1. ބުރާސްފަތި ދުވަހު ދަތުރު ފެށުން
كَعْبِ بْنِ مَالِكٍك رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ.
“أَنَّ النَّبِيَّ صلى الله عليه وسلم خَرَجَ فِي يَوْمِ الْخَمِيسِ فِي غَزْوَةِ تَبُوكَ وَكَانَ يُحِبُّ أَنْ يَخْرُجَ يَوْمَ الْخَمِيسِ”[1]
މާނައީ: “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަބޫކު ހަނގުރާމައަށް ނުކުމެ ވަޑައިގަތީ ބުރާސްފަތި ދުވަހެއްގައެވެ. އަދި އެކަލޭގެފާނު ބުރާސްފަތި ދުވަހު ދަތުރަށް ނުކުމެ ވަޑައިގަތުމަށް ލޯބި ކުރައްވައެވެ.”
2. އެކަނި ދަތުރު ނުކުރުމާއި އެކުވެރިއަކާއި އެއްކޮށް ދަތުރު ކުރުން
ابن عمر رضي الله عنهماގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙދީޘް ކުރެއްވިއެވެ.
” لَوْ يَعْلَمُ النَّاسُ مَا فِي الْوَحْدَةِ مَا أَعْلَمُ مَا سَارَ رَاكِبٌ بِلَيْلٍ وَحْدَهُ”[2]
މާނައީ: “އެކަނި ދަތުރު ކުރުމުގައި ހުރި އާފާތްތައް ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާ މިންވަރަށް މީސްތަކުންނަށް އެނގޭނަމަ، މީސްތަކުން ރޭގަނޑު އެކަނި ދަތުރު ނުކުރީހެވެ.”
އަދި عبد الله بن عمرو رضي الله عنهގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
“الرَّاكِبُ شَيْطَانٌ وَالرَّاكِبَانِ شَيْطَانَانِ وَالثَّلاَثَةُ رَكْبٌ”[3]
މާނައީ: “އެންމެ ސަވާރަކީ (އެބަހީ: އެކަނި ދަތުރު ކުރާ މީހަކީ) ޝައިޠާނެކެވެ. އަދި ދެ ސަވާރިންނަކީ ދެ ޝައިޠާނުންނެވެ. ތިން ސަވާރިންނަކީ (އެބަހީ: ތިން މީހުންނާއި އެކު ދަތުރުކުރާނަމަ) އެއީ ޤާފިލާއެއް ކަމުގައި ބެލެވޭ ހުއްޓެވެ.”
3. ދަތުރުގެ އަމީރަކު އައްޔަންކުރުން
أَبو سَعِيدٍ الْخُدْرِىِّ رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙާދީޘް ކުރެއްވިއެވެ.
“إِذَا خَرَجَ ثَلاَثَةٌ فِى سَفَرٍ فَلْيُؤَمِّرُوا أَحَدَهُمْ”[4]
މާނައީ: “ތިންމީހަކު ދަތުރަކަށް ނުކުމެއްޖެ ކަމުގައި ވާނަމަ، އޭގެ ތެރެއިން އެކަކު އަމީރެއްގެ ގޮތުގައި އިސްކުރާ ހުށިކަމެވެ.”
4. ސަވާރީއަށް ސަވާރުވެފައި ކިޔާ ދުޢާ
ابن عمر رضي الله عنهماގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ޞާއްލަﷲ ޢަލައިހި ވަސައްލަމަ ދަތުރަކަށް ނުކުމެ ވަޑައިގަތުމަށްޓަކައި އެކަލޭގެފާނުގެ ޖަމަލުކޮޅަށް އަރައި ވަޑައިގެންފިނަމަ ތިންފަހަރު ތަކްބީރު ކިޔާވިދާޅުވެއެވެ. އަދި އަންނަނިވި ދުޢާ ކުރައްވައެވެ.
“سُبْحانَ الَّذي سَخَّرَ لَنا هذا وَما كُنّا لَهُ مُقْرِنين، وَإِنّا إِلى رَبِّنا لَمُنْقَلِبون، اللّهُمَّ إِنّا نَسْأَلُكَ في سَفَرِنا هذا البِرَّ وَالتَّقْوى، وَمِنَ الْعَمَلِ ما تَرْضى، اللّهُمَّ هَوِّنْ عَلَينا سَفَرَنا هذا وَاطْوِ عَنّا بُعْدَه، اللّهُمَّ أَنْتَ الصّاحِبُ في السَّفَر، وَالْخَليفَةُ في الأهلِ، اللّهُمَّ إِنّي أَعوذُبِكَ مِنْ وَعْثاءِ السَّفَر، وَكَآبَةِ الْمَنْظَر، وَسوءِ الْمُنْقَلَبِ في المالِ وَالأَهْل.”[5]
މާނައީ: “މިސަވާރީ ކިޔަމަންތެރިކުރެވޭ ބަޔެއްކަމުގައި އަޅަމެން ނުވާޙާލު މިސަވާރީ އަޅަމެންނަށް ކިޔަމަންތެރިކޮށްދެއްވި ފަރާތުގެ ހުސްޠާހިރުވަންތަކަމާއެވެ! އަދި އަޅަމެން އެނބުރިދިއުންވަނީ އަޅަމެންގެ ވެރި ރައްބުގެ ޙަޟްރަތަށެވެ. އޭﷲ! މިދަތުރުގައި އަޅަމެން އިބަﷲގެ ޙަޟްރަތުން ހެވަށާއި ތަޤުވާވެރިކަމަށް އަދި އިބަﷲ ރުއްސަވާ ޢަމަލަށް އެދެމުއެވެ. އޭﷲ! މިދަތުރު އަޅަމެންނަށް ފަސޭހަކޮށްދެއްވާނދޭވެ! އަދި ދަތުރުގެ ދިގުކަން ކުރުކަމުގައި އަޅަމެންނަށް އިޙުސާސްކޮށްދެއްވާނދޭވެ! އޭﷲ! ދަތުރުގައި އަޅަމެންގެ އެކުވެރިއަކީ އިބަﷲއެވެ. އަދި މިއަޅާގެ (ގޭގެ) އަހުލުވެރިންގެ ޚަލީފާއަކީ (އެބައިމީހުންގެ ކަންތައްތައް ބަލަހައްޓަވައިދެއްވާ ފަރާތަކީ) ވެސް ހަމަ އިބަﷲއެވެ. އޭﷲ! ދަތުރުގެ އުނދަގޫކަމާއި، ހިތާމަކުރުވަނިވި މަންޒަރުން އަދި މުދަލާއި އަހުލުވެރިންގެ ތެރެއަށް އަންނަ ނުބައި ބަދަލަކުން ރައްކާތެރިކޮށްދެއްވުމަށް އިބަﷲގެ ޙަޟްރަތުން އެދިދަންނަވަމެވެ.”
ދަތުރު ނިމިގެން އެނބުރި ރަށަށް އަންނައިރު އިސްވެދިޔަ ދުޢާގެ އިތުރަށް، އަންނަނިވި ދުޢާ އެކަލޭގެފާނު ކުރައްވައެވެ.
آيِبونَ تائِبونَ عابِدونَ لِرَبِّنا حامِدون
މާނައީ: “އަޅަމެން މިވަނީ ދަތުރުން އެބުރި އައުމުގެ މަގުމަތީގައެވެ. އަދި އަޅަމެންނީ އިބަ އިލާހަށް ތައުބާވާ ބަޔަކީމެވެ. އަދި އިބަ އިލާހަށް އަޅުކަންކުރާ ބަޔަކީމެވެ. އަދި އަޅަމެންގެ ވެރި ރައްބުގެ ޙަޟުރަތަށް ޙަމްދު ކުރާ ބަޔަކީމެވެ.”
5. އުސްތަނަކަށް އަރާހިނދު ތަކުބީރު ކިޔުމާއި ތިރި ތަނަކަށް ފައިބާނަމަ ތަސްބީޙަ ކިޔުން
جابر رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“كُنَّا إِذَا صَعِدْنَا كَبَّرْنَا وَإِذَا نَزَلْنَا سَبَّحْنَا”[6]
މާނައީ: “ތިމަންބޭކަލުން (ދަތުރެއްގެ މަތީގައި ވަޑައިގަންނަވަމުން) އުސްތަނަކަށް އަރައިނަމަ ތަކުބީރު ކިޔަމުއެވެ. އަދި ތިރިތަނަކަށް ފައިބާނަމަ ތަސްބީޙަ ކިޔަމުއެވެ.”
6. ދަތުރުމަތީގައި މަންޒިލަކަށް ފައިބާ ހިނދު އަންނަނިވި ދުޢާ ކިޔުން
حولة بنة حكيم رضي الله عنهاގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނިކޮށް ތިމަންކަމަނާ އަޑުއެއްސެވީމެވެ.
“مَنْ نَزَلَ مَنْزِلا فَقَالَ: “أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ” لَمْ يَضُرَّهُ شَيْءٌ حَتَّى يَرْتَحِلَ مِنْ مَنْزِلِهِ ذَلِكَ”[7]
މާނައީ: “މީހަކު (ދަތުރު މަތީގައި) މަންޒިލަކަށް ފޭބުމަށްފަހުގައު “أعُوذُ بكلِمَاتِ اللهِ التَّامَّات من شرِّ ما خلَق” މާނައީ: “ﷲތަޢާލާގެ ފުރިހަމަވެގެންވާ ކަލިމަ ފުޅުތަކުން، އެއިލާހު ހެއްދެވި އެންމެހާ ތަކެތީގެ ނުބައިކަމުން މިއަޅާ ރައްކާތެރިކަމަށް އެދެމެވެ.”
މިފަދައިން ކިޔައިފިނަމަ، އޭނާ އެމަންޒިލަކުން ފުރައިގެން ހިގައްޖައުމަށް ދާނދެން، އެއްވެސް އެއްޗެއް އޭނާއަށް ގެއްލުން ނުދޭނެތެވެ.
7. އަންހެނުން މަހުރަމަކާއި އެކު ދަތުރުކުރުން. މަހުރަމެއް ނުލާ ދަތުރުކުރުން ޙަރާމްވެގެން ވެއެވެ.
أبو هريرة رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
“لا يَحِلُّ لامْرَأَةٍ تُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ تُسَافِرُ مَسِيرَةَ يَوْمٍ إِلا مَعَ ذِي مَحْرَمٍ”[8]
މާނައީ: “ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވާ އަންހެނަކު، މަޙުރަމެއް ނުލައި، އެއްރޭ އެއްދުވާލުގެ ދުރުމިންހުރި ދަތުރެއް ކުރުމަކީ، ހުއްދަވެގެންވާ ކަމެއްނޫނެވެ.”
ابن عباس رضي الله عنهماގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނިކޮށް އަޑު އެއްސެވިއެވެ.
“لاَ يَخْلُونَّ رَجَلٌ بِامْرَأةِ إلاَّ وَمَعَها ذو مَحْرَمٍ وَلاَ تُسَافِرُ الْمَرْأةُ إِلاَّ مع ذِي مَحْرَمِ، فَقَامَ رَجُلٌ. فَقَالَ: يَا رَسُولَ اللَّهِ إِنَّ امْرَأَتِي خَرَجَتْ حَاجَّةً وإِنِّي اكْتُتِبْتُ في غَزْوَةِ كَذَا وكذا ، قَالَ: فَانْطَلِقْ فَحُجَّ مَعَ امْرَأَتِكَ”[9]
މާނައީ: “އެއްވެސް ފިރިހެނަކު ހިލޭ އަންހެނަކާއި އެކު އެކަހެރި ނުވާހުށިކަމެވެ. އަދި އެއްވެސް އަންހެނަކު، މަޙުރަމަކާއި ނުލާ ދަތުރު ނުކުރާހުށިކަމެވެ. ފަހެ ކޮޅަށްތެދުވެފައި އެކަލޭގެފާނުގެ އަރިހުގައި މީހަކު ދަންނަވާދިއެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަންކަލޭގެފާނުގެ އަނބި ކަނބުލޭގެވަނީ ޙައްޖަށް ދިޔުމަށްޓަކައި ނުކުމެފައެވެ. އަދި ތިމަންކަލޭގެފާނު ވަނީ އެވެނި ހަނގުރާމައަކަށް ދިޔުމަށްޓަކައި ނަން ލިޔެފައެވެ. ޙަދީޘް ކުރެއްވިއެވެ. ފަހެ ކަލޭގެފާނުގެ އަނބިކަނބުލޭގެއާއި އެކު ޙައްޖު ވުމަށް ދާށެވެ.”
8. ދަތުރުން އެނބުރި އައިސް މިސްކިތުގައި ދެރަކުޢަތް ނަމާދެއް ކުރުން
كَعْبِ بْنِ مَالِكٍك رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“كَانَ إِذَا قَدِمَ مِنْ سَفَرٍ بَدَأَ بِالْمَسْجِدِ فَرَكَعَ فِيهِ رَكْعَتَيْنِ”[10]
މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަތުރަކުން އެނބުރި ވަޑައިގެންފިނަމަ، އެންމެ ފުރަތަމަ ވަޑައިގަންނަވަނީ މިސްކިތަށެވެ. ފަހެ އެކަލޭގެފާނު މިސްކިތުގައި ދެރަކުޢަތް ނަމާދެއް ކުރައްވައެވެ.”
މަޞްދަރު: الدروس اليومية لراشد بن حسين العبد الكريم
[1] مُتَّفَقٌ عَلَيْهِ
[2] رواه البخاري
[3] سنن أبي داود والترمذي وتحقيق الألباني ( صحيح ) انظر حديث رقم : 3524 في صحيح الجامع .
[4] رواه أبي داود والترمذي وتحقيق الألباني ( صحيح ) انظر حديث رقم : 500 في صحيح الجامع .
[5] رواه مسلم
[6] رواه البخاري
[7] رواه مسلم
[8] مُتَّفَقٌ عَلَيْهِ
[9] مُتَّفَقٌ عَلَيْهِ
[10] مُتَّفَقٌ عَلَيْهِ