މިގޮތުން މުދަލުގެ ރަނގަޅު ތަކެތި މަތީގައި ބަހައްޓާފައި ކަމުނުދާ ތަކެތި އަޑީގައި ބެހެއްޓުމަކީ މިހާރު ބައެއް މީހުން ކުރާކަމެކެވެ. – ﷲ އަޅަމެން މިކަމުން ސަލާމަތްކުރައްވާނދޭވެ! – މިފަދަ މީހަކު މިކަމުގައި ތެދުވެރިއެއް ނުވެއެވެ. އަދި ބަޔާންވެސް ނުކުރެއެވެ. އެހެނީ އޭގެ ތެރޭގައި (މިޘާލަކަށް) ކަދުރުގެ ޢައިބުހުރިކަން އޭނާ ބަޔާންނުކުރެއެވެ. އަދި ތެދުވެރިވެފައި ނުވަނީ އެކަދުރުތައް ރަނގަޅު ކަދުރުގެ ގޮތުގައި ދެއްކީމައެވެ.
ކާރުވިއްކާ ތަންތަނުގެ ޝޯ ރޫމްތަކުގައިވެސް މިފަދަ ކަމެއްކުރެއެވެ. ކާރުގައި ޢައިބެއް ހުރިކަން ވިއްކާ މީހާއަށް ކަނޑައެޅިގެން އެނގެއެވެ. ނަމަވެސް އޭނާ އެކަން ވަންހަނާކޮށްފައި، ގަންނަމީހާއާއަށް ބުނެއެވެ. “މީގައި ޢައިބެއް ހުރިތޯ ރަނގަޅަށް ބަލާށެވެ.” ދެންފަހެ ގަންނަ މީހާއެއަށް ރަނގަޅަށް ބަލައެވެ. ނަމަވެސް ވިއްކާމީހާ އެޢައިބު ކަނޑައެޅިގެން ބުނިނަމަ ގަންނަ މީހާ އެކާރު ނުގަތީސްކަން ކަށަވަރެވެ.
އަދި އޮޅުވާލަން ބައެއް ފަހަރު ބުނެއެވެ. “މީގައި ހުރިހާ ޢައިބެއްވެއެވެ. ޓަޔަރުތަކަކާއި ކާރުގެ ބޮކިތަކެއް ނޫނީ ކަލެއަށް ނުވިއްކަމެވެ.” އޭނާ މިފަދައިން ބުނަނީ ދޮގުހެދުމުގެ ގޮތުންނެވެ. އޭގައި ޢައިބެއްވާކަން ކަނޑައެޅިގެން އޭނާއަށް އެނގުނަސް ގަންނަ މީހާގާތު ނުބުނެއެވެ. މިއީ ކާރުވިއްކާ ޝޯރޫމްތަކުގެ މުވައްޒަފުންނާއި (އެޖެންޓުންނާއި) ކާރުގެ ވެރިފަރާތްތަކަށްވެސް ޙަރާމްކަމެކެވެ. އެދެމީހުންގެ މައްޗަށްވެސްވަނީ ގަންނަ މީހާއަށް ވިއްކާއިރު މިފަދައިން ބުނުމެވެ. “އޭގައި މިވެނި އެވެނި ޢައިބެއް އެބަ ހުއްޓެވެ.”
ޢައިބު ހުރިކަން ނޭނގޭނަމަ އެ ވިއްކުމަކީ މައްސަލައެއް ނޫނެވެ. އަދި އޭގައިވާ އެންމެހާ ޢައިބުތަކުން ބަރީއަވެގެންވާކަން ޝަރުޠުކުރާނީއެވެ.
=ނިމުނީ =
_____________________________________
މިލިޔުމަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه اللهގެ ފޮތެއްކަމުގައިވާ شرح رياض الصالحين / مجلد: 1 / ص: 319 – 323 އިން ތަރުޖަމާކޮށްފައިވާ ލިޔުމެކެވެ.