عنْ عبـدِ اللّه بن عمرَ – رضيَ اللّه عنْهُـما – أنَّ رسـولَ اللّه صلى الله عليه وسلم قالَ: ” إذا أَكَلَ أحَدُكُم فلْيأْكُلْ بيَمينِهِ، وإذا شرِبَ فلْيشْرَبْ بِيَمينِهِ؛ فَإنَّ الشَّيْطانَ يَأكُلُ بِشِمالِهِ، وَيشْرَبُ بِشِمالِهِ “. ( رواهُ مسلم وأَبو دَاودَ.)
ޙަދީޘުގެ މާނަ
ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު އެއްޗެއް ކާކަމުގައިވަނީނަމަ، އޭނާގެ ކަނާއަތުން ކާހުށިކަމެވެ! އަދި އެއްޗެއް ބޯކަމުގައިވަނީނަމަ، އޭނާގެ ކަނާއަތުން ބޯހުށިކަމެވެ! ފަހެ ހަމަކަށަވަރުން ޝައިޠާނާ ކަނީ އެސޮރުގެ ވައަތުންނެވެ. އަދި އެސޮރު ބޮނީވެސް ވައަތުންނެވެ.”
ތަފްޞީލީ މާނަ
މި ޙަދީޘުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނުގެ އުއްމަތަށް އިރުޝާދުދެއްވާފައިވަނީ، ކެއިން ބުއިމުގައި ކަނާއަތް އިސްކުރުމަށެވެ. އަދި ވައަތުން ކައިބޮއެ ނެހެދުމަށެވެ. އެހެނީ ޝައިޠާނާ ކައިބޮއެ ހަދަނީ އެސޮރުގެ ވައަތުންނެވެ. އެސޮރުގެ މަގަށް ތަބަޢަވެއްޖެނަމަ ދެދުނިޔޭގައިވެސް ނާކާމިޔާބުވެގެންދާ މީހުންގެތެރެއިން އަޅުގަނޑުމެން ވެގެން ހިނގައިދާނެތެވެ. އެހެންކަމުން އިންސީންނާއި ޖިންނީންގެ ތެރެއިންވާ، ޝައިޠާނުންގެ ޢަމަލުތަކަށް ސަމާލުވެ، އެކަންތަކުން ދުރުހެލިވުމަށް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހެއެވެ.
ކަނާއަތް އިސްކުރުމަކީ ހަމައެކަނި ކެއިންބުއިމަށް ޚާއްޞަކަމެއް ނޫނެވެ. ހުރިހާ ރިވެތިވެގެންވާ ކަންތައްތަކުގައިވެސް ކަނާއަތްފަރާތް އިސްކުރުމަށް، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަޅުގަނޑުމެންނަށް އިރުޝާދުދެއްވާފައިވެއެވެ. އެއީ ފައިކަމުގައިވިޔަސް އަދި އަތްކަމުގައިވިޔަސްމެއެވެ. މިގޮތުން މިސްކިތަށް ވަންނައިރާއި، ފަޚާނާއިން ނިކުންނައިރާއި، ގެއަށް ވަންނައިރާއި، ސަލާމްކުރާއިރާއި، ވުޟޫކުރާއިރާއި، ހިނައިގަންނައިރާއި، ނިޔަފަތިކަނޑާއިރާއި، އަދި މިފަދަ އެހެންކަންކަން ކުރުމުގައިވެސް ކަނާއަތްފަރާތް އިސްކުރަންޖެހެއެވެ. އަދި ފާޚާނާއަށް ވަންނައިރާއި، މިސްކިތުން ނިކުންނައިރާއި، ގެއިންނިކުންނައިރާއި މިފަދަ އެހެންކަންކަމުގައި އިސްކުރަންވާނީ ވައަތެވެ.
މި ޙަދީޘުންލިބޭ ބައެއް ފައިދާތައް
- ކެއިންބުއިމުގައި ކަނާއަތް އިސްކުރުމަކީ ވާޖިބެއްކަން
- ޝައިޠާނީ އެންމެހައި ސިފަތަކުން ދުރުހެލިވެ ރައްކާތެރިވުމަކީ ވާޖިބެއްކަން
- ޖިންނިންވެސް ކައިބޮއެ ހަދާކަން.