ޖާބިރުގެފާނުގެ ކިބައިން އައިސްފައިވާ ޙަދީޘެއްގައިވެއެވެ. “ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެއްދުވަހެއްގައި ޚުޠުބާ ދެއްވަނިކޮށް، އެކަލޭގެފާނުގެ ޞަޙާބީއެއް އަވަހާރަވުމުން، އެހާ ދިގުނޫން ކަފުނަކުން ކަފުންކޮށް، ރޭގަނޑު ވަޅުލެވުނު ވާހަކަ އެކަލޭގެފާނަށް ދެންނެވުނެވެ. ފަހެ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ރޭގަނޑު ވަޅުލީތީ އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގަތެވެ. އަދި ޙަދީޘް ކުރެއްވިއެވެ. “ތިޔައިގެ ތެރެއިން މީހަކު އޭނާގެ އަޚާ ކަފުން ކުރާކަމުގައިވާނަމަ، ރަނގަޅަށް ކަފުން ކުރާށެވެ!” (ޞަޙީޙް މުސްލިމް)
އަދި ޢަބްދުﷲ ބުން ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެބޭކަލެއްގެ ކައިރިއަށް ވަޑައިގެން އުޅުއްވާ ބޭކަލަކު ރޭގަނޑު އަވަހާރަވިއެވެ. އަދި ރޭގަނޑު ވަޅުލެވުނެވެ. ދެން ފަތިސްވުމުން އެކަލޭގެފާނަށް އެ ޚަބަރު ދެއްވުނެވެ. އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނަށް އެކަން އެންގުމަށް ތިޔަބައިމީހުންނަށް މަނާކުރުވީ ކޮންކަމެއް ހެއްޔެވެ؟” އެބޭކަލުން ދެންނެވިއެވެ. ‘ރޭގަނޑަށްވުމުން ކަލޭގެފާނަށް އުނދަގޫފުޅުވެދާނެކަމަށް ބިރުގަތީއެވެ.’ ދެން އެކަލޭގެފާނު އެ ބޭކަލެއްގެ ޤަބުރަށް ވަޑައިގެން ކަށުނަމާދު ކުރެއްވިއެވެ.” (ޞަޙީޙް ބުޚާރީއާއި މުސްލިމް)
އިމާމް އަންނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ރޭގަނޑު ވަޅުލުމާމެދު ޢިލްމުވެރިން އިޚްތިލާފުވެފައިވެއެވެ. ކޮންމެހެން ވަޅުލަންޖެހިއްޖެ ޙާލަތެއްގައި މެނުވީ ވަޅުލުން އަލްޙަސަން އަލްބަޞަރީ މަކްރޫހަކުރައްވައެވެ. ޖުމްހޫރު ގިނަ ޢިލްމުވެރިން ވިދާޅުވަނީ މަކްރޫހަ ނޫންކަމަށެވެ. އެބޭކަލުންގެ ދަލީލަކީ އަބޫބަކުރުގެފާނާއި އެނޫންވެސް ސަލަފު ބޭކަލުން ވަނީ ރޭގަނޑު ވަޅުލައްވާފައެވެ. އެއްވެސް ބޭކަލަކު އެކަމާ އިންކާރުކުރައްވާފައެއްނުވެއެވެ.” (شرح النووي، 7/14 .)
ޢަބްދުލް ޢަޒީޒު ބިން ބާޒު ރަޙިމަހުﷲ، ރޭގަނޑު ވަޅުލުމާބެހޭ ޙަދީޘްތައް ގެންނެވުމަށްފަހު ވިދާޅުވެފައިވެއެވެ. “ވާރިދުވެފައިވާ މި ޙަދީޘްތަކުން ދަލީލުކޮށްދެނީ ރޭގަނޑު ވަޅުލުމަކީ ހުއްދަކަމެއްކަމަށެވެ. އަދި ރޭގަނޑު ވަޅުލުމަށް ނަހީކުރައްވާފައިވާ ޙަދީޘްތަކުގައި ރޭގަނޑު ވަޅުލުން ނަހީ ކުރައްވާފައިވަނީ ކަށުނަމާދަށް އުނިކަން އަތުވެދާނެކަމަށްޓަކައެވެ. އެހެންވެ، ޞަޙީޙު މުސްލިމްގައި އައިސްފައިވާ ޙަދީޘްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ނަހީ ކުރައްވާފައި އެވަނީ ކަށުނަމާދު ކުރުމަށް ދާންދެން ވަޅުނުލުމަށެވެ. އެހެންކަމުން ޚުލާޞާއަކީ؛ ހިނެވުމާއި، ކަފުންކުރުމާއި، ކަށުނަމާދު ފަދަ ކަންކަމުގައި މައްޔިތާގެ ޙައްޤަށް އުނިކަމެއް އަތުވެދާނެކަމުގައިވާނަމަ ރޭގަނޑު ވަޅު ނުލުމެވެ. އަދި އެ މައްޔިތާގެ ޙައްޤުތައް ރަނގަޅަށް ފޯރުކޮށްދެވިއްޖެކަމުގައިވާނަމަ ރޭގަނޑުގައި ވަޅުލުމަކުން މައްސަލައެއްނެތެވެ.”
އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ހިނެވުމާއި، ކަފުންކުރުމާއި، ކަށުނަމާދުކުރުންފަދަ މައްޔިތާގެ މައްޗަށް އަދާންކުރަންޖެހޭ ވާޖިބުތައް އަދާކުރެވިއްޖެނަމަ، ރޭގަނޑު ވަޅުލުން ހުއްދައެވެ.” (مجموع رسائل ابن عثيمين، 17/180، وانظر:المغني لابن قدامة، 3/503-504 .)
_____________________
* أحكام الجنائز: د. سعيد بن علي بن وهف القحطاني