الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.
އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިވުމަކީ، ނުރައްކާތެރި، ބޮޑުވެގެންވާ ފާފައެކެވެ. އަދި އެކަމުގެ ޢުޤޫބާތް ގަދަފަދަވެގެން ވެއެވެ. އަދި އަނިޔާވެރިޔާއަށް، އޭނާގެ އަނިޔާވެރިކަން ޤިޔާމަތްދުވަހު ވާހުށީ އަނދިރިކަމެއް ފަދައިންނެވެ.
އިބުނު ޢުމަރު رضي الله عنهما ގެއަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙާދީޘް ކުރެއްވިއެވެ.
“إِنَّ الظُّلْمَ ظُلُمَاتٌ يَوْمَ الْقِيَامَةِ”[1]
މާނައީ: “ހަމަކަށަވަރުންޤިޔާމަތް ދުވަހު އަނިޔާވެރިކަން ވާހުށީ، އަނދިރިތަކެއް ފަދައިންނެވެ.”
އާޢިޝާ رضي الله عنهاގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙާދީޘް ކުރެއްވިއެވެ.
“مَنْ ظَلَمَ قَيْدَ شِبْرٍ مِنَ الأَرْضِ طَوَّقَهُ مِنْ سَبْعِ أَرَضِينَ يَوْمَ الْقِيَامَةِ”[2]
މާނައީ: “މީހެއްގެ ބިމުން ކައިވަތެއްގެ މިންވަރަށް ވިޔަސް އަނިޔާވެރި ގޮތުގައި އަރައިގެންފި މީހާގެ ކަރުގައި، ޤިޔާމަތް ދުވަހުން ހަތް ބިން އެޅުވޭނެތެވެ.”
އެހެން މީހެއްގެ ޙައްޤަކާއި ގުޅިފައި ނުވާ ފާފައެއް މީހަކަށް ކުރެވިއްޖެނަމަ، ދެން އެކުށަށް ތެދުވެރި ތައުބާއަކުން ތައުބާވުމުން، ފާފަ ފުއްސަވާ އޯގާވަންތަ އިލާހުގެ ފާފަ ފުއްސެވުމާއި، މަޣުފިރަތު ލިބޭނެތެވެ. އެހެންނަމަވެސް، އެހެން މީހުންގެ ޙައްޤުތަކާއި ގުޅިފައިވާ ފާފަ ތަކަކީ، ހަމައެކަނި ތައުބާވުމަކުން އެކަމުން ބަރީއަ ވެވޭނޭ ކަންކަމެއް ނޫނެވެ. އެހެން މީހުންގެ ޙައްޤުތަކާއި ގުޅިފައިވާ ފާފަ ތަކުގައި، އެޙައްޤަކަށް އަރާގަތް މީހެއްގެ އަރިހުން މަޢާފަށް އެދި، ހިތް ހަލާލު ހޯދަންޖެހޭނެތެވެ. އެހެން ނޫންނަމަ، އެންމެ އަދުލުވެރި އިލާހުގެ ދަރުބާރުގައި، މުދަލަކުން އަދި ދަރިއަކުން މަންފާ ނުކުރާ ދުވަހުގައި، އަނެކާގެ ޙައްޤު އަދާކުރަން ޖެހޭނެތެވެ. އެއީ އޯގާވަންތަ ފާފަ ފުއްސަވާ އިލާހުގެ އަދުލުވެރިކަމެވެ.
عَبْدُ اللَّهِ بْنُ مُحَمَّدِ بْنِ عَقِيلِ بْنِ أَبَى طَالِب, ޖާބިރު ގެގެފާނުގެ އަރިހުން ރިވާކުރެއްވިއެވެ. ޖަބިރުގެފާނު ވިދާޅުވިއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބު ބޭކަލުންގެ ތެރެއިން ބޭކަލަކު، ތިމަންކަލޭގެފާނަށް އަޑުއިވިޑައިގެންފައި ނުވާ ޙަދީޘް ބަސްފުޅެއް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުން ރިވާކުރެއްވި ޚަބަރު ތިމަންކަލޭގެފާނަށް ލިބިވަޑައިގަތެވެ. ދެން ތިމަންކަލޭގެފާނު ޖަމަލެއް ބައްލަވާގަނެގެން، މަސްދުވަހުގެ ދިގު ރާސްތާ ދަތުރެއްކުރައްވާ ޝާމްކަރައަށް ދަތުރު ކުރެއްވީމެވެ. އެބޭކަލަކީ، عَبْدُ اللَّهِ بْنُ أُنَيْسٍ الأَنْصَارِيُّ އެވެ. ދެން ތިމަންކަލޭގެފާނު އެކަލޭގެފާނުގެ ގޭގެ ކައިރިއަށް ދިޔައީމެވެ. އަދި ޖާބިރު ބިން ޢަބްދުﷲ ދޮރުކައިރީގައި ހުންނެވިކަމަށް عَبْدُ اللَّهِ بْنُ أُنَيْسٍ الأَنْصَارِيُّ އަށް އެންގެވުމަށްޓަކައި ބޭފުޅަކު ފޮނުވީމެވެ. އެބޭފުޅަކު ތިމަންކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ތިޔައީ ޖާބިރު ބިން ޢަބްދުﷲ ހެއްޔެވެ؟ ތިމަންކަލޭގެފާނު ދެންނެވީމެވެ. އާއެކެވެ. ދެން އެބޭކަލަކު عَبْدُ اللَّهِ بْنُ أُنَيْسٍ الأَنْصَارِيُّ ގެއަރިހަށް ގޮސް އެއީ ޖާބިރު ބުން ޢަބްދުﷲ ކަމުގެ ޚަބަރު ދެއްވިއެވެ. ދެން ތިމަންކަލޭގެފާނާއި އެކަލޭގެފާނު، ކޮނޑާ ކޮނޑު ޖައްސަވާ ސަލާމް ކުރެއްވީމެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. ތިމަންކަލޭގެފާނު އަނިޔާވެރިކަމާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން، އަޑު އައްސަވާފައި ނުވާ ޙަދީޘް ބަސްފުޅެއް ކަލޭގެފާނު އަޑުއަށްސަވާފައިވާކަމުގެ ޚަބަރު ތިމަންކަލޭގެފާނަށް ލިބިވަޑައިގެންފިއެވެ. ފަހެ އެ ޙަދީޘް ބަސްފުޅު ތިމަންކަލޭގެފާނަށް އަޑުއިވި ވަޑައިގަތުމުގެ ކުރިން، ތިމަންކަލޭގެފާނު ނުވަތަ ކަލޭގެފާނު އަވަހާރަވެދާނެކަމަށް ބިރުހީވީއެވެ.
ދެންފަހެ عَبْدُ اللَّهِ بْنُ أُنَيْسٍ الأَنْصَارِيُّ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
“يَحْشُرُ اللَّهُ الْعِبَادَ , أَوْ قَالَ : يَحْشُرُ اللَّهُ النَّاسَ, قَالَ: وَأَوْمَأَ بِيَدِهِ إِلَى الشَّامِ عُرَاةً غُرْلا بُهْمًا ,
قُلْتُ: مَا بُهْمًا ؟ قَالَ: لَيْسَ مَعَهُمْ شَيْءٌ ” ، قَالَ: فَيُنَادِيهِمْ بِصَوْتٍ يَسْمَعُهُ مَنْ بَعُدَ كَمَا يَسْمَعُهُ مَنْ قَرُبَ : ” أَنَا الْمَلِكُ أَنَا الدَّيَّانُ لا يَنْبَغِي لأَحَدٍ مِنْ أَهْلِ الْجَنَّةِ أَنْ يَدْخُلَ الْجَنَّةَ وَأَحَدٌ مِنْ أَهْلِ النَّارُ يَطْلُبُهُ بِمَظْلِمَةٍ ، وَلا يَنْبَغِي لأَحَدٍ مِنْ أَهْلِ النَّارِ يَدْخُلُ النَّارَ ، وَأَحَدٌ مِنْ أَهْلِ الْجَنَّةِ يَطْلُبُهُ بِمَظْلِمَةٍ حَتَّى اللَّطْمَةَ، قَالَ: قُلْنَا كَيْفَ هُوَ ؟ وَإِنَّمَا نَأْتِي اللَّهَ تَعَالَى عُرَاةً غُرْلا بُهْمًا , قَالَ: بِالْحَسَنَاتِ وَالسَّيِّئَاتِ”[3]
މާނައީ: “ﷲތަޢާލާ އެންމެހާ އަޅުތަކުން (ނުވަތަ ވިދާޅުވީ އެންމެހާ މީސްތަކުން) މަޙްޝަރު ކުރައްވާނެތެވެ.”
ރާވީ (عَبْدُ اللَّهِ بْنُ أُنَيْسٍ الأَنْصَارِيُّ) ވިދާޅުވިއެވެ.
“އެކަލޭގެފާނުގެ އަތްޕުޅުން ޝާމްކަރައާއި ދިމާލަށް އިޝާރާތް ކުރައްވާ ޙަދީޘް ކުރެއްވިއެވެ.”
“(މަޙުޝަރު ކުރެވޭހުށީ) އޮރިޔާން ހާލުގައި ހިތާނަ ކޮށްފައި ނުވާ ހާލު بُهْما ހާލުގައެވެ.” ތިމަންކަލޭގެފާނު ދެންނެވީމެވެ.
“بُهْماއަކީ ކޮބައިތޯއެވެ؟”
ޙަދީޘް ކުރެއްވިއެވެ.
“އެއީ އެމީހުންގެ އަތުގައި އެއްވެސް އެއްޗެއް ނެތް ހާލުގައެވެ.”
ޙަދީޘްކުރެއްވިއެވެ.
“ދެންފަހެ ގޮވާލެވޭނެއެވެ. އެގޮވާލެވޭއަޑު، ދުރުގާވާ މީހާއަށް، ކައިރީގައިވާ މީހާއަށް އަޑުއިވޭފަދައިން އިވޭނެތެވެ.”
“ތިމަންއިލާހީ ވެރި އިލާހެވެ. ތިމަންއިލާހީ ދައްޔާނެވެ. (އެންމެ މޮޅަށް ޙުކުމް ކުރައްވާ ޙިސާބު ބައްލަވާ އިލާހެވެ.) ނަރަކަވަންތަ ވެރިންގެ ތެރެއިންމީހަކު، ސުވަރުގެ ވަންތަވެރިންގެ ތެރެއިން މީހެއްގެ ފަރާތުން އަނިޔާވެރިކަމެއްގެ ބަދަލުއެދި، ތިމަންއިލާހު އެމީހަކަށް އޭގެ ބަދަލު ނުދެއްވާހާ ހިނދަކު، އެއްވެސް ސުވަރުގެ ވަންތަވެރިއަކަށް ސުވަރުގެއެއް ނުވަދެވޭނެއެވެ. އެއީ މޫނުގައި ޖަހާލެވިފައިވާ އެތިފަހަރެއްގެ ބަދަލުކަމުގައި ވީނަމަވެސް މެއެވެ. އަދި ސުވަރުގެވަންތަ ވެރިންގެ ތެރެއިންމީހަކު، ނަރަކަ ވަންތަވެރިންގެ ތެރެއިން މީހެއްގެ ފަރާތުން އަނިޔާވެރިކަމެއްގެ ބަދަލުއެދި، ތިމަންއިލާހު އެމީހަކަށް އޭގެ ބަދަލު ނުދެއްވާހާ ހިނދަކު، އެއްވެސް ނަރަކަ ވަންތަވެރިއަކަށް ނަރަކައަކަށް ނުވަދެވޭނެއެވެ. އެއީ މޫނުގައި ޖަހާލެވިފައިވާ އެތިފަހަރެއްގެ ބަދަލުކަމުގައި ވީނަމަވެސް މެއެވެ.”
عَبْدُ اللَّهِ بْنُ أُنَيْسٍ الأَنْصَارِيُّ ވިދާޅުވިއެވެ. “ދެން ތިމަންބޭކަލުން ދަންނަވައިފީމުއެވެ. ބަދަލު ދޭނީ ކޮންފަދައަކުން ހެއްޔެވެ؟ އެހިނދުގައި ތިމަންމެން ﷲގެ ޙަޟްރަތަށް އަންނާނީ، އޮރިޔާން ޙާލުގައި ޚިތާނަކޮށްފައި ނުވާހާލު އެއްވެސް އެއްޗެއް ނެތިއެވެ.”
ޙަދީޘް ކުރެއްވިއެވެ.
“އެދުވަހުގައި ބަދަލު ދެވޭނީ ހެޔޮ ޢަމަލުތަކުންނާއި ނުބައި ޢަމަލުތަކުންނެވެ.”
އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
“مَنْ كَانَتْ لَهُ مَظْلَمَةٌ لِأَخِيهِ مِنْ عِرْضِهِ أَوْ شَيْءٍ فَلْيَتَحَلَّلْهُ مِنْهُ الْيَوْمَ قَبْلَ أَلَا يَكُونَ دِينَارٌ وَلَا دِرْهَمٌ إِنْ كَانَ لَهُ عَمَلٌ صَالِحٌ أُخِذَ مِنْهُ بِقَدْرِ مَظْلَمَتِهِ وَإِنْ لَمْ تَكُنْ لَهُ حَسَنَاتٌ أُخِذَ مِنْ سَيِّئَاتِ صَاحِبِهِ فَحُمِلَ عَلَيْهِ”[4]
މާނައީ: “އެމީހެއްގެ އަޚާއާއި މެދު އަނީވެރިވުމުގެ ގޮތުން އެއަޚާގެ އަބުރަށް އަރައިގަނެފައި ވާނަމަ، ނުވަތަ އެނޫންވެސް ގޮތަކުން އެއަޚާއަށް އަނިޔާވެރިވެފައި ވާނަމަ، ދީނާރެއް ނުވަތަ ދިރުހަމަކުން މަންފާއެއް ނުކުރާ ދުވަސް އައުމުގެ ކުރިން އެކަންކަން ހައްލު ކުރާށެވެ. (އެބައީ ޤިޔާމަތް ދުވަހުގެ ކުރިން، އަޚާގެ ކިބައިން މާފަށްއެދި ހިތްހަލާލު ހޯދާށެވެ.) (މަންފާ ނުކުރާ ދުވަހާ ހަމައަށް މަޢާފު ނުހޯދާ އޮވެއްޖެ ނަމަ) އެމީހެއްގެ ހެޔޮ ޢަމަލު ނަގައި، އޭނާ އެއަނިޔާވެރިވީ މިންވަރަށް، އޭނާ އެއަނިޔާވެރިވީ އަޚާއަށް ދެވޭނެތެވެ. އަދި އޭނާއަށް ހެޔޮ ޢަމަލެއް ނުވާނަމަ، އެނާ އެއަނިޔާވެރިވި އަޚާގެ ނުބައި ޢަމަލުތަކުގެ ފާފަ އޭނާ އުފުލަން ޖެހޭނެތެވެ.”
އަދިވެސް އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙާދީޘް ކުރެއްވިއެވެ.
” أَتَدْرُونَ مَا الْمُفْلِسُ. قَالُوا الْمُفْلِسُ فِينَا مَنْ لاَ دِرْهَمَ لَهُ وَلاَ مَتَاعَ. فَقَالَ: إِنَّ الْمُفْلِسَ مِنْ أُمَّتِى يَأْتِى يَوْمَ الْقِيَامَةِ بِصَلاَةٍ وَصِيَامٍ وَزَكَاةٍ وَيَأْتِى قَدْ شَتَمَ هَذَا وَقَذَفَ هَذَا وَأَكَلَ مَالَ هَذَا وَسَفَكَ دَمَ هَذَا وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِى النَّارِ.”[5]
މާނައީ: ބަނގުރޫޓުވެފައިވާ މީހަކީ ކާކުކަން ތިޔަބައި މީހުންނަށް އެނގިލައްވާހެއްޔެވެ؟
އެބޭކަލުން ދެންނެވިއެވެ. “ތިމަންމެންގެ ތެރެއިން ބަނގުރޫޓުވެފައިވާ މީހަކީ، އެމީހެއްގެ އަތުގައި ދިރުހަމެއް އަދި މުދަލެއް ނެތްމީހާއެވެ.”
ދެން ރަސޫލުﷲ ޞައްލަﷲ ޢަލައަހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގައި ބަނގުރޫޓުވެފައިވާ މީހަކީ، ޤިޔަމާތްދުވަހު (ﷲގެ ޙަޟްރަތަށް) އަންނައިރު ނަމާދާއި، ރޯދައާއި، ޒަކާތާއި، (މިފަދަ ހެޔޮޢަމަލުތަކާއިގެން އަންނަހިނދު ދުނިޔެމަތީގައި) މިވެނި މީހާއަށް މަލާމަތްކޮށްފައި، އެވެނި މީހާގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާފައި، މިވެނި މީހާގެ މުދާ ކައިފައި، އެވެނި މީހާގެ ލޭ އޮހޮރުވާފައި، މިވެނި މީހާގެ ގައިގައި ޖަހާފައި، އަންނަ މީހާއެވެ. ދެންފަހެ އޭނާގެ ހެޔޮ ޢަމަލުތައް މިވެނި އެވެނި މީހަކަށް ދީފައި، އޭނާގެ ހެޔޮ ޢަމަލުތައް ހުސްވާއިރުވެސް އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހުންގެ ޙައްޤު އަދާ ނުވާތީ، އެންމެ ފަހުން އެމީހާގެ ނުބައިކަންތައްތައް ބޮލުއަޅަންޖެހޭ މީހާއެވެ. ދެންފަހެ އޭނާ ނަރަކައިގެ ތެރެއަށް އެއްލާލެވޭނެތެވެ.”
އަބޫ މުސާ އަލްއަޝްޢަރީ رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
“إِنَّ اللَّهَ لَيُمْلِي لِلظَّالِمِ فَإِذَا أَخَذَهُ لَمْ يُفْلِتْهُ ” ثُمَّ قَرَأَ
“وَكَذَٰلِكَ أَخْذُ رَبِّكَ إِذَا أَخَذَ الْقُرَىٰ وَهِيَ ظَالِمَةٌ إِنَّ أَخْذَهُ أَلِيمٌ شَدِيدٌ” ﴿هود: ١٠٢﴾[6]
މާނައީ: “ހަމަކަށަވަރުން ﷲތަޢާލާ އަނިޔާވެރިޔާއަށް މުހުލަތު ދެއްވާނެތެވެ. ދެންފަހެ އެއިލާހު އޭނާ ހިއްޕަވައިފިނަމަ، އޭނާ ދޫނުކުރައްވާ ހުށްޓެވެ.”
އެއަށްފަހުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންނަނިވި އާޔަތް ކިޔަވާވިދާޅުވިއެވެ.
وَكَذَٰلِكَ أَخْذُ رَبِّكَ إِذَا أَخَذَ الْقُرَىٰ وَهِيَ ظَالِمَةٌ إِنَّ أَخْذَهُ أَلِيمٌ شَدِيدٌ ﴿هود: ١٠٢﴾
މާނައީ: ” ރަށްތަކުގެ އަހުލުވެރިން އަނިޔާވެރިވެގެންވާ ޙާލު، ކަލޭގެފާނުގެ ވެރިރައްބު އެ ރަށްތައް ހިއްޕަވާހިނދު، އެރައްބުގެ ހިއްޕެވުންއޮތީ، އެފަދައިންނެވެ. ހަމަކަށަވަރުން، އެރައްބުގެ ހިއްޕެވުމަކީ، ވޭންދެނިވި، ގަދަފަދަ ކަމެކެވެ.”
އަޅުގަނޑުމެންނަކީ ބަދަލުތައް ދެވޭނެދުވަހަކަށް އިމާންވެގެންތިބި ބަޔަކަށް ވީހިނދު، ﷲއާއި ބައްދަލުކުރާއިރު ނަޖާވެވޭނޭ ބައެއްގެ ގޮތުގައި ވުމަށްޓަކައި އަޅުގަނޑުމެންގެ ޢަމަލުތަކާއި މެދު ފާރަވެރި ވާންޖެހެވެ.
والصلاة والسلام على رسول الله وعلى آله وصبحه أجمعين.
[1] رواه البخاري ومسلم
[2] رواه البخاري ومسلم
[3] الأدب المفرد لإمام البخاري وحسنه الألباني
[4] رواه البخاري
[5] رواه مسلم
[6] رواه مسلم