[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 41 “ޢުޘްމާނުގެފާނު ޝަހީދުކޮށްލެވުން.”

qiyaamai vumuge

ށ. ޢުޘްމާން ބިން ޢައްފާން رضي الله عنه ޝަހީދުކޮށްލެވުން:

މުއުމިނުންގެ ޚަލީފާ ޢުމަރު ބިން އަލް ޚައްޠާބް رضي الله عنه ޝަހީދު ކޮށްލެވުމާއެކު، ޞަޙާބީންގެ ޒަމާނުގައި ފިތުނަތައް ފާޅުވެއްޖެކަން ކަށަވަރެވެ. ފަހެ އޭގެކުރިން އެދޮރުވަނީ ފިތުނަތަކާއެކު ބަންދުކުރެވިގެންނެވެ. އެކަލޭގެފާނު -رضي الله عنه- ޝަހީދުކޮށްލެވުމާއެކު ބޮޑެތިވެގެންވީ ފިތުނަތައް ފާޅުވެއްޖެއެވެ. އަދި އެކަމާއިގެން ފާޅުވެގަތް ބަޔަކީ، އެބައެއްގެ ހިތުގައި އީމާންކަމުގެ ކުޑަވެސް މިންވަރެއް ނެތް ބައެކެވެ. އަދި އެބައެއްގެ ހިތުގައި މިދީނާމެދު ނުބައިކަމާއި މަކަރުވެރި ރޭވުންތައް ރާވާ ސިއްރުކޮށް، ހެޔޮލަފާބައެއް ކަމުގައި މީސްތަކުންނަށް ދެއްކިގެން ތިބި މުނާފިޤުންގެ ބައެކެވެ.

ޙުޛައިފާ رضي الله عنه ގެ އަރިހުން [ރިވާވެގެން] ދެޞަޙީޙުގައި ވެއެވެ. [އެބަސްފުޅުގެ މާނާގައިވަނީ:] ޢުމަރު ބިން އަލްޚައްޠާބު رضي الله عنه ވިދާޅުވިއެވެ. “ފިތުނަތަކާ ބެހޭގޮތުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވި ބަސްފުޅު ދަސްފުޅު ކުރައްވައިގެން ހުންނެވީ ތިޔައިގެ ތެރެއިން ކޮންބޭކަލެއްތޯއެވެ؟ ޙުޛައިފަތުގެފާނު ވިދާޅުވިއެވެ: ޙަދީޘްކުރެއްވި ގޮތަށް ތިމަންކަލޭގެފާނު މިހުރީ ދަސްކުރައްވައިގެންނެވެ. ވިދާޅުވިއެވެ. ކިޔުއްވާށެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ ދޫފަރިތަ ބޭކަލެކެވެ. [ވިދާޅުވިއެވެ] ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((فِتْنَةُ الرَّجُلِ فِي أَهْلِهِ وَمَالِهِ وَجَارِهِ تُكَفِّرُهَا الصَّلَاةُ وَالصَّدَقَةُ وَالْأَمْرُ بِالْمَعْرُوفِ وَالنَّهْي عَنِ الْمُنْكَرِ)) [ޙަދީޘްގެ މާނައީ: “މީހާގެ ފިތުނަތައް ވަނީ އޭނާގެ އަހުލުންނާއި މުދަލުގައާއި އަވަށްޓެރިންގެއެވެ. ނަމާދު ކުރުމާއި ޞަދަޤާތް ކުރުމާއި ހެޔޮ ކަންތަކަށް އަމުރު ކުރުމާއި ނުބައި ކަންތައް ނަހީކުރުން އެކަމުގެ ކައްފާރާއަކަށް ފުދެއެވެ.] [ޢުމަރުގެފާނު] ވިދާޅުވިއެވެ. ތިޔެއް ނޫނެވެ. އަދިކިއެއްތޯއެވެ! އެއީ ކަނޑުގެ ރާޅު އެއްރާޅަށްފަހު އަނެއްރާޅު ޖަހާފަދައިން ވާކަމެކެވެ. ވިދާޅުވިއެވެ. އޭ މުއުމިނުންގެ ޚަލީފާއެވެ. ކަލޭގެފާނަކަށް އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. ހަމަކަށަވަރުން ކަލޭގެފާނާ އެކަންކަމާމެދުވާ ދޮރު ވަނީ ބަންދު ކުރެވިގެންނެވެ. [ޢުމަރުގެފާނު] ވިދާޅުވިއެވެ. ދޮރު ހުޅުވޭނީ ހެއްޔެވެ ނޫނީ ހަލާކު ކޮށްލެވޭނީ ހެއްޔެވެ؟ ވިދާޅުވިއެވެ. ނޫނެކެވެ. ހަލާކުކޮށްލެވޭނީއެވެ. [ޢުމަރުގެފާނު] ވިދާޅުވިއެވެ. އެންމެގާތީ ދެން އެދޮރު ބަންދު ނުވުމާއެވެ. ތިމަންމެން ދެންނެވީމެވެ. ދޮރާ ބެހޭގޮތުން އެނގިވަޑައިގެންފައި ވޭތޯއެވެ؟ ވިދާޅުވިއެވެ. އާދޭހެވެ. ހަމަކަށަވަރުން މާދަމާއަށް ވުރެ މިރޭ ގާތްވެގެންވާކަން އެނގޭ ފަދައިންނެވެ.  ތިމަންކަލޭގެފާނު މިދެއްކި ވާހަކާގައި އެއްވެސް ކުށެއް ނުވާނެއެވެ. [މިޙަދީޘްގެ ރާވީއެއްކަމުގައިވާ އަބޫ ވާއިލު ވިދާޅުވިއެވެ.] ފަހެ ތިމަންމެނަށް އެކަލޭގެފާނާ [އެބަހީ: ޙުޛައިފާ އާ ސުވާލު ދެންނެވުމަށް ޖެހުލިންވީމެވެ. އެހެންވެ އެކަލޭގެފާނުގެ އަރިހުގައި ސުވާލު ދެންނެވުމަށް މަސްރޫޤުގެ އަރިހުގައި ދެންނެވީމެވެ. ފަހެ އެކަމާ ބެހޭގޮތުން އެކަލޭގެފާނާ ސުވާލު ދެންނެވުނެވެ. ވިދާޅުވިއެވެ. ދޮރަކީ ކާކުތޯއެވެ؟ ވިދާޅުވިއެވެ. ޢުމަރު ގެފާނެވެ.”[1]

އަދި ތެދުވެރި ކަމާއި ތެދުކުރެވިގެންވާ ސާހިބާ صلى الله عليه وسلم ޚަބަރު ދެއްވާފައިވާ ގޮތަށް އެކަންވިއެވެ. ފަހެ ހަމަކަށަވަރުން ޢުމަރުގެފާނު ޝަހީދު ކޮށްލެވުނެވެ. ދޮރު ހަލާކުކޮށްލެވުނީއެވެ. އަދި ފިތުނަތައް ފާޅުވެއްޖެއެވެ. ބަލާވެރިކަން ލައިގެންފިއެވެ. ފަހެ އެންމެ ފުރަތަމަ ފިތުނައެއް ކަމުގައި ފާޅުވީ ޛުއްނޫރައިންގެ [ލަޤަބްދެވިފައިވާ] ޢަދުލުވެރި ޚަލީފާ، ޢުޘްމާން ބިން ޢައްފާން رضي الله عنه ޝަހީދުކޮށްލެވުމެވެ. ނުބައިކަމަށް ގޮވަމުންއައި ބައެއްގެ އަތްމަތިންނެވެ. އެކަމަށްޓަކައި އެބައިމީހުން ޖާމާވެގެން އައީ ޢިރާގާއި މިޞްރުންނެވެ. އަދި މަދީނާއަށް ވަދެގަނެ އެކަލޭގެފާނު -رضي الله عنه- ގެ ގެކޮޅުގައި ވަނިކޮށް ޝަހީދުކޮށްލިއެވެ.

ދެންފަހެ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ވަނީ ޢުޘްމާނުގެފާނަށް ބަލާވެރިކަން ލައިގަންނާނެކަމުގައި އެކަލޭގެފާނަށް އަންގަވައިދެއްވާފައެވެ. މިހެންކަމުން އެކަލޭގެފާނާ ދެކޮޅަށް ނުކުތް މީހުން ޤަތުލު ކުރުމަށް އަޞްޙާބުބޭކަލުން ދެކޮޅުހައްދަވައި އެކަމުގައި ކެތްތެރިވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށްޓަކައި ލޭއޮހޮރުވުމަކަށް ނުދިއުމަށްޓަކައެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫމޫސާ އަލްއަޝްޢަރީގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ. މަދީނާގެ ކޮށިގަނޑުތަކުންކުރެ ކޮށިގަނޑަކަށް ނަބިއްޔާ صلى الله عليه وسلم ނުކުމެވަޑައިގެންނެވިއެވެ…. (މިފަދައިން ވިދާޅުވެއްޖަމަށް ދާންދެން އެކަލޭގެފާނު ޙަދީޘް ޛިކުރު ކުރެއްވިއެވެ:) ފަހެ ޢުޘްމާނުގެފާނު ވަޑައިގެންނެވިއެވެ. ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ކަލޭގެފާނަށް ހުއްދަ ދެއްވެންދެން މަޑުކުރައްވާށެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((ائْذَنْ لَهُ، وَبَشِّرْهُ بِالْجَنَّةِ مَعَهَا بَلَاءٌ يُصِيْبُه)) “އެކަލޭގެފާނަށް ހުއްދަ ދެއްވާށެވެ. އަދި ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު އެކަލޭގެފާނަށް ދެއްވާށެވެ. އެކަމާއެކު އެކަލޭގެފާނަށް ބަލާވެރިކަން ލައިގަންނާނެ ޚަބަރުވެސް ދެއްވާށެވެ.”[2]

“ޢުމަރުގެފާނަކީ ވެސް ޝަހީދެއް ކަމަށް ވުމާއެކުވެސް، ޚާއްޞަގޮތެއްގައި ޢުޘްމާނުގެފާނަށް ބަލާވެރިކަން ލައިގަންނާނެ ކަމުގައި ނަބިއްޔާ صلى الله عليه وسلم އަންގަވާފައި މިވަނީ، އެހެނީ ޢުޘްމާނުގެފާނަށް ކުރިމަތިވިފަދަ އިމްތިޙާނުތަކާ އެކަލޭގެފާނަށް ކުރިމަތިވެވަޑައި ނުގަންނަވައެވެ. އެކަލޭގެފާނު ވެރިކަމުން ވައްޓާލަން ޤައުމަށް ފާވެގަތް މީހުން ރުހޭނޭހެން ޢަމަލުކުރައްވައި ރައްދު ދެއްވުމުންވެސް، އެކަލޭގެފާނަކީ ޛޯލިމެއް ކަމުގައާއި އަނިޔާވެރިއެއް ކަމުގައި އެބައިމީހުން ތުހުމަތު ކުރިއެވެ.”[3]

ޢުޘްމާނުގެފާނު ޝަހީދުކޮށްލެވުމާއެކު މުސްލިމުން ބައިބައިވިއެވެ. ޞަޙާބީންގެ މެދުގައި ހަނގުރާމަ ހިނގިއެވެ. އަދި މީސްތަކުންގެ މެދުގައި ފިތުނައާއި އަމިއްލަ ގޮތްތައް ފެތުރުނެވެ. އިޚްތިލާފުތައް ގިނަވެ ރައުޔުތައް ފަޅިފަޅިވިއެވެ. ޞަޙާބީންގެ ޒަމާނުގައި ބޮޑެތިބޮޑެތި ހަނގުރާމަތައް ހިނގިއެވެ. ނަބިއްޔާ صلى الله عليه وسلم ވަނީ އެބޭކަލުންގެ ޒަމާނުގައި ހިނގާނެހާ ފިތުނައެއްގަ ވާހަކަ އަންގަވައިދެއްވާފައެވެ. ފަހެ މަދީނާގައި ބިނާކޮށްފައިވާ އުސްތަނެއްގެ މައްޗަށް އަރައިވަޑައިގެން ޙަދީޘް ކުރެއްވިއެވެ: ((هَلْ تَرَوْنَ مَا أَرَى؟)) قَالُوا: لَا، قَالَ: ((فَإِنِّي لَأَرَى الْفِتَنَ تَقَعُ خِلَالَ بُيُوتِكُمْ كَمَوَاقِعِ الْقَطْرِ))[4] މާނައީ: “ތިމަންކަލޭގެފާނަށް މިފެންނައެއްޗެއް ތިބޭކަލުންނަށް ފެނިވަޑައިގަންނަވާތޯއެވެ؟” އެބޭކަލުން ދެންނެވިއެވެ: ނޫނެކެވެ. ޙަދީޘް ކުރެއްވިއެވެ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ ގެދޮރުތަކުގައި ހިނގާނޭ ފިތުނަތައް، ފެންތިކިތަޅާ ފަދައިން ތިމަންކަލޭގެފާނަށް އެބަ ފެނިވަޑައިގަންނަވައެވެ.”

އަލްއިމާމު ނަވަވީ رحمه الله ވިދާޅުވެފައި ވެއެވެ. [އެބަސްފުޅުގެ މާނައީ:] “ފެންތިކި ތެޅުމާ އެއްފަދަ ކުރައްވާފައި ވަނީ އެކަމުގެ ޢާންމުކަމާއި ގިނަކަމުންނެވެ. އެބަހީ އެކަމުގައި ވަކިބަޔަކު ޚާއްޞަވުމެއްނެތި މީސްތަކުންގެ ތެރޭގައި ޢާންމުވެ ގިނަވެފައި ވާނެއެވެ. އަދި މިއީ އެބޭކަލުންގެ މެދުގައި ހުއްޓުމެއްނެތި ހިނގާނޭ ހަނގުރާމަތަކާމެދު ކުރެވިފައިވާ އިޝާރާތެކެވެ. ޖަމަލު ހަނގުރާމައާއި ޞިއްފީން ހަނގުރާމައާއި ޙައްރާ ހަނގުރާމަފަދަ ހަނގުރާމަތަކެވެ. އަދި ޢުމަރުގެފާނާއި ޙުސައިންގެފާނު -رضي الله عنهما- ޝަހީދުކޮށްލެވުމާއި މިނޫންވެސް ކަންކަމެވެ. އަދި މިކަމުން ނަބިއްޔާ صلى الله عليه وسلم އަށް ދެއްވާފައިވާ މުޢުޖިޒާތް ފާޅުވެ ބަޔާންވެގެން ދެއެވެ.”[5]

=ނުނިމޭ=

__________________________________________

[1]   ((صحيح البخاري))، كتاب المناقب، باب علامات النبوة، (6 / 603 – 604 – مع الفتح)، و ((صحيح مسلم))، كتاب الفتن وأشراط الساعة، (18 / 16 – 17 – مع شرح النووي).

[2]  ((صحيح البخاري))، كتاب الفتن، باب الفتنة التي تموج كموج البحر، (13 / 48 – مع الفتح).

[3]    ބައްލަވާ: ((فتح الباري)) (14 / 51).

[4]  ((صحيح مسلم))، كتاب الفتن وأشراط الساعة، (18 / 7 – مع شرح النووي).

[5]  [ބައްލަވާ:] ((شرح النووي لمسلم)) (18 / 8).