[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުރުސި، ކީރިތި ޤުރުއާނުގެ އާޔަތްތައް ފާރުގައި އެލުވާފައި/ތަތްކޮށްފައި ބެހެއްޓުން

ސުވާލު: ބައެއް މުސްލިމުންގެ ގެތަކަށް ޒިޔާރަތްކުރާ އިރު، އެކި އެކި ފާރުތަކުގައި ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ﷲ ތަޢާލާގެ ރިވެތި ނަންފުޅުތަކާއި އަދި އެނޫންވެސް މިފަދަ ތަކެތި  ލިޔެފައިވާ ޕޯސްޓަރުތަކާއި ބޯޑުތައް ހިއްޕާފައިވާތީ ފެނެއެވެ. މިކަމާމެދު އިސްލާމީ ޝަރީޢަތުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު: ހަމަކަށަވަރުން، ކީރިތި ޤުރުއާނުގެ އާޔަތްތައް ލިޔެފައިވާ ބޯޑުތަކާއި ޕޯސްޓަރުތައް ގޭގޭގަޔާއި މަދަރުސާތަކުގަޔާއި ނާދީތަކުގަޔާއި ވިޔަފާރިކުރާ ތަންތާގައި އެލުވާފައި ނުވަތަ ތަތްކޮށްފައި ބެހެއްޓުމަކީ އޭގައި ޝަރުޢީ ގޮތުން މުންކަރާތްތަކެއް އަދި އެކަމާމެދު ސަމާލުވާންޖެހޭ ކަންތައްތަކެއް ހިމެނިގެންވާ ކަމެކެވެ. އޭގެ ތެރޭގައި

1- ޢާއްމުގޮތެއްގައި އެފަދަ ތަކެތި އެލުވައި/ހިއްޕައި އުޅެނީ ޒީނަތްތެރިކަމެއް ގޮތުގައި ނުވަތަ ފާރުތައް ރީތިކުރުމަށެވެ. އެހެނީ އާޔަތްތައް ކެލިގުރަފީކޮށް ކުލަކުލައިގެ ބޯޑުތަކުގައެވެ. މިއީ ކީރިތި ޤުރުއާން އެކަށީގެންނުވާ ގޮތުގައި ބޭނުންކުރުމެވެ. ސަބަބަކީ ކީރިތި ޤުރުއާން ބާވައިލެއްވިގެންވަނީ މީސްތަކުންނަށް ހިދާޔަތެއްގެ ގޮތުގައެވެ އަދި ރިވެތި ވަޢުޠާއި ނަޞީހަތް ހިމެނިގެންވާ އަދި އަބަދާ އަބަދު ކިޔެވޭ އެއްޗެއްގެ ގޮތުގައެވެ. ކީރިތި ޤުރުއާން ބާވައިލައްވާފައިވަނީ ފާރުތައް ޒީނަތްތެރިކުރުމަކަށް ނޫނެވެ. އަދި ކިއެއްތަ އިންސާނިއްޔަތަށް ތެދުމަގު ދެއްކެވުމަށާއި ބަޔާންކުރެއްވުމަށްޓަކައެވެ.
2- ބައެއް މީހުން އެފަދަ އާޔަތްތައް ގޭގައި ހަރުކޮށް ހަދަނީ އޭގެން ބަރަކާތް ޙާޞިލްކުރުމުގެ ބޭނުމުގައެވެ. މިއީ ބިދުޢައެކެވެ. ކީރިތި ޤުރުއާނުން ޝަރުޢީގޮތުން ބަރަކާތް ޙާޞިލްކުރެވޭނީ އެ ޤުރުއާން ތިލާވަތުކޮށްގެންނެވެ. އެ ޤުރުއާނުގެ އާޔަތްތައް ތަންތާ އެލުވާ ނުވަތަ ކަބަޑުތަކުގެ މަތީގައި އެ ބާއްވާ، ނުވަތަ ޤުރުއާން އަތްތެރި މަސައްކަތުގެ ބޯޑުތަކަކަށް ބަދަލުކޮށް ނުވަތަ އާޔަތްތަކުން ޖިސްމުތައް (ތިން ޑައިމެންޝަނުގެ ސޫރަ) ހަދައިގެންނެއް ނޫނެވެ.
3- ފަހެ އެކަމުގައި ވަނީ އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންނާ ޚިލާފުވުމެވެ. އެބޭކަލުން މިކަން ކުރައްވާކަމުގައި ނުވެއެވެ. ހެޔޮކަން ވަނީ އެބައިމީހުންނަށް ތަބާވުމުގައެވެ. ބިދުޢަ ހެދުމުގައެއް ނޫނެވެ. މާތުރަ، ތާރީޚު ހެކިދޭ ގޮތުގައި އަންދަލުސްގަޔާއި ތުރުކީގައި އަދިވެސް އެހެނިހެން ޤައުމުތަކުގައި ކީރިތި ޤުރުއާނުގެ އާޔަތްތައް ލިޔެގެން ގޭގޭގެ ފާރުތަކާއި މިސްކިތްތައް ޒީނަތްތެރިކުރުމާއި މިފަދަ ބޯޑުތައް ހެދުމާއި އާޔަތްތައް ކަނޑާނެގުން ޢާއްމުވެފައިވަނީ، މުސްލިމުން ދެރަނިކަމެތިވެ ބަލިކަށިވި ދުވަސްވަރުއެވެ.
4- ހަމަކަށަވަރުން އެގޮތަށް އެ އާޔަތްތައް އެލުވާފައި ނުވަތަ ތަތްކޮށްފައި ބެހެއްޓުމަކީ ޝިރުކަށް މަގުފަހިކޮށްދޭ ކަމަކަށް ވެދާނެއެވެ. އެހެނީ ބައެއް މީހުން ޤަބޫލުކުރާގޮތުގައި އެފަދައިން އެލުވާފައިވާ ނުވަތަ ހަރުކޮށްފައިވާ އާޔަތްތަކަކީ އޭގެ ސަބަބުން ގެ ޙިމާޔަތްކޮށްދޭ ނުވަތަ ގޭގައި ދިރިއުޅޭ މީހުން މުޞީބާތްތަކާއި ބަލިތަކުން ސަލާމަތްކޮށްދޭ، ވަހުތާން ނުވަތަ ތަވީދު ފަދަ އެއްޗިހި ތަކެކެވެ. މިއީ ޝިރުކު ކުރުމެވެ. އަދި އެއީ ޙަރާމްކަމެކެވެ. އެހެނީ ޙަޤީޤަތުގައި ޙިމާޔަތް ކުރައްވާ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. ޙިމާޔަތްތެރިކަން ލިބޭ ސަބަބުތަކަކީ ބިރުވެތިކަމާ ޔަޤީންކަމާއެކު ކީރިތި ޤުރުއާން ކިޔެވުމާއި ކިޔުމަށް ވާރިދުވެފައިވާ އަޛްކާރުތަކަށް ރައްކާތެރިވުމެވެ.
5- ކީރިތި ޤުރުއާނުގެ އާޔަތްތައް އެގޮތަށް ލިޔެ ވިއްކުމުގައި، ކީރިތި ޤުރުއާން ވިޔަފާރިއަށް ނުވަތަ އާމްދަނީ އިތުރުކުރުމަށް ބޭނުންކުރެވިދާނެ ކަމުގެ ނުރައްކާ އެބައޮތެވެ. މިފަދަ މަޤްޞަދުތަކަށް ކީރިތި ޤުރުއާން ބޭނުންކުރެވުމުން ކީރިތި ޤުރުއާން ސަލާމަތްކުރަން ޖެހޭނެއެވެ. މިފަދަ މަންޒަރުތައް (އާޔަތްޖެހި މަންޒަރުތައް) އުފެއްދުމާއި ވިއްކުމުގައި ވަރަށް ބޮޑެތި އިސްރާފުކުރުންތަކާއި ފައިސާ ބޭކާރުކުރުން ހިމެނޭ ކަމީ އެންމެންނަށް އެނގޭ ކަމެކެވެ.
6- މިގޮތަށް ހަދާފައި ހުންނަ ބޯޑުތައް ގިނައިން ހަދާފައި ހުންނަނީ ސީދާ ރަނުންނެވެ. އެކަމުގެ ސަބަބުން އެ އިސްތިޢުމާލުކުރުމާއި ތަންތާގައި އެލުވުން ނުވަތަ ހިއްޕުމުގެ ޙަރާމްކަން ބޮޑުވެގެންދެއެވެ.
7- މީގެ ގިނަ އެއްޗިހިތައް ހަދާފައި ހުންނަނީ ވަރަށް ފަރުވާ ކުޑަކޮށެވެ. އެހެނީ އެފަދަ ތަކެތި ޑިޒައިންކޮށްފައި ހުންނަނީ އޭގެ ސަބަބުން އެއްވެސް ފައިދާއެއް ނުލިބޭ، އަދި ކިޔަން ނޭނގޭ ޑިޒައިންތަކަށް އަކުރުތައް ބަދަލުކޮށްފައެވެ. ބައެއްފަހަރު ލަފުޒުތައް ދޫންޏެއްގެ ސޫރައަށް ނުވަތަ ސަޖިދަކުރަން އޮންނަ މީހެއްގެ ސޫރައަށް ނުފަތަ އެނޫންވެސް ޙަރާމްވެގެންވާ ފުރާނަލީ ދިރޭތަކެތީގެ ސޫރައަށް ޑިޒައިންކޮށްފައި ހުރެއެވެ.
8- އެފަދަ ޕޯސްޓަރުތައް ހެދުމުގެ ސަބަބުން ކީރިތި ސޫރަތްތަކާއި އާޔަތްތައް އެ ހުށަހެޅެނީ އިހާނެތިކަމަކަށެވެ. މިސާލަކަށް ގެ ބަދަލުކުރުމުގައި އެފަދަ ތަކެތި ނަގައި އެހެނިހެން ފަރުނީޗަރާ ހިފާގެންގުޅޭ ސާމާނާއެކު އޭގެ މަތީގައި އެހެނިހެން ތަކެތި ބަހައްޓާ ހަދައެވެ. އަދި ސާފުކުރުމަށާއި ފާރުގައި ކުލަލުމަށް އެފަދަ ތަކެތި ނަގާ ހަދާއިރުވެސް ހަމަ މިފަދައިން އެކަން ވެއެވެ.
9- ބައެއް މުސްލިމުން މިފަދަ ތަކެތި ތަތްކޮށް ނުވަތަ އެލުވާ ހަދަނީ އެބައިމީހުން އެކުރަނީ ދީނީ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. އަދި ބައެއްފަހަރަށް އެބައިމީހުންގެ ގޯސްކަންކަން އޮއްބައި، ދީންވެރިކަން މީސްތަކުންނަށް ދައްކައިގެން ރަނގަޅު ބައެއްގެ ގޮތުގައި އެހެންމީހުންނަށް ފެނުމަށެވެ. އެކަމަކު އެމީހުން މިގޮތަށް ކަންތައްކުރި ކަމުގައި ވިޔަސް އެކަމުގެ ސަބަބުން އެބައިމީހުން ދީންވެރި ނުވެއެވެ.
ޖުމުލަގޮތެއްގައި ބުނާނަމަ، ނުބައިކަމުގެ މިދޮރު ބަންދުކޮށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބަޔަކަށް ހެޔޮކަން ނިސްބަތްކުރައްވާފައިވާ، ތެދުމަގު ލިބިވަޑައިގެން ތިއްބެވި ފުރަތަމަ ޤަރުނުތަކުގެ އިމާމުންގެ މަގަށް އަހަރެމެން ތަބާވާން އެބަޖެހެއެވެ. އެބައިމީހުންނަކީ ޢަޤީދާގައި އަދި ދީނުގެ އެހެނިހެން ޙުކުމްތަކުގައިވެސް އެންމެ ރަނގަޅު މުސްލިމުންނެވެ.
އޭގެ ފަހުގައި މީހަކު ބުނެފާނެއެވެ. އަހަރެމެންނަށް އެކަން ނަހީވެގެންނެއް ނުވެއެވެ. އަދި އަހަރެމެން އެކަން ކުރަނީ ޒީނަތެއްގެ ގޮތުގައެއް ނޫނެވެ. އަދި އަހަރެމެން އެކަމުގައި ޙައްދުފަހަނަޅައި ނުދަމެވެ. އަދި އަހަރެމެން ބޭނުންވަނީ މަޖިލީސްތަކުގައި މީސްތަކުންނަށް އެފަދަ އާޔަތްތައް ހަނދުމަކޮށްދިނުމެވެ. އޭގެ ޖަވާބުގައި ބުނަމެވެ. ކަންތައްތައް ހިނގަމުންދާ ގޮތަށް ބަލައިފިނަމަ، އަހަރެމެންނަށް ފެންނަނީ ހަމަ ތިޔަ ވިދާޅުވި ގޮތަށް އެކަން ވެގެންދާ ގޮތް ހެއްޔެވެ؟ މަޖިލީސްތަކުގައި ތިބޭ މީހުން ﷲ ހަނދުމަކުރޭ ހެއްޔެވެ؟ ނުވަތަ އެތާނގައި އެލުވާފައި ނުވަތަ ހިއްޕާފައި ހުރި އާޔަތްތައް ކިޔާ ހަދާހެއްޔެވެ؟
ޙަޤީޤަތުގައި ކަންތައް ވަނީ އެހެނަކުން ނޫނެވެ. އަދި ކިއެއްތަ! އެގޮތަށް އާޔަތްތައް ހަރުކޮށްފައިވާ ތަންތާނގައި އިށިއިނދެ ތިބޭ ކިތައް މީހުން އެބައިމީހުންގެ ބޮލުގެ މަތީގައި (ފާރުގައި) އެލުވާފައި ނުވަތަ ހަރުކޮށްފައި ހުންނަ އެ އާޔަތްތަކާ ޚިލާފު ކަންތައްތައް ސީދާ އެފަދަ މަޖިލިސްތަކުގައިވެސް ކުރޭ ހެއްޔެވެ؟ ދޮގުހެދުމާއި ޣީބަ ބުނުމާއި ފުރައްސާރަކުރުމާއި އެކި އެކި މުންކަރާތްތަކެވެ. އެފަދަ އާޔަތްތަކުން ބަޔަކަށް ފައިދާވާ ކަމުގައި ބެލިނަމަވެސް، އެއީ ވަރަށް މަދު ޢަދަދެއްގެ ބައެކެވެ. މި މައްސަލާގައި ޙުކުމުގައި އެއްވެސް އަސަރެއްގެ އޭގެ ސަބަބުން ނުކުރާވަރުގެ މަދު ޢަދަދެއްގެ ބައެކެވެ.
މުސްލިމުންގެ މައްޗަށް ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ފޮތަށް ރުޖޫޢަވުމެވެ. އަދި އެފޮތް ކިޔަވައި އެފޮތަށް ޢަމަލުކުރުމެވެ.
نسأل الله أن يجعل القرآن الكريم ربيع قلوبنا ونور صدورنا وجلاء أحزاننا وذهاب همومنا وصلى الله على نبينا محمد .

މި ފަތުވާއަކީ موقع الإسلام سؤال وجواب ގައި الشيخ محمد صالح المنجد ހަފިޡަހުﷲ ލިޔުއްވާފައިވާ މި ލިޔުން އަޞްލަކަށް ބަލައިގެން ތަރުޖަމާކޮށްފައިވާ ފަތުވާއެކެވެ.