ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްގައި އައިސްފައިވާ:
((مَا لَمْ يَتَفَرَّقَا))
“ދެ ވިޔަފާރިވެރިން (އެބަހީ: ގަންނަމީހާއާއި ވިއްކާމީހާ) ވަކިވެގެން ނުދާހާ ހިނދަކު…”
މިތާގައި ވަކިވެގެން ދިޔުމަކީ ކޮބާކަން ބަޔާންވެފައި ނުވެއެވެ. ނަމަވެސް އޭގެ މުރާދަކީ ދެމީހުންގެ ހަށިގަނޑު (އެމަޖުލިހުން) ވަކިވެގެން ދިޔުމެވެ. ފަހެ އެދެމީހުން ވަކިވެގެން ހިނގައްޖެނަމަ ޚިޔާރު ބާޠިލުވެ އެވިޔަވާރީގެ ޢަޤުދު ލާޒިމުވީއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((فَإِنْ صَدَقَا وَبَيَّنَا بُورِكَ لَهُمَا فِي بَيْعِهِمَا))
“ފަހެ އެދެމީހުންވެސް ތެދުވެރިވެ، އަދި ބަޔާންކޮށްދީފިނަމަ އެދެމީހުންގެ ވިޔަފާރީގައި ބަރަކާތް ލެއްވެއެވެ.”
ތެދުވެރިކަމުގެ ބާބުގައި މިޙަދީޘް ގެނެވިފައި މިވަނީ މިޖުމުލައިގެ ސަބަބުންނެވެ.
އެކަލޭގެފާނުގެ ޙަދީޘްބަސްފުޅުގައި:
((فَإِنْ صَدَقَا وَبَيَّنَا بُورِكَ لَهُمَا فِي بَيْعِهِمَا))
فَإِنْ صَدَقَا: “ފަހެ އެދެމީހުންވެސް ތެދުވެރިވެއްޖެނަމަ”
މުދާ ޞިފަކޮށްދިނުމާއި އޭގައި ހުރި ރަނގަޅު ޞިފަތައް ބަޔާންކޮށްދިނުމުގައެވެ.
وَبَيَّنَا: “އަދި ބަޔާންކޮށްދީފިނަމަ”
މުދަލުގައި ހުރި ނުރުހުންތެރިވަނިވި ކަންތައްތައް ސިފަކޮށްދިނުމުގައެވެ.
ފަހެ މިޘާލަކަށް: މީހަކަށް ކާރެއް ވިއްކާއިރު ބުނެއެވެ. “މިކާރަކީ މިވެނި އަހަރެއްގައި އުފައްދާފައިވާ އާ ކާރެކެވެ. އެހާ ސާފު އަދި މިވެނި އެވެނި ސިފައެއް މީގައިވެއެވެ.” މިފަދައިން ކިޔާ އޭގައި ނުވާ ސިފަތައް ވާކަމަށް ބުނެގެންވެސް އެއަށް ޘަނާ ކިޔައެވެ. މިކަމާމެދު ބުނަމެވެ. އޭނާ އެހެދީ ދޮގެވެ. ކާރުގައި ޢައިބެއް ހުއްޓާ އެކަން ބަޔާންނުކޮށްދީ ވިއްކައިފިނަމަ އޭނާއަށް ބުނަން އޮތީ: “މިއީ ވަންހަނާ ކޮށް ބަޔާން ނުކުރުމެވެ.” ބަރަކާތްލެއްވިގެންވަނީ ތެދުވެރިކަމުގައެވެ.
ތެދުވެރިކަމާއި ބަޔާންކޮށްދިނުމާމެދު ހުރި ތަފާތަކީ:
ތެދުވެރިކަން ހިމެނިގެންވަނީ އޭގައި ހުރި ހިތްއެދޭ ސިފަތައް ކިޔައިދިނުމުގައެވެ.
އަދި ބަޔާންކޮށްދިނުންވަނީ އޭގައި ހުރި ނުރުހުންތެރި ސިފަތައް ކިޔައިދިނުމުގައެވެ.
ފަހެ ބަޔާންކޮށްދިނުމުގެ އިދިކޮޅަކީ ޢައިބު ފޮރުވުމެވެ.
އަދި ތެދުވެރިކަމުގެ އިދިކޮޅަކީ އޭގައި ނުވާ ސިފައެއް ވާކަމަށް ބުނުމެވެ.
އެހެން މިޘާލެއް:
މީހަކު ކަންބަޅިއެއް ވިއްކަމުން ބުނެއެވެ. މީގެ ފުށުން ވަރަށް ގިނައިން ކިރު ލިބެއެވެ. އަދި އޭގެ ކިރާ ބެހޭގޮތުން މިވެނި އެވެނި ވާހަކަތަކެއް ދޮގު ހަދައިގެން ކިޔައެވެ. މިއީ ތެދުވެރިކަން ނަފީކުރާކަމެކެވެ. އެހެނީ އޭތި ވިއްކަންވެގެން މީހުން ހިތްއެދޭފަދަ ސިފަތަކެއް އޭނާ ކިޔަނީއެވެ. އަދި ދަންނައެވެ. ފެންނަފަށަށް ފާޅުނުވާ ބައްޔެއްހުރި ކަންބަޅިއެއް ވިއްކަމުން އެކަން ވަންހަނާކޮށްފިނަމަ އޭނާއާ ދިމާއަށް ބުނުވޭނީ: “މީނާ ބަޔާން ނުކޮށްދެއެވެ.” …
= ނުނިމޭ =
_____________________________________
މިލިޔުމަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه اللهގެ ފޮތެއްކަމުގައިވާ شرح رياض الصالحين / مجلد: 1 / ص: 319 – 323 އިން ތަރުޖަމާކޮށްފައިވާ ލިޔުމެކެވެ.