[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 1

womens rights

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ކޮންމެ މަޚްލޫޤަކީ އެއަށް ޚާއްޞަ އަދި ޢާންމު ޙައްޤުތަކެއް ލިބިފައިވާ އެއްޗެކެވެ. އެއިގެ ތެރެއިން އެއްވެސް ޙައްޤެއް އަނިޔާވެރިކަމާއި އެކު ބޭއިންސާފުން ނިގުޅައިގަތުމީ ކޮށްގެންވާނޭ ކަމެއް ނޫނެވެ. މިޒަމާނުގައި އެންމެ ގަދަޔަށް ވާހަކަ ދެކެވޭ އެއް މައުޟޫޢުކަމުގައި އަންހެނުންގެ ޙައްޤުތަކުގެ ވާހަކައެވެ. މައިގަނޑު ގޮތެއްގައި މިމައުޟޫޢުއަށް ވަކާލާތުކުރަމުންދަނީ ހުޅަނގުގެ ކާފިރުންނެވެ. އެބައިމީހުން ތަފާތު އެކި ގޮތްގޮތައް އެކި އެކިއެކި ނަންނަމުގައި މިދަޢުވަތު ފެތުރުމުގައި މުޅި ދުނިޔޭގައި މަސައްކަތް ކުރަމުން އެބަދެއެވެ. މިދަޢުވަތުގެ މައިގަނޑު ބޭނުމަކީ އަންހެނުންނާއި ފިރިހެނުންނީ އެއް ހަމައެއްގެ ބައެއް ކަމުގައި ބަޔާންކުރުމެވެ. އަދި މިފަދަ ޖަމުޢިއްޔާތަކުން ސީދާކޮށާއި ނުސީދާކޮށް އިސްލާމްދީނަށް ފާޑުކިޔާތަން ވަރަށް ގިނައިން ފެނިގެން ދެއެވެ. އެހެންކަމުން އަހަރުމެން މުސްލިމުންވެސް މިކަމާއި މެދު ވިސްނާލަން އެބަޖެހެއެވެ.

ތާރީޚުގައި ކަންކަން ހިނގާފައިވާ ގޮތް ބަލާލުމަކީ މިފަދަ މައުޟޫޢަކަށް އިންސާފުކުރުމަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކޮށްދޭނެ ކަމެއް ކަމުގައި ނުވެ ނުދާނެތެވެ. އެހެނީ މާޟީއަކީ އިޞްލާޙުކުރަން ޖެހޭ ކަންކަން ދެނެގަތުމުގައިވެސް މުހިންމު ދައުރެއް އަދާ ކުރާ ވަޞީލަތެކެވެ.

އެންމެ ފުރަތަމަ ދުނިޔޭގައި އިންސާނުންގެ ނަސްލު ފެށިގެން ގޮސްފައިވަނީ އާދަމު ޢަލައިހިއްސަލާމްގެ ފުށުންނެވެ. އެއީ އެންމެ ފުރަތަމަ ޚަލްޤުކުރެވުނު އިންސާނާއެވެ. އެއަށްފަހު އެދަރިފަސްކޮޅު އިތުރުވެގެންދާނޭ ގޮތް ހެއްދެވިފަރާތުން ރާވާ ހިންގެވިއެވެ. އެތައް ޒަމާންތަކެއް ފާއިތުވަމުންގޮސް އެކި ޒަމާންތަކުގައި މީސްތަކުންގެ އަޚްލާޤާއި އުޅުމާއި ގުޅުމާއި ވަފާތެރިކަމާއި ޢަދުލުވެރިކަމަށް އެތައް ބަދަލުތަކެއް އަންނަމުން ދިޔަކަމީ މިހާރުވެސް އަހަރުމެންނަށް އެނގެން އޮތް ޙަޤީޤަތެކެވެ.

އެގޮތުން އަންހެނުންނާއި މެދު ކުރީގެ ބައެއް އުންމަތްތަކުގެ މީސްތަކުން ޢަމަލުކުރަމުން އައި ގޮތްތަކަށް ބަލާއިލާއިރު، ދުނިޔޭގައި ފަލްސަފާގެ ރޮނގުން މަޝްހޫރު ގުރީކު މީހުން އަންހެނުން ސިފަކޮށްފައިވަނީ ވިހަ ގަހެއްގެ ގޮތުގައެވެ. އަދި އޭނާއަކީ ޝައިޠާނުންގެ ތެރެއިންވާ ނުބައި އެއްޗެއްގެ ގޮތުގައެވެ. އަދި އެހެނިހެން ވިޔަފާރި މުދާ ފަދައިން އޭނާ ވިއްކާލެވޭނެ ފަދަ ދަށު ދަރަޖައެއްގައިވާ މަޚުލޫޤެއްގެ ގޮތުގައެވެ. އަދި އެމީހުން ދެކުނީ އަންހެނުންނީ ހަމައެކަނި އެމީހުންގެ ޖިންސީ ބޭނުންތައް ފުއްދުމާއި އެފަދަ އަރާމުތައް ލިބިގަތުމަށް ބޭނުންކުރެވޭ ވަޞީލަތެއްގެ ގޮތުގައެވެ. މިއީ މުޅި ދުނިޔެއަށް މަޝްހޫރު ގުރީކް މީހުން އަންހެނުން ސިފަކޮށްފައިވާ ގޮތެވެ.

އަދި ހަމަ އެހެންމެ ދުނިޔޭގައި އުފެދުނު ބާރުގަދަ ބައެއް ކަމުގައިވާ ރޯމަނުން އަންހެނުންނާއި މެދު ވިސްނަނީ ކިހިނެއްތޯ ބަލާލަމާ ތޯއެވެ.

އެމީހުން ބުނަނީ: “އަންހެނުންނީ ފުރާނަ ހުރި ބައެއް ނޫންކަމުގައެވެ. އެމީހުންނަށް އަނިޔާއާއި ދުއްތުރާ ދިނުމުގެ ގޮތުން ތެޔޮ ކައްކާފައި ގަޔަށް އަޅާށެވެ. ނުވަތަ އަސްތަކުގައި އަައްސައި ދަމާށެވެ.”

އަދި އެމީހުން އެމީހުންގެ ސިވިލައިޒޭޝަން އެންމެ ފުރިހަމަ ވެގެން ދިޔައިރު، ފިރިންނަށް އެމީހުންގެ އަނބިން މެރުމަކީ ހުއްދަކަމެކެވެ.

ޗައިނާއަށް ބަލައިލަމާތޯއެވެ. އެބައިމީހުން އެއަންހެނާ، އެއްޗެހި ޠާހިރުކުރަން ބޭނުންކުރާ ފެނަށް ލަޢުނަތް ދިނެވެ. އަދި ޗައިނާގެ ފިރިހެނުންނަށް އެމީހުންގެ އަނބިން ދިރިހުއްޓައި ވަޅުލުން ހުއްދަވެގެންވެއެވެ. އަދި ފިރިމީހާ މަރުވެއްޖެނަމަ، އޭނާގެ ހުވަފަތް އަނބިމީހާ ވާރުތަ މުދަލުގެ ގޮތުގައި ވާރުތަވެދެއެވެ.

އަވަށްޓެރި އިންޑިއާއަށް ބަލައިލަމާތޯއެވެ. އަންހެނުންނަކީ މަރުވުމާއި، ނަރަކައާއި، އަލިފާނަށްވުރެވެސް ނުބައި އެއްޗެެއްކަމުގައި އެބައިމީހުން ދެކުނެވެ. އަދި އެހެންކަމުން އަންހެނާގެ މަރުވެފައިވާ ހަށިގަނޑު އަންދާލަން ޖެހޭނެކަމުގައި އެބައިމީހުން ދެކުނެވެ.

ފާރިސީން އަންހެނުންނާއި މެދު ޢަމަލުކުރަމުންދިޔަ ގޮތަށް ބަލައިލާއިރު ގާތްތިމާގެ ކަމުގެ ގޮތުން ކިތަންމެ ގާތް އަންހެނަކާވެސް ކައިވެނި ކުރުމީ މައްސަލައެއްކަމުގައި އެބައިމީހުން ނުދެކެއެވެ. އަދި ފާރިސީ ފިރިންނަށް އެމީހުންގެ އަނބިންނަށް މަރުވުމަށް އަމުރުކުރުމަކީ ހުއްދަކަމެއް ކަމުގައި ދެކުނެވެ.

ބަބެލޯނިއަން ‘ސިވިލައިޒޭޝަނަށް’ ބަލައިލާއިރު، އެބައިމީހުން އަންހެނުންނާއި މެދު ކަންތައް ކުރަމުން ދިޔަ އިހާނެތި ގޮތަކީ ފިރިހެނަކު މީހަކު މަރައިފިނަމަ، އެމީހައަށް އަދަބު ދިނުމުގެ ބަދަލުގައި އަދަބުދެވޭނެ މީހާއަކީ އެމީހާގެ އަނބިމީހާ ކަމުގައި ދެކުމެވެ.

މިޞްރުގެ ޖާހިލިއްޔަޒަމާނުގައި  އަންހެނުންނަކީ ޝައިޠާނުން ކަމުގައި އެމީހުން ދެކުނެވެ.

އިނގިރޭސި ވިލާތުގެ ރަސްގެފާނު ހެންރީ VIII ގެ ވެރިކަމުގައި، ޤާނޫނު ހަދާ މަޖިލީހުންވަނީ އަންހެނުން ބައިބުލްގެ އާ ޓެސްޓްމެންޓް ކިޔުމަކީ ހުއްދަކަމެއް ނޫންކަމުގައި ކަނޑައަޅާފައެވެ. އެއީ އަންހެނާއަކީ ނަޖިސް ބައެއް ކަމުގައި ވާތީއެވެ.

ޔަހޫދީން އަންހެނުންނާއި މެދު ދެކެފައިވަނީ އަންހެނުންނަކީ ލަޢުނަތެއްކަމުގައެވެ. އެއީ އެމީހުންނަކީ ފިތުނައާއި ކުށް ކުރުމަށް މެދުވެރިވާ ސަބަބަކަށްވާތީއެވެ. އޭނާއަކީ އޭނާގެ ޙައިޟުގެ ދުވަސްވަރުގައި ނަޖިސް މީހެކެވެ. އެދުވަސްވަރު އެނާއާއި ކައިރިވެ އޭނާއާއިއެކު ކައިބޮއެ ހެދުމަކީވެސް އެބައިމީހުން ކުރާ ކަމެއް ނޫނެވެ. އަދި އޭނާގެ ބައްޕައަށް އޭނާގެ އަންހެން ދަރިން ވިއްކާލުން ހުއްދަވެގެން ވެއެވެ.

ކުރިސްޓިއަނުންގެ ތެރެއިން ފަރަންސޭސީން މީލާދީން 569 ގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ބައެއް ކަންތައްތަކުގެ ތެރޭގައި އަންހެނުންނަކީ އިންސާނުންތޯ ނުވަތަ ނޫންތޯ، އަދި އޭނާގެ ފުރާނަ ވޭތޯ ނުވަތަ ނުވޭ ތޯ،  އޭނާގެ ފުރާނަ ވާނަމަ އެއީ އިންސާނުންގެ ފުރާނައެއްތޯ ނުވަތަ ޖަނަވާރެއްގެ ފުރާނައެއްތޯ، އަދި އެއީ އިންސާނީ ފުރާނައެއް ނަމަ އެއީ ފިރިހެނެއްގެ ފުރާނައާ އެއްވަރުގެ ނުވަތަ ދަށް ފުރާނައެއް ތޯ ސުވާލު އުފައްދައި ވަރަށް ދަށު ދަރަޖައަކަށް އަންހެނުން ވައްޓާލައިފައިވެއެވެ. ވަރަށް ދިގު ބަހުސްއަކަށް ފަހު އެންމެފަހުން، އެމީހުން ކަނޑައެޅީ އެއީ އިންސާނެއް ކަމަށެވެ. ނަމަވެސް އޭނާ ހެއްދެވިފައިވަނީ ފިރިހެނުންނަށް ޚިދުމަތް ކުރުމަށް ޚާދިމެއްގެ ގޮތުގައި ކަމުގައެވެ.

1802 ވަނަ އަހަރާއި ހަމައަށް އިނގިރޭސީންގެ ފިރިހެނުން އެމީހުންގެ އަނބިން ވިއްކަމުން ގެންދިއައެވެ. އަންހެނާގެ އަގަކީ ހަމަ އެންމެ 6 ޕެނީއެވެ.

އިސްލާމްދީން އައުމުގެ ކުރިން ޢަރަބިން ކަންތައް ކުރަމުން އައި ގޮތަށް ބަލާލާއިރު، އެމީހުން ދިޔައީ މަރަށްވުރެ އަންހެނުން ދެކެ ރުޅި އަންނަމުންނެވެ. އަންހެން ދަރިއަކު ލިބުމުން މޫނުގެ ކުލަ ތަޣައްޔަރުވެގެންދެއެވެ. އަދި އެމީހުން ޅައަންހެން ދަރިން ދިރިހުއްޓާ ވަޅުލައެވެ. ނުވަތަ ބޭނުން ނުކުރާ ފަޅު ވަޅުތަކަށް އެއްލާލަތެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ އަންހެނުންނަށް ޙިމާޔަތް ދިނީ ނުވަތަ އެބައިމީހުންގެ އިންސާނީ ވަންތަކަން ނުވަތަ އެޙައްޤު ހޯދައިދިނީ ނުވަތަ ދެމުން އަންނަނީ ކޮން ބައެއް ހެއްޔެވެ؟ ބަޔާންވެދިޔަ މީސްތަކުން އަންހެނާއަށް އެވަނީ އޭނާއަށް އެކަށީގެންވާ ޙައްޤުތައް އެންމެ ފުރިހަމައަށް ދީފަތޯއެވެ؟ މިއީ މިއަދު އަހަރުމެން ކޮންމެ މީހާކުވެސް ހޯދާ ބަލަން ޖެހިފައިވާ މަޢުޟޫއެއް ކަމުގައި ދެކެމެވެ. އެހެނީ މިޒަމާނަކީ އެކިއެކި ޙައްޤުތަކަށްޓަކާ ވަރަށް ފުޅާކޮށް ވަކާލާތުކުރަމުންދާ ޒަމާނަކަށްވެފައިވާތީއެވެ. އަދި އެކަމުގައި ފެންނަމުންދާ މަންޒަރުތަކުން ކޮންމެހެންވެސް މިކަން ދިރާސާކުރުމަށް މަންޒަރުތަކުން މަޖުބޫރުކުރަމުންދާތީއެވެ.

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް