الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބު ބޭކަލުންނަކީ ދުނިޔޭގެ އިރު އެބައެއްގެ މައްޗަށް އެރި އެންމެ މާތް ބޭކަލުންނެވެ. ﷲތަޢާލާ ވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެންމެހާ އަޞްޙާބުންނަށް ރުއްސުންލައްވާފައެވެ. އެބޭފުޅުންނަކީ، އިސްލާމްދީން އެންމެ ބީރައްޓެހިވެފައި ވަނިކޮށް، އެދީން ކުރިއެރުވުމަށްޓަކައި އެބޭކަލުންގެ ނަފްސުތަކާއި މުދާތައް، ފިދާކުރި މާތް ބޭކަލުންނެވެ. ސުންނަތް ޖަމާއަތުގެ އަހުލުވެރިން އެއްބަސްވެ ލައްވާފައިވާ ގޮތުގައި ހުރިހާ ޞަޙާބީ ބޭކަލުންނަކީ ވެސް އަދުލުވެރި މާތް ބޭކަލުންނެވެ.
އެގޮތުން އަބޫ ހުރައިރާ رضي الله عنه އަކީ ޞަޙާބީ ބޭކަލުންގެ ތެރެއިން މަޝްހޫރު ބޭކަލެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެންމެ ގިނަ ޙަދީޘް އަހަރެމެންނާ ހަމައަށް ރިވާކުރެއްވި މާތް ޞަޙާބީއެވެ.
އަބޫ ހުރައިރާ رضي الله عنه އިސްލާމްވެ ވަޑައިގެންނެވި އިރު އެކަލޭގެފާނުގެ މަންމައަކީ މުޝްރިކެކެވެ. މުޝްރިކެއްގެ ގޮތުގައި އެކަލޭގެފާނުގެ މަންމަ ހުރުމަކީ، އެކަލޭގެފާނަށް ކެތްވާވަރުގެ ކަމެއް ނޫނެވެ. އެހެނީ އެކަލޭގެފާނަކީ އެކަލޭގެފާނުގެ މަންމަ އަށް ނުހަނު ހެޔޮކޮށް ހިއްތަވާ، މަންމަ ދެކެ އިންތިހާއަށް ލޯބިވެވަޑައިގަންނަވާ ބޭކަލެކެވެ.
އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ.
“ތިމަންކަލޭގެފާނުގެ މަންމަ މުޝްރިކެއްގެ ގޮތުގައި ވަނިކޮށް، ތިމަންކަލޭގެފާނުގެ މަންމައަށް އިސްލާމްދީނަށް ގޮވާލެއްވުމުގައި ވީމެވެ. އެގޮތުން އެއްދުވަހެއްގައި މަންމަ އަށް ދީނަށް ގޮވާލެއްވުމުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ބެހޭ ގޮތުން، މަންމަގެ ފަރާތުން ތިމަންކަލޭގެފާނު ނުރުއްސަވާ ބަހެއް އަޑު އިވުނެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ތިމަންކަލޭގެފާނު ރޮމުން ރޮމުން ވަޑައިގަތީމެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭﷲގެ ރަސޫލާއެވެ! ތިމަންކަލޭގެފާނު، ތިމަންކަލޭގެފާނުގެ މަންމައަށް އިސްލާދީނަށް ގޮވާލެއްވުމުގައި ވީމެވެ. މަންމަ ތިމަންކަލޭގެފާނުގެ ގޮވާލެއްވުމަށް އިންކާރު ކުރެއެވެ. ނަމަވެސް މިއަދު މަންމައަށް ދީނަށް ގޮވާލެއްވުމުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ބެހޭ ގޮތުން، މަންމަގެ ފަރާތުން ތިމަންކަލޭގެފާނު ނުރުއްވަސަވާ ބަހެއް އަޑު އިވުނީއެވެ. ތިމަންކަލޭގެފާނުގެ މަންމައަށް ހިދާޔަތް ދެއްކެވުމަށް އެދި ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވާ ދެއްވާށެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާދެންނެވިއެވެ.
“اللَّهُمَّ اهْدِ أُمَّ أَبِي هُرَيْرَةَ”
މާނައީ: “އޭﷲއެވެ! އަބޫ ހުރައިރާގެ މަންމައަށް ހިދާޔަތް ދައްކަވާނދޭވެ!”
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާކުރެއްވުމުން، އެކަމާ އުފާކުރާހާލު ތިމަންކަލޭގެފާނު ނުކުމެ ވަޑައިގަތީމެވެ. ދެން ތިމަންކަލޭގެފާނު ގޭގެ ދޮރާށި ކައިރިއަށް ވަޑައިގަތީމެވެ. އެހިނދު ދޮރުވަނީ ތަޅުލާފައެވެ. ތިމަންކަލޭގެފާނަށް މަންމަގެ ފައިތިލައިގެ އަޑު އިވި ވަޑައިގަތެވެ. އަދި ފެން އެޅޭއަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. (އޭރު އެކަމަނާ ހުންނެވީ ފެންވަރާށެވެ.)
މަންމަ ވިދާޅުވިއެވެ. “އޭ އަބޫހުރައިރާއެވެ. ކަލޭގެފާނު ތިހުންނެވި ތަނުގައި ހުންނަވާށެވެ.”
ދެން ފެންވަރައި ނިމިގެން ހެދުން ތުރުކުރައްވާ އަވަސްއަވަހަށް ބުރުގާ އަޅުއްވަމުން ނުކުމެވަޑައިގެން ވިދާޅުވިއެވެ.
“އޭ އަބޫ ހުރައިރާއެވެ. ” أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ”
“ﷲމެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކުނުވާކަމަށް އަޅު ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ.”
ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް، އެކަމާ އުފަލުން، ތިމަންކަލޭގެފާނު ރޮމުން ރޮމުން ވަޑައިގަތީމެވެ. ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. އުފާވެރިކަން ހުއްޓެވެ. ﷲތަޢާލާ ކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވާ ތިމަންކަލޭގެފާނުގެ މައިކަމަނާއަށް ހިދާޔަތް ދައްކަވާފިއެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ﷲއަށް ޙަމްދުކުރައްވާ އެއިލާހަށް ޘަނާ ދެންނެވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ.
” خَيْرًا”
މާނައީ: “ހެޔޮކަން ހުއްޓެވެ.”
ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭﷲގެ ރަސޫލާއެވެ. އެއިލާހުގެ މުއުމިނު އަޅުތަކުންނާއިމެދު ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ މަންމަގެ ހިތްޕުޅުގައި ލޯބި ޖެއްސެވުމަށް ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވާދެއްށެވެ. އަދި އެ މުއުމިނުންގެ ހިތްތަކުގައި ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ މަންމައަށް ލޯބި ޖެއްސެވުމަށް ދުޢާ ދަންނަވާދެއްވާށެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާކުރެއްވިއެވެ.
“اللَّهُمَّ حَبِّبْ عُبَيْدَكَ هَذَا – يَعْنِى أَبَا هُرَيْرَةَ وَأُمَّهُ – إِلَى عِبَادِكَ الْمُؤْمِنِينَ وَحَبِّبْ إِلَيْهِمُ الْمُؤْمِنِينَ “
މާނައީ: “އޭﷲއެވެ! އިބައިލާހުގެ އަޅާ (އަބޫ ހުރައިރާއާއި އެކަލޭގެފާނުގެ މަންމަގެ) ހިތުގައި އިބައިލާހުގެ މުއުމިނު އަޅުންނާމެދު ލޯބި ޖައްސަވާދެއްވާނދޭވެ! އަދި އަދި މުއުމިނުންގެ ހިއްތަކުގައި އެބައިމީހުންނާމެދު (އަބޫ ހުރައިރާއާއި އެކަލޭގެފާނުގެ މަންމަ އާއިމެދު) ލޯބި ޖައްސަވާނދޭވެ!”
(رواه مسلم، رقم (6476).)
އެކަލޭގެފާނުގެ މަންމަ އަށް ހިދާޔަތް ލިބުން ވެގެންދިޔައީ އެކަލޭގެފާނަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ. މިއަށްފަހުގައިވެސް އެކަލޭގެފާނަކީ އެކަލޭގެފާނުގެ މަންމަ އަށް ނުހަނު އޯގާތެރި އެކަލޭގެފާނުގެ މަންމަ އަށް ދުޢާ ކުރެއްވުން ގިނަ ބޭފުޅެކެވެ.
محمد بن سيرين ވިދާޅުވިއެވެ.
އެއް ރެއެއްގައި ތިމަންކަލޭގެފާނު އަބޫ ހުރައިރާ رضي الله عنه ގެ އަރިހުގައި އިންނެވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“اللَّهُمَّ اغْفِرْ لِأَبِي هُرَيْرَةَ، وَلِأُمِّي،وَلِمَنِ اسْتَغْفَرَ لَهُمَا”
މާނައީ: “އޭﷲ އެވެ! އަބޫ ހުރައިރާއާއި ތިމަންކަލޭގެފާނުގެ މައިކަމަނާގެ ފާފަފުއްސަވާނދޭވެ! އަދި އެދެމީހުންގެ ފާފަ ފުއްސެވުމަށް ދުޢާކުރާ މީހެއްގެ ފާފަވެސް ފުއްސަވާނދޭވެ!”
محمد بن سيرين ވިދާޅުވިއެވެ. “އަބޫ ހުރައިރާ رضي الله عنه ދުޢާކުރެއްވި މީހުންގެ ތެރޭގައި ހިމެނުމަށްޓަކައި ތިމަންބޭކަލުން، އެކަލޭގެފާނަށާއި އެކަލޭގެފާނުގެ މައިކަމަނާއަށް ފާފަ ފުއްސެވުމަށް އެދި ދުޢާކޮށް އުޅުއްވަމުއެވެ.”
(الأدب المفرد لإمام البخاري (37) قال الشيخ الألباني: صحيح الإسناد.)
އަބޫ ހުރައިރާ رضي الله عنه ގެ އިސްވެދިޔަ ދުޢާގައި އެކަލޭގެފާނު އެވަނީ، އެކަލޭގެފާނަށާއި އެކަލޭގެފާނުގެ މައިކަމަނާގެ ފާފަ ފުއްސެވުމަށް ދުޢާކުރާ މީހެއްގެ ފާފަ ފުއްސެވުމަށްވެސް ދުޢާކުރައްވާފައެވެ. އަދި އެދުޢާގެ އަޑު އެއްސެވި ތާބިޢީ ބޭކަލުން އެވަނީ އެކަލޭގެފާނުގެ ދުޢާގައި ޝާމިލުވުމަށްޓަކައި އެކަލޭގެފާނަށާއި އެކަލޭގެފާނުގެ މަންމައަށް ފާފާ ފުއްސެވުމަށް އެދި ދުޢާކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އެހެންކަމުން އަޅުގަނޑުމެން އެފަދަ މާތް ޞަޙާބީބޭކަލެއްގެ ދުޢާގައި ޝާމިލުވަން ބޭނުންނަމަ، އެކަލޭގެފާނަށާއި އެކަލޭގެފާނުގެ މައިކަމަނާ އަށް ފާފަ ފުއްސަވާދެއްވުމަށް އެދި ދުޢާ ކުރެވިދާނެއެވެ.
“އޭﷲ އެވެ! އަޅަމެންގެ ފާފަ ފުއްސަވާނދޭވެ! އަދި އަބޫ ހުރައިރާއާއި އަބޫ ހުރައިރާގެ މައިކަމަނާގެ ފާފަފުއްސަވާނދޭވެ!
والصلاة والسلام على رسول الله وعلى آله وصبحه أجمعين.