[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

13: ބަދު ނަސީބުގެ ޢަދަދެއްތަ؟

13

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ބައެއް ޢަދަދުތަކާ، ދުވަސްތަކާ، މަސްތަކުގައި ނަސީބާއި ބަދު ނަސީބު ވާކަމަށް ބައެއް މީހުން ޤަބޫލު ކުރެއެވެ. އެގޮތުން 13 އަކީ ބަދު ނަސީބުގެ ޢަދަދެއް ކަމުގައި ބައެއް މީހުން ބުނެ އުޅެއެވެ. ނަމަވެސް ޙަޤީޤަތަކީ ވަކި ޢަދަދެއްގައި ނަސީބު ނުވަތަ ބަދު ނަސީބު ނުވާކަމެވެ. ޢަދަދުތަކެއް، ދުވަސްތަކެއް، މަސްތަކެއް ނުވަތަ ކުލަތަކެއްގައި ބަދުނަސީބު ވާކަމަށް ޤަބޫލުކުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެކެވެ. އެކަން ހިމެނެނީ ތަޠައްޔުރުގެ ތެރެއިންނެވެ.

ޞަޙީޙު މުސްލިމު ޝަރަޙަކުރައްވަމުން އިމާމު ނަވަވީ رحمه الله ވިދާޅުވިއެވެ.

” التَّطَيُّر އަކީ ބަދުފާލުބުނުމެވެ. އެކަން ހިމެނެނީ ނުރުހުންތެރިވާ ބަހެއް، ކަމެއް ނުވަތަ ފެންނަ ތަކެތީގައެވެ. ފުއްލާއެއް ނުވަތަ ބައެއް ވައްތަރުގެ ދޫނި އުދުހެމުންގޮސް ކަނާތްފަރާތަށް ހިނގައްޖެނަމަ އެއީ ބަރަކާތްތެރިކަމެއްކަމުގައި އިހު ޒަމާނުގައި ދެކިއުޅުނެވެ. އަދި ދަތުރަށް ނުކުތުމާއި ދިރިއުޅުމުގެ ކަންތައްތައް ނިންމުމުގައި އެއަށް ބަރޯސާވެއެވެ. އެފަދަ އެއްޗެއް ވައަތަށް ހިނގައްޖެނަމަ އޭގެ އިދިކޮޅެވެ. އަދި އެއީ ބަދުފާލެއްކަމުގައި ދެކެއެވެ…”

ޞަޙީޙުލްބުޚާރީއާއި ޞަޙީޙު މުސްލިމުގައި އަނަސް ބިން މާލިކު رضي الله عنهގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

قال: ((لا عَدْوَى وَلا طِيَرَةَ وَيُعْجِبُنِي الْفَأْلُ)) قَالُوا: “وَمَا الْفَأْلُ؟” قَالَ: ((كَلِمَةٌ طَيِّبَةٌ)) [البخاري (٥٧٧٦) ومسلم (٢٢٢٤)]

މާނައީ: ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އެއްވެސް ބައްޔެއް އޭގެ ޒާތުގައި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އެރުމުގެ އަސަރެއް ނުވެއެވެ. އަދި ބަދުފާލުގައި އެއްވެސް ޙަޤީޤަތެއް ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް ލޮބުވެތިވެގެންވަނީ ހެޔޮފާލެވެ.” (ޞަޙާބީން) ދެންނެވިއެވެ. “ހެޔޮފާލަކީ ކޮބައިތޯއެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ ހެޔޮވެގެންވާ ރިވެތި ކަލިމައެވެ.”

ޢަބްދުﷲ ބުނު މަސްޢޫދު رضي الله عنهގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((الطِيَرة شرك)) [رواه أحمد (4194) وأبو داود (3910) والترمذي (1614) وابن ماجه (3538)، وصححه الألباني في صحيح أبي داود]

މާނައީ: “ބަދުފާލުބެލުމަކީ ޝިރުކެކެވެ.”

ޢަބްދުﷲ ބުނު ޢަމްރު رضي الله عنهގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((من ردته الطِيَرة من حاجة فقد أشرك)) قالوا: “يا رسول الله ما كفارة ذلك ؟” قال : ((أن يقول أحدهم : اللهم لا خير إلا خيرك ولا طير إلا طيرك ولا إله غيرك))  [رواه أحمد (7045) والطبراني، وحسنه الأرنؤوط وصححه الألباني في صحيح الجامع برقم 6264]

 މާނައީ: “ބަދުފާލުބަލާ، އެބަދުފާލު އެމީހަކު ކުރަންއުޅޭ ކަމެއް ހުއްޓުވައިފި މީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އޭނާ ޝިރުކު ކޮށްފިއެވެ.” (ޞަޙާބީން) ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. އެކަމުގެ ކައްފާރާއަކީ ކޮބައިތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “އެއީ މިފަދައިން ކިޔުމެވެ.

((اللَّهُمَّ لاَ خَيْرَ إِلاَّ خَيْرُكَ وَلاَ طَيْرَ إِلاَّ طَيْرُكَ، وَلاَ إِلَهَ غَيْرُكَ))

(މާނައީ: “އޭ ﷲ! އިބަ އިލާހުގެ ހެޔޮކަން ފިޔަވާ ހެޔޮކަމެއް ނުވެއެވެ. އަދި އިބައިލާހުގެ ފާލު ފިޔަވާ ފާލެއް ނުވެއެވެ. އަދި އިބަ އިލާހު ފިޔަވާ ޙައްޤު އިލާހަކު ނުވެއެވެ.”)”

ޝައިޚް ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ.

“މުސްލިމަކު މިފަދަ ކަމަކާމެދު ޢަމަލުކުރުމުގައި ވަނީ ދެ ޙާލަތެކެވެ.

ފުރަތަމައީ: އޭނާ އެކަމަށް އިޖާބަދީ އެކަމައިގެން ކުރިއަށް ދިޔުމެވެ. ނުވަތަ އެކަން ހުއްޓާލާ ދުރުހެލިވުމެވެ. އެހިނދުން އޭނާގެ ޢަމަލުތައް ބިނާކޮށްފައި އެވަނީ ޙަޤީޤަތެއް ނެތް ކަމެއްގެ މައްޗަށެވެ.

ދެވަނައީ: އޭނާ އެކަމަށް އިޖާބަނުދީ، އެކަމާ އަޅާނުލާ ކުރިއަށް ދިއުމެވެ. ނަމަވެސް އޭނާގެ ނަފްސުގައި އެކަމާމެދު ހިތް ނުތަނަވަސްވުމެއް ވެއެވެ. ފުރަތަމަ ޙާލަތަށް ވުރެ މިޙާލަތު ލުއި ވެގެންވީނަމަވެސް އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ އެގޮވާލުމަށް އެއްވެސް ވަރަކަށް އިޖާބަނުދިނުމެވެ. އަދި ﷲ عز وجلއަށް (ވަކީލުކޮށް) ބަރޯސާވުމެވެ.” [مجموع الفتاوى2/113]

މިކަމުން ދޭހަކޮށްދެނީ އެއްވެސް ޢަދަދަކީ ބަދުނަސީބު ޢަދަދެއްކަމުގައި ދެކުން ހުއްދަނޫންކަމެވެ. މީހަކު ޢަދަދަކާބެހޭގޮތުން ކިޔުމަށްފަހު ނުވަތަ އަޑުއެހުމަށްފަހު އެއީ ބަދުނަސީބު ޢަދަދެއް ކަމަށް ޤަބޫލުކޮށްފިނަމަ އޭނާއެވަނީ ބަދުފާލު ޤަބޫލުކޮށްފައެވެ. އެއީ ނަހީ ކުރައްވާފައިވާ ކަމެކެވެ. އެކަމުގެ ކައްފާރާއަކީ އިސްވެދިޔަ ޙަދީޘްގައިވާ ފަދައިން މިފަދައިން ކިޔުމެވެ.

((اللَّهُمَّ لاَ خَيْرَ إِلاَّ خَيْرُكَ وَلاَ طَيْرَ إِلاَّ طَيْرُكَ، وَلاَ إِلَهَ غَيْرُكَ))

މާނައީ: “އޭ ﷲ! އިބަ އިލާހުގެ ހެޔޮކަން ފިޔަވާ ހެޔޮކަމެއް ނުވެއެވެ. އަދި އިބައިލާހުގެ ފާލު ފިޔަވާ ފާލެއް ނުވެއެވެ. އަދި އިބަ އިލާހު ފިޔަވާ ޙައްޤު އިލާހަކު ނުވެއެވެ.”

އެހެންކަމުން މީގެން އެނގިގެން ދަނީ އެއްވެސް އަކުރެއް، ޢަދަދެއް، މަހެއް، ކުލައެއް، ދުވަހެއް އަދި މިނޫނަސް މިފަދަ ކަންތައްތައް އަޅުގަނޑުމެންގެ ޢަޤީދާ ތެރެއަށް ވައްދައި، އޭގައި ފޮރުވިފައިވާ ބާރުތަކެއްވާކަން ޤަބޫލުކޮށްގެން ނުވާނެއެވެ. މިކައުނުގައި ހިނގާ ހުރިހާކަމަކީވެސް ﷲގެ އިޛުނަފުޅާލައިގެން ހިނގާ ކަންތައްތަކެވެ. އެކަމުގައި އެއިލާހާ އެހެން ބައިވެރިއަކު ޝަރީކަކު ނުވެއެވެ.

ދުޢާއަކީ އަޅުގަނޑުމެންނަކީ ﷲ ރުއްސަވާގޮތުގައި ޢަމަލުކުރާ، ތައުޙީދުގެ އަހުލުވެރިންގެ ތެރެއިން ލެއްވުމެވެ.

__________________________________

މަޞްދަރު