قُلِ اللَّـهُ أَعْلَمُ بِمَا لَبِثُوا ۖ لَهُ غَيْبُ السَّمَاوَاتِ وَالْأَرْضِ ۖ أَبْصِرْ بِهِ وَأَسْمِعْ ۚ مَا لَهُم مِّن دُونِهِ مِن وَلِيٍّ وَلَا يُشْرِكُ فِي حُكْمِهِ أَحَدًا ﴿٢٦﴾
ކަލޭގެފާނު ވިދާޅުވާށެވެ! “އެއުރެން ތިބި މުއްދަތެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ، اللّه އެވެ. އުޑުތަކާއި ، ބިމުގެ ޣައިބު ދެނެވޮޑިގަތުން ވަނީ ، އެކަލާނގެއަށެވެ. އެކަލާނގެ ބައްލަވާވޮޑިގަތުމާއި، އައްސަވާވޮޑިގަތުން ބޮޑުކަމާއި ފުރިހަމަކަމާއެވެ! އެއުރެންނަށް އެކަލާނގެ ފިޔަވައި ވާގިވެރިވާނެ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ޙުކުމްފުޅުގައި އެއްވެސް ފަރާތެއް އެކަލާނގެ ބައިވެރިޔެއް ނުކުރައްވަތެވެ”.
وَاتْلُ مَا أُوحِيَ إِلَيْكَ مِن كِتَابِ رَبِّكَ ۖ لَا مُبَدِّلَ لِكَلِمَاتِهِ وَلَن تَجِدَ مِن دُونِهِ مُلْتَحَدًا ﴿٢٧﴾
ކަލޭގެފާނުގެ ރައްބުގެ ފޮތުން ، ކަލޭގެފާނަށް ވަޙީކުރެއްވުނު ތަކެތި ކިޔަވައިވިދާޅުވާށެވެ! އެކަލާނގެ ކަލިމަފުޅުތަށް ބަދަލުކުރާނޭ އެކަކުވެސް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެހީއަށް އެދި އެނބުރި ވަޑައިގަންނަވާނެ ފަރާތެއް ، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.
وَاصْبِرْ نَفْسَكَ مَعَ الَّذِينَ يَدْعُونَ رَبَّهُم بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ الْحَيَاةِ الدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا ﴿٢٨﴾
އަދި އެއުރެންގެ ރައްބުގެ ވަޖްހުފުޅު އަދައިގެން (އެކަލާނގެ ރުހިވޮޑިގަތުން އެދިގެން) ، ހެނދުނާއި ހަވީރު އެކަލާނގެއަށް ދުޢާކުރާ މީހުންނާއެކު ، ކަލޭގެފާނުގެ ނަފްސުފުޅު ހިފަހައްޓަވައި ކެތްކުރައްވާށެވެ! އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން ، ކަލޭގެފާނުގެ ލޯފުޅު ، އެއުރެން ފަހަނަޅައި ދިޔަނުދެއްވާށެވެ! (އެބަހީ: އެއުރެން ދޫކޮށްނުލައްވާށެވެ). އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން ، އެމީހެއްގެ ހިތް ތިމަންރަސްކަލާނގެ ޣާފިލުކުރައްވައި ، އަދި އެމީހެއްގެ ހަވާ ނަފްސަށް ތަބާވެ އަދި އެމީހެއްގެ ކަންތައްތައް ގެއްލެނިވެގެންވާ މީހަކަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!
…