6. ފިތުނަ ފާޅުވުން.
الفِتَن: [މިއީ] “فِتْنَة” މިބަހުގެ ޖަމްޢެވެ. [ނުވަތަ ގިނަގޮތެވެ.] އެއީ އިމްތިޙާނު ކުރުން ނުވަތަ ޓެސްޓްކުރުމެވެ. އެއަށްފަހު އެބަސް ގިނައިން ބޭނުންކުރެވެމުން އަންނަނީ އޭގެތެރެއިން ނުރުހޭކަމަކަށްޓަކައި ކުރެވޭ އިމްތިޙާނަށެވެ. އޭގެފަހުގައި، ނުރުހޭ ކޮންމެ ކަމަކަށާއި އެދަރަޖާގައިވާ ކޮންމެ ކަމަކަށް އެފަދައިން ކިޔެއެވެ. މިޘާލަކަށް ފާފަކުރުން، ކާފިރުކަން، މީހުން މެރުން، ހުޅުޖެހުން އަދި މިނޫންވެސް ނުރުހެވޭ މިފަދަ ކަންކަމަށެވެ. [1]
ޙައްޤެއް ބާޠިލެއް ވަކިކުރަން ނޭނގޭފަދަ ބޮޑެތި ފިތުނަތައް ފާޅުވުމީ ޤިޔާމަތްވުމުގެ ޢަލާމާތެއް ކަމުގައި ކައުއިތުރު ނަބިއްޔާ صلى الله عليه وسلم ވަނީ ޚަބަރު ދެއްވާފައިކަން ކަށަވަރެވެ. ފަހެ އީމާންކަންމަތީ ހެނދުނު ކުރާމީހާ ކާފިރެއްގެ ގޮތުގައި ހަވީރުކޮށް އަދި ކާފިރުކަންމަތީ ހަވީރު ކުރާމީހާ މުއުމިނެއްގެ ގޮތުގައި ހެނދުނުކުރާ ދަރަޖައަށް އީމާންކަމަށް ލޮޅުން އަރައިގެން ދާނެއެވެ. ފިތުނައެއް ފާޅުވާ ކޮންމެ ހިނދެއްގައިމެ މުއުމިނު މީހާ ބުނާނެތެވެ: މިއީ ތިމަންނާ ހަލާކުކުރާނޭ ކަންތަކެވެ. އެއަށްފަހު އެކަން ހިނގާދާނެއެވެ. އަދި އެނޫންކަމެއް ފާޅުވެދާނެތެވެ. ފަހެ އޭނާ ބުނާނެއެވެ: މިއީއެވެ. މިއީއެވެ. އަދި ޤިޔާމަތް ޤާއިމްވެއްޖައުމަށް ދާންދެން މީސްތަކުންގެ މެދުގައި ފިތުނަފަސާދަ ފާޅުވުން ފިލައިނުދާނެއެވެ.
މާތް ﷲ ރުއްސުންލެއްވި އަބޫ މޫސާ އަލްއަޝްޢަރީގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((إِنَّ بَيْنَ يَدَيْ السَّاعَةِ فِتَنًا كَقِطَعِ اللَّيْلِ الْمُظْلِمِ، يُصْبِحُ الرَّجُلُ فِيهَا مُؤْمِنًا وَيُمْسِي كَافِرًا، وَيُمْسِي مُؤْمِنًا وَيُصْبِحُ كَافِرًا، الْقَاعِدُ فِيهَا خَيْرٌ مِنْ الْقَائِمِ، وَالْقَائِمُ فِيهَا خَيْرٌ مِنْ الْمَاشِي، وَالْمَاشِي فِيهَا خَيْرٌ مِنْ السَّاعِي، فَكَسِّرُوا قِسِيَّكُمْ، وَقَطِّعُوا أَوْتَارَكُمْ، وَاضْرِبُوا بِسُيُوفِكُمْ الْحِجَارَةَ، فَإِنْ دُخِلَ عَلَى أَحَدِكُمْ، فَلْيَكُنْ كَخَيْرِ ابْنَيْ آدَمَ)) [2] މާނައީ: “ހަމަކަށަވަރުން ކަޅުފޮއި ރެއެއްގެ އަނދިރިގަނޑެއްފަދަ ފިތުނަތަކެއް ޤިޔާމަތާ ކައިރީގައި ވެއެވެ. އެހިނދުގައި މުއުމިނެއްގެ ގޮތުގައި ހެނދުނުކުރާ މީހާ ކާފިރުކަންމަތީ ހަވީރު ކުރެއެވެ. އަދި މުއުމިނެއްގެ ގޮތުގައި ހަވީރުކުރާ މީހާ ކާފިރުކަންމަތީ ހެނދުނު ކުރެއެވެ. އަދި އެހިނދުގައި އިށީނދެ އިންނަމީހާ ކޮޅަށް ހުރި މީހާއަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ. އަދި ހިނގާ މީހާއަށްވުރެ ކޮޅަށްހުރި މީހާ ހެޔޮކަން ބޮޑެވެ. އަދި ދުވާ މީހާއަށްވުރެ ހިނގާ މީހާ ހެޔޮކަން ބޮޑުވެގެން ވެއެވެ. ފަހެ ތިޔަބައިމީހުންގެ ދުނިތައް ހަލާކުކޮށްލާށެވެ. އަދި ދުނިދަނޑީގެ ވާތައް ބުރިކުރާށެވެ. އަދި ތިޔަބައިމީހުންގެ ކަނޑިތަކުން ހިލަގަނޑުގަނޑުގައި ތަޅާށެވެ. ދެންފަހެ ތިޔަބައިމީހުންގެ ގާތަށް އެއިންކަމެއް އަތުވެއްޖެނަމަ ފަހެ އާދަމުގެފާނުގެ ދެ ދަރިންކުރެ އެންމެ ހެޔޮ މީހާފަދައިން ވާހުށްޓެވެ!”
އަދި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން އަލްއިމާމު މުސްލިމް ރިވާކުރައްވާފައި ވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((بَادِرُوا بالأَعْمَالِ فِتَناً كقِطَع اللَّيْلِ الْمُظْلِمِ؛ يُصْبِحُ الرَّجُلُ مُؤْمِناً وَيُمْسِي كَافِراً، أَوْ وَيُمْسِي مُؤْمناً وَيُصْبِحُ كافِرا، يَبِيعُ دِينَهُ بِعَرَضٍ مِنَ الدُّنْيَا)) [3] މާނައީ: “ކަޅުފޮއި ރެއެއްގެ އަދިރިގަނޑެއްފަދަ ފިތުނަތައް [ފާޅުވުމުގެ ކުރިން] ތިޔަބައިމީހުންގެ ޢަމަލުތައް ކުރުމުގައި ކުރިއަރައި ދާށެވެ. [އެހިނދުގައި] މުއުމިނެއްގެ ގޮތުގައި ހެނދުނުކުރާ މީހާ ކާފިރުކަންމަތީ ހަވީރު ކުރެއެވެ. ނުވަތަ މުއުމިނެއްގެ ގޮތުގައި ހަވީރު ކުރާމީހާ ކާފިރުކަންމަތީ ހެނދުނު ކުރެއެވެ. ދުނިޔޭގެ ލައްޒަތަކަށްޓަކައި އޭނާ އޭނާގެ ދީން ވިއްކާލައެވެ.”
އަދި ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަނބަލުން އުއްމު ސަލަމާ رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. اسْتَيْقَظَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لَيْلَةً فَزِعًا؛ يَقُولُ: ((سُبْحَانَ اللَّهِ، مَا أَنْزَلَ اللهُ مِنَ الْخَزَائِنِ؟ وَمَاذَا أَنْزَلَ اللهُ مِنَ الْفِتَنِ؟ مَنْ يُوقِظُ صَوَاحِبَ الْحُجُرَاتِ -يُرِيدُ أَزْوَاجَهُ- لِكَيْ يُصَلِّينَ؟ رُبَّ كَاسِيَةٍ فِي الدُّنْيَا عَارِيَةٍ فِي الآخِرَةِ)) [4] މާނައީ: އެއްރެއެއްގައި ރަސޫލުﷲ صلى الله عليه وسلم، ކުއްލިއަކަށް އަވަހާރަޕުޅުން ތެދުވެ ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. “سُبْحَانَ اللَّهِ އެވެ. ޚަޒާނާ ތަކުގެ ތެރެއިން ﷲ ތަޢާލާ ބާވާލެއްވީ ކޯންޗެއް ހެއްޔެވެ؟ އަދި ފިތުނަ ތަކުގެ ތެރެއިން އެކަލާނގެ ބާވާލެއްވީ ކޮންކަމެއް ހެއްޔެވެ؟ ރޭއަޅުކަން ކުރުމަށްޓަކައި ގެކޮޅުތަކުގެ އަހުލުވެރިން -އެބަހީ އެކަލޭގެފާނުގެ އަނބިކަނބަލުން- ހޭލައްވާނީ ކާކު ހެއްޔެވެ؟ ދުނިޔޭގައި އުނުއޮރިޔާން ނިވާވެފައިވާ މީހާ އާޚިރަތުގައި އޮރިޔާން ޙާލުގައި އުޅެން ޖެހިދާނެއެވެ.”
އަދި ޢަބްދުﷲ ބިން ޢަމްރު ބިން ޢާޞް رضي الله عنها ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. نَادَى مُنَادِي رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: الصَّلاةَ جَامِعَةً. فَاجْتَمَعْنَا إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: ((إِنَّهُ لَمْ يَكُنْ نَبِيٌّ قَبْلِي إِلا كَانَ حَقًّا عَلَيْهِ أَنْ يَدُلَّ أُمَّتَهُ عَلَى خَيْرِ مَا يَعْلَمُهُ لَهُمْ، وَيُنْذِرَهُمْ شَرَّ مَا يَعْلَمُهُ لَهُمْ، وَإِنَّ أُمَّتَكُمْ هَذِهِ جُعِلَ عَافِيَتُهَا فِي أَوَّلِهَا، وَسَيُصِيبُ آخِرَهَا بَلَاءٌ وَأُمُورٌ تُنْكِرُونَهَا، وَتَجِيءُ فِتْنَةٌ، فَيُرَقِّقُ بَعْضُهَا بَعْضًا، وَتَجِيءُ الْفِتْنَةُ، فَيَقُولُ الْمُؤْمِنُ: هَذِهِ، هَذِه… فَمَنْ أَحَبَّ أَنْ يُزَحْزَحَ عَنِ النَّارِ وَيُدْخَلَ الْجَنَّةَ؛ فَلْتَأْتِهِ مَنِيَّتُهُ، وَهُوَ يُؤْمِنُ بِاللهِ وَالْيَوْمِ الآخِرِ)) [5] މާނައީ:ރަސޫލުﷲ صلى الله عليه وسلم ގެ ފަރާތުން ގޮވާލައްވާ ބޭކަލަކު ގޮވާލެއްވިއެވެ: ނަމާދަށް ޖަމާވާށެވެ. ދެންފަހެ ތިމަންމެންބޭކަލުން ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އެއްވެއްޖައީމުއެވެ. ޙަދީޘް ކުރެއްވިއެވެ. “އެބޭކަލަކަށް އެނގިފައިވާ ހެޔޮގޮތަށް މަގުދެއްކެވުމަކީ އަދި އެނގިފައިވާ ނުބައި ކަންތައްތަކުން އިންޒާރުދެއްވުމަކީ ތިމަންކަލޭގެފާނުގެ ކުރިން ވަޑައިގަތް އެންމެހާ ނަބީބޭކަލުންގެ މައްޗަށް އޮތް ޙައްޤެއްކަމުގައި މެނުވީ ނުވެއެވެ.އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ މިއުއްމަތުގެ ހެޔޮކަން ލެއްވުނީ އޭގެ ކުރީކޮޅުގައެވެ. އަދި އޭގެ ފަހުކޮޅުގައި ބަލާވެރިކަމާއި ތިޔަބައިމީހުން ނުރުހޭ އެތައްކަމެއް ލައިގަންނާނެއެވެ. އަދި ފިތުނަތައް އަންނާނެއެވެ. ފަހެ ޖެހިގެން އަނެއް ފިތުނަ އައުމުން ކުރީ ފިތުނަ މާ ކުޑަކަމަށް ފެންނާނެއެވެ. ދެންފަހެ ފިތުނަތައް އައުމުން މުއުމިނު މީހާ ބުނާނެއެވެ. މިއީއެވެ. މިއީއެވެ… ފަހެ ނަރަކައިން އެއްކިބާކުރައްވާ ސުވަރުގެ ވެއްދެވުމަށް ލޯބިކުރާމީހާއަށް، ﷲ އަށާއި އާޚިރަތް ދުވަހަށް އޭނާ އީމާންވެގެންވާ ޙާލުގައި މަރާ ބައްދަލުކުރާހުށިކަމެވެ.”
ފިތުނަތަކާ ގުޅޭގޮތުން [ވާރިދުވެފައިވާ] ޙަދީޘްތައް ގިނަގުނަވެގެން ވެއެވެ. ފަހެ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އުއްމަތަށް ވަނީ ފިތުނަތަކާމެދު އިންޒާރު ކުރައްވާ އެކަންކަމުން ރައްކާތެރިވެތިބުމަށް އަމުރު ކުރައްވާފައެވެ. އަދި މިއުއްމަތުގެ ފަހުކޮޅުގައި ބޮޑެތިވެގެންވީ ބަލާއާއި މުޞީބާތް ލައިގަންނާނެ ކަމުގައި ވަނީ ޚަބަރު ދެއްވާފައެވެ. ﷲ އަށާ އާޚިރަތް ދުވަހަށް އީމާންވެ އަދި ފިތުނަތަކުން ދުރުވެގަނެ އެކަންކަމުން ރައްކާތެރިވެ، މުސްލިމުންގެ ޖަމާޢަތުގައި ހުރި މީހަކު މެނުވީ އެކަންކަމުން ސަލާމަތްވާނެ ހަމައެކަކުވެސް ނުވާނެއެވެ. އަދި އެއީ އަހުލުއްސުއްނަތުގެ ޖަމާޢަތެވެ. -އެބައިމީހުންގެ ޢަދަދު ކިތަންމެ މަދުކަމުގައި ވީނަމަވެސް މެއެވެ.- ފަހެ ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ: ((تَعَوَّذُوا بِاللَّهِ مِنَ الْفِتَنِ مَا ظَهَرَ مِنْهَا وَمَا بَطَن)) [6] މާނައީ: “ފިތުނަތަކުގެ ތެރެއިން ފާޅުވެ ހުރި ކަންކަމާއި ވަންހަނާވެފައިވާ ކަންކަމުން ރައްކާތެރިކަމަށް ތިޔަބައިމީހުން ﷲ ގެ ޙަޟްރަތުގައި އެދޭށެވެ.”
=ނުނިމޭ=
__________________________________________
[1] ބައްލަވާ: ((لسان العرب)) (13 / 321)، و ((النهاية)) (3 / 410 – 411)، و ((فتح الباري)) (13 /3).
[2] رواه الإمام أحمد في المسند (4 / 408 – بهامشة منتخب كنز العمال)، وأبو داود في السنن (11 / 373 -مع غون المعبود)، وابن ماجه في سننه (2 / 1310) ، والحاكم في المستدرك (4 / 440) وقال: ((هذا حديث صحيح الإسناد، ولم يخرجاه)) / والحديث صححه الألباني في ((صحيح الجامع الصغير)) (2 / 193) (ح 2045).
[3] ((صحيح مسلم))، كتاب الإيمان، باب الحث على المبادرة بالأعمال قبل تظاهر الفتن، (2 / 133 – مع شرح النووي).
[4] ((صحيح البخاري)) كتاب الفتن، باب لا يأتي زمان إلا الذي بعده شرمنه، (13 / 20 – مع شرح النووي).
[5] ((صحيح مسلم))، كتاب الإمارة، باب وجوب الوفاء ببيعة الخليفة الأول فالأول، (12 / 232 – 233 – مع شرح النووي).
[6] رواه مسلم عن زيد بن ثابت رضي الله عنه ((صحيح مسلم)) كتاب الجنة وصفة نعيمها وأهلها، باب عرض مقعد الميت عليه وإثبات عذاب القبر والتعوذ منه، (17 / 203 – مع شرح النووي).