[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 9 – (ފުރަތަމަ ބާބު)

އިސްލާމްދީނުގައި ސުންނަތަށް ދެއްވާފައިވާ މަޤާމާއި ސަލަފުންގެ ބޭކަލުން އެއަށް ދެއްވި އަހައްމިއްޔަތު

 

ފުރަތަމަ ފަޞްލު

 

ޙުކުމްތައް ޘާބިތުކުރުމުގައި ކީރިތި ޤުރުއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތް ހަމަހަމަކުރުން [1]

 

ތަމްހީދުގައި އިސްވެ ބަޔާންކޮށްފައިވާނޭ ފަދައިން، ސުންނަތުގެ މާނައަކީ: ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ވާރިދުވެގެން އައިސްފައިވާ އެންމެހާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި (ކަމެއް ހިނގުމުން) އިޤްރާރުވެވަޑައިގެންނެވި ކަންތައްތަކެވެ.

މިމާނައަށް ރިޢާއަތްކުރާނަމަ ސުންނަތަކީ ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ބާވައިލެއްވުނު ވަޙީގެ ދެބާވަތުންކުރެ އެއްބާވަތެވެ. ޤުރުއާނާއި ސުންނަތުގެ ޞަރީޙަ ނައްޞުތަކާއި ސަލަފުންގެ އިޖްމާޢުން މިކަން އެނގިގެން ދެއެވެ. އޭގެ ދެވަނަ ބާވަތަކީ ޢާލަމްތަކުގެ ވެރިރައްބުގެ ޙަޟްރަތުން ބާވައިލެއްވި އެއިލާހުގެ ކަލާމްފުޅުކަމުގައިވާ ކީރިތި ޤުރުއާނެވެ. އެކަލާމްފުޅު ފެށިގެންއައީ އެއިލާހުގެ ޙަޟްރަތުންނެވެ. އަދި އަލުން އިޢާދަވާހުށީވެސް އެއިލާހުގެ ޙަޟްރަތަށެވެ. އެކަލާމްފުޅަކީ މަޚްލޫޤެއް ނޫނެވެ.

 

ޤުރުއާނުގެ ދަލީލުތައް

އެއިލާހު ވަޙީކުރެއްވިއެވެ.

وَمَا يَنطِقُ عَنِ الْهَوَىٰ ﴿٣﴾ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ ﴿٤﴾ [سورة النجم]

މާނައީ: “އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެތެވެ.”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ ﴿٤٤﴾ [سورة النحل]

މާނައީ: ” އަދި ތިމަންއިލާހު، ކަލޭގެފާނަށް ޤުރުއާން ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށްޓަކައެވެ.”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚوَاتَّقُوا اللَّـهَ ۖ إِنَّ اللَّـهَ شَدِيدُ الْعِقَابِ ﴿٧﴾ [سورة الحشر]

މާނައީ: “އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ޢުޤޫބާތް ގަދަފަދަވެގެންވާ އިލާހެވެ.”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ ﴿٣١﴾  [سورة آل عمران]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ! އޭރުން، ﷲ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا﴿٦٥﴾ [سورة النساء]

މާނައީ: “އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރައްބު ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް ދާނދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ.”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ ﴿٦٣﴾ [سورة النور]

މާނައީ: “ފަހެ، އެކަލާނގެ އަމުރުފުޅާ ޚިލާފުވާމީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި عذاب ޢަޛާބެއް ޖެހިދާނެކަމަށް، އެއުރެން ބިރުވެތިވާހުށިކަމެވެ!”

ސުންނަތައް ތަބާވުމަށް ބާރުއަޅުއްވާ، އެކަމުގެ ވާޖިބުކަން ބަޔާންކުރައްވާ އަދި އެއާ ޚިލާފުވެގަތުމުގެ ޙަރާމްކަން ބަޔާންކުރައްވާ ވަރަށް ގިނަ އާޔަތްތައް ބާވައިލައްވާފައިވެއެވެ.

___________________________________________

[1] މި ސުރުޚީ ނަގާފައިވާނީ ޚަޠީބުލް ބަޣްދާދީގެ ފޮތެއްކަމުގައިވާ (الكفاية) ގެ 39ވަނަ ޞަފްޙާގައި ލިޔުއްވާފައިވާ ޞުރުޚީއަކުންނެވެ. އެކަލޭގެފާނު މިއިން އިޝާރާތްކުރައްވަނީ ޤުރުއާނާއި ސުންނަތަކީ ބައެއް ހަމަތަކުން ބަލާއިރު އެއްގޮތް، އަދި ޙުކުމްތައް ޘާބިތުކުރުމުގައި އެއް ދަރަޖައެއްގައިވާ ދެ އެއްޗެއްކަމެވެ. بحوث في السنة المشرفة އޭ ކިޔުނު ފޮތުގައި د. عبد الغني الخالق ވިދާޅުވިއެވެ. ” ޝަރުޢީ ޙުކުމްތައް ޘާބިތުކުރުމުގައި ޤުރުއާނާއި ސުންނަތްވަނީ އެއް ދަރަޖައެއްގައެވެ. އެކަން ބަޔާންކޮށްދިނުމުގެ ގޮތުން ދަންނަވާނީ: ސުންނަތުގެ މައްޗަށް ޤުރުއާނަށް މާތްކަމާއި ޚާއްޞަކަން ދެއްވިގެންވާކަމީ ޚިލާފެއްނެތި ރަނގަޅަށް އެނގެން އޮތްކަމެކެވެ. އެހެނީ ޤުރުއާނުގެ ލަފްޒުތައް ބާވައިލެއްވުނީ ﷲ ގެ ޙަޟްރަތުންނެވެ. އަދި އެ ތިލާވަތުކުރުން ޘަވާބުލިބެއެވެ. ހަމައެއާއެކު އެއީ އިންސާނުންނަށް އެފަދަ ބަސްފުޅެއް ގެނެސްގަތުމުގެ ކުޅަދާނަކަން ލިބިފައިނުވާ ބަސްފުޅެކެވެ. އެހަމައިން ބަލާއިރު އެއާ ސުންނަތާ ޚިލާފެވެ. މާތްކަމުގައި ތަފާތުވިޔަސް ޙުއްޖަތުގެ ގޮތުން ޤުރުއާނާ ސުންނަތް ފަރަޤުނުކުރެވޭނެއެވެ. މިދެވަޙީ އެއްތަންވުމުން ހަމައެކަނި ޤުރުއާނަށް ޢަމަލުކޮށް ސުންނަތް ދޫކޮށެއް ނުލެވޭނެއެވެ. އޭގެ ސަބަބަކީ ޤުރުއާން ޙުއްޖަތަކަށްވަނީ ﷲގެ ޙަޟްރަތުން އައިސްފައިވާތީއެވެ. ސުންނަތްވެސް ހަމައެފަދައެވެ. ފަހެ އެހެންކަމުން ޤުރުއާނަށްވުރެ ސުންނަތް އަހައްމިއްޔަތު ކުޑަކުރުމަށް ބުނެވޭކަށް ނެތެވެ.” ޝައިޚުގެ ބަސްފުޅު ނިމުނީ

ދެން އެއަށްފަހު ޤުރުއާނަށްވުރެ ސުންނަތް (ހުތްޖަތެއްގެ ގޮތުގައި) ފަސްވެގެންވާކަމަށް ބުނާމީހުން އުފައްދާފައިވާ ޝުބުހަތަކަށް ރައްދުދެއްވިއެވެ.

އެކަމުގެ ތަފްޞީލަކަށް بحوث في السنة المشرفة ގެ 25-30ވަނަ ޞަފްޙާ ބައްލަވާށެވެ. އަދި މި ފަޞްލުގައި އައިސްފައިވާ ސަލަފުންގެ ބޭކަލުންގެ ބަސްފުޅުތައްވެސްމެއެވެ.

އެހެނިހެން ބައިތައް