[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލްއިމާމު މާލިކު: مالك بن أنس – إمام دار الهجرة – 4

imam maalik

 

الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.

 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްބަސްފުޅުތަކަށް ދެއްވި އަހައްމިޔަތުކަމާއި ކުރެއްވި އިޙްތިރާމް

 

ابو أوس ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“މާލިކުގެފާނު ޙަދީޘް ރިވާކުރެއްވުމަށް ބޭނުންފުޅުވެއްޖެނަމަ ވުޟޫކުރައްވައެވެ. އަދި އެކަލޭގެފާނުގެ އެނދުކޮޅުގެ ކުރީގޮޅުގައި އިށިނދެ ވަޑައިގަންނަވައެވެ. އަދި ތުނބުޅިފުޅު ފުނާއަޅުއްވާ ރީތިކުރައްވައެވެ. އަދި މަޑުމޮޅިކަމާ އެއްކޮށް ޙަދީޘް ރިވާކުރެއްވުމަށް ފުރިހަމައަށް ތައްޔާރުވެއްލަވައެވެ. ދެން އެއައްފަހުގައި ޙަދީޘް ރިވާކުރައްވައެވެ.”

ފަހެ އެކަލޭގެފާނުގެ މިކަންކަމާ ބެހޭގޮތުން އެކަލޭގެފާނާއި ސުވާލު ދެންނެވުނު ކަމުގައިވިއެވެ. އެކަލޭގެފާނު ޖަވާބުގައި ވިދާޅުވިއެވެ.

“ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުތައް މަތިވެރިކުރެއްވުމަށް ތިމަންކަލޭގެފާނު ލޯބި ކުރައްވަމެވެ. އަދި ޙަދީޘް ރިވާކުރެއްވުމަށް ފުރިހަމައަށް ތައްޔާރުވެ، ޠާހިރުވެގެން މެނުވީ ތިމަންކަލޭގެފާނު ޙަދީޘް ރިވާ ނުކުރައްވަމެވެ.”

އަދި އެކަލޭގެފާނު މަގުމަތީގައި ކޮށްޅަށް ހުރެ ނުވަތަ އަވަސްއަރައިގަނެގެންހުރެ ޙަދީޘް ރިވާކުރެއްވުމަށް ނުރުއްސަވައެވެ. އަދި ވިދާޅުވެއެވެ.

“ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ތިމަންކަލޭގެފާނު ރިވާކުރައްވާ ޙަދީޘް ބަސްފުޅު، ވިސްނޭނެހެން ކިޔައިދެއްވުމަށް ތިމަންކަލޭގެފާނު ލޯބި ކުރައްވަމެވެ.”[1]

معن بن عيسى ގެއަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“އިމާމު މާލިކުގެފާނު ޙަދީޘް ރިވާކުރެއްވުމަށްޓަކައި މަޖުލިހެއްގައި އިށީނދެ ވަޑައިގަންނަވަން ބޭނުންފުޅުވެއްޖެނަމަ ފެންވަރާ ބަޚޫރުލާ ހުވަނދު ތުރުކުރައްވައެވެ. އަދި އެކަލޭގެފާނުގެ މަޖުލީހުގައި މީހަކު އަޑުގަދަކޮށްފި ހިނދެއްގައި އެކަން މަނާކޮށް ނަހީ ކުރައްވައެވެ. އަދި ވިދާޅުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ﴾ [الحجرات: ٢]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ!  ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނޫފުލާށެވެ!”

ފަހެ މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅު ކިޔޭހިނދު އޭގެ މައްޗަށް އަޑު ގަދަކޮށް އަޑު އުފުލާނަމަ، ފަހެ އެމީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޑުފުޅުގެ މައްޗަށް އެމީހެއްގެ އަޑު އުފުލައިފި ކަހަލައެވެ.”[2]

اين القاسم ގެއަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“މާލިކުގެފާނަށް­ ދެންނެވުނު ކަމުގައިވެއެވެ. ކަލޭގެފާނު عمرو بن دينارގެ އަރިހުން ހަދީޘް ރިވާ ނުކުރައްވަނީ ކީއްވެގެންތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އެބޭފުޅާގެ އަރިހަށް ދިޔައީމެވެ. އެހިނދު ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ އެބޭފުޅާގެ އަރިހުން މީސްތަކުން ކޮޅަށް ހުންނަވައިގެން ޙަދީޘް ރިވާކުރައްވާތަނެވެ. އެހެން ނަމަވެސް ތިމަންކަލޭގެފާނު ދެކިވަޑައިގަންނަވާގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުތަކަކީ، ކޮޅަށް ހުންނަވައިގެން ރިވާކުރައްވާ ވަރަށްވުރެ މާތް ޤަދަރުވެރި އެއްޗެކެވެ.”[3]

=ނުނިމޭ=

_____________________________________

 

[1]  صفة الصفوة (2/178) وحلية الأولياء (6/388)

[2]  تهذيب الكمال (11/111)

[3]  سير أعلام النبلاء (8/63,64)

 

 

 

މިލިޔުމުގެ އެހެންބައިތައް