[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލްއިމާމު މާލިކު: مالك بن أنس – إمام دار الهجرة – 7

imam maalik

الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.

އެކަލޭގެފާނަށް ދިމާވި އިމްތިޙާނުތަކުގެ ތެރެއިން… -رحمه الله-

محمد بن جرير ވިދާޅުވިއެވެ.

“އިމާމު މާލިކުގެ ގައިގައި ޗާބޫކުން ތެޅިކަމުގައިވެއެވެ. އެކަލޭގެފާނުގެ ގައިގައި ޗާބޫކުން ތެޅި ސަބަބާއި މެދު ޢިލުމުވެރިންގެ މެދުގައިވަނީ ޚިޔާލު ތަފާތުވެފައެވެ. ابن زكوان, مروان الطاَّطريގެ އަރިހުން ރިވާކުރެއްވިކަމަށް عباس بن الوليد ތިމަންކަލޭގެފާނަށް ކިޔާދެއްވިއެވެ.

 “(ليس على مستكره طلاق)

މާނައީ: “މަޖުބޫރުކަންމަތީ ހުންނަ މީހާއަށް ވަރި ކުރުމެއް ނުވެއެވެ.”

ޖަޢުފަރު އެކަލޭގެފާނަށް މިޙަދީޘް ކިޔާދިނުން މަނާކުރިއެވެ. އެހެންނަމަވެސް އެކަލޭގެފާނު މީސްތަކުންގެ ތެރެއިން، ސުވާލުކުރި މީހަކަށް މިޙަދީޘް ކިޔާދެއްވައެވެ. ދެންފަހެ އެކަމާހުރެ އެކަލޭގެފާނުގެ ގައިގައި ޗާބޫކުން ތެޅިއެވެ.”[1]

الفضيل بن زياد القطَّانގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ތިމަންކަލޭގެފާނު أحمد بن حنبل ގެ އަރިހުގައި ސުވާލު ދެންނެވީމެވެ. مالك بن أنسގެ ގައިގާ ތެޅީކާކުހެއްޔެވެ؟”

އެކަލޭގެފާނު ވިދާޅުވިއެވެ.

“ބައެއް ވެރިން އެކަލޭގެފާނުގެ ގައިގައި ތެޅިއެވެ. އޭގެތެއިން އެކަލޭގެފާނުގެ ގައިގައި ތެޅީ ކާކުކަމެއް ތިމަންކަލޭގެފާނަކަށް ނޭނގެއެވެ. އެކަލޭގެފާނު ގައިގައި ތެޅީ މަޖުބޫރުކުރެވިފައިވާ މީހާ ވަރި ކުރުމުގެ މައްސަލައިގައެވެ. އެކަލޭގެފާނު އެކަން ހުއްދައެއް ނުކުރައްވައެވެ. އެކަމާހުރެ އެކަލޭގެފާނުގެ ގައިގައި ތެޅިއެވެ.”[2]

أبو بكر بن محمد بن أحمد بن راشدގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. أبو داود ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.

“މަޖުބޫރުވެފައިވާ މީހާ ވަރިކުރުމުގެ މައްސަލައިގައި، جعفر بن سليمان، މާލިކުގެފާނުގެ ގައިގައި ތަޅައިހެދިއެވެ. އަދި އެކަލޭގެފާނަށް ابن وهبގެ ބައެއް އެކުވެރިން ކިޔައިދިނެވެ. “މާލިކުގެފާނުގެ ގައިގައި ތެޅިއިރު އެކަލޭގެފާނުގެ ބޯވެސް ބޭލިއެވެ. އަދި އެކަލޭގެފާނު ޖަމަލެއްގެ މައްޗަށް އަރުވައިގެން ދުއްވިއެވެ. (އެއީ އެޒަމާނުގައި މީހުން ފަޟީޙަތްކޮށް، ބޭޖާރުކުރުމުގެ ގޮތުން ކުރާކަމެކެވެ.) އަދި އެކަލޭގެފާނަށް ބުނެވުނެވެ. ކަލޭގެ އަމިއްލަ ނަފްސަށް، ކަލެއަކީ ކާކުކަން ގޮވާށެވެ. މާލިކުގެފާނު ގޮވިއެވެ. “ތިމަންކަލޭގެފާނު ދަންނަމީހުންނަށް ތިމަންކަލޭގެފާނު އެނގިއްޖެއެވެ. އަދި ތިމަންކަލޭގެފާނު ނުދަންނަމީހުން ދަންނާށެވެ. ތިމަންކަލޭގެފާނަކީ مَالِكُ بنُ أَنَسِ بنِ أَبِي عَامِرٍ أَصْبَحي އެވެ. އަދި ތިމަންކަލޭގެފާނު މިބުނަނީއެވެ. މަޖުބޫރު ކުރެވިފައިވާ ޙާލު ކުރާވަރި އެއީ އެއްޗެއް ނޫނެވެ. (އެބަހީ ވަރިއަކަށް ނުވާނެއެވެ.)”

ދެންފަހެ جعفر بن سليمانއަށް އެކަލޭގެފާނުގެ މިފަދައިން ގޮވިކަމުގެ ޚަބަރު ލިބުނެވެ. އޭނާ ބުންޏެވެ. “އޭނާ ގެންނާށެވެ. އަދި އޭނާ ޖަމަލުމަތިން ބާލާށެވެ.””[3]

ابن سعد بن الواقدي ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“މާލިކުގެފާނު ގެންނަވާ، އެކަލޭގެފާނާ މަޝްވަރާކުރައްވާ، އެކަލޭގެފާނުގެ ބަސްފުޅު އަޑުއިވި، އަދި އެކަލޭގެފާނުގެ ބަސްފުޅު ގަބޫލު ކުރެވުނު ހިނދު، ޙަސަދަވެރި ވެވުނެވެ. އަދި ހުރިހާ ގޮތަކުން އެކަލޭގެފާނާއި ދެކޮޅަށް އަނިޔާވެރި ވެވުނެވެ. ދެންފަހެ جعفر بن سليمان މަދީނާގެ ވެރިއަކަށް އިސްކުރެވުނު ހިނދު، ބަޔަކު މާލިކުގެފާނު ގޮވައިގެން ޖަޢުފަރުގެ ކައިރިއަށް ދިޔައެވެ. އަދި ޖަޢުފަރުގެ ކައިރީ މީސްތަކުން ގިނަވެގެން ދިޔައެވެ. އަދި އެމީހުން ބުންޏެވެ. “ތިޔަބައިމީހުން ބައިއަތުހިފަން ކުރި ހުވައަކީ، އެއްވެސް އެއްޗެއް ކަމުގައި އޭނާ (މާލިކުގެފާނު) ނުދެކެއެވެ. އޭނާ ދަލީލެއްގެ ގޮތުގައި ނަގަނީ ثابت بن الأحنف ގެ އަރިހުން މަޖުބޫރުކުރެވިފައި ވާމީހާ ވަރިކުރުމާ ގުޅޭގޮތުން ރިވާވެފައިވާ ޙަދީޘެކެވެ. އޭނާގެ ކައިރީގައި އެކަން ހުއްދަވެގެން ނުވެއެވެ.”

ދެން ޖަޢުފަރު، މާލިކުގެފާނު ގެނެސް، އޭނާއަށް އެހުށައެޅިކަންތަކުގެ މައްޗަށް އެކަލޭގެފާނު އެއްބަސް ކުރުވުމަށް، އެކަލޭގެފާނުގެ ގައިގައި ޗާބޫކުން ތެޅިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅު ވަކިވެގެން ހިނގާދާނެވަރަށް، އަތްޕުޅު އަނބުރާލިއެވެ. އަދި އެކަލޭގެފާނަށް ބޮޑެތި ހާނިކަކޮށް ހެދިއެވެ. އެހެންނަމަވެސް، އޭގެ ކުރިންވެސް އަދި އެއަށްފަހުގައިވެސް އެކަލޭގެފާނު ދިޔައީ މީސްތަކުންގެ މެދުގައި އަގު އުފުލި މަތިވެރިވަމުންނެވެ.”[4]

الإمام الذهبي ވިދާޅުވިއެވެ.

“ރަނގަޅު އިމްތިޙާނެއްގެ ފޮނިމޭވާއަކީ އޭގެ ސަބަބުން ތިބާގެ ދަރަޖަ އުފުލިގެންދާކަމެވެ. ކޮންމެހާލެއްގައިވެސް އަހަރެމެންނަށް ޖެހޭހާ މުޞީބާތެއް ޖެހެނީ އަހަރެމެންގެ އަތްތަކުން ހޯދައިގަންނަ ކަންތައްތަކެއްގެ ސަބަބުންނެވެ. އަދި ﷲތަޢާލާ ގިނަކަންކަން ޢަފޫ ކުރައްވައެވެ. ނަބިއްޔާصلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުގައި ވެއެވެ

((مَنْ يُرِدِ اللَّهُ بِهِ خَيْرًا يُصِبْ مِنْهُ)) [رواه البخاري[

މާނައީ: “ﷲ ތަޢާލާ މީހަކަށް ހެޔޮގޮތެއް މިންވަރުކުރައްވާނަމަ، އެމީހަކަށް މުޞީބާތް ޖައްސަވައެވެ.”

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙާދީޘް ކުރެއްވިއެވެ.

“كُلُّ قَضَاءِ المُؤمِنِ خَيْرٌ لَهُ” [رواه مسلم[

މާނައީ: “މުއުމިނު އަޅާއާއި މެދު ކުރެވޭ ކޮންމެ ނިޔާއަކީ، އޭނާއަށްވާ ހެވެކެވެ.”

އަދި ﷲތަޢާލާ ވަޙީކުރެއްވިއެވެ.

(وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ) [سورةالبقرة: ١٥٥]

މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ.”

އަދިވެސް ﷲތަޢާލާ ވަޙީކުރެއްވިއެވެ.

وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ الْمُجَاهِدِينَ مِنكُمْ وَالصَّابِرِينَ وَنَبْلُوَ أَخْبَارَكُمْ ﴿محمد: ٣١﴾

މާނައީ: ” އަދި ތިޔަބައިމީހުންގެ ތެރެއިން ޖިހާދުކުރާ މީހުންނާއި، ކެތްތެރިވާ މީހުން، ތިމަންއިލާހު ދެނެވޮޑިގެންވެ، އެކަން ހާމަވެއްޖައުމަށްދާނދެން، އަދި ތިޔަބައިމީހުންގެ ޚަބަރުތައް އަންގަވައި ފާޅުކުރައްވައިފުމަށްދާނދެން ހަމަކަށަވަރުން، ތިމަންއިލާހު ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ.”

އަދި އުޙުދު ހަނގުރާމައިގެ ވަގުތުގައި ﷲތަޢާލާ ވަޙީކުރެއްވިއެވެ.

أَوَلَمَّا أَصَابَتْكُم مُّصِيبَةٌ قَدْ أَصَبْتُم مِّثْلَيْهَا قُلْتُمْ أَنَّىٰ هَـٰذَا قُلْ هُوَ مِنْ عِندِ أَنفُسِكُمْ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿آل عمران: ١٦٥﴾

މާނައީ: “މިކަންތައްއައީ ކޮންތާކުންހޭ ތިޔަބައިމީހުން ބުނީ، ތިޔަބައިމީހުންނަށް މުޞީބާތެއް އައިސް ޖެހުނީމާ ހެއްޔެވެ؟ ހަމަކަށަވަރުން، އެ މުޞީބާތުގެ ދެގުނަ (އެއުރެންނަށް) ތިޔަބައިމީހުންވަނީ ޖައްސާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ ފަރާތުން އައިކަމެކެވެ. ހަމަކަށަވަރުން، ﷲއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.”

އަދިވެސް ވަޙީ ކުރެއްވިއެވެ.

وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ ﴿الشورى: ٣٠﴾

މާނައީ: ” ތިޔަބައިމީހުންނަށް ޖެހޭހާ މުޞީބާތެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް ޢަފޫކުރައްވަތެވެ.”

ފަހެ މުއުމިނުންނަށްވަނީ، އޭނާ އިމްތިޙާނު ކުރެވޭހިނދު ކެތްތެރި ވުމެވެ. އަދި އެ އިމްތިޙާނަކުން ފިލާވަޅު ލިބިގަތުމެވެ. އަދި ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ. އަދި އޭނާއަށް މުޞީބާތް ޖެއްސި މީހާއަށް ބަދުބަސް ބުނުމުގައި މަޝްޣޫލުވެ ނޫޅުމެވެ. ފަހެ ﷲގެ ޙުކުމަކީ އެންމެ އަދުލުވެރި ޙުކުމެވެ. އެއަށްފަހު އޭނާގެ ދީންވެރިކަން ރައްކާތެރިވެފައިވާތީ ﷲއަށް ޙަމްދުކުރާށެވެ. އަދި ދެންނާށެވެ! ދުނިޔޭގެ ޢުޤޫބާތަކީ އާޚިރަތުގެ ޢުޤޫބާތާ ބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ. އަދި އެކަމުގެ އަހުލުވެރިޔާއަށް ހުރި ހެވެކެވެ.”[5]


[1]  سير أعلام النبلاء (8/79,80)

[2]  حلية الأولياء 6/316

[3]  حلية الأولياء 6/316

[4]  سير أعلام النبلاء (8/79,80)

[5]  سير أعلام النبلاء (8/81)

މިލިޔުމުގެ އެހެންބައިތައް