[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލްއިމާމު މާލިކު: مالك بن أنس – إمام دار الهجرة – 5

imam maalik

الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.

ފަތުވާދެއްވުމުގައި ވަރަޢަވެރިކަން

އިމާމު މާލިކުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [1]

“ޢިލްމުވެރިޔާގެ އައްޑަނައަކީ “لا أَدْرِيْ” (އަހަރެންނަކަށް ނޭނގެ) މި ބަހެވެ. ފަހެ އެފަދައިން ބުނުމަށް ޣާފިލުވެއްޖެ މީހާ ފަހެ އެމީހަކު މަރުވުމުގެ ވަގުތު އަތުވެއްޖެއެވެ.”[2]

الهيثم بن جميل ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“މާލިކުގެފާނުގެ އަރިހުގައި ސާޅީސްއަށް މައްސަލަކާއި ބެހޭގޮތުން ސުވާލު ދެންނެވެނިކޮށް ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. ފަހެ އެކަލޭގެފާނު އެސުވާލުތަކުގެ ތެރެއިން ތިރީސްދެ ސުވާލުގެ ޖަވާބުގައި ވިދާޅުވީ  “لا أَدْرِيْ” (އަހަރެންނަކަށް ނޭނގެ) މި ހެންނެވެ.”[3]

خالد بن خداشގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ސާޅީސް މައްސަލައަކާއި ބެހޭގޮތުން ސުވާލުދެންނެވުމަށްޓަކައި މާލިކުގެފާނުގެ އަރިހަށް ތިމަންކަލޭގެފާނު ދިޔައީމެވެ. ފަހެ އޭގެ ތެރެއިން އެކަލޭގެފާނު ތިމަންކަލޭގެފާނަށް ޖަވާބުދެއްވީ އެންމެ ފަސް މައްސަލައަށެވެ.”[4] އެބަހީ ބާކީހުރި މައްސަލަތައް އެކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާކަމުގައި ވިދާޅުވިއެވެ.

އިމާމު މާލިކު عبد الله بن يزيد بن هرمزގެ އަރިހުން އަޑުއެއްސެވިކަމަށް ވިދާޅުވިއެވެ.

“ޢިލްމުވެރިޔާއަށް ވަނީ، އޭނާގެ އަރިހުގައި މަޖުލީހުގައި އިށީންނަ ދަރިވަރުން “لا أَدْرِيْ” (އަހަރެންނަކަށް ނޭނގެ) މިބަސް ވާރުތައެއްގެ ގޮތުގައި ދޫކުރުމެވެ. އެފަދައިން ބުނުން އެއީ، އެމީހުން ހިމާޔަތް ހޯދުމަށް ރުޖޫޢަވާ އަސްލެއްގެގޮތުގައި ވެއްޖައުމަށް ދާންދެންނެވެ.”[5]

عبد الرحمن بن مهدي ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“މާލިކުގެފާނު، އެކަލޭގެފާނާއި ކުރެވޭ އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވާ ދުވަސްވަރެއްގައި، މީހަކު އެކަލޭގެފާނުގެ އަރިހަށް އައިސް ސުވާލުކުރައްވަނިކޮށް ތިމަންކަލޭގެފާނު ދެކިވަޑައިގަތީމެވެ. އޭނާ ބުންޏެވެ. އޭ އަބޫ ޢަބްދުﷲ އެވެ. އަހަރެން ވެރިޔާއާއި ދެކޮޅަސް ނުކުންނަން ބޭނުމެވެ. ދެން މާލިކުގެފާނު އިސްދަށަށް ޖައްސަވައިގެން ވަރަށް ގިނައިރު ހުންނެވުމަށްފަހު ބޯ އުފުއްލަވާލައްވާ ވިދާޅުވިއެވެ. އޭ މިހިރި މީހާއެވެ. ما شاء الله އެވެ. “ތިމަންކަލޭގެފާނު ވާހަކަފުޅު ދައްކަވަނީ އެކަންކަމުގެ ތެރެއިން ރަނގަޅު ކަންކަމަށް ތިމަންކަލޭފެފާނަށް ހީފުޅުވާ ކަންކަމުގައެވެ.””[6]

އަދިވެސް އެކަލޭގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“މައްސަލައަކާ ބެހޭގޮތުން މީހަކު މާލިކުގެފާނާއި ސުވާލުދެންނެވިއެވެ. ދެން އެކަލޭގެފާނު ދެންނެވިއެވެ. ތިމަންކަލޭގެފާނަކީ، ތިމައްސަލައަށް ޖަވާބުދެއްވުމަށް އެންމެ އެކަށީގެންވާ މީހެއްނޫނެވެ. ދެން އޭނާ މާލިކުގެފާނަށް ދެންނެވިއެވެ. އެވެނި މިވެނި ހިސާބަކުން ދަތުރުކޮށްފައި އަހަރެން މިއައީ ކަލޭގެފާނުގެ އަރިހަށް މިކަމާމެދު ސުވާލު ދެންނެވުމަށެވެ. ދެން މާލިކުގެފާނު އޭނާއަށް ދެންނެވިއެވެ. ކަލޭ އުޅޭ ސަރަހަށްދަށްދާށެވެ. އަދި އެސަރަހައްދުގެ މީހުންނަށް ޚަބަރުދޭށެވެ. ހަމަކަށަވަރުން ކަލެއަށް ތިމަންކަލޭގެފާނު ޖަވާބުދެއްވީ ތިމަންކަލޭގެފާނަކީ ތިމައްސަލައަށް ޖަވާބުދެއްވުމަށް އެންމެ އެކަށީގެންވާ މީހެއް ނޫންކަމުގައެވެ.”[7]

عمرو بن يزيدގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނަކީ މިޞްރުގެ ޝޭޚެކެވެ. މާލިކުގެފާނުގެ ރަހުމަތްތެރިއެކެވެ. އެކަލޭގެފާނު ދެންނެވިއެވެ.

“ތިމަންކަލޭގެފާނު މާލިކުގެފާނަށް ދެންނެވީމެވެ. އޭ އަބޫ ޢަބްދުﷲ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަލޭގެފާނުގެ އަރިހަށް މީސްތަކުން އާދެއެވެ. އެބައިމީހުގެ ސަވާރީތަކުގައި އެބައިމީހުންގެ މުދާހޭދަކޮށްގެން ކަލޭގެފާނުގެ އަރިހަށް އެބައިމީހުން އެއަންނަނީ، ކަލޭގެފާނަށް ﷲ ތަޢާލާ ދެއްވި ޢިލްމަކާއި ބެހޭގޮތުން ސުވާލުދެންނެވުމަށެވެ. އެހެންނަމަވެސް ކަލޭގެފާނު ތި ވިދާޅުވަނީ “لا أَدْرِيْ” (އަހަރެންނަކަށް ނޭނގެ) މިފަދައިންނެވެ. އެހިނދު މާލިކުގެފާނު ވިދާޅުވިއެވެ. “އޭ އަބޫ ޢަބްދުﷲއެވެ. ޝާމުގެ އަހުލުވެރިއެއް ޝާމުކަރައިން ތިމަންކަލޭގެފާނުގެ އަރިހަށްއައިސް، އަދި ޢިރާޤުގެ އަހުލުވެރިއެއް ޢިރާޤުން ތިމަންކަލޭގެފާނުގެ އަރިހަށް އައިސް، އަދި މިޞްރުގެ އަހުލުވެރިއެއް މިޞްރުން ތިމަންކަލޭގެފާނުގެ އަރިހަށް އައިސް، ކަމަކާއިމެދު ސުވާލުދެންނެވުމުން، ތިމަންކަލޭގެފާނު އެބައިމީހުންނަށް ދެއްވާ ޖަވާބު، ތިމަންކަލޭގެފާނުގެ މަޤްޞަދާއި ޚިލާފަށް އެބައިމިހުންނަށް ވިސްނިއްޖެނަމަ (ނުވަތަ ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވާ ރަޢުޔަށް ޖަވާބުދެއްވައިފިނަމަ އެކަމަކީ، އެމީހުންގެ ރަށުގެ ޙާލަތާއި ނުގުޅޭ ރަޢުޔަކަށްވެއްޖެނަމަ) ދެން އެޙާލަތުގައި، ތިމަންކަލޭގެފާނު އަލުން އެބައިމީހުން ހޯދާ އޮޅުންފިލުވާދޭނީ ކޮންފަދައަކުން ހެއްޔެވެ؟

ދެން عمرو ވިދާޅުވިއެވެ. ތިމަންކަލޭގެފާނު މާލިކުގެފާނުގެ މިބަސްފުޅުތަކުގެ ވާހަކަ ليث بن سعد އަށް ކިޔައިދެއްވީމެވެ.[8]

=ނުނިމޭ=

_____________________________________

 ވަރަޢަވެރިކަމަކީ އާޚިރަތުގައި ގެންލުންވާފަދަ ކަންތައްތަކުން ދުރުހެލިވުމެވެ.[1]

[2] سير أعلام النبلاء (8/77)

[3] سير أعلام النبلاء (8/77)

[4] سير أعلام النبلاء (8/77)

[5]  سير أعلام النبلاء (8/77)

[6]  حلية الأولياء 6/323

[7]  حلية الأولياء 6/323

[8]  حلية الأولياء 6/323

މިލިޔުމުގެ އެހެންބައިތައް