[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މިއުޒިކާއި ލަވައިގެ ޙުކުމް – 2

 

الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.

– އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿أَفَمِنْ هَـٰذَا الْحَدِيثِ تَعْجَبُونَ * وَتَضْحَكُونَ وَلَا تَبْكُونَ * وَأَنتُمْ سَامِدُونَ﴾ [سورة النجم ٥٩-٦١]

މާނައީ: ”  ފަހެ، ތިޔަބައިމީހުން ޢަޖާއިބުވަނީ އަދި ނުރޮއި ހެނީ މިވާހަކަތަކާމެދުގައި (އެބަހީ: ޤުރުއާނާމެދުގައި) ހެއްޔެވެ. [59، 60] އަދި ތިޔަބައިމީހުންވަނީ، ލަވަކިޔުމުގައެވެ.  [61]”

ޢިކްރިމާ رحمه الله ވިދާޅުވެފައިވެއެވެ.

“އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ޙިމްޔަރު[1] ބަހުގައި السُّمُودُ[2]އަކީ ލަވަކިޔުމެވެ. ބުނެއެވެ. “اسْمِدِي[3] لَنَا.”[4] އެބަހީ: ލަވަކިޔުމެވެ.”

އަދި އެކަލޭގެފާނު رحمه الله ވިދާޅުވެފައިވެއެވެ.

“އެބައިމީހުންނަށް (އެބަހީ: ކާފިރުންނަށް) ޤުރުއާން ކިޔެވޭ އަޑު އިވޭ ހިނދު އެބައިމީހުން ލަވަކިޔާކަމުގައިވެއެވެ. ފަހެ ދެން މިއާޔަތް ބާވައިލެއްވުނެވެ.”

އަދި އިބްނު ކަޘީރު رحمه الله ވިދާޅުވެފައިވެއެވެ.

“ﷲ ތަޢާލާގެ މި ބަސްފުޅު ﴿وَأَنتُمْ سَامِدُونَ﴾ [سورة النجم ٦١]، އާއި މެދު އިބްނު ޢައްބާސްގެ އަރިހުން ސުފަޔާނުއް ޘައުރީގެ ބައްޕާފުޅު ރިވާކުރެއްވިކަމަށް އެކަލޭގެފާނު (ސުފްޔާނުއްޘައުރީ) ވިދާޅުވެފައިވެއެވެ. “އެއީ ލަވަކިޔުމެވެ. އެއީ ޔަމަނީ ބަހުރުވައިންނެވެ. اسمد لنا އެބަހީ: غنِّ لنا. [މާނައީ: އަހަރެމެންނަށް ލަވަކިޔައިދޭށެވެ.] ޢިކްރިމާ ވެސް ވިދާޅުވެފައިވަނީ އެފަދައިންނެވެ.” [تفسير ابن كثير]

– އަބޫ އުމާމާ رضي الله عنهގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((لَا تَبِيعُوا القَيْنَاتِ، وَلَا تَشْتَرُوهُنَّ، وَلَا تُعَلِّمُوهُنَّ، وَلَا خَيْرَ فِي تِجَارَةٍ فِيهِنَّ، وَثَمَنُهُنَّ حَرَامٌ، فِي مِثْلِ هَذَا أُنْزِلَتْ هَذِهِ الآيَةُ: ﴿وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّـهِ…﴾ [سورة لقمان ٦] )) [رواه الترمذي وحسنه الألباني]

މާނައީ: “ލަވަކިޔާ އަންހެން އަޅުން ނުވިއްކާށެވެ. އަދި އެމީހުން ނުގަންނާށެވެ. އަދި އެމީހުންނަށް (ލަވަ) އުނގަންނައި ނުދޭށެވެ. އަދި އެމީހުން ގަނެވިއްކުމުގައި ކުރެވޭ ވިޔަފާރީގައި ހެވެއް ނުވެއެވެ. އަދި އެމީހުންގެ އަގު ޙަރާމްވެގެންވެއެވެ. މިއާޔަތް ބާވައިލެއްވުނީ އެފަދަ ކަންކަމާ ގުޅޭ ގޮތުންނެވެ.

﴿وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّـهِ…﴾ [سورة لقمان ٦]

މާނައީ: “ﷲގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ފައިދާއެއްނެތް ވާހަކަ ގަންނަ މީހުންވެސް، މީސްތަކުންގެ ތެރެއިން ވެއެވެ…””

– ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ، يَسْتَحِلُّونَ الحِرَ وَالحَرِيرَ، وَالخَمْرَ وَالمَعَازِفَ…)) [رواه البخاري برقم 5590 ، ووصله الطبراني والبيهقي ، وراجع السلسلة الصحيحة للألباني 91]

މާނައީ: ” ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން  ޒިނޭއާއި، ފަށުވި (ފޭރާމާއި)، ރަލާއި، މިއުޒިކު ކުޅޭ ސާމާނު ޙަލާލުކުރާނެ ބަޔަކު އަންނާނެއެވެ…”

އިބްނުލްޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ.

“މިއީ އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި މުޢައްލަޤު އަދި މަޖްޒޫމްގޮތުގައި ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘެކެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ: ރާ ޙަލާލުކޮށް، އެއަށް އޭގެ ނަން ފިޔަވާ އެހެން ނަމެއް ދޭނެމީހުންގެ ވާހަކަ ނަންގަތް ބާބު.”

މިއުޒިކު ކުޅޭ އާލާތްތަކާއި މިއުޒިކުން އުފާ ޙާޞިލުކުރުން ޙަރާމްވާ ދެގޮތެއް މިޙަދީޘުން ދަލީލުކޮށްދެއެވެ.

ފުރަތަމައީ: ރަސޫލުﷲ صلى الله عليه وسلمގެ ބަސްފުޅު ((يَسْتَحِلُّونَ)) [އެބަހީ: ޙާލާލުކުރާނެ]އެވެ. ފަހެ ހަމަކަށަވަރުން ޛިކުރުކުރެވިފައިވާ ކަންތައްތަކަކީ، އޭގައި މިއުޒިކު ކުޅޭ އާލާތްތައްވެސް ހިމެނޭ ގޮތުން، ޝަރުޢުގައި ޞަރީޙަކޮށް ޙަރާމްކުރައްވާފައިވާ ކަންތައްތަކެވެ. އެބައިމީހުން ފަހެ އެކަންތައްތައް ޙަލާލުކުރާނެއެވެ.

ދެވަނައީ: ކަނޑައެޅިގެން އެއީ ޙަރާމް ކަންތައްތައްކަމުގައި އެނގެންހުރި ޒިނޭއާއި ރާފަދަ ކަންކަމާއެކު މިއުޒިކުކުޅޭ އާލާތްތަކުގެ ވާހަކަ ގެންނަވާފައިވުމެވެ. (މިއުޒިކު ކުޅޭ އާލާތްތައް) އެއީ ޙަރާމް އެއްޗެހި ކަމުގައި ނުވާނަމަ ޙަރާމް ތަކެއްޗާއެކު ގެންނަވާފައި އެވަނީ ކީއްވެ ހެއްޔެވެ؟ [ السلسلة الصحيحة للألباني 1/140-141 بتصرف]

ޝައިޚުލް އިސްލާމް (އިބްނު ތައިމިއްޔާ) رحمه الله ވިދާޅުވެފައިވެއެވެ.

“ފަހެ، المعازف ޙަރާމް ކަމަށް މިޙަދީޘުން ދަލީލު ކޮށްދެއެވެ. ބަހުގެ އަހުލުވެރިންގެ އަރިހުގައި المعازف އަކީ މިއުޒިކު ކުޅޭ އާލާތްތަކެވެ. މިނަން ބޭނުން ކުރެވެނީ މިފަދަ ހުރިހާ އާލާތްތަކަށެވެ.” [المجموع 11/535]

އިބްނުލްޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ.

“މިބާބުގައި ސަހްލު ބުން ސަޢުދު އައްސާޢިދީ، ޢިމްރާން ބުން ޙުޞައިން، ޢަބްދުﷲ ބުން ޢަމްރު، ޢަބްދުﷲ ބުން ޢައްބާސް، އަބޫ ހުރައިރާ، އަބޫ އުމާމާ އަލްބާހިލީ، އުންމުލްމުއުމިނީން ޢާއިޝާ، ޢަލީ ބުން އަބޫޠާލިބު، އަނަސް ބުން މާލިކު، ޢަބްދުއްރަޙްމާން ބުން ސާބިޠު އަދި އަލްޣާޒީ ބުން ރަބީޢާގެ އަރިހުން މިފަދައިން ރިވާވެގެން އައިސްފައިވެއެވެ.”

ދެން އެއަށްފަހު إغاثة اللهفانގައި އެކަން ޛިކުރު ކުރައްވާފައިވެއެވެ. އެތަކެތި ޙަރާމްވެގެންވާކަމަށް އެއިން ދަލީލު ލިބެއެވެ.

ނުނިމޭ

_______________________________________

[1] ޙިމްޔަރު ބަހަކީ ޔަމަނުގައި ވާހަކަ ދައްކާ އުޅުނު ބަހެކެވެ.

[2]  السُّمُودُ އަކީ سَامِدُونގެ އިސްމުލްފިޢުލެވެ. މިތަނުގައި އޭގެ މާނައަކީ “ޙަޔާތުގެ އަގުހުރި ވަޤުތުތައް ކުޅިވަރާއި މަޖަލުގައި (ލަވަކިޔުމުގައި) ބޭކާރުކޮށްލުމެވެ.”

[3] اسْمِدِيގެ މަޞްދަރަކީ سُمُودއެވެ.

[4] “އަހަރެމެންނަށް ލަވަކިޔައިދޭށެވެ.”

 

މަޞްދަރު:

http://islamqa.info/en/5000

http://islamqa.info/ar/5000

މިލިޔުމުގެ އެހެންބައިތައް