އާދެ، އަޅުގަނޑުމެންގެ ތެރެއިން މަދު މީހަކު ފިޔަވައި، އެހެން ހުރިހާ އެންމެން ކަހަލަގޮތަކަށް އެވަގުތު މަންމައަށް ޖަވާބުދޭނީ ‘ފަހުން އެބަދަމެވެ’ ނުވަތަ ‘އިރުކޮޅަކުން އެބަދަމެވެ’ މިފަދަ ގޮތަކަށްކަމާމެދު ޝައްކެއްނެތެވެ. އެކަމަކު ސަލަފުންގެ މިމަޝްހޫރު ޢިލްމުވެރިޔާ ކަންތައް ކުރެއްވީ އެހެންނެއްނޫނެވެ. އެކަލޭގެފާނު އަވަސްވެލެއްވީ މަންމަގެ ގޮވާލެއްވުމަށް އިޖާބަ ދެއްވުމަށެވެ. ކީއްވެތޯއެވެ؟ މަންމައަކީ ކިހާވަރެއްގެ ފަރާތެއްކަން އެކަލޭގެފާނަށް އެނގިލައްވާތީއެވެ. ދީނުގައި މަންމައަށް ދެވިފައިވާ ޤަދަރު އެނގިލައްވާތީއެވެ.
އާދެ! اللهގެ ފޮތަށާއި ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަގެ ގޮތަށް(އެކަލޭގެފާނުގެ ސުންނަތަށް) ބަލައިފި މީހަކަށް، އިސްލާމްދީނުގައި މައިންބަފައިންނަށް ދެވިފައިވާ ޤަދަރު އެނގޭނެއެވެ. اللهތަޢާލާ އެއިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަންނުކުރުމަށް އަމުރުކުރެއްވުމަށްފަހު، ދެން އަމުރުކުރެއްވީ މައިންބަފައިންނަށް ހެޔޮކޮށްހިތުމަށެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَآ أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيمًا * وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا (الإسراء 24,23) “އެއިލާހަށް މެނުވީ އަޅުކަންނުކުޅައުމަށާއި މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް ކަލޭގެފާނުގެ ވެރިއިލާހު ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް ‘އުފް’ ވެސް ނުބުނާށެވެ! (އެބަހީ ނުރުހުމުގެ ކިތަންމެ ކުޑަބަހެއްވިއަސް ނުބުނާށެވެ.) އަދި އެ ދެމީހުންނަށް އަޑުލައި ނުހަދާށެވެ! އަދި މާތްބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! * އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެފިޔަ ތިބާ އެ ދެމީހުންނަށް ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިއިލާހެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެ ދެމީހުން މިއަޅާ ބަލައިބޮޑުކުރިފަދައިން އެ ދެމީހުންނަށް ރަޙުމަތްލައްވައިފާނދޭވެ!” އަދި އެހެން އާޔަތެއްގައި އެއިލާހަށް ޝުކުރުއަދާކުރުމަށް އެންގެވުމަށްފަހު، ދެން އަންގަވަނީ މައިންބަފައިންނަށް ޝުކުރުއަދާކުރުމަށެވެ. وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ (لقمان 14) “އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަން އިލާހު އަމުރުކުރެއްވީމެވެ. އެނާގެ މައިމީހާ ބަލިނިކަމެތިކަމުގެ މައްޗަށް، ބަލިނިކަމެތިކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ ދެއަހަރުގައެވެ. (ތިމަންއިލާހު އަމުރުކުރެއްވީމެވެ.) ތިމަންއިލާހަށާއި ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ. އެނބުރި ރުޖޫޢަވުންވަނީ ހަމަ ތިމަންއިލާހުގެ ޙަޟްރަތަށެވެ.”
އެއްދުވަހަކު ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއި ސުވާލު ކުރެއްވިއެވެ. أَيُّ الْعَمَلِ أَحَبُّ إِلَى اللَّهِ تَعَالَى؟ “ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ޢަމަލަކީ ކޮބައިތޯއެވެ؟” ޖަވާބުގައި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. الصَّلَاةُ عَلَى وَقْتِهَا “ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ.” އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. ثُمَّ أَيُّ؟ “ދެން ކޮންކަމެއްތޯއެވެ؟” ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. بِرُّ الْوَالِدَيْنِ “މައިންބަފައިންނަށް ކަމޭހިތައި ކިޔަމަންތެރިވުމެވެ.” އަނެއްކާވެސް، ‘ދެން ކޮންކަމެއްތޯ؟’ ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު ސުވާލު ކުރެއްވުމުން، ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. الْجِهَادُ فِيْ سَبِيْلِ اللَّهِ “ﷲގެ މަގުގައި ޖިހާދު ކުރުމެވެ.”(متفق عليه) މިޙަދީޘުންވެސް، މައިންބަފައިންނަށް އިސްލާމްދީނުގައި ދެވިފައިވާ ޤަދަރު އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް އިސްކަންދެވިފައި މިވަނީ މައިންބަފައިންނަށް ހެޔޮކޮށްހިތުމަށެވެ.
ޢަބްދުﷲ ބިން ޢަމްރު ބިން އަލްޢާޞް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. أَقْبَلَ رَجُلٌ إِلَى نَبِيِّ اللَّهِ فَقَالَ: أُبَايِعُكَ عَلَى الْهِجْرَةِ وَالْجِهَادِ. أَبْتَغِيْ الْأَجْرَ مِنَ اللَّهِ تَعَالَى “މީހަކު ﷲގެ ނަބިއްޔާގެ އަރިހަށް އައިސް ދެންނެވިއެވެ. ﷲގެ ޙަޟްރަތުން ޘަވާބާއި އަޖުރަށް އެދި، އެއިލާހުގެ މަގުގައި ޖިހާދުކުރުމަށާއި ހިޖުރަކުރުމަށް އަހުރެން ކަލޭގެފާނަށް ބައިއަތުހިފަމެވެ.” އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. فَهَلْ لَكَ مِنْ وَالِدَيْكَ أَحَدٌ حَيٌّ؟ “ތިބާގެ މަންމާއާއި ބައްޕައާއި ދެމީހުންކުރެ އެކަކުވެސް ދުނިޔޭގައި އެބަހުރިހެއްޔެވެ؟” އޭނާ ބުންޏެވެ. نَعَمْ بَلْ كِلَاهُمَا “އާދޭހެވެ. މަންމައާއި ބައްޕަވެސް ދުނިޔޭގައި އެބަތިއްބެވެ.” ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ސުވާލުކުރެއްވިއެވެ. فَتَبْتَغِيْ الْأَجْرَ مِنَ اللَّهِ؟ “ތިބާ ﷲގެ ޙަޟްރަތުން ދަރުމައާއި ޘަވާބު ބޭނުންހެއްޔެވެ؟” ދެން އޭނާ ‘އާދޭހެވެ.’ ބުނުމުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. فَارْجِعْ إِلَى وَالِدَيْكَ فَأَحْسِنْ صُحْبَتَهُمَا “ތިބާގެ މަންމައާއި ބައްޕަގެ އަރިހަށްގޮސް އެދެމީހުންނަށް ހެޔޮކޮށް ހިތާށެވެ.” އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. فَفِيْهِمَا فَجَاهِدْ “އެދެމީހުންނަށް ހެޔޮކޮށް ހިތުމުގައި ޖިހާދުކުރާށެވެ.” (متفق عليه)
އެހެންކަމުން އަޅުގަނޑުމެންގެ ސަލަފުންވަނީ މައިންބަފައިންނަށް ހެޔޮކޮށްހިއްތެވުމުގައި ލާމަޘީލު ނަމޫނާތަކެއް ދައްކަވާފައެވެ. ޒައިނުލް ޢާބިދީން ރަޙިމަހުﷲއަކީ މިކަމުގައި މަޝްހޫރުވެވަޑައިގެންފައިވާ ބޭކަލެކެވެ. އެއްދުވަހަކު އެކަލޭގެފާނާއި ސުވާލުކުރެވުނެވެ. ކަލޭގެފާނު، މަންމައަށް ވަރަށް ކަމޭއްހިއްތަވައެވެ. ނަމަވެސް މަންމައާއި އެއްސުފުރާއެއްގައި ކެއިންބައްލަވާތަނެއް ނުފެނެއެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. “މަންމަ ނަންގަވަން ބޭނުންވެލައްވާ ކާއެތިކޮޅެއް، އަޅުގަނޑަށް މަންމައަށްވުރެ ކުރިން ނެގި މަންމަގެ ހިތުގައި ޖެއްސިދާނެކަމަށް އަޅުގަނޑު ބިރުގަނެއެވެ.” ސުބުޙާނަﷲ… ކޮންފަދަ މިޘާލެއްތޯއެވެ! މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން، މައިންބަފައިންގެ ހިތުގައި ނުޖައްސާދުވަހަކަށް އިރުއަރައި ނުއޮއްސެއެވެ. اللَّهُ الْمُسْتَعَانُ
ދެތިންސަތޭކަ ރުފިޔާ މައިންބަފައިންނަށް ދެވުނީމާ، އެދެމީހުންގެ ޙައްޤު އަދާކުރެވިއްޖެޔޭ އަޅުގަނޑުމެންގެތެރެއިން ގިނަމީހުންނަށް ހީވާކަހަލައެވެ. އެއްފަހަރަކު ޔަމަނުގެ އަހުލުވެރިއަކު، އޭނާގެ ބުރަކަށިމަތީ މަންމަ އުފުއްލައިގެން ޙައްޖަށްދިޔައެވެ. އަދި ބުރަކަށިމަތީ އުފުއްލައިގެން މަންމަގެ ޠަވާފުކުރުވިއެވެ. އެއަށްފަހު އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާއަށް މިވާހަކަތަށް ބަޔާންކޮށް، އެކަލޭގެފާނުގެ އަރިހުން ސުވާލުކުރިއެވެ. ‘އަޅުގަނޑަށް މަންމަގެޙައްޤު އަދާކުރެވިއްޖެތޯއެވެ؟’ އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ ޖަވާބުގައި ވިދާޅުވިއެވެ. لَا وَلَا بِزَفْرَةٍ وَاحِدَةٍ “ނޫނެކެވެ. އަދި ތިބާއަށް، މަންމަ އުފުލި ވޭންތަކުގެތެރެއިން އެންމެވޭނެއްގެ ޙައްޤުވެސް އަދާނުކުރެވެއެވެ.” ﷲ އަކްބަރް… މަންމައަށް އިސްލާމްދީނުގައި ދެވިފައިވާ ދަރަޖައެއްގެ މަތިވެރިކަމާއެވެ!
އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން މީހަކު ސުވާލުކުރިއެވެ. مَنْ أَحَقُّ بِحُسْنِ صَحَابَتِيْ؟ “އަޅުގަނޑު އެންމެ ހެޔޮކޮށް ހިތަންވީ (ޢާއިލާގެމީހުންގެ ތެރެއިން) ކާކަށްތޯއެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. أُمُّكَ “ތިބާގެ މަންމައަށެވެ.” އޭނާ މިގޮތަށް ތިންފަހަރު ސުވާލުކުރުމުންވެސް އެކަލޭގެފާނު ދެއްވީ މިޖަވާބެވެ. ހަތަރުވަނަފަހަރު އޭނާ ثُمَّ مَنْ؟ “ދެން ކާކަށްތޯއެވެ؟” ސުވާލުކުރުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. أَبُوْكَ “ތިބާގެ ބައްޕައަށެވެ.” (متفق عليه)
އުވައިސުލް ޤަރްނީ ރަޙިމަހުﷲއަށް މުޚަޟްރަމުބޭކަލުންގެ ތެރެއިން ލިބިލެއްވިދަރަޖަ ލިބިލެއްވީވެސް މަންމައަށް ހެޔޮކޮށްހިއްތެވުމުގެ ސަބަބުންނެވެ. އެކަލޭގެފާނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދުވަސްވަރުވެސް އުޅުއްވި ބޭކަލެކެވެ. ނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއި ބައްދަލުކުރައްވަވައި، އެކަލޭގެފާނުގެ ޞަޙާބީއަކަށް ވެވަޑައިނުގެންނެވުނީ މަންމައަށް ޚިދުމަތްކުރެއްވުމުގެގޮތުން މަދީނާއަށް ވަޑައިނުގެން މަޑުކުރެއްވީމައެވެ. الله އަކްބަރް… އެކަލޭގެފާނު، ޞަޙާބީއަކަށްވެލެއްވުމުގެ މާތްޝަރަފު ދޫކުރެއްވީ މަންމައަށްޓަކައެވެ. އެހެންކަމުން ﷲތަޢާލާ އެކަލޭގެފާނު މާތްކުރައްވަވައި، އެކަލޭގެފާނު ދުޢާއެއްކުރައްވައިފިނަމަ، އެދުޢާއެއް ވަގުތުން އިޖާބަކުރައްވައެވެ.
ﷲތަޢާލާ އަޅުގަނޑުމެންނަށްވެސް ތެދުމަގުދައްކަވައި، މައިންބަފައިންނަށް ކަމޭހިތުމުގެ ސަބަބުން ސުވަރުގޭގެ މަތިވެރިދަރަޖަތައްލިބޭ، ޞާލިޙުއަޅުންގެ ތެރެއިން އަޅުގަނޑުމެންވެސް ލައްވަވާށިއެވެ. އާމީން…