ޙިޖާމާޖެހުމަކީ ވަރަށް ކުރީ ޒަމާނުއްސުރެ އިންސާނުންގެ ތެރޭގައި ކުރެވެމުން އައިސްފައިވާ ބޭސްވެރިކަމުގެ ފަރުވާއެކެވެ. އިންސާނީ އެތައް ޖީލުތަކެއް ވަނީ މި ފަރުވާ ތަޖުރިބާކޮށް، މި ފަރުވާއިން ފައިދާ ޙާޞިލުކޮށްފައެވެ. މިގޮތުން ޤަދީމީ މިޞްރުމީހުންނާއި، ޞީނުކަރައިގެމީހުން، އެބައިމީހުންނަށް ޖެހޭ ތަފާތު އެކި ބަލިތަކަށް ފަރުވާކުރުމުގެގޮތުން ޙިޖާމާ ބޭނުންކޮށްފައިވާކަން ތަރީޚީގޮތުން އެނގެއެވެ. ޤާދީމީ މިޞްރުމީހުން މީލާދުގެ 1500 އަހަރުކުރިން ޙިޖާމާ ފަރުވާގެގޮތުގައި ބޭނުންކޮށްފައިވާކަމާއި، އަދި ޞީނުކަރައިގެ މީހުން މީލާދުގެ 2 ޤަރުނުކުރިން ޙިޖާމާ ބޭނުންކޮށްފައިވާކަން ތާރީޚުގެ ފަތްފުށްތަކުން ހާމަވެއެވެ. ކުރީގެ އެކިއެކި ބޭފުޅުން ލިޔުއްވާފައިވާ ބޭސްވެރިކަމާބެހޭ ފޮތްތަކުގައިވެސް ޙިޖާމާޖެހުމުގެ މުހިއްމުކަމާމެދު ވާހަކަ ދައްކަވާފައިވެއެވެ. އަދިއަދަށް ދާންދެންވެސް ތަފާތު އެކި ބަލިތަކަށް ޙިޖާމާޖެހި، ޙިޖާމާޖެހުމުގެ ސަބަބުން ލިބޭ ފައިދާތަކުގެ ވާހަކަތަކަކީ މީސްތަކުންގެ ދޫތަކުން ދެކެވެމުން އަންނަ ވާހަކައެކެވެ.
އިންސާނީ ޙަޔާތުގައި ޙިޖާމާއާމެދު މިކުރެވިފައިވާ ދިގު ތަޖުރިބާއަށް، އެންމެ ވަރުގަދަ ހެއްކެއްކަމުގައި މުސްލިމުންނަށް ފުދެނީ، އެބައިމީހުންގެ ތެދުވެރި އޯގާތެރި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙިޖާމާ ޖައްސަވާފައިވުމާއި، ޙިޖާމާގެ މަތިވެރިކަމާބެހޭގޮތުން ޙަދީޘް ކުރައްވާފައިވާ ޙަދީޘްތަކެވެ. މިގޮތުން އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. ((وَمَا مَرَرْتُ بِمَلَإٍ مِنْ الْمَلَائِكَةِ لَيْلَةَ أُسْرِيَ بِي إِلَّا قَالُوا: عَلَيْكَ بِالْحِجَامَةِ يَا مُحَمَّدُ)) (رواه أحمد: 3316، سنن الترمذي: 2053، ، وصحّحه الذهبي في “التلخيص”، وحسّنه الألباني في “الصحيحة”: 1847) މާނައީ: “ތިމަންކަލޭގެފާނާއެކު އިސްރާކުރެވުނުރޭގައި، ‘އޭ މުޙައްމަދުގެފާނެވެ! ކަލޭގެފާނު ޙިޖާމާޖައްސަވާށެވެ!’ މި ފަދައިން ވިދާޅުނުވާ އެއްވެސް މަލާއިކަތް ބޭކަލެއްގެ ކައިރިން ތިމަންކަލޭގެފާނު ވަޑައިނުގަންނަވަމެވެ.” އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. ((إِنَّ فِي الْحَجْمِ شِفَاءٌ)) (مصنف ابن أبي شيبة: 5/460، وصحّحه الألباني في “صحيح وضعيف الجامع الصغير”: 3891 و 7697) މާނައީ: “ހަމަކަށަވަރުން ޙިޖާމާގައި ޝިފާވެއެވެ.” އަދި ޚުދު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ޢަމަލުފުޅުންވެސް އެކަން ދައްކަވާދެއްވާފައެވެ. މިގޮތުން، އިޙްރާމްގައި ހުންނަވައިގެންނާއި، އަދި އެނޫން ވަޤުތުތަކުގައިވެސް އެކަލޭގެފާނު ޙިޖާމާޖެއްސެވިކަން ޙަދީޘްތަކުން ސާބިތުވެއެވެ. (ޙިޖާމާގެ ފައިދާ އާ ބެހޭގޮތުން: ލިޔުން 1، އަދި ލިޔުން 2 ކިޔާލައްވާ!)
ގިނަގުނަ ފައިދާތަކެއް ލިބޭ ފަރުވާއަކަށް މިފަރުވާ ވާއިރު، އުފެދޭނެ އެއް ސުވާލަކީ؛ ޙިޖަމާޖެހުމަށް ވަކި ޚާއްޞަދުވަހެއް ނުވަތަ ވަޤުތެއް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ވާރިދުވެފައިވޭތޯއެވެ؟ މި ސުވާލެވެ.
ޙިޖާމާޖެހުމަށް ވަޤުތުތަކެއްގެގޮތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޢަމަލުފުޅުންނާއި ޙަދީޘްފުޅުން ވަރަށް ގިނަ ޙަދީޘްތައް އައިސްފައިވެއެވެ. މި ޙަދީޘްތައް ދެބަޔަކަށް ބަހާލެވެއެވެ.
ފުރަތަމައީ: ޙިޖާމާޖެހުން މަތިވެރިވެގެންވާ ދުވަސްތައްކަމަށް ބަޔާންވެފައިވާ ޙަދީޘްފުޅުތަކެވެ. އެއީ ކޮންމެ ހިޖުރީމަހެއްގެ 17 ވަނަ ދުވަހާއި، އަދި ޚާއްޞަކޮށް 17 ވަނަ ދުވަސް އަންގާރަ ދުވަހާ ބައްދަލުވުމާއި، ކޮންމެ ހިޖުރީމަހެއްގެ 19، 21 އަދި ހަފްތާގެ ތެރެއިން ހޯމަ އަދި ބުރާސްފަތިދުވަހެވެ.
ދެވަނައީ: ހަފްތާގެ ދުވަސްތަކުގެ ތެރެއިން ޙިޖާމާޖެހުން ނަހީކުރައްވާފައިވާ ދުވަސްތައްކަމަށް ބަޔާންވެފައިވާ ޙަދީޘްފުޅުތަކެވެ. އެއީ ކޮންމެ ހޮނިހިރު ދުވަހަކާއި، އާދިއްތަ ދުވަހަކާއި، އަންގާރަދުވަހެވެ. އަދި އަންގާރަ ދުވަހާއި، ބުދަ ދުވަހާއި، ހުކުރުދުވަހު ޙިޖާމާޖެހުމަށް ބާރުއަޅުއްވާފައިވާ ޙަދީޘްތައްވެސް އައިސްފައިވެއެވެ.
މި ދެބައިގައިވާ ހުރިހާ ޙަދީޘެއްވެސް ޟަޢީފުކަމުގައި ގިނަ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އަދި ވަކިވަޤުތަކަށް ޙިޖާމާޖެހުމަށް ޚާއްޞަވެގެންވާކަމަށް ޞައްޙަކޮށް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ސާބިތުވެފައިނުވާކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން ޢިލްމުވެރިންގެ އަންނަނިވި ބަސްފުޅުތައް ގެނެސްލަމެވެ.
1- ހޮނިހިރުދުވަހާއި، ބުދަ ދުވަހު ޙިޖާމާޖެހުމާއިބެހޭގޮތުން އިމާމް މާލިކަށް ސުވާލުކުރެވުނު ހިނދު ވިދާޅުވިއެވެ. “އެކަމުގައި އެއްވެސް މައްސަލައެއްނެތެވެ. އެދުވަހެއްގައި ތިމަން ޙިޖާމާނުޖަހާދުވަހެއް ނުވެއެވެ. (އެބަހީ؛ ހަފްތާގެ ހުރިހާ ދުވަސްތަކެއްގައިވެސް ޙިޖާމާޖެހީމެވެ.) އަދި ކޮންމެ ދުވަހެއްގައި ޙިޖާމާޖެހިޔަސް ތިމަންގެ ނުރުހުމެއްނެތެވެ.” (” المنتقى شرح الموطأ ” (7/225) نقله عن ” العتبية “.)
އަދިވެސް އައިސްފައިވެއެވެ. “އަހަރުގެ ކޮންމެ ދުވަހެއްގައިވެސް ޙިޖާމާޖެހުން ހުއްދައެވެ. އެއީ ހޮނިހިރުދުވަސްކަމުގައިވިޔަސް އަދި ބުދަދުވަސްކަމުގައި ވިޔަސްމެއެވެ. އިމާމް މާލިކު ޤަޞްދުގައި އެކިދުވަސްތަކުގައި ޙިޖާމާ ޖައްސަވައެވެ. މި ދެ ދުވަހުގައި އެއްވެސް ވައްތަރެއްގެ ބޭސްވެރިކަމެއް ކުރުން މަނާނުކުރައްވައެވެ. މި ދެ ދުވަހުގައި ބޭސްފަރުވާކުރުން މަނާކަމަށް އައިސްފައިވާ ޙަދީޘްތައް އިމާމް މާލިކު رضي الله عنه ގެ އަރިހުގައި ޞައްޙައެއް ނޫނެވެ.” (” الفواكه الدواني “: 2/338)
2- ޢަބްދުއްރަޙްމާން ބުން މަހްދީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޙިޖާމާޖެހުމުގެ ވަޤުތާބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން އެއްވެސް ޙަދީޘެއް ޞައްޙަކޮށް އައިސްފައެއްނުވެއެވެ.” (نقله ابن الجوزي في “الموضوعات”: 3/215)
3- ޙިޖާމާޖެހުމުގެ ވަޤުތާބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ޙަދީޘް ޞައްޙަކޮށް ސާބިތުވެފައި ނުވާކަމަށް އަލްޚައްލާލު، އިމާމް އަޙްމަދުގެ އަރިހުން ނަޤުލުކުރައްވާފައިވެއެވެ. (نقله ابن حجر في “فتح الباري”:10/149)
4- ބަރުޛަޢީ ވިދާޅުވެފައިވެއެވެ. “ވަކި ދުވަހެއްގައި ޙިޖާމާޖެހުން ހުއްދަނޫންކަމަށާއި، ވަކި ދުވަހެއްގައި ޖެހުން މުސްތަޙައްބުކަމަށް އައިސްފައިވާ އެއްވެސް ޙަދީޘެއް ސާބިތު ނޫންކަމަށް އަބޫ ޒުރްޢާ ޙުކުމްކުރައްވަނިކޮށް ތިމަން ދެކުނީމެވެ.” (“سؤالات البرذعي”: 2/757)
5- އިމާމް ބުޚާރީ ޞަޙީޙުލް ބުޚާރީގައި ބާބު ބަންނަވަމުން ވިދާޅުވެފައިވެއެވެ. ((بَاب أَيَّ سَاعَةٍ يَحْتَجِمُ وَاحْتَجَمَ أَبُو مُوسَى لَيْلًا)) “ޙިޖާމާޖަހާނީ ކޮންވަޤުތަކުގައިކަން ނަންގަނެވިގެންވާ ބާބު، އަދި އަބޫ މޫސާ ރޭގަނޑު ޙިޖާމާ ޖައްސަވާފައިވެއެވެ.” މި ބާބުގެ ޝަރަޙާގައި އަލްޙާފިޡް އިބްނި ޙަޖަރު ވިދާޅުވެފައިވެއެވެ. “ޙިޖާމާޖެހުން މުނާސަބު ވަޤުތުތައް އައިސްފައިވާ ޙަދީޘްތަކުންކުރެ އެއްވެސް ޙަދީޘެއް އިމާމް ބުޚާރީގެ ޝަރުޠަކަށް ނުފެތެއެވެ. ފަހެ، އިމާމް ބުޚާރީ (މި ބާބުން) އެ އިޝާރާތްކުރައްވަނީ ޙިޖާމާޖެހުމަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ޙިޖާމާޖެހުމަށެވެ. އަދި އެއީ ވަކި ވަޤުތަކާއި ގުޅިފައިވާ ކަމެއް ނޫންކަމަށެވެ. މިކަން ބޮޑަށް ދޭހަކޮށްދެނީ ފަހުގައި އެވާ ރޭގަނޑުގައި ޙިޖާމާޖެހުމުގެ ވާހަކަ ގެންނަވާފައިވާ ޢިބާރާތުންނެވެ.” (“فتح الباري” : 10/149)
6- އަލްޢުޤައިލީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މި ބާބުގައި (އެބަހީ؛ ޙިޖާމާޖެހުމަށް ވަކި ދުވަހެއް އިޚްތިޔާރުކުރުމުގައި) އެއްވެސް ޙަދީޘެއް ސާބިތުވެފައެއްނުވެއެވެ.” (“الضعفاء الكبير”: 1/150)
7- އިބްނުލް ޖައުޒީ ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތް “الموضوعات” (3/211-215) ގައި ޙިޖާމާޖެހުމަށް އައިސްފައިވާ ޙަދީޘްތަކަށް ޚާއްޞަކޮށްގެން ވަކި ބާބެއް ބަންނަވައި، އެ ޙަދީޘްތައް ގެންނެވުމަށްފަހު ވިދާޅުވެފައިވެއެވެ. “މި ޙަދީޘްތަކުގައި ޞައްޙަ އެއްވެސް ޙަދީޘެއްނުވެއެވެ.”
8- އިމާމް އަންނަވަވީ ރަޙިމަހުﷲ، ކޮންމެ ހިޖުރީ މަހެއްގެ 17، 19، 21 ވަނަ ދުވަހުގައި ޙިޖާމާޖެހުން މޮޅުވެގެންވާކަމަށް އައިސްފައިވާ ޙަދީޘްތައް ޤަބޫލުކުރެއްވުމާއެކު ވިދާޅުވެފައިވެއެވެ. “މިކަމުން ޙާޞިލުކޮށްދެނީ؛ ވަކި ދުވަހެއްގައި ޙިޖާމާޖެހުން ނަހީކުރައްވާފައިވާ އެއްވެސް ޙަދީޘެއް ސާބިތެއްނޫންކަމެވެ.” (” المجموع “: 9/69)
9- އަލްޙާފިޡް އިބްނި ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މީގެން އެއްވެސް ޙަދީޘެއް ޞައްޙައެއް ނޫނެވެ.” (“فتح الباري”: 10/149)
ޙިޖުރީމަހުގެ 17، 19، އަދި 21 ގައި ޙިޖާމާޖެހުން މުސްތަޙައްބުކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. މިގޮތުން އަނަސް ރަޟިޔަﷲ އަންހުގެ ކިބައިން އައިސްފައިވާ ބަސްފުޅެއްގައިވެއެވެ. ((كَانَ أَصْحَابُ النَّبِيِّ صلّى اللهِ عَلَيْهِ وَسَلَّمَ يَحْتَجِمُونَ لِوْتَرٍ مِنَ الشَّهْرِ)) (رواه الطبري في “تهذيب الآثار”: رقم/2856) މާނައީ: “ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޞަޙާބީން މަހުގެ އޮނަހިރިދުވަސްތަކުގައި ޙިޖާމާޖައްސަވާކަމުގައިވެއެވެ.” އަނަސްގެފާނުގެ މިބަސްފުޅު ޞައްޙަވުމުގެ ސަބަބުން ޙިޖުރީމަހުގެ 17، 19 އަދި 21 ގައި ޙިޖާމާޖެހުން މޮޅު އިތުރުވެގެންވާކަމަށް އައިސްފައިވާ ޙަދީޘްތަކަށް ބާރު ލިބޭކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެލައްވައެވެ. އެގޮތުން އިމާމް ތިރުމިޛީއާއި، އައްސުޔޫޠީއާއި، އަބްނު ޙަޖަރު އަލްހައިތަމީއާއި، ޝެއިޚް އަލްއަލްބާނީ ފަދަ ބޭފުޅުން ވިދާޅުވެއެވެ. އަދި ބޭސްވެރިންވެސް މި 3 ދުވަހަކީ ޙިޖާމާޖެހުމަށް ޚާއްޞަދުވަސްތަކެއްކަމުގައި ވިދާޅުވެއެވެ. މިވާހަކަ އިބްނުލް ޤައްޔިމު ރަޙިމަހުﷲ “ޒާދުލް މަޢާދު” އޭ ކިޔުނު ފޮތުގައި ބަޔާންކުރައްވާފައިވެއެވެ.
އަދި ހަފްތާގެ ދުވަސްތަކުގެ ތެރެއިން ވަކި ދުވަސްތައް ބައެއް ބޭކަލުން ޚާއްޞަކުރައްވާފައިވާ ބައެއް ބަސްފުޅުތައް އައިސްފައިވެއެވެ. އެގޮތުން އިމާމް އަޙްމަދު ހޮނިހިރުދުވަހާއި، ބުދަދުވަހުގައި ޙިޖާމާޖެހުމަށް ނުރުއްސަވާކަމަށް ބަސްފުޅުތައް އައިސްފައިވެއެވެ.
ޚުލާޞާ:
1- ޙިޖާމާޖެހުމަކީ ވަރަށް ޤަދީމީ ޒަމާނުއްސުރެ ބޭނުންކުރަމުން އައިސްފައިވާ ފަރުވާއެއްކަމާއި، މި އަދާ ހަމައަށް އިންސާނީ އެތައް ޖީލުތަކެއްވަނީ މި ފަރުވާ ތަޖުރިބާކޮށްފައިކަން ހާމަވެގެންދެއެވެ.
2- ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ޙިޖާމާޖެހުމުގައި ފަރުވާވާކަމުގެ ވާހަކަ އެކަލޭގެފާނުގެ އުއްމަތަށް ބަޔާންކޮށްދެއްވާފައެވެ. އަދި ޚުދު އެކަލޭގެފާނުވެސް ވަނީ އެކި ޙާލަތްތަކުގައި ޙިޖާމާ ޖައްސަވާފައެވެ.
3- ހިޖުރީމަހުގެ 17، 19، 21 ޙިޖާމާޖެހުމަށް އައިސްފައިވާ ޙަދީޘްތައް ޟަޢީފުކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެލައްވާއިރު، އަނެއްބައި ޢިލްމުވެރިން އެހެނިހެން ރިވާޔަތްތަކުން ބާރުލިބިގެން އެ ޙަދީޘްތައް ޤަބޫލުކުރެވޭކަމުގައި ވިދާޅުވެއެވެ. މިފަދަ ޢިލްމުވެރިންގެ އަރިހުގައި މި ދުވަސްތަކުގައި ޖެހުމަކީ މުސްތަޙައްބުކަމެކެވެ. އަދި ބޭސްވެރިންވެސް މި ދުވަސްތައް މޮޅުއިތުރުކަމަށް ވިދާޅުވެއެވެ.
4- ހަފްތާގެ ދުވަސްތަކުގެ ތެރެއިން ވަކި ދުވަހެއްގައި ޙިޖާމާޖެހުމަށް އަދި ވަކި ދުވަހެއްގައި ނުޖެހުމަށް އައިސްފައިވާ އެއްވެސް ޙަދިޘެއް ޞައްޙައެއް ނޫނެވެ. އިމާމް އަޙްމަދު ފަދަ ބައެއް ބޭފުޅުން ވަކި ދުވަސްދުވަސް ޚާއްޞަކުރައްވާކަމުގެ ޚަބަރުތައް ވާރިދުވެފައިވެއެވެ.
5- ރޭގަނޑު ޙިޖާމާޖެހުމަކީވެސް ހުއްދަކަމެއްކަން އެނގެއެވެ. އެގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޞަޙާބީ އަބޫ މޫސާ ރަޟިޔަﷲ ޢަންހު ރޭގަނޑު ޙިޖާމާޖައްސަވާފައިވާކަމުގައި އިމާމް ބުޚާރީ ޞަޙީޙުގައި ބަޔާންކުރައްވާފައިވެއެވެ.
6- ޙިޖާމާޖެހުމަށް ބޭނުންޖެހިއްޖެ ކޮންމެ ވަޤުތެއްގައިވެސް ޙިޖާމާޖެހުން ހުއްދަކަން އެނގިގެންދެއެވެ. އަދި ޢިލްމުވެރިންގެ ބަސްފުޅުތައް އައިސްފައިވަނީ މޮޅުއިތުރުވެގެންވާ ވަޤުތުތާއި، ދުވަހާމެދުއެވެ.
والله أعلم
__________________________
މަރުޖިޢު:
1- އިސްލާމް ކިޔުއޭ (ފަތުވާ ނަންބަރު: 128170)
2- الحجامة وأحكامها في الفقه الإسلامي: أشواق سعيد رديني.
3- الحجامة أحكامها وفوائدها: إبراهيم بن عبدالله الحازمي.