ދަންނާށެވެ! – ﷲ ތިބާއަށް ރަޙުމަތް ލައްވާށިއެވެ. – ހަމަކަށަވަރުން ކޮންމެ މުސްލިމު ފިރިހެނަކާއި އަންހެނެއްގެ މައްޗަށް މި ތިންކަންތައް އުނގެނި އެކަންކަމަށް ޢަމަލުކުރުން ވާޖިބުވެގެންވެއެވެ.
ފުރަތަމައީ: ހަމަކަށަވަރުން ﷲ ތަޢާލާ އަހަރެމެން ޚަލްޤުކުރައްވައި، ރިޒުޤު ދެއްވައި، ބޭކާރު ގޮތެއްގައި އަހަރެމެން ދޫކޮށެއް ނުލައްވައެވެ. އަދި ކިއެއްތަ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވިއެވެ. ފަހެ، އެކަލޭގެފާނަށް ކިޔަމަންގެންފިމީހާ ސުވަރުގެ ވަދެއްޖެއެވެ. އަދި އެކަލޭގެފާނަށް އުރެދިއްޖެ މީހާ ނަރަކައަށް ވަދެއްޖެއެވެ.
ދަލީލަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ.
إِنَّا أَرْسَلْنَا إِلَيْكُمْ رَسُولًا شَاهِدًا عَلَيْكُمْ كَمَا أَرْسَلْنَا إِلَىٰ فِرْعَوْنَ رَسُولًا ﴿١٥﴾ فَعَصَىٰ فِرْعَوْنُ الرَّسُولَ فَأَخَذْنَاهُ أَخْذًا وَبِيلًا ﴿١٦﴾([1])
މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު ތިޔަބައިމީހުންގެ މައްޗަށް ހެކިވެރިއެއްގެ ގޮތުގައި ރަސޫލަކު ތިޔަބައިމީހުންގެ ގާތަށް ފޮނުއްވީމެވެ. އެއީ ތިމަންއިލާހު ފިރުޢައުނުގެ ގާތަށް ރަސޫލަކު ފޮނުއްވި ފަދައިންނެވެ. [15] ދެންފަހެ ފިރުޢައުނު އެރަސޫލާއަށް އުރެދުނެވެ. ދެން ތިމަންއިލާހު އޭނާ ގަދަފަދަ ހިއްޕެވުމަކުން ހިއްޕެވީމެވެ.[16]”
ދެވަނައީ: ހަމަކަށަވަރުން ﷲ ތަޢާލާއަށް ކުރެވޭ އެއްވެސް އަޅުކަމެއްގައި އެއިލާހާ އެއްވެސް ފަރާތެއް ބައިވެރިކުރުމަކަށް އެއިލާހު ރުހިވޮޑިގެންނުވެއެވެ. އެއީ ކުއްތަންކުރެވިގެންވާ މަލާއިކަތެއް ކަމުގައިވިޔަސް، ފޮނުއްވިގެންވާ ނަބިއްޔެއްކަމުގައި ވިޔަސް މެއެވެ. މީގެ ދަލީލަކީ ﷲ ތަޢާލާގެ މި ވަޙީބަސްފުޅެވެ.
وَأَنَّ الْمَسَاجِدَ لِلَّـهِ فَلَا تَدْعُوا مَعَ اللَّـهِ أَحَدًا ([2])
މާނައީ: “މިސްކިތްތައްވަނީ ހަމަ ﷲ އަށެވެ. ފަހެ، ﷲއާއެކު އެހެން އެއްވެސް ފަރާތަކަށް ތިޔަބައިމީހުން އަޅުކަން ނުކުރާހުށިކަމެވެ.”
ފިލާވަޅުގެ އިރުޝާދުތައް
* ﷲ ތަޢާލާގެ ފަޟްލުވަންތަކަމުން، ނެތުމުގެ ތެރެއިން އަހަރެމެން ވުޖޫދަށް ގެންނެވީ ހަމައެކަނި އެއިލާހަށް އަޅުކަންކުރުމަށްޓަކައެވެ. އަދި އަހަރެމެންނަށް ރިޒުޤުތަނަވަސްކޮށްދެއްވީ އަޅުކަން އަދާކުރުމުގައި އެއިން ވާގި ހޯދުމަށެވެ.
* އެއިލާހުގެ ފަޟްލުވަންތަކަމުން، ޖަނަވާރުތައް އުޅޭފަދައިން އުޅުމަށް، ބޭކާރުގޮތެއްގައި އިންސާނާ ދޫކޮށެއް ނުލައްވައެވެ. އަދި ކިއެއް ހެއްޔެވެ! އޭނާއަށް ޙައްޤު ބަޔާންކޮށްދިނުމަށް ރަސޫލުން ފޮނުއްވިއެވެ.
* ރަސޫލާ صلى الله عليه وسلم ވަނީ މީސްތަކުންނަށް ސުވަރުގޭގެ މަގު ބަޔާންކޮށްދެއްވާ އެމަގަށް ގޮވާލައްވާފައެވެ. އަދި ނަރަކައިގެ މަގު ބުނެދެއްވާ އެތަނުން ރައްކާތެރިވުމަށް އިންޛާރު ދެއްވާފައެވެ. އެހެންކަމުން އެކަލޭގެފާނަށް ކިޔަމަންގަތުމަކީ ވާޖިބެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
((كُلُّ أُمَّتِي يَدْخُلُونَ الجَنَّةَ إِلَّا مَنْ أَبَى))، قَالُوا: يَا رَسُولَ اللَّهِ! وَمَنْ يَأْبَى؟ قَالَ: ((مَنْ أَطَاعَنِي دَخَلَ الجَنَّةَ وَمَنْ عَصَانِي فَقَدْ أَبَى)) [3]
މާނައީ: “އިންކާރުކޮށްފި މީހެއް މެނުވީ، ތިމަންކަލޭގެފާނުގެ އުންމަތުގެ ހުރިހާ އެންމެން ސުވަރުގެ ވަންނާނެތެވެ.” އެހިނދު ޞަޙާބީން ސުވާލު ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާ އެވެ! ސުވަރުގެވަންނަން އިންކާރުކުރާނީ ކާކުތޯއެވެ؟” ޖަވާބުގައި އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “ތިމަންކަލޭގެފާނަށް ތަބާވެއްޖެމީހާ ސުވަރުގެ ވަންނާނެތެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެމީހާ ސުވަރުގެ ވަންނަން އިންކާރުކޮށްފިއެވެ.”
* ﷲ ގެ ރަސްކަންފުޅަށް ބައިވެރިއަކު ޝަރީކަކު ނުވެއެވެ. ނަބީބޭކަލުންނާއި މަލާއިކަތުންނަކީވެސް އެއިލާހަށް ބޭނުންޖެހިފައިވާ، އެއިލާހުގެ އަޅުތަކުންނެވެ. ﷲ އާއެކު އެހެން ފަރާތްތަކަށް އަޅުކަންކުރުމަކީ ހުއްދަކަމެއް ނޫނެވެ.
ސުވާލުތައް
1 މީސްތަކުންގެ ގާތަށް ރަސޫލުން ފޮނުއްވުމުގެ ޙިކުމަތަކީ ކޮބާ ހެއްޔެވެ؟
2 ނަބީބޭކަލުންނާއި ޞާލިޙުބޭކަލުންނާ އަދި މިނޫނަސް، ﷲ ނޫން އެހެން ފަރާތަކަށް ދުޢާ ދެންނެވުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟ އެކަމުގެ ދަލީލަކީ ކޮބާ ހެއްޔެވެ؟
3 ﷲ އާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަން ގަންނަ މީހާގެ ޖަޒާއަކީ ކޮބާ ހެއްޔެވެ؟
4 ﷲ އާއި އެއިލާހުގެ ރަސޫލާއަށް އުރެދޭ މީހާގެ ޖަޒާއަކީ ކޮބާ ހެއްޔެވެ؟
5 މޫސާ عليه السلام އަށް އުރެދުމުން ފިރުޢައުނަށްވީ ކިހިނެތް ހެއްޔެވެ؟
_________________________________________
[3] رواه البخاري ٧٢٨٠