[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝަހާދަތުގެ ދެކަލިމައިގެ މާނައަކީ ކޮބާ؟

 

”لا إله إلا الله محمد رسول الله“ ގެ މާނައަކީ ކޮބާ؟

ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމައީ ﷲގެ ރަސޫލާކަމަށް ހެކިވުމަކީ އިސްލާމްކަމުގެ 5 ރުކުނުގެ ތެރެއިން އެންމެ ފުރަތަމަ ރުކުނެވެ. ”لا إله إلا الله“ ގެ މާނައަކީ ”ﷲ މެނުވީ ޙައްޤުވެގެން އަޅުަކަންވެވޭ އިލާހަކު ނުވެއެވެ.“ އެއީ ނަފީކުރުމާ އެއްކޮށް ހިތުންތެދުކޮށް ކަށަވަރުކުރުމެކެވެ. ”لا إله“ ގެ މުރާދަކީ ﷲ ފިޔަވައި އެހެން ހުރިހާ ފަރާތްތަކަށް ކުރެވޭ އަޅުކަން ނަފީކުރުމެވެ. ”إلا الله“ ގެ މުރާދަކީ ހުރިހާ އަޅުކަމެއް ކުރަންޖެހެނީ ހަމައެކަނި ﷲ އަށް ކަމާއި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވާކަން ހިތުންތެދުކޮށް ކަށަވަރުކުރުމެވެ.

”محمد رسول الله“ (މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމައީ ﷲގެ ރަސޫލާ) އޭ ބުނެވޭ ބަހުގެ މުރާދަކީ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ އެރިސާލަތަކާއިގެން ވަޑައިގެންނެވި ރިސާލަތަކީ ޙައްޤު ތެދުކަމަށް އިޤުރާރުވެ، ހިތުން ތެދުކޮށް ކަށަވަރުކޮށް ޤަބޫލުކޮށް، ބަހުންނާއި ޢަމަލުންނާއި ޤަބޫލުކުރުންތަކުގައި ވެސް އެބަހުގެ މަތީގައި ސާބިތުވުމެވެ. އަދި އެބަހާ ފުށުއަރާ އެންމެހައި ކަމަކުން، އެއީ ބަހަކަށް ވިޔަސް، ޢަމަލަކަށް ވިޔަސް، ނުވަތަ ނިޔަތަކަށް ވިޔަސް ދުރުހެލިވުމެވެ. އެބަހީ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ އެންމެހައި އަމުރުފުޅުތަކުގައި އެކަލޭގެފާނަށް ކިޔަމަންތެރިވުމާއި، އެކަލޭގެފާނުގެ ޙަދީޘް ބަސްފުޅުތަކާއި އިރުޝާދުފުޅުތައް ފުރިހަމައަށް ޤަބޫލުކުރުމާއި، އެކަލޭގެފާނު ނަހީކުރައްވާ މަނާކުރައްވާފައިވާ އެންމެހައިކަމަކުން ދުރުހެލިވުމާއި އަދި އެކަލޭގެފާނު ޝަރުޢުކުރައްވާފައިވާ ގޮތުގައި މެނުވީ ﷲ ތަޢާލާއަށް އަޅުކަން ނުކުރުމެވެ.

و صلى الله وسلم على نبينا محمد وآله وصحبه. (ﷲ ތަޢާލާ އަޅަމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށާއި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.) [1]

މި ލިޔުމަކީ ޝައިޚް މުޙައްމަދު ޞާލިޙް އަލް-މުނައްޖިދާ ޝަހާދަތުގެ ދެކަލިމައިގެ މާނަޔާމެދު ސުވާލު ކުރެވުމުން ޝައިޚް ދެއްވާފައިވާ ޖަވާބެއް އަޞްލަކަށް ބަލައިގެން ލިޔެވިފައިވާ ލިޔުމެކެވެ. ޝައިޚްގެ މި ޖަވާބަކީ ޝަހާދަތުގެ ދެކަލިމައިގެ މާނައިގެ ކުރު ތަޢާރުފެކެވެ.

ޝަހާދަތުގެ ދެކަލިމަ ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކޮށް، ދުލުކުރިން ކިޔައި އިސްލާމްވުމުން މެނުވީ މުސްލިމަކަށް ނުވެވޭ ހުށްޓެވެ. އަދި ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭ ހުށީ މުސްލިމުންނަށެވެ. އެހެން އެއްވެސް ދީނެއް އެއްވެސް އިންސިއެއް އަދި ޖިންނިއެއްގެ ފަރާތުން ޤަބޫލުނުކުރައްވާ ހުށްޓެވެ. މުސްލިމަކަށް ވުމަށްފަހުގައި އިސްލާމްކަން މަތީ ދެމިހުރުމަށްޓަކައި، ﷲ އަށްޓަކައި ހިތްނިޔަތް ޚާލިޞްކޮށް، ބަހާއި ޢަމަލާއި ޤަބޫލުކުރުންތަކުގައި ވެސް މިދެކަލިމަޔާ ފުށުއަރާ އެންމެހައި ކަމަކުން ދުރުހެލިވުން ވާޖިބުވެގެންވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ޝަހާދަތުގެ ދެކަލިމަ ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކޮށް، ނިޔަތާއި ބަހާއި ޢަމަލުގައި ވެސް އެ ދެކަލިމައިގެ މަތީގައި ސާބިތުވެ ތިބެ، ފުރިހަމަ މުސްލިމުންގެ ގޮތުގައި މަރުވުމުގެ ތައުފީޤު އަޅަމެން އެންމެންނަށް ދެއްވާށިއެވެ! އާމީން.

__________________________________________

[1]  އަޞްލު ބެއްލެވުމަށް