[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 44 “ޚަވާރިޖުން ފާޅުވުން.”

ބ. ޚަވާރިޖުން ފާޅުވުން:

 

ހިނގައިދިޔަ ފިތުނަތަކުތެރޭގައި ޢަލީގެފާނު رضي الله عنه އާ ދެކޮޅަށް ޚަވާރިޖުން ނުކުތުން ހިމެނެއެވެ. އެބައިމީހުން ފާޅުވާންފެށީ ޞިއްފީން ހަނގުރާމަ ނިމި، އެދެޖަމާޢަތުގެ މެދުގައި ޙުކުމް ކުރުމަށް އިރާޤާއި ޝާމުގެ ރައްޔިތުން އެއްބަސްވެގެން ތިއްބައެވެ. ދެންފަހެ ޢަލީ رضي الله عنه ކޫފާއަށް އެނބުރިވަޑައިގެންނެވި މަގުމަތީ، ޚަވާރިޖުން އެކަލޭގެފާނުގެ ލަޝްކަރުގައި ވުމަށްފަހު އެކަލޭގެފާނާ ވަކިވެގެން ދިޔައޫއެވެ. އަދި ޙަރޫރާ[1] އެވެ ކިޔޭ ތަނެއްގައި އެބައިމީހުން ބަނޑަހަޖެހިއެވެ. އެބައިމީހުންގެ ޢަދަދު އަށްހާހަށް އަރައެވެ. އަދި ސޯޅަހާސް ކަމުގައިވެސް ބުނެވެއެވެ. ދެންފަހެ ޢަލީގެފާނު، އެބައިމީހުންގެ ގާތަށް އިބްނު ޢައްބާސް رضي الله عنهما ފޮނުއްވައިފިއެވެ. ފަހެ އެކަލޭގެފާނު އެބައިމީހުންނާ ވާހަކަދެއްކެވިއެވެ. އަދި އޭގެތެރެއިން ބަޔަކު އެކަލޭގެފާނާއެކު ވަޑައިގަންނަވައި ޢަލީގެފާނުގެ ވެރިކަމުގެ ދަށަށް ވެދެވަޑައިގެންނެވިއެވެ.

އަދި ޢަލީގެފާނު ވެރިކަމުގެ ކަންކަމުގައި ތައުބާވެއްޖެ ކަމަށް ޚަވާރިޖުންގެ ތެރޭ ޚަބަރު ފެތުރެންފެށިއެވެ. އެހެންކަމުން އެކަލޭގެފާނުގެ ވެރިކަމުގެ ދަށަށް، ބޭކަލުންތަކެއް އެނބުރި ވަޑައިގެންނެވިއެވެ. ފަހެ ކޫފާގެ މިސްކިތުގައި އެބައިމީހުންނާ މުޚާޠަބު ކުރައްވައި، ޢަލީ رضي الله عنه ޚުޠުބާއެއް ދެއްވަން ހުންނަވަނިކޮށް މިސްކިތް ކައިރިން އެމީހުން ގޮވަންފެށިއެވެ: ﷲ ފިޔަވައި އެހެންފަރާތަކަށް ޙުކުމް ކުރުމެއް ނުވެއެވެ. އަދި ގޮވިއެވެ: ކަލޭގެފާނު ޝިރުކު ކޮށްފީމުއެވެ. އަދި ޙުކުމް ކުރައްވަނީ މީހުން ބުނާގޮތަށެވެ. ﷲ ގެ ފޮތުގައިވާ ޙުކުމްފުޅާ އެއްގޮތަށް ޙުކުމެއް ނުކުރައްވަމުއެވެ.

ޢަލީގެފާނު އެބައިމީހުންނަށް ދެންނެވިއެވެ: ތިމަންކަލޭގެފާނުގެ މައްޗަށް ތިޔަބައިމީހުންނަށްޓަކައި ތިންކަމެއް ވެއެވެ. އެއީ މިސްކިތްތަށް ތިޔަބައިމީހުންނަށް މަނާ ނުކުރުމާއި، ހަނގުރާމައަކާ ނުލައި ލިބޭ މުދަލުން ތިޔަބައިމީހުން މަނާ ނުކުރުމާއި ފަސާދަކުރަން ނުފަށާހާ ހިނދަކު، ތިޔަބައިމީހުންނާ ދެކޮޅަށް އިސްވެ ހަނގުރާމަ ނުފެށުމެވެ.

ދެން އެއަށްފަހު އެބައިމީހުން އެއްވެތިބެ، އެބައިމީހުންގެ ކައިރިއަށް އަންނަ ކޮންމެ މުސްލިމަކު މަރާލަމުން ދިޔައެވެ. އަދި އެބައިމީހުންގެ ގާތުން عَبْدُ الله بن خَبَّاب بن الأرث[2]، އެކަލޭގެފާނުގެ އަނބިކަނބަލުންނާގެން ވަޑައިގަންނަވަނިކޮށް އެކަލޭފާނު ޝަހީދުކޮށްލައިފިއެވެ. އަދި އެކަލޭގެފާނުގެ އަނބިކަނބަލުންގެ ބަނޑުން ދަރި ވައްޓައިލައިފިއެވެ. ދެންފަހެ އަމީރުލް މުއުމިނީން ޢަލީ ބިން އަބީ ޠާލިބު رضي الله عنه އަށް އެކަން އެނގިވަޑައިގެންފުމުން، އެކަލޭގެފާނު ޝަހީދުކޮށްލީ ކާކުތޯ އެބައިމީހުންކުރެން ސުވާލު ކުރެއްވިއެވެ. އެބައިމީހުން ބުނޫއެވެ. އެކަލޭގެފާނު ޤަތުލުކޮށްލީ ތިމަންމެން އެންމެން ވެގެންނެވެ. ފަހެ ޢަލީގެފާނު އެބައިމީހުނާ ހަނގުރާމައަށް ތައްޔާރުވެވަޑައިގެންނެވިއެވެ. އަދި ނަހްރަވާން[3] އެވެ ކިޔޭ މަޝްހޫރުތަނުން އެބައިމީހުންނާ ކުރިމަތިލައްވައި ވަރަށްވެސް ނިކަމެތި ގޮތެއްގައި އެބައިމީހުން ބަލިކުރެއްވިއެވެ. އެމީހުންކުރެ މަދުމީސްކޮޅެއް މެނުވީ ސަލާމަތެއްނުވިއެވެ.

ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ވަނީ މިއުއްމަތުގައި މިބައިގަނޑު ނުކުންނާނެ ކަމުގެ ޚަބަރު ދެއްވާފައެވެ. އަދި އެކަމާބެހޭގޮތުން އައިސްފައިވާ ޙަދީޘްތައް ވަނީ މުތަވާތިރު ދަރަޖާގައެވެ. މީގެތެރެއިން ދެޞަޙީޙްގައްޔާއި ކުތުބުއްސުންނާގައި އަދި މުސްނަދު ފޮތްތަކުގައި ވާރިދުވެފައިވާ ތިރީހަށްވުރެ ގިނަ ޙަދީޘް، ޙާފިޡް އިބްނުކަޘީރް ޛިކުރު ކުރައްވާފައި ވެއެވެ.[4]

އޭގެތެރެއިން އަބޫސަޢީދު އަލްޚުދްރީ رضي الله عنه ރިވާކުރައްވާފައިވާ [އަންނަނިވި] ޙަދީޘް ހިމެނެއެވެ. ވިދާޅުވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((تَمْرُقُ مَارِقَةٌ عِنْدَ فِرْقَةٍ مِنَ الْمُسْلِمِينَ، يَقْتُلُهَا أَوْلَى الطَّائِفَتَيْنِ بِالْحَقِّ))[5] “މުސްލިމުންގެ ފިރުޤާތަކުން ނުކުމެގެން އަންނަ ބަޔަކު އަންނާނެއެވެ. އެބައިމީހުން، ޙައްޤުޤައިވުން އެންމެ ގާތް ޖަމާޢަތް މަރައެވެ.”

އަދި ވެސް އެކަލޭގެފާނުގެ ކިބައިން [ރިވާވެގެން] ވެއެވެ. ޙަރޫރިއްޔާ އާބެހޭގޮތުން އެކަލޭގެފާނާ ސުވާލުވެވުނެވެ. ވިދާޅުވިއެވެ. ޙަރޫރިއްޔާއަކީ ކޯންޗެއް ކަމެއް ތިމަންކަލޭގެފާނު ނުދެނެހުރީމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ((يَخْرُجُ فِي هَذِهِ الأُمَّةِ -وَلَمْ يَقُلْ مِنْهَا- قَوْمٌ تَحْقِرُونَ صَلاتَكم مَعَ صَلاتِهِم يَقْرَؤُوْن الْقُرْآنَ لا يُجَاوِزُ حُلُوقَهُمْ أَوْ حَنَاجِرَهُمْ، يَمْرُقُونَ مِنَ الدِّينِ مُرُوقَ السَّهْمِ مِنَ الرَّمِيَّةِ))[6] “މިއުއްމަތުން ބަޔަކު ނުކުންނާނެއެވެ. -ވަކިބަޔެކޭ ޙަދީޘެއް ނުކުރައްވައެވެ.- ތިޔަބައިމީހުން ނަމާދުކޮށް އުޅޭފަދައިން ނަމާދުކުރާ އަދި ޤުރުއާން ކިޔަވާ ފަދައިން އެބައިމީހުން ޤުރުވާންކިޔަވައިއުޅެއެވެ. އެބައިމީހުންގެ [އެޢަމަލުތައް] އަރުން ނުވަތަ ކަރުން އެތެރެ ނުވެއެވެ. ދުނިދަނޑިން ތީރު ނުކުމެގެން ދާބީދައިން، އެބައިމީހުން ދީނުން ބޭރުވެގެން ދެއެވެ.”

ދެންފަހެ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ވަނީ ޚަވާރިޖުން ޤަތުލުކުރުމަށް އަމުރުކުރައްވާފައެވެ. އަދި އެބައިމީހުން ޤަތުލު ކުރާމީހަކަށް އެކަމުގައި ޘަވާބު ވާކަމުގައި ވަނީ ބަޔާންކޮށްދެއްވާފައެވެ. މިއީ އެބައިމީހުން އިސްލާމްދީނާ ދުރުވެގެންވާ މިންވަރާއި އެޖަމާޢަތުގެ ބާޠިލުކަން އަދި އިސްލާމްދީނަށް އެބައިމީހުންގެ ފުށުން ހުރި ގެއްލުމުގެ މިންވަރު އަންގައިދޭ ދަލީލެކެވެ. އުަންމަތަށް އެމީހުންގެ ގެއްލުން ނުހަނު ބޮޑެވެ. އެއީ އެމީހުން ހިލުވާލާ ފިތުނަތަކާއި ކުރާ ތުރާތަކުގެ ސަބަބުންނެވެ.

އަދި މާތްﷲ ރުއްސުންލެއްވި ޢަލީގެފާނުގެ އަރިހުން ދެޞަޙީހުގައި ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ((سَيَخْرُجُ قَوْمٌ فِي آخِرِ الزَّمَانِ، أَحْدَاثُ الْأَسْنَانِ، سُفَهَاءُ الْأَحْلَامِ، يَقُولُونَ مِنْ خَيْرِ قَوْلِ الْبَرِيَّةِ، لَا يُجَاوِزُ إِيْمَانُهُم حَنَاجِرَهُمْ، يَمْرُقُونَ مِنَ الدِّينِ كَمَا يَمْرُقُ السَّهْمُ مِنَ الرَّمِيَّةِ، فَأَيْنَمَا لَقِيتُمُوهُمْ فَاقْتُلُوهُمْ؛ فَإِنَّ فِي قَتْلِهِمْ أَجْرًا لِمَنْ قَتَلَهُمْ يَوْمَ الْقِيَامَةِ))[7] މާނައީ: “ފަހު ޒަމާނުގައި ޤައުމެއްގެ ބަޔަކު ނުކުންނާއެވެ. އެބައިމީހުންނީ ޅަ ދަތްތަކެއްވާ [އެބަހީ: ފަސާދަ އުފަންވާން ކުރެވިފައިވާ]، ބުއްދީގައި އުނިކަންވާ ބައެކެވެ. މީސްތަކުންކުރެ އެންމެ ހެޔޮބަސްބުނާ ބައެއްކަމުގައި އެބައިމީހުން ވެއެވެ. އެބައިމީހުންގެ އީމާންކަން އަރުން އެތެރެ ނުވެއެވެ. ދުނި އޭގެ ދަނޑިން ނުކުމެގެން ދާފަދައިން އެބައިމީހުން ދީނުން ބޭރުވެގެން ދާނެއެވެ. ފަހެ ތިޔަބައިމީހުންނާ އެމީހުން ބައްދަލުވާހާ ތަނަކުން އެމީހުން ޤަތުލުކުރާށެވެ. އެބައިމީހުން ޤަތުލުކުރާ މީހަކަށް ޤިޔާމަތްދުވަހުގައި އެކަމުގެ އަޖުރު ލިބޭ ހުއްޓެވެ.”

އަލްއިމާމު ބުޚާރީ ވިދާޅުވެފައި ވެއެވެ. [އެބަސްފުޅުގެ މާނައީ:] “އިބްނު ޢުމަރު ދެކެވަޑައިގަންނަވާ ގޮތުގައި، އެބައިމީހުންނީ (އެބަހީ: ޚަވާރިހުންނަކީ) ﷲ ތަޢާލާގެ އެންމެ ނުބައި މަޚްލޫޤުންނެވެ. އަދި ވިދާޅުވެއެވެ. ކާފަރުންނާމެދު ބާވާލެއްވިފައިވާ އާޔަތްތަކުގައި ހިފައި އެއާޔަތްތައް މުއުމިނުންނަށް ނިސްބަތްކުރެތެވެ.”[8]

ޙާފިޡް އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ. [އެބަސްފުޅުގެ މާނައީ:] “އެބައިމީހުންނާހުރެ ބަލާވެރިކަން އިތުރުވެގެން ދިޔައެވެ. އަދި އެބައިމީހުންގެ ފާސިދު ޢަޤީދާ ފެތުރިގެން ދިޔައެވެ. ފަހެ އެބައިމީހުން، ކައިވެންޏެއްކޮށް [ޒިނޭކުރި] މީހާ ރަޖަމް ކުރުން ބާޠިލު ކުރެއެވެ. އަދި ވަގުކަލޭގެ އަތް ކީލަފަތާ ހަމައިން ބުރިކުރިއެވެ. ޙައިޟުވެރިންނަށް އެކަނބަލުން ޙައިޟުވެގެންވާ ޙާލު ނަމާދު ކުރުން ވާޖިބު ކުރިއެވެ. ކުޅަދާނަކަން ލިބިގެންވާޙާލު ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުން ދޫކޮށްލިމީހާ ކާފަރުކުރެއެވެ. އަދި ކުޅަދާނަކަން ލިބިގެން ނުވާނަމަ ބޮޑުފާފައަކަށް އަރައިގަތީ ކަމުގައި ހަދަތެވެ. އަދި އެބައިމީހުންގެ ގާތުގައި، ބޮޑުފާފައަށް އަރިގަންނަމީހާގެ ޙުކުމަކީ ކާފިރުކަމުގެ ޙުކުމެވެ. ޒިންމީންގެ މުދާތައް އަތުލުމާއި އެމީހުންނާ ކުރިމަތިލުމުން އެމީހުން މުޅިން ދުރުހެލިވިއެވެ. އަދި އިސްލާމުން ކަމުގައި ބުނެވޭ މީހަކުނަމަ ހިފައި ހައްޔަރުކޮށް އަދި ރަހީނުކޮށް ޤަތުލުކޮށްލައެވެ.”[9]

އެބައިމީހުންގެ އެންމެފަހުން އަންނަ މީހުނާއެކު ދައްޖާލު އަތުވެއްޖައުމަށް ދާންދެން އެބައިމީހުން ފާޅުވުން ފިލައިގެން ނުދާހުއްޓެވެ. އިބްނު ޢުމަރުގެ އަރިހުން ރިވާވެގެންވާ ޙަދީޘްއެއްގައި ވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((يَنْشَأُ نَشْءٌ يَقْرَؤونَ الْقُرْآنَ لَا يُجَاوِزُ تَرَاقِيَهُمْ، كُلَّمَا خَرَجَ قَرْنٌ قُطِعَ” -قَالَ ابْنِ عُمَرَ: سَمِعْتُ رَسُولَ اللَّهِ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – يَقُولُ: “كُلَّمَا خَرَجَ قَرْنٌ قُطِعَ أَكْثَرَ مِنْ عِشْرِينَ مَرَّةً- “حَتَّى يَخْرُجَ فِي عِرَاضِهِمْ الدَّجَّالُ))[10] މާނައީ: “ޤުރުއާން ކިޔަވައި އުޅޭ [ނަމަވެސް] އެބައެއްގެ އަރުތެރެއިން އެކަން އެތެރެ ނުވާ ބަޔަކު ފެތުރިގަންނާނެއެވެ. އަދި އެބައިމީހުން ފާޅުވާ ކޮންމެ ފަހަރެއްގައިމެ ހަލާކުވެގެން ދެއެވެ. -އިބްނު ޢުމަރު ވިދާޅުވިއެވެ: ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާއަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ.- އެބައިމީހުން ފާޅުވާ ކޮންމެ ހިނދެއްގައިމެ ވިއްސަށްވުރެ ގިނަ ފަހަރު ހަލާކުވެގެން ދެއެވެ. އެބައިމީހުންގެ ލަޝްކަރުން ދައްޖާލު ފާޅުވެއްޖައުމަށް ދާންދެނެވެ.”

=ނުނިމޭ=

__________________________________________

[1]  حَرُوْرَاء: އެއީ ކޫފާއާ ދެމޭލު ދުރުގައިވާ އަވަށެކެވެ. އަދި ޚަވާރިޖުން ނިސްބަތްކުރެވެނީ އެތަނަށެވެ. ފަހެ އެބައިމީހުނަށް حَرُوْريَّة އެވެ ކިޔެއެވެ.

ބައްލަވާ: ((معجم البلدان)) (2 / 245).

[2]  އެއީ عَبْدُ الله بن خَبَّاب بن الأرث التَّمِيمِي އެވެ. މާތްވެގެންވީ އަޞްޙާބު ބޭކަލެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައެވެ. ފަހެ އެކަލޭގެފާނަށް عَبْدُ الله ގެ ނަމުން ނަންދެއްވިއެވެ. އެކަލޭގެފާނާއި عَبد الله بن زُبَير އަކީ އިސްލާމްކަންމައްޗަށް ފުރަތަމަ އުފަންވެވަޑައިގެންނެވި ދެބޭކަލުންނެވެ. ޚަވާރިޖުން އެކަލޭގެފާނު ޝަހީދުކޮށްލީ ހިޖުރައިން 37 ވަނަ އަހަރުއެވެ.

ބައްލަވާ: ((الإضابة في تمييز الصحابة)) (2 / 302)، و (( البداية والنهاية)) (7 / 288)، و ((تجريد أسماء الصحابة)) (1 / 208).

[3] النَّهْرَوَان: އެއީ ތިންކޯރެވެ. އަދި އެއީ ޢިރާޤުގެ ބަޣްދާދާ ކައިރީގައިވާ ބޮޑު ރަށެކެވެ. އެތާނގެ އަސްލަކީ ވާދީ جرار އެވެ. އަދި އެތަން ފެށިގެން އަންނަނީ އަޒަރުބައިޖާނުންނެވެ. އެތައް ރަށެއްގެ ބަޔަކު އެތަނުން ފެންބޮއި ހަދަތެވެ. އަދި އެތާންގެ ފެން ތިރީގައިވާ ޤައުމުތަކަށް ކޯރުދެމި އޮހޮރިގެން ދެއެވެ. ފާރިސީން އެތަނަށް ކިޔައި އުޅޭ ކަމުގައި ވަނީ جوروان އެވެ. ޢަރަބި މުސްލިމުން އެތަނަށް ކިޔައި އުޅުން ކަމުގައި ބުނެވެނީ نَهْرَوَان އެވެ.

ބައްލަވާ: ((معجم البلدان)) (5 / 324 – 325).

[4] ބައްލަވާ: ((البداية والنهاية)) (7 / 290 – 307).

 [5]  ((صحيح مسلم))، كتاب الزكاة، باب إعطاء المؤلفة ومن يخاف على إيمانه، (7 / 168 – مع شرح النووي).

[6] ((صحيح البخاري)) كتاب استتابة المرتدين والمعاندين وقتالهم، باب قتل الخوارج والملحدين بعد إقامة الحجة عليهم، (12 / 283 – مع الفتح).

[7] ((صحيح البخاري))، (12 / 283 – مع الفتح)، و ((صحيح مسلم))، كتاب الزكاة، باب التحريض على قتل الخوارج، (7 / 169 – مع شرح النووي).

[8] [ބައްލަވާ:] ((صحيح البخاري))، كتاب استتابة المرتدين، باب قتل الخوارج، (12 / 282 – مع الفتح). وقال ابن حجر: ((سنده صحيح)). ((فتح الباري)) (12 / 286).

[9]  [ބައްލަވާ:] ((فتح الباري)) (12 / 285).

[10]  ((سنن ابن ماجه))، المقدمة، باب ذكر الخوارج، (1 / 61) (ح 174)، والحديث حسن.
ބައްލަވާ: ((صحيح الجامع الصغير)) (6 / 362) (ح 8027) للألباني.