[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة العاديات ގެ ތަފްސީރު – 1

بِسْمِ اللَّهِ الرَّحْمَـنِ الرَّحِيمِ 

وَالْعَادِيَاتِ ضَبْحًا ﴿١﴾ فَالْمُورِيَاتِ قَدْحًا ﴿٢﴾ فَالْمُغِيرَاتِ صُبْحًا﴿٣﴾ فَأَثَرْنَ بِهِ نَقْعًا ﴿٤﴾ فَوَسَطْنَ بِهِ جَمْعًا ﴿٥﴾ إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ ﴿٦﴾ وَإِنَّهُ عَلَىٰ ذَٰلِكَ لَشَهِيدٌ ﴿٧﴾ وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ ﴿٨﴾  أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ ﴿٩﴾ وَحُصِّلَ مَا فِي الصُّدُورِ ﴿١٠﴾ إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌ ﴿١١﴾

ސޫރަތުގެ މާނަ:

“ނޭވާގެ އަޑު އިއްވަމުން، ހަރުކޮށް ދުވާ އަސްތައް ގަންދެއްވަމެވެ. [1] އަދި ފިޔަވަޅުތަކުން އަލިފާން ކަނޑަމުންދުވާ އަސްތައް ގަންދެއްވަމެވެ. [2] އަދި ފަތިހުގެ ވަގުތުގައި، ޙަމަލާދޭ އަސްތައް ގަންދެއްވަމެވެ. [3] ފަހެ، އެ އަސްތައް، އެ ވަގުތު ހިރަފުސް ބުރުވައިލަތެވެ. [4] ފަހެ، އެ އަސްތައް އެ ހިރަފުސްތަކުގެ ތެރޭގައި (ދުޝްމަނުންގެ) ބައިގަނޑުގެ މެދަށް ވަދެގަނެތެވެ. [5] ހަމަކަށަވަރުން، އިންސާނާއީ، އޭނާގެ ވެރިރަސްކަލާނގެއަށް ހަރާންކޯރުވުން ބޮޑު މީހެކެވެ. [6] އަދި ހަމަކަށަވަރުން، އެ އިންސާނާއީ، އެކަމުގެ މައްޗަށް ހެކިވެރިޔަކުކަން ކަށަވަރެވެ. [7] އަދި ހަމަކަށަވަރުން، އެ އިންސާނާއީ، މުދަލަށް ލޯބިކުރުންގަދަ މީހެއްކަން ކަށަވަރެވެ. [8] ކަށްވަޅުތަކުގައިވާ ތަކެތި ނެރެ އުކައިލައްވާހިނދު، އަދި ހިތްތަކުގައިވާ ސިއްރުތައް އެއްކޮށް ފާޅުކުރައްވާހިނދު، ފަހެ، އެ އިންސާނާ (އެކަންތައް) ނުދަންނަނީ ހެއްޔެވެ؟ [10-9] ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެއީ، އެދުވަހުން އެއުރެންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ. [11]

 

ބިސްމީގެ ތަފްސީރު އިސްވެ ބަޔާންވެ ހިނގައްޖެއެވެ.

﴿وَالْعَادِيَاتِ ضَبْحًا﴾ މިއީ ހުވައިގެ ބަސްފުޅެކެވެ. އަދި “الْعَادِيَات” މިއީ ޞިފަ ކުރުމެކެވެ. ޞިފަކުރެވޭ އެތި ވަނީ ފޮހެވިގެންނެވެ. މިތާ ފޮހެވިފައިވާ ޞިފަކުރެވޭ އެއްޗަކީ ކޮބައި ހެއްޔެވެ؟ އޭގެ މުރާދަކީ އަސް ހެއްޔެވެ؟ އެބަހީ (وَالْخَيْلِ العَادِيَات) “ހަރުކޮށް ދުވާ އަސްތައް ގަންދެއްވުން” ހެއްޔެވެ؟ ނޫންނަމަ ޖަމަލު ހެއްޔެވެ؟ އެބަހީ (وَالإِبْلِ العَادِيَات) “ހަރުކޮށް ދުވާ ޖަމަލުތައް ގަންދެއްވުން” ހެއްޔެވެ؟

ޢިލްމުވެރީންގެ ދެބަސްފުޅެއް މީގައި ވެއެވެ. އޭގެތޭރޭގައި، ޞިފަކުރެވިފައިވާ އެއްޗަކީ އެއީ ޖަމަލު ކަމުގައި ވިދާޅުވާ ބޭކަލުން ވެއެވެ. އަދި އެއިން ދެނެގަނެވެނީ (وَالإِبْلِ العَادِيَات) “ހަރުކޮށް ދުވާ ޖަމަލުތައް ގަންދެއްވުމެވެ.” އޭގެ މާނައަކީ ޢަރަފާތުން މުޒްދަލިފާއަށް އަދި އެއަށްފަހު މިނާއަށް އެނބުރިދާ ޖަމަލުތަކެވެ. އަދި އެއީ ޙައްޖުގެ އަޅުކަމުގެ ތެރޭގައެވެ. އެބޭކަލުން މިފަދައިން ދަލީލު ނަންގަވަނީ، އެހެނީ މިސޫރަތަކީ މައްކީ ސޫރަތެއް ކަމުގައި ވުމެވެ. އެހެނީ އަސްތަކުން ހުވައިގެ ބަސްފުޅު ވަޙީ ކުރައްވަން، މައްކީ (ދައުރުގައި) ޖިހާދުކުރުން [ފަރްޟު] ވެފައި ނުވުމެވެ.

ދެވަނަ ބަސްފުޅު ދަންނައެވެ. އެއީ ގިނަ ތަފްސީރު ޢިލްމުވެރިންގެ ބަސްފުޅެވެ. އަދި ޞައްޙަ ބަސްފުޅަކީ ވެސް އެއީއެވެ. ފަހެ ޞިފަ ކުރެވިފައިވާ އެއްޗަކީ އެއީ އަހެވެ. އަދި އެއިން ދެނެގަނެވެނީ (وَالإِبْلِ العَادِيَات) “ހަރުކޮށް ދުވާ އަސްތައް ގަންދެއްވަމެވެ.” އަދި ބާރަށްދުވާ އަހަކީ ޖިހާދު ޝަރުޢުކުރެއްވުމުގެ ކުރީގައިވެސް ޢަރަބިންނަށް އެނގޭ އެއްޗެކެވެ. ޙައްޤަކާ އެކުގައި ނުވަތަ ޙައްޤަކާ ނުލައިވެސް އޭގެ ޢަދުއްވުންނާ ދިމާއަށް ދުވާ އަސްތައް އިސްލާމްދީނުގެ މާކުރީއްސުރެވެސް ވިއެވެ. ދެންފަހެ އިސްލާމްދީނަށްފަހު، އަސްތައް އޭގެ ޢަދުއްވުންނާ ދިމާއަށް ދުވަނީ ޙައްޤަކާ ލައިގެންނެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވަނީ: ﴿وَالْعَادِيَاتِ﴾، “العَادِيّ” އެއީ “العَدْو” މިކަމުގެ ކަންކުރާއެވެ. އެއީ ދުވެލި ބާރުކަމާއި ހިނގާދިޔުމެވެ. އަދި އެކަލާނގެ ބަސްފުޅު ﴿ضَبْحًا﴾، “الضَّبْح” އަކީ އަސް ބާރަށް ދުވާއިރު އޭގެ އަރު ތެރެއިން އިވޭ އަޑެވެ. އޭގެ މެއިން ނެރޭ އަޑެއް އެއަށް ލިބިގެންވެއެވެ. މިކަމުން ދަލާލަތު ކޮށްދެނީ އޭގެ ދުވެލީގެ ބާރުކަމާއި ގަދަފަދަ ކަމެވެ.

﴿فَالْمُورِيَاتِ قَدْحًا﴾ “އަދި ފިޔަވަޅުތަކުން އަލިފާން ކަނޑަމުންދުވާ އަސްތައް ގަންދެއްވަމެވެ.”، “المُورِيَات” [ނެގިފައިވަނީ] ” أَوْرَى” ނުވަތަ ” وَرْي” އިންނެވެ. އެބަހީ ކަނިކެނޑުމެވެ. އޭގެ މާނައަކީ އެއްހިލަގަނޑު އަނެއް ހިލަގަނޑުގައި ޖެހުމުގެ ސަބަބުން ހުޅުފަޅަފަޅައިގެން ދިއުމެވެ. ހިލައިން ގޮނޑިފޮއިއެޅުން، އަހަރެމެންގެ [ޒަމާނުގައި] މަޝްހޫރުވެފައިވާ ފަދައިންނެވެ. ފަހެ އޭގެ އެކަތި އަނެކައްޗާ ތިބާ ތަޅަންފެށުމުން ކަނިކަނޑައިގެން ދެއެވެ.

މިއަސްތަކުގެ ދުވެލީގެ ބާރުކަމާއި ގަދަފަދަކަމުން އަދި ބިންމަތީގައި ޖަހާޖެހުމުގެ ސަބަބުން ދެހިލަ ދެހިލައަށް ޖެހިއްޖެ ނަމަ ކަނިކަނޑައިގެން ދެއެވެ. އަދި އެއީ އޭގެ ދުވެލީގެ ގަދަފަދަކަމާއި ބިންމަތީ ޖަހާލާ ޖެހުމުގެ ސަބަބުންނެވެ.

﴿ فَالْمُغِيرَاتِ صُبْحًا﴾ އެބަހީ ފަތިހުގެ ވަޤުތުގައި ޢަދުއްވުންނަށް ހަމަލާދޭ އަސްތަކެވެ. މިއީ ޢަދުއްވުންނަށް ހަމަލާ ދިނުމުގެ އެންމެ ފައްކާ ގޮތެވެ. ފަތިހުގެ ވަޤުތުގައި އެބައިމީހުންނަށް ނިދި، ޣާފިލުވެފައި ތިއްބައެވެ. އަދި ހަމަލާގެ ސަބަބުން އެބައިމީހުންނަށް ހޭލެވުނުކަމުގައި ވީނަމަވެސް އެމީހުން ވާހުށީ ކަންނެތްކަމާއި ލޮޑުކަމުގެ ތެރޭގައެވެ. ފަހެ އެންމެ ރަނގަޅު ވަޤުތު ކަމުގައިވާ ހެނދުނުގެ ވަޤުތު ހަމަލާދޭ މިއަސްތަކުން ހުވައި ވަޙީކުރެއްވުން ﷲ ތަޢާލާ އިޚްތިޔާރު ކުރައްވައި ވޮޑިގެންވިއެވެ. އަދި ނަބިއްޔާ صلى الله عليه وسلم، އެއްވެސް ޤައުމަކަށް ރޭގަނޑުގެ ވަޤުތުގައި ހަމަލާ ދެއްވާފައި ނުވެއެވެ. އަދިކިއެއްތޯއެވެ. ހެނދުނު ވެއްޖައުމަށް ދާންދެން މަޑުކުރައްވައެވެ. ފަހެ ހެނދުންވުމުން، އެބައިމީހުން އަމާންދިންކަމަށް ގޮވަން ފަށައިފިނަމަ ދޫކޮށްލައެވެ. އެހެން ނުވެއްޖެނަމަ ހަމަލާދެއްވައެވެ.

-ނުނިމޭ-

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة العاديات ގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް