الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.
ސުންނަތަށް ނަޞްރުވެރިވުމާއި ބިދުޢަވެރިންގެ މައްޗަށް ހަރުކަށިވެލެއްވުން
مُطَّرِّف بن عبد اللهގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާލިކުގެފާނު ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.
“ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޑައިގަތީ ސުންނަތް ދޫކުރައްވާފައެވެ. އަދި އެކަލޭގެފާނަށް ފަހު ވަޑައިގެންނެވި ވެރިން (ޚުލަފާޢުރާޝިދޫން)ވެސް ހެޔޮމަގަށް މަގު ދެއްކެވިއެވެ. އެކަންތައްތަކުގައި ހިފުން ހިމެނިގެންވަނީ، ﷲތަޢާލާގެ ފޮތަށް ތަބަޢަވުމުގެ ތެރެއިންނެވެ. އަދި އެއިލާހަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންގަތުމުގެ ތެރެއިންނެވެ. އަދި ދީނުގައި ގަދަޔަށް ހިފެހެއްޓުމުގެ ތެރެއިންނެވެ. އަދި އެ ގަޑުބަޑުކޮށް ބަދަލުގެނައުމުގެ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެންނުވެއެވެ. އަދި އެއާ ޚިލާފުވާ އެއްވެސް ނަޡަރިއްޔާތެއް ގެނައުމުގެ ޙައްޤެއް އެއްވެސްމީހަކަށް ލިބިގެންނުވެއެވެ. އެއިން ހިދާޔަތް ލިބިގެންފި މީހަކީ ހިދާޔަތް ލިބިގެންފި މީހެކެވެ. އަދި އެއިން ނަޞްރު ލިބިގެންފި މީހަކީ، ނަޞްރު ލިބިގެންފި މީހެކެވެ. އަދި އެ ދޫކޮށްލައި، މުއުމިނުންގެ މަގުނޫން އެހެން މަގަކަށް ތަބަޢަވެއްޖެ މީހަކު (ދަންނައެވެ.)، ﷲތަޢާލާ އެކަމުގެ ސަބަބުން އެމީހަކު ދޫކޮށްލަވާނެތެވެ. އަދި އެބަޔަކު ނަރަކައަށް ވައްދަވާނެތެވެ. އެއީ ނުބައިވެގެންވާ ނިމިދިއުމެކެވެ.”[1]
ޝާފިޢީގެފާނުގެ އަރިހުން أبو ثور ރިވާކުރައްވާ ވިދާޅުވިއެވެ.
.މާލިކުގެފާނުގެ އަރިހަށް ބައެއް ހަވާނަފްސުގެ އަހުލުވެރިން އައުމުން، އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވާކަމުގައި ވެއެވެ.
“ތިމަންކަލޭގެފާނު މިހުންނެވީ، ތިމަންކަލޭގެފާނުގެ ދީނުގައި ސާފުކޮށް ބަޔާންވެފައިވާ ކަންތައްތަކުގެ މަތީގައެވެ. އަދި ކަލޭތިހުރީ ޝައްކެއްގެ މަތީގައެވެ. އަދި ކަލޭ، ކަލޭފަދައިން ޝައްކުގެމަތީގައި ހުރި އެހެންމީހެއް ކައިރިއަށްދާށެވެ. އަދި އޭނާއާއެއްކޮށް ކަލޭ ޖަދަލުކޮށް އުޅޭށެވެ.”[2]
أبو طالب المكي ވިދާޅުވިކަމަށް القاضي عياضވިދާޅުވިއެވެ.
“މީސްތަކުންގެ ތެރެއިން ޢިލްމުލްކަލާމުގެ[3] މަޛުހަބުތަކާއި އެންމެ ދުރުވެގެންވާ ބޭކަލެއްގެ ގޮތުގައި މާލިކުގެފާނު ވިއެވެ. އަދި ޢިރާޤުގެ އަހުލުވެރިންނާއި އެންމެ ބޮޑަށް ދެކޮޅުހަދުއްވާ ބަސްބުނުއްވާ ބޭކަލެއްގެ ގޮތުގައި އެކަލޭގެފާނު ވިއެވެ.[4]
އެއަށްފަހުގައި سفيان بن عييتة ވިދާޅުވިކަމަށް القاضي عياض ވިދާޅުވިއެވެ.
އިމާމު މާލިކު رحمه الله ގެ އަރިހުގައި މީހަކު އައިސް ސުވާލު ދެންނެވިއެވެ.
﴿الرَّحْمَٰنُ عَلَى الْعَرْشِ اسْتَوَىٰ﴾ [سورة طه ٥]
މާނައީ: “ރަޙުމާނުވަންތަ އިލާހު، ޢަރުޝީގެ މައްޗަށް އިސްތަވާވެވޮޑިގަތެވެ.”
އެއިލާހު އިސްތިވާވެވޮޑިގެންވަނީ ކޮންފަދައަކުން ހެއްޔެވެ؟
އޭނާ އެކުރި ސުވާލާމެދު މާލިކުގެފާނު ހިތްހަމަ ޖެހިވަޑައިނުގަތުމުގެ ސަބަބުން އެކަލޭގެފާނުގެ ގައިން ދާ އޮހޮރެއްޖެއުމަށް ދާންދެން، އެއްވެސް އެއްޗެއް ވިދާޅުނުވެ އެކަލޭގެފާނު ހަނުހުންނެވިއެވެ. އަދި އެއަށްފަހުގައި ވިދާޅުވިއެވެ.
ﷲ ތަޢާލާ އިސްތިވާވެ ވޮޑިގެންވާކަން އެއީ އެނގިގެންވާ ކަމެކެވެ.
އަދި އެއިލާހު އިސްތިވާވެ ވޮޑިގެންވާ ކައިފިޔަތު (އިސްތިވާވެ ވޮޑިގެންވަނީ ކޮން ގޮތަކަށްކަން) އެއީ ސިކުނޑިއަކަށް ވިސްނޭނެކަމެއް ނޫނެވެ.
އަދި އެކަމާމެދު ސުވާލުކުރުމަކީ ބިދުޢައެކެވެ.
އެއިލާހު އިސްތިވާވެ ވޮޑިގެންވާކަމާމެދު އީމާންވުމަކީ ވާޖިބެކެވެ.
ތިމަންކަލޭގެފާނަށް ހީފުޅުވަނީ ތިޔައީ މަގުފުރެދިފައިވާ މީހެއް ހެންނެވެ.
އޭނާ މިތަނުން ނެރޭށެވެ.
އެހިނދު އެމީހާ މާލިކުގެފާނަށް ގޮވާލިއެވެ. އޭ އަބޫ ޢަބްދުﷲ އެވެ! ﷲ ގަންދެއްވާ ބުނަމެވެ. ހަމަކަށަވަރުން އަހަރެން ބަޞްރާގެ އަހުލުވެރިންނާއި ކޫފާގެ އަހުލުވެރިންނާއި ޢިރާޤުގެ އަހުލުވެރިންނާ މިކަމާއި ބެހޭގޮތުން ސުވާލުކުރީމެވެ. އަދި އެކަމަށް ކަލޭގެފާނަށް ތަޢުފީޤު ލިބިވަޑައިގެންފައިވާ ގޮތަށް އެހެންމީހުންނަށް ތައުފީޤު ލިބިގެންވާ ތަނެއް އަހަރެން ނުދެކެމެވެ.” [5]
سعيد بن عبد الجبارގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
(ޤަދަރިއްޔާއާއި ބެހޭގޮތުން) މާލިކުގެފާނު ވިދާޅުވިއެވެ.
“ތިމަންކަލޭގެފާނު އެބައިމީހުންނާމެދު ދެކެނީ، އެބައިމީހުންނަށް ތައުބާ ލައިދިނުމަށެވެ. އެބައިމީހުންނަށްވަނީ ތައުބާވުމެވެ. ނޫންނަމަ އެބައިމީހުންް ޤަތުލުކޮށްލުމެވެ.”[6]
عثمان بن صالح އާއި أحمد بن سعيد الدارميވިދާޅުވިއެވެ. އަހަރެމެންނަށް عثمان ކިޔައި ދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“މާލިކުގެފާނުގެ އަރިހަށް މީހަކު އައިސް މައްސަކައަކާއި ބެހޭގޮތުން ސުވާލުކުރިއެވެ. ދެން އެކަލޭގެފާނު އޭނާއަށް ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެނިގޮތަކަށް ޙަދީޘްކުރައްވާފައިވެއެވެ. ދެންފަހެ އޭނާ ބުނެފިއެވެ. ކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ އެފަދައިންހެއްޔެވެ؟ ދެން އެކަލޭގެފާނު އަންނަނި އާޔަތް ތިލާވަތުކުރެއްވިއެވެ.
فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ ﴿النور: ٦٣﴾
މާނައީ: ” ފަހެ، އެކަލޭގެފާނުގެ އަމުރުފުޅާ ޚިލާފު ވާމީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް، އެއުރެން ބިރުވެތިވާހުށިކަމެވެ!”[7]
أبو حفصގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާލިކުގެފާނު ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.
﴿ وُجُوهٌ يَوْمَئِذٍ نَّاضِرَةٌ إِلَىٰ رَبِّهَا نَاظِرَةٌ ﴾ سورة القيامة
މާނައީ: “އެދުވަހުން މޫނުތަކެއް ރީތިވެ އަލި ވެގެން ވެއެވެ. އެމޫނުތަކުގެ ވެރިރައްބަށް ބަލަބަލައި ތިބެއެވެ.”
ބަޔަކުމީހުން ބުނެތެވެ. މިއާޔަތުގެ މުރާދަކީ އެބައި މީހުންގެ ޘަވާބަށް ބަލަބަލައި ތިބޭވާހަކަ އެވެ. މާލިކުގެފާނު ވިދާޅުވިއެވެ. އެމީހުން އެހެދީ ދޮގެވެ. ދެންފަހެ އެބައިމީހުން ﷲތަޢާލާގެ އަންނަނިވި އާޔަތާއިމެދު ބުނާނީ ކީކޭހެއްޔެވެ؟
كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ ﴿المطففين: ١٥﴾
މާނައީ: “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއުރެންގެ ވެރި ރައްބުގެ ޙަޟުރަތުން އެދުވަހު، އެއުރެން ފަރުދާ ކުރެވިގެންވާނޭކަން ކަށަވަރެވެ.”[8]
=ނުނިމޭ=
[1] حلية الأولياء 6/324 وسير أعلام النبلاء (8/98)
[2] حلية الأولياء 6/325 وسير أعلام النبلاء (8/99)
[3] ޢިލްމުލް ކަލާމުގެ އަހުލުވެރިންނަކީ، އަޤީދާގެ މައްސަލަތަށް އެބައިމީހުންގެ ސިކުނޑިން ސާބިތުކުރާމީހުންނެވެ. ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ އަރިހުގައި އަޤީދާގެ މައްސަލަތަށް ސާބިތުކުރެވޭނީ ހަމައެކަނި ޤުރުއާނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞައްޙަ ސުންނަތުގެ އަލީގައެވެ.
[4] ޢިރާޤަކީ އެއީ އަޝާއިރީންނާއި، އެފަދަ މަގުފުރެދިފައިވާ ފިރުޤާތައް އެންމެ ފާޅުކަންބޮޑުގޮތެއްގައި ފެށިގެން އައި ތަނެވެ.
[5] سير أعلام النبلاء (8/107)
[6] حلية الأولياء 6/326
[7] حلية الأولياء 6/326
[8] حلية الأولياء 6/326