[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަމިއްލަ ދަރިފުޅު މަރާލާ މީހާގެ ޙުކުމް

 

ސުވާލު:

އިސްލާމްދީނުގައި، އަމިއްލަ ދަރިފުޅު މަރާލާ މީހާގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟ ޙަޤީޤަތުގައި ބައްޕައަކީ ދަރިފުޅު ވުޖޫދަށް އައުމުގެ އަސާސެވެ. އަދި ދުނިޔެއަށް އައުމުގެ ސަބަބެވެ. އެކަންއޮތީ އެހެންކަމުގައި ވީނަމަވެސް، ދަރިފުޅު މަރާލުމުގެ ޙައްޤެއް ބައްޕައަކަށް ލިބިގެން ނުވެއެވެ. ހިތާމައާއިއެކު ދަންނަވަން ޖެހެނީ، ބައެއްމީހުން ﷲތަޢާލާގެ އަންނަނިވި ވަޙީބަސްފުޅުން (އަމިއްލަ ދަރިފުޅު މެރުން ހުއްދަކަމަށް) ދަލީލު ނަގައެވެ. އެއީ މިފަދައިން ދަލީލު ނެގުން ޞައްޙަ ނުވިކަމުގައިވިޔަސްމެއެވެ.

﴿فَلَا تَقُل لَّهُمَا أُفٍّ﴾ الإسراء: ٢٣

 މާނައީ: “އެ ދެމީހުންނަށް ތިބާ އުއްފުވެސް ނުބުނާށެވެ.”

އަހަރެންނަށް އެނގިފައި ވާގޮތުގައި، އެންމެ ބުރަދަންހުރި ރާޖިޙު ރައުޔަކީ، އަމިއްލަ ދަރި މަރާލުމުން (ޤިޞާޞް ހިފުމުގެ ގޮތުން) ދަރިފުޅުގެ ބައްޕަ ޤަތުލު ނުކުރެވޭނެކަމަށް ބުނާ ރައުޔެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘް ބަސްފުޅުގެ އަލީގައެވެ.

“لَا يُقْتَلُ الْوَالِدُ بِالْوَلَد”

މާނައީ: ” ދަރިފުޅު މަރައިގެން ބައްޕައެއް ޤަތުލެއް ނުކުރެވޭނެއެވެ.”

މާލިކީ މަޒުހަބުގެ ޢިލްމުވެރިން ފިޔަވައެވެ. މާލިކީންގެ ރައުޔުގައި، އަދަބުދިނުމުގެ ސަބަބެއް ނުވަތަ ޢުޛުރަކާއި ނުލައި ގަސްދުގައި ދަރިފުޅު މަރާލިކަމުގައި ވާނަމަ ބައްޕަ މަރާލުން ވާޖިބުވާނެއެވެ. ފަހެ މިމައްސަލާގައި ޞައްޙަ ރައުޔަކީ ކޮބާ ހެއްޔެވެ؟ އަދި މި ރައުޔު މިހެން އައުމުގެ ސަބަބަކީ ކޮބާ ހެއްޔެވެ؟

 

 

ޖަވާބު: 
الحمد لله

ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި، ދަރިފުޅު މަރާލައިގެން ބައްޕަ ޤަތުލެއް ނުކުރެވޭނެއެވެ. އެބޭފުޅުންގެ ޙުއްޖަތަކީ ތިޔަ ޛިކުރުކުރެއްވި ޙަދީޘެވެ. އެއީ الترمذي (1401) ގައި ابْنِ عَبَّاسٍ رضي الله عنه ގެއަރިހުން ރިވާވެފައިވާ ޙަދީޘެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

“لَا تُقَامُ الْحُدُودُ فِي الْمَسَاجِدِ وَلَا يُقْتَلُ الْوَالِدُ بِالْوَلَد”

 މާނައީ: “މިސްކިތްތަކުގައި ޙައްދުތައް ޤާއިމު ނުކުރާށެވެ. އަދި ދަރިފުޅު މެރި ބައްޕަ ޤަތުލު ނުކުރާށެވެ.”

އަދި އިމާމް އަޙްމަދާއި (346) އިބުނު މާޖާ(2662)، عمرو بن شعيب ގެ އަރިހުން، އެކަލޭގެފާނުގެ ބައްޕަގެ އަރިހުން ރިވާކުރެއްވިކަމަށް ވާރިދުވެފައިވެއެވެ. އެކަލޭގެފާނުގެ ބައްޕަ، އެކަލޭގެފާނުގެ ކާފަގެ އަރިހުން ރިވާކުރެއްވިއެވެ.

“މީހަކު އޭނަގެ ދަރިފުޅު ގަސްދުގައި މަރާލިއެވެ. ދެން އެމައްސަލަ ޢުމަރުގެފާނުގެ އަރިހަށް ގެނެވުމުން، އޭނާގެ މައްޗަށް ސަތޭކަ ޖަމަލު (މަރުގެ ދިޔާގެ ގޮތުގައި) ދިނުމަށް ކަނޑައެޅުއްވިއެވެ. އެއީ ތިރީސް “ޙުއްޤާ” އާއި (ތިން އަހަރު ފުރި ހަތަރު ވަނަ އަހަރު ތެރޭގައި އުޅޭ ޖަމަލު)، ތިރީސް “ޖަޒަޢަ” އާއި (ހަތަރު އަހަރު ފުރި ފަސް ވަނަ އަހަރު ތެރޭގައި އުޅޭ ޖަމަލު)، އަދި ސާޅީސް “ޘަނިއްޔަ” (ފަސް އަހަރު ފުރި ހަވަނަ އަހަރު ތެރޭގައި އުޅޭ ޖަމަލު) އެވެ. އަދި ވިދާޅުވިއެވެ. “ޤާތިލު ވާރުތައެއް ނުކުރާނެއެވެ. އަދި ރަސޫލުﷲ ޞާއްލަﷲ ޢަލައިހި ވަސައްލަމަގެ މިޙަދީޘް: “(لا يقتل والد بولده) (އޭނާގެ ދަރިފުޅު މަރައިގެން ބައްޕައެއް ޤަތުލު ނުކުރެވޭނެއެވެ.)” ތިމަންކަލޭގެފާނަށް އަޑު ނުއިވުނު ނަމަ ކަލޭ ޤަތުލުކުރީމުހެވެ!”

މިޙަދީޘްގެ ޞައްޙަކަމާ މެދު ޢިލްމުވެރިންގެ މެދުގައިވަނީ ޚިޔާލު ތަފާތުވެފައެވެ. ގިނަ ޢިލްމުވެރިން މިޙަދީޘް ޟަޢީފް ކުރައްވައެވެ. އެބޭކަލުންގެ ތެރޭގައި علي بن المدينيއާއި الترمذيއާއި ابن القطانއާއި عبد الحق الأشبيليއާއި أحمد شاكر ހިމެނި ވަޑައިގަންނަވައެވެ. “تحقيق المسند” ގައި شعيب الأرنؤوط، ޙަސަން ދަރަޖާގެ ޙަދީޘެއް ކަމުގައި ވިދާޅުވެއެވެ. އަދި ޙަދީޘް ރިވާވެފައިވާ މަގުތައް ގިނަކަމުން “إرواء الغليل”ގައި الألباني، މި ޙަދީޘް ޞައްޙަ ކުރައްވައެވެ.

ابن الملقن رحمه الله ވިދާޅުވިއެވެ. ޢަބްދުﷲ ބުން އަލްޙައްޤު “أَحْكَامه”ގައި ވިދާޅުވެފައި ވެއެވެ.

“މި ހުރިހާ ޙަދީޘް ތަކަކީވެސް މަޢުލޫލު(ސަނަދުގައި މައްސަލަހުރި) ޙަދީޘް ތަކެކެވެ. އޭގެތެރެއިން އެއްވެސް ޙާދީޘެއް ޞައްޙަވެގެން ނުވެއެވެ.”

“ابْن الْقطَّان ވެސް އެކަލޭގެފާނު އެބަޔާންކުރައްވާހެން ބަޔާންކުރައްވާފައި ވެއެވެ.”

ޝެއިޚުގެ ބަސްފުޅު ނިމުނީ.. “البدر المنير في تخريج أحاديث الرافعي الكبير” (8/ 374)

އަދި ابن عبد الهادي މިޙަދީޘް ޟަޢީފް ކުރައްވާފައިވެއެވެ. “تنقيح التحقيق” (4/471) ބައްލަވާށެވެ.

އެހެންކަމުން، ޢިލުމުވެރިންގެ ތެރެއިން ޖަމާޢަތެއްގެ ބޭފުޅުން ބުރަވެވަޑައިގަންނަވަނީ ދަރިފުޅު ޤަތުލުކުރުމުން ބައްޕަ ޤަތުލު ކުރެވޭނެކަމުގައެވެ. އެއީ ابن نافعއާއި ابن الحكمއާއި ابن المنذرގެ ވެސް ބަސްފުޅެވެ. ” المغني ” (8/ 277) ބައްލަވާށެވެ.

މާލިކުގެފާނުގެ އަރިހުން ރިވާވެގެންވަނީ، ކަނޑިން ހޫރާލެވޭ އެތިފަހަރަކުން (އޮޅިގެން) ނުވަތަ އެފަދަ ގޮތަކަށް އޭނާގެ ދަރިފުޅު މަރުވެއްޖެނަމަ ނުމެރޭނެ ކަމަށެވެ. އެކަމަކު، ގަސްދުގައި ޛަބަޙަކޮށް ނުވަތަ ޤަތުލުކޮށް، އަދަބު ދިނުމުގޮތުން ނޫންގޮތަކަށް މަރައިފިކަން ޔަޤީންވެއްޖެނަމަ، އޭނާގެ ކިބައިން ޤިޞާޞް ހިފާނެކަމަށެވެ.

الشيخ ابن عثيمين رحمه الله ވިދާޅުވިއެވެ.

“ދަލީލަކީ މަޝްހޫރު ޙަދީތެވެ. “لَا يُقْتَلُ الْوَالِدُ بِالْوَلَد” މާނައީ: “ބައްޕައަކު އަމިއްލަދަރި ޤަތުލުކުރުމުން (އެބައްޕަ) ޤަތުލެއް ނުކުރެވޭނެއެވެ.” މިއީ ވާރިދުވެފައިވާ ގޮތެވެ. ބުއްދީގެ ހަމަތަކުން ބަލާއިރު ދަންނައެވެ. ބައްޕައަކީ ދަރިފުޅު ވުޖޫދުވުމުގެ ސަބަބެވެ. އެހެންކަމުން އޭނާގެ ދަރިފުޅުގެ ސަބަބުން، އޭނާ މަރާލުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.

މިދަލީލުތަކާމެދު ނަޒަރުހިންގާއިރު، ޙަދީޘް ދަންނައެވެ. ގިނަ އަދަދެއްގެ ޢިލްމުވެރިން މިޙަދީޘް ޟަޢީފް ކުރައްވައެވެ. (ޙަދީޘް ޟަޢީފް ކަމުގައި ޢިލްމުވެރިން ވިދާޅުވާއިރު) ޤިޞާޞް ހިފުމުގެ ވާޖިބުކަމާއިމެދު ޢުމޫމީކޮށް އައިސްފައި ހުރި ނައްޞުތަކާ ދެކޮޅަށް މިޙަދީޘުން ދަލީލެއް ނުކުރެވޭނެއެވެ. އަދި އެމީހުންގެ ބުއްދީގެ ދަލާލާމެދު ބުނަމެވެ. ބައްޕަ މަރުވުމަށް މެދުވެރިވި ސަބަބަކީ އޭނާގެ ދަރިފުޅެއް ނޫނެވެ. އެހެނެއްކަމަކު ބައްޕަ މަރާލުމަށް މެދުވެރިވި ސަބަބަކީ، ބައްޕަ އަރާގަތް ޤަތުލު ކުރުމުގެ ޖަރީމާއެވެ.

އެންމެ ރަނގަޅު ގޮތަކީ، ބައްޕައަކު އަމިއްލަދަރި ޤަތުލުކޮށްފިނަމަ އެބައްޕަވެސް ޤަތުލުކުރެވޭނެކަމަށް ބުނާބުނުމެވެ. އިމާމު މާލިކު رحمه الله އިޚްތިޔާރު ކުރައްވާފައި ވަނީ އެގޮތެވެ. އެއީ އޭނާ މަރާލީ ޤަސްދުގައި ކަމުގައި ވާނަމައެވެ. އެއްވެސް ގޮތަކުން ޝުބުހައެއް އޮތުމަކާއި ނުލައެވެ. މިސާލަކަށް ވަޅިއެއް ހިފައިގެން އައިސް ބައްޕަ ދަރިފުޅު ބާއްވާފައި ކަތިލައިފި ކަމުގައި ވާނަމަ މިކަމާމެދު އެއްވެސް ޝައްކެތްނެތެވެ. މިއީ އެއްވެސް އިޙްތިމާލެއް އޮތް ކަމެއް ނޫނެވެ. އެއާ ޚިލާފަށް އެހެން އިޙްތިމާލެއް އޮންނަފަދަ ގޮތަކަށް މަރާލައިފިނަމަ (އެބައީ ޝައްކުވާ ކަމެއް އޮވެއްޖެނަމަ) އޭނާގެ ކިބައިން ޤިޞާޞް ނުހިފޭނެއެވެ. ބުނެ އުޅެތެވެ. ބައްޕައަކު ދަރިފުޅު މަރާލުމަކީ ދުރު ކަމެކެވެ. އޭނާ، އޭނާގެ ދަރިފުޅު މަރާލީ ގަސްދުގައިކަން ޔަޤީންކޮށް އެނގިއްޖެއުމަށް ދާނދޭން އޭނާގެ ކިބައިން ޤިޞާޞް ނުހިފޭނެއެވެ.

މިމައްސަލާގައި އެންމެ ރާޖިޙު ގޮތަކީ ދަރިފުޅު މަރައިގެން ބައްޕަ ޤަތުލު ކުރެވޭނެކަމަށް ބުނާ ރައުޔެވެ. ދަރިފުޅު މަރައިލި ބައްޕަ ނުމެރޭނެކަމަށް ގެންނަ ދަލީލަކީ، ޟަޢީފް ދަލީލެކެވެ. ޤިޞާޞް ހިފުމުގެ ވާޖިބުކަމާއިމެދު ޢުމޫމީކޮށް އައިސްފައި ހުރި ޞައްޙަ ނައްޞުތަކާއި ދެކޮޅަށް މިފަދަ ޟަޢީފް ޙަދީޘަކުން ދަލީލެއް ނުކުރެވޭނެއެވެ. ދެންފަހެ މިކަމުގައި (ޤިޞާޞް ހިފުމުގައި) ފަރުވާކުޑަކޮށް އަޅައިލުން ނުބަހައްޓައިފި ނަމަ އޭގެއިން ކޮންމެ މީހަކުވެސް އޭނާގެ ދަރިއަށް ހަމަލާދީ ހަދާފާނެތެވެ. ޚާއްޞަކޮށް އެއީ ދުރުފަރާތުން ބައްޕައެއްގެ މަޤާމުގައި ހުންނަ މީހެއްނަމަ، މިސާލަކަށް މަންމަ ފަރާތު ކާފަ ނޫނީ އެފަދަ މީހެއް ނުކުމެ، އޭނާގެ ކިބައިން ޤިޞާޞް ނުހިފޭހާ ހިނދަކު ދަރިފުޅު ގަތުލުކޮށްފާނެތެވެ.

ޝައިޚުގެ ބަސްފުޅު ނިމުނީ.. (“الشرح الممتع” (14/ 43)

އަދިވެސް الشيخ ابن عثيمين رحمه الله ވިދާޅުވެފައިވެއެވެ.

“ކޮންމެ ޙާލެއްގައިވެސް މި މައްސަލަ ރުޖޫޢަވާހުށީ ޝަރުޢީ ކޯޓުތަކަށެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން ޙައްޤާ އެންމެ ގާތުގައިވާ ގޮތްކަމަށް ފެންނަގޮތަށް އޭނާ ޢަމަލުކުރާހުށިކަމެވެ.”

ޝޭޚުގެ ބަސްފުޅު ނިމުނީ.. (فتاوى نور على الدرب)

والله أعلم .

ފަތުވާގެ އަޞްލު