الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.
الإمام الذهبي ވިދާޅުވިއެވެ.
“މާލިކުގެފާނަކީ އެކަލޭގެފާނުގެ ޒަމާނުގައި މަދީނާގެ ޢިލްމުވެރިޔާއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާއި އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރެއިން زيد بن ثابت رضي الله عنه އާއި عائشة رضي الله عنها އަށް ފަހުގައި ދެން މަދީނާގެ އެންމެ ބޮޑު ޢިލްމުވެރިއެއްގެ ގޮތުގައި ހުންނެވީ ابن عمر އެވެ. ދެން އެއަށްފަހު سعيد بن مسيب އެވެ. ދެން އެއަށްފަހު الزهري އެވެ. ދެން އެއަށްފަހު عبيد الله بن عمر އެވެ. ދެން އެއަށްފަހު މާލިކުގެފާނެވެ.”[1]
އަދިވެސް الإمام الذهبيގެ ބަސްފުޅެއްގައިވެއެވެ.
“ތާބިޢީ ބޭކަލުންނަށް ފަހުގައި، ޢިލްމުވެރިކަމާއި ފިޤުވެރިކަމާއި މަތިވެރިކަމާއި ހިތު ދަސްކުރުމުގައި މާލިކުގެފާނާއި އެއްފަދަ ބޭފުޅެއް މަދީނާގައި ނުވެއެވެ. ޞަޙާބީ ބޭކަލުންނަށް ފަހުގައި މަދީނާގެ ޢިލްމުވެރިންގެ ގޮތުގައި سعيد بن مسيب އާއި فقهاء السبع[2] އާއި القاسم އާއި سالم އާއި عكرمة އާއި نافع އަދި އެބޭފުޅުންނާ އެއްދުވަސްވަރެއްގައި އުޅުއްވި ބޭފުޅުން ތިއްބެވިއެވެ. ދެން އެއަށް ފަހުގައި زيد بن أسلم އާއި ابن شهاب އާއި أبو الزناد އާއި يحيى بن سعيد އާއި صفوان بن سليم އާއި ربيعة بن أبي عبد الرحمن އަދި އެބޭފުޅުންނާ އެއްދުވަސްވަރެއްގައި އުޅުއްވި ބޭފުޅުން ތިއްބެވިއެވެ. މިބޭފުޅުންގެ ފަހުގައި މަދީނާގައި މާލިކުގެފާނުގެ ނަން މަޝްހޫރުވެގެން ދިޔައެވެ. އަދި ابن أبي ذئب އާއި عبد العزيز بن الماجشُّون އާއި فليح بن سليمان އާއި الداودي ފަދަ ބޭފުޅުން މަދީނާގައި މަޝްހޫރުވިއެވެ. މިހުރިހާ ބޭފުޅުންގެ ތެރެއިންވެސް މާލިކުގެފާނު އިސްކުރެވިގެންވެއެވެ. އަދި އެކި ކަންކޮޅުތަކުން ދަތުރުކޮށްފައި އެކަލޭގެފާނުގެ އަރިހަށް މީސްތަކުން ޢިލްމު ހާޞިލްކުރެއްވުމަށްޓަކައި އާދެއެވެ.”[3]
ابن مهدي ވިދާޅުވިއެވެ.
“އެބޭފުޅުންގެ ޒަމާނުގައި ތިއްބެވީ ހަތަރު އިމާމުންނެވެ. އެއީ الثوريއާއި مالكއާއި الأوزاعيއާއި حماد بن زيدއެވެ.”
އަދި ވިދާޅުވިއެވެ.
“މާލިކުގެފާނަށްވުރެ ވިސްނުން ތޫނު އެކަކުވެސް ތިމަންކަލޭގެފާނު ދެކިވަޑައިނުގަންނަވަމެވެ.”[4]
الواقدي ވިދާޅުވިއެވެ.
“އެކަލޭގެފާނުގެ ގެކޮޅުގައިވާ މަޖުލީހުގައި ވަށައިގެން ބާލީސް އަތުރާލެވިފައިވެއެވެ. އެކަލޭގެފާނުވެސް އޮށޯވެވަޑައިގެން އިންނަވާ ކަހަލަގޮތަކަށް އިށީންދެވަޑައިގެން އިންނަވައެވެ. އަދި އެކަލޭގެފާނުގެ މުޅި ގެކޮޅުވަނީ އެކަލޭގެފާނުގެ މަޖުލީހަށް ޙާޟިރުވާމީހުންނަށް ފަސޭހަކަމާއިއެކު ތިބެވޭނެހެން ފަސޭހަކޮށްދެއްވަވާފައެވެ. އަދި އެކަލޭގެފާނުގެ މަޖުލީހަކީ ޢިލްމީ އަދި ހިތްތައް މަޑުމޮޅިކުރަނިވި މަޖުލީހެކެވެ. އަދި އެކަލޭގެފާނަކީ ހައިބަތު ބޮޑު މާތް ޝަރަފުވެރި ބޭކަލެކެވެ. އަދި އެކަލޭގެފާނުގެ މަޖުލީހަކީ އަޑުގަދަކޮށް ޖަދަލުކޮށްއުޅޭ މަޖުލީހެއް ނޫނެވެ. އަދި އެކަލޭގެފާނުގެ އަރިހުން އެކަލޭގެފާނު ނުދަންނަ މީހުންވެސް ޙަދީޘަކަށްފަހު ޙަދީޘަކާއި ބެހޭގޮތުން އެކަލޭގެފާނާއި ސުވާލުކޮށް އުޅެތެވެ. އަދި އެކަލޭގެފާނުގެ ލިޔުއްވާ ކާތިބަކު ހުންނަވައެވެ. އެބޭކަލަކަށް ޙަބީބުގެ ނަމުން ނަންކިޔެއެވެ. އަދި ކާތިބު އެކަލޭގެފާނުގެ ފޮތްތައް ނަޤުލުކުރައްވާ އަދި މަޖިލީހުގައި ކިޔުއްވައެވެ. ދެން ކާތިބަށް ކުށެއް ކިއިއްޖެނަމަ މާލިކުގެފާނު ރަނގަޅު ކޮށްދެއްވައެވެ. ނަމަވެސް އެފަދައިން މެދުވެރިވަނީ ވަރަށް މަދު ފަހަރެއްގައެވެ.”[5]
بقيةގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“އޭ މާލިކުގެފާނެވެ. ކަލޭގެފާނަށްވުރެ ބޮޑަށް ކުރީގެ ސުންނަތްތައް ދަންނަ ބޭކަލެއް މިހާރު މިދުނިޔެ މައްޗަކު ނެތެއެވެ.”[6]
=ނުނިމޭ=
_____________________________________
[1] سير أعلام النبلاء (8/58)
[2] فقهاء السبع އަކީ ތާބިޢީ ބޭކަލުންގެ ތެރެއިން މަދީނާގައި އުޅުއްވި އެންމެ ބޮޑެތި ޢިލްމުވެރިންނަށް ޢިލްމުވެރިން ދެއްވާފައިވާ ނަމެކެވެ. އެބޭކަލުންގެ ތެރޭގައި ޢިލްމުވެރިން ފާހަގަ ކުރައްވާފައިވާ ބޭފުޅުންނަކީ: عبيد الله بن عبد الله بن عتبة بن مسعود، عروة بن الزبير بن العوام، قاسم بن محمد بن أبي بكر الصديق، سعيد بن المسيب بن حزن، أبو بكر بن عبد الرحمن، سليمان بن يسار އަދި خارجة بن زيد بن ثابت. والله أعلم.
http://fatwa.islamweb.net/fatwa/index.php?page=showfatwa&lang=A&Id=12126&Option=FatwaId
[3] سير أعلام النبلاء (8/58)
[4] سير أعلام النبلاء (8/56)
[5] سير أعلام النبلاء (8/59)
[6] سير أعلام النبلاء (8/94)