[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުﷲ صلى الله عليه وسلم އަށް ކިޔަމަންތެރިކަން އަދާކުރުން

muhammadh

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ސަލަފުއްޞާލިޙުންގެ އިމާމަކީ ﷲގެ ރަސޫލާ صلى الله عليه وسلم އެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿مُّحَمَّدٌ رَّسُولُ اللَّـهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖتَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّـهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ ۚ وَمَثَلُهُمْ فِي الْإِنجِيلِ…﴾ [سورة الفتح ٢٩]

މާނައީ: “މުޙައްމަދުގެފާނީ ﷲގެ ރަސޫލާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެބައިމީހުންގެ މެދުގައި، އޯގާވެރި ރަޙްމަތްތެރިބަޔެކެވެ. ﷲގެ ޙަޟްރަތުން ފަޟުލުވަންތަވެރިކަމާއި، ރުއްސެވުން އެދޭ ޙާލު، ރުކޫޢުކޮށް ސަޖިދަކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެބައިމީހުން ދެކެވަޑައިގަންނަވާނެވެ. ސަޖިދައިގެ އަޘަރުން، އެއުރެންގެ ޢަލާމާތް އެއުރެންގެ މޫނުތަކުގައިވެއެވެ. އެއީ ތައުރާތުގައިވާ، އެއުރެންގެ މިޘާލެވެ. އަދި އިންޖީލުގައިވާ، އެއުރެންގެ މިޘާލު…”

ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންތެރިކަން އަދާކުރުމަކީ ގުޅިލާމެހިފައިވާ ދެކަން ކަމުގައި އެއިލާހުވަނީ ލައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَمَن يُطِعِ اللَّـهَ وَالرَّسُولَ فَأُولَـٰئِكَ مَعَ الَّذِينَ أَنْعَمَ اللَّـهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ۚ وَحَسُنَ أُولَـٰئِكَ رَفِيقًا ﴾ [سورة النساء ٦٩]

މާނައީ: “ﷲ އަށާއި ރަސޫލާއަށް ކިޔަމަންވާ މީހުން (ދަންނާށެވެ!) ފަހެ، އެބައިމީހުންވަނީ ﷲ އެބަޔެއްގެ މައްޗަށް ނިޢުމަތްދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނާ އެކުގައެވެ. އެބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބަޔެކެވެ.”

ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަކީ އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންތެރިކަން އަދާކުރުން ކަމުގައި އެއިލާހުވަނީ އަންގަވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّـهَ ۖ وَمَن تَوَلَّىٰ فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا ﴾ [سورة النساء ٨٠]

މާނައީ: “ރަސޫލާއަށް ކިޔަމަންވާ މީހާ ފަހެ، ހަމަކަށަވަރުން ﷲ އަށް ކިޔަމަންވެއްޖެއެވެ. އަދި ފުރަގަސް ދީފި މީހާ (ދަންނައެވެ!) ފަހެ އބައިމީހުންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަންއިލާހު ކަލޭގެފާނު ނުފޮނުއްވަމެވެ.”

ރަސޫލުﷲ صلى الله عليه وسلم އަށް ކިޔަމަންތެރިކަން އަދާނުކުރާނަމަ ހެޔޮޢަމަލުތައް ބާޠިލުވެ ގެއްލެނިވެގެންވާނެކަމުގައި އެއިލާހުވަނީ އަންގަވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّسُولَ وَلَا تُبْطِلُوا أَعْمَالَكُمْ ﴾ [سورة محمد ٣٣]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ ޢަމަލުތައް ތިޔަބައިމީހުން ބާޠިލު ނުކުރާހުށިކަމެވެ!”

ރަސޫލުﷲ صلى الله عليه وسلم ގެ އަމުރުފުޅުތަކަށް ފުރަގަސްދިނުން ﷲ ތަޢާލާވަނީ ނަހީކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَمَن يَعْصِ اللَّـهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارًا خَالِدًا فِيهَا وَلَهُ عَذَابٌ مُّهِينٌ ﴾ [سورة النساء ١٤]

މާނައީ: “އަދި، ﷲއަށާއި، އެއިލާހުގެ ރަސޫލާއަށް އުރެދި، އެއިލާހު ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅާދާމީހަކު، ނަރަކަޔަށް ވައްދަވާނެއެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި އެމީހަކަށް އިހާނަތްތެރިކަން ދެނިވި ޢަޛާބު ހުށްޓެވެ.”

ރަސޫލުﷲ صلى الله عليه وسلم އަމުރުކުރެއްވިކަންކަމުގައި ހިފަހައްޓާ ނަހީކުރެއްވިކަންކަމުން ދުރުހެލުވުމަށް ﷲ ތަޢާލާވަނީ އަމުރުކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿…وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚوَاتَّقُوا اللَّـهَ ۖ إِنَّ اللَّـهَ شَدِيدُ الْعِقَابِ ﴾ [سورة الحشر ٧]

މާނައީ: “އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ ޢުޤޫބާތް ގަދަފަދަވެގެންވާ އިލާހެވެ.”

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާކަމެއްގައި ނިޔާކަނޑައެޅުމުގައި ރަސޫލުﷲ صلى الله عليه وسلم ގެ އިރުޝާދުތަކަށް ބެލުމަށް ވަނީ އަންގަވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿ فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا﴾ [سورة النساء ٦٥]

މާނައީ: “އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރި رَبُّ  ގަންދެއްވައި ވަޙީކުރައްވަމެވެ. އެބައިމީހުންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް ދާނދެން، އެބައިމީހުން އީމާނެއް ނުވާނެއެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެބައިމީހުން ނުދެކޭނެއެވެ. އަދި އެބައިމީހުން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެއެވެ.”

އަޅުގަނޑުމެން ތަބަޢަވާންވީ އެންމެ ރަނގަޅު އަދި އެންމެ މަތިވެރި މިޘާލަކީ ރަސޫލުﷲ صلى الله عليه وسلم ކަމުގައި ﷲ ތަޢާލާވަނީ އަންގަވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّـهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّـهَ كَثِيرًا  ﴾ [سورة الأحزاب ٢١]

މާނައީ: “ހަމަކަށަވަރުން، ﷲގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.”

ﷲ ތަޢާލާގެ ރުއްސެވުން ވަނީ އެއިލާހުގެ ރަސޫލާ صلى الله عليه وسلم ގެ ރުއްސެވުމާއި ގުޅިފައިކަމުގައި އެއިލާހުވަނީ އަންގަވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿…وَاللَّـهُ وَرَسُولُهُ أَحَقُّ أَن يُرْضُوهُ إِن كَانُوا مُؤْمِنِينَ ﴾ [سورة التوبة ٦٢]

މާނައީ: “އެބައިމީހުންނީ މުއުމިނުން ކަމުގައި ވާނަމަ، އެބައިމީހުންނަށް ޙައްޤުކަން ބޮޑީ ﷲ އާއި އެއިލާހުގެ ރަސޫލާ ރުއްސުމެވެ.”

އަދި ﷲގެ ރަސޫލާ صلى الله عليه وسلم ދެކެ ލޯބިވުމަކީ އެއިލާހު ދެކެ ލޯބިވުމުގެ އަލާމާތެއްކަމިގައި އެއިލާހުވަނީ އަންގަވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ ﴾ [سورة آل عمران ٣١]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲއަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ! އޭރުން ﷲ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ. ﷲއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ އިލާހެވެ.”

_____________________________________

މަސްދަރު: الوجيز في عقيدة السلف الصالح أهل السنة والجماعة لعبد الله بن عبد الحميد الأثري