نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِالْحَقِّ ۚ إِنَّهُمْ فِتْيَةٌ آمَنُوا بِرَبِّهِمْ وَزِدْنَاهُمْ هُدًى ﴿١٣﴾
ތިމަންރަސްކަލާނގެ ، ކަލޭގެފާނަށް އެއުރެންގެ ޚަބަރު ތެދަށް ކިޔައިދެއްވަމެވެ. ހަމަކަށަވަރުން ، އެއުރެންނީ އެއުރެންގެ ރައްބަށް އީމާންވި، ޒުވާން ފިރިހެނުން ތަކެކެވެ. އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ތެދުމަގު އިތުރުކޮށްދެއްވީމެވެ.
وَرَبَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُوا فَقَالُوا رَبُّنَا رَبُّ السَّمَاوَاتِ وَالْأَرْضِ لَن نَّدْعُوَ مِن دُونِهِ إِلَـٰهًا ۖ لَّقَدْ قُلْنَا إِذًا شَطَطًا ﴿١٤﴾
އަދި އެއުރެން ތެދުވެ: “ތިމަންމެންގެ ރައްބަކީ ، އުޑުތަކާއި ބިމުގެ ރައްބެވެ. ތިމަންމެން އެކަލާނގެ ނޫން އިލާހަކަށް ދުޢާކޮށް އަޅުކަން ނުކުރާނަމޭ” ބުނިހިނދު ، ތިމަންރަސްކަލާނގެ އެއުރެންގެ ހިތްތަކަށް (ހިތްވަރުގަދަކަމާއި އީމާންތެރިކަމުގައި) ޘާބިތުކަން ދެއްވީމެވެ. (އަދި އެއުރެން ބުންޏެވެ: “އެނޫން ގޮތަކަށް ތިމަންމެން ބުނެފިނަމަ) ތިމަންމެން އޭރުން އެބުނީ ، އަނިޔާވެރިކަމާއި ، ބާޠިލާއި ކުފުރުގެ ނިހާޔަތަށް ގޮސްފައިވާ ބަހެއްކަން ކަށަވަރެވެ.
هَـٰؤُلَاءِ قَوْمُنَا اتَّخَذُوا مِن دُونِهِ آلِهَةً ۖ لَّوْلَا يَأْتُونَ عَلَيْهِم بِسُلْطَانٍ بَيِّنٍ ۖ فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّـهِ كَذِبًا ﴿١٥﴾
މިތިބީ އެކަލާނގެ ފިޔަވައި އަޅުކަންކުރުމަށް އިލާހުންތަކެއް ހަދައިގެންތިބި ، އަހުރެމެންގެ ޤައުމުގެ މީހުންނެވެ. (އެއުރެން އެކުރާ އަޅުކަންކުރުމަށް) ފާޅުވެގެންވާ ޙުއްޖެތެއް، އެއުރެން ނުގެންނަނީ ކީއްވެ ހެއްޔެވެ؟ ފަހެ اللّه އާ މެދު ދޮގެއް އުފައްދައިގަތް މީހަކަށްވުރެ ، އަނިޔާވެރިކަންބޮޑީ ފަހެ ކާކު ހެއްޔެވެ؟
وَإِذِ اعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا اللَّـهَ فَأْوُوا إِلَى الْكَهْفِ يَنشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِ وَيُهَيِّئْ لَكُم مِّنْ أَمْرِكُم مِّرْفَقًا ﴿١٦﴾
(އަދި އެ ޒުވާނުން އެއްބަޔަކު އަނެއްބަޔަކަށް ބުންޏެވެ:) “ތިޔަބައިމީހުންގެ ޤައުމުގެ މީހުންނާއި ، އަދި اللّه ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗާ ވަކިވެގަންނަ ހިނދު، ތިޔަބައިމީހުން ހޮހަޅައިގެ ހިޔާވަހިކަން ލިބިގަންނާށެވެ! އޭރުން ، ތިޔަބައިމީހުންގެ ރައްބު ، ތިޔަބައިމީހުންނަށް އެކަލާނގެ ރަޙްމަތް ތަނަވަސްކޮށްދެއްވައި، ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ކަންތަކުގައި ، މަންފާހުރި ހެޔޮގޮތް އެކަލާނގެ ފަސޭހަކޮށްދެއްވާނެތެވެ”.
…