[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الشرح ގެ ތަފްސީރު (3)

ފަހެ، އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވަނީ އަހަރެމެންގެ ނަފްސާމެދު މުހިއްމުކަމެއްދީގެން، އެ ނަފްސު ޙިސާބުކުރުމެވެ. ވިޔަފާރިވެރިޔާ އެދުވަހެއްގެ ވިޔަފާރީގެ ވިކުރާ ބަލައި، އެދުވަހެއްގައި ކުރެވުނު ހޭދައާއި، ލިބުނު ފައިދާއެއް ބަލައި ޙިސާބުކުރުމަށްފަހުގައި މެނުވީ ނުނިދާނެއެވެ. ފަހެ، އާޚިރަތްދުވަހަށްޓަކައި ވިޔަފާރިކުރާ ވިޔަފާރިވެރިޔާ ދުނިޔޭގެ ވިޔަފާރިވެރިންނަށްވުރެ ބޮޑު އަހައްމިއްޔަތުކަމެއްދީގެން ޙިސާބު ބެލެހެއްޓުން އައުލާވެގެންވެއެވެ. އެހެނީ އާޚިރަތަށްޓަކައި ވިޔަފާރިކުރާމީހުންގެ ވިޔަފާރިއަކީ ބޮޑުވެގެންވާ ކަމެކެވެ. ދުނިޔެއަށްޓަކައި ވިޔަފާރިކުރާ ވިޔަފާރިވެރިން، އެމީހުންކުރާ ވިޔަފާރިން ފައިދާވެއްޖެނަމަ އެއީ ހަމައެކަނި ލިބޭ ވަޤުތީ ފައިދާއެކެވެ. އަދި މި ވިޔަފާރީގައި ގެއްލުމާއި، ކަންބޮޑުވުމާއި ހާސްކަން ކުރިމަތިކުރުވައެވެ. ވަކި މުދަލަކުން ގެއްލުމެއްވެއްޖެނަމަ އެކަމާ ކަންބޮޑުވެއެވެ. ޤައުމުގައި ފޭރުމާއި، ވައްކަންކުރުންފަދަ ކަމެއް ޢާއްމުވެއްޖެނަމަ އިންތިހާއަށް ކަންބޮޑުކުރުވައެވެ. މިއާއިޚިލާފަށް އާޚިރަތުގެ ވިޔަފާރި މުޅިން ތަފާތެވެ. ((يَا أَيُّهَا الَّذِينَ آمَنُوا هَلْ أَدُلُّكُمْ عَلَىٰ تِجَارَ‌ةٍ تُنجِيكُم مِّنْ عَذَابٍ أَلِيمٍ ﴿١٠﴾ تُؤْمِنُونَ بِاللَّـهِ وَرَ‌سُولِهِ وَتُجَاهِدُونَ فِي سَبِيلِ اللَّـهِ بِأَمْوَالِكُمْ وَأَنفُسِكُمْ ۚ ذَٰلِكُمْ خَيْرٌ‌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴿١١﴾ يَغْفِرْ‌ لَكُمْ ذُنُوبَكُمْ وَيُدْخِلْكُمْ جَنَّاتٍ تَجْرِ‌ي مِن تَحْتِهَا الْأَنْهَارُ‌ وَمَسَاكِنَ طَيِّبَةً فِي جَنَّاتِ عَدْنٍ ۚ ذَٰلِكَ الْفَوْزُ الْعَظِيمُ)) (الصف: 10-12) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ވޭންދެނިވި ޢަޛާބަކުން ތިޔަބައިމީހުން މިންޖުކޮށްދޭނޭ ވިޔަފާރިއެއް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދައްކަވަން ހެއްޔެވެ؟ (އެއީ) ތިޔަބައިމީހުން ﷲއަށާއި، އެކަލާނގެ ރަސޫލާއަށް އީމާންވުމެވެ. އަދި ތިޔަބައިމީހުންގެ މުދާތަކުންނާއި، ތިޔަބައިމީހުންގެ ނަފްސުތަކުން ﷲ ގެ މަގުގައި ތިޔަބައިމީހުން ޖިހާދުކުރުމެވެ. ތިޔަބައިމީހުން ދަންނަނަމަ، އެގޮތް ތިޔަބައިމީހުންނަށް މާ ހެޔޮކަން ބޮޑެވެ. އޭރުން އެކަލާނގެ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާނެތެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް އެކަލާނގެ ތިޔަބައިމީހުން ވައްދަވާނެތެވެ. އަދި عدن އެވެ ކިއުނު ސުވަރުގެތަކުގައިވާ ރަނގަޅު ގޮވަތިގެދޮރުގައި ތިޔަބައިމީހުން ވަޒަންވެރި ކުރައްވާނެތެވެ. ބޮޑުވެގެންވާ ނަޞީބުލިބުމަކީ އެއީއެވެ.” އެހެންކަމުން، އާޚިރަތަށްކުރެވޭ ވިޔަފާރީގެ ސަބަބުން ވޭންދެނިވި ޢަޛާބުން މިންޖުވެ، އެއިގެ ސަބަބުން ފާފަތައް ﷲ ފުއްސަވާދެއްވައި، ސުވަރުގެތަކަށް ވައްދަވާނެއެވެ. ((جَنَّات عَدْنٍ)) އަކީ އަބަދަށް ތިބޭނެ ސުވަރުގެތަކެވެ. ((وَمَسَاكِنَ طَيِّبَةً فِي جَنَّاتِ عَدْنٍ)) އެބަހީ؛ އެ ސުވަރުގެތައް ބިނާކުރެވިފައިވާލެއް ރަނގަޅުކަމާއި، އެ ސުވަރުގެތައް ބިނާކުރެވިފައިވާ މާއްދާތަކުގެ ރަނގަޅުކަމެވެ. އެއީ އެ ސުވަރުގެތައް ބިނާކުރެވިފައިވާ މާއްދާގެ މަތިވެރިކަން ބަޔާންކުރައްވައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. ((جَنَّتَانِ مِنْ ذَهَبٍ آنِيَتُهُمَا وَمَا فِيهِمَا، وَجَنَّتَانِ مِنْ فِضَّةٍ آنِيَتُهُمَا وَمَا فِيهِمَا)) މާނައީ: “(އެ ދެ ސުވަރުގެއަކީ) އެސުވަރުގޭގައިވާ ކަންވާރުތަކާއި، އެ ސުވަރުގޭގައި ވާހާއެއްޗެއް ރަނުންވާ ދެ ސުވަރުގެއެވެ. އަދި އެއީ އެސުވަރުގޭގައިވާ ކަންވާރުތަކާއި، އެ ސުވަރުގޭގައި ވާހާއެއްޗެއް ރިހިންވާ ދެ ސުވަރުގެއެވެ. (އެބަހީ؛ ސުވަރުގޭގައިވާ ތަކެތި ވަނީ ރަނުންނާއި ރިހިންނެވެ.)”(1)

ﷲ ޤަންދީފަ ބުނަމެވެ. އިންސާނާ، އޭނާ ބާލިޣުވީއްސުރެ އޭނާ މަރުވަންދެން ސަޖިދާގައި އޮތް ނަމަވެސް، އެއީ މި ބޮޑުވެގެންވާ ނިޢުމަތްތަކަށް ބަލާއިރު ކުޑަ އަގެކެވެ. އަދި މި ބޮޑު ނިޢުމަތްތައްނުލިބި، ނަރަކައިން މިންޖުވެވުންވެސް ހަމައެކަނި އެ އިންސާނާއަށް ފުދެއެވެ. ބައެއް ފަހަރަށް އިންސާނާ ވިސްނާފިކުރުކުރުމަށްފަހު، ތިމަން އުފަންނުވިނަމަ ކިހާ ރަނގަޅުހޭ، ނުވަތަ ނަރަކައިން ހަމައެކަނި މިންޖުވުންވެސް ތިމަންނައަށް ފުދެއޭ ފަދަ ބަސްތައް ބުނެވެއެވެ. އެގޮތުން ޢުމަރު ބުން ޚައްޠާބު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. “ތިމަން ގަހަކަށްވާނަމަ ކިހާ ރަނގަޅުހެއްޔެވެ. ތިމަންގެ މަންމަ ތިމަން ނުވިހޭނަމައެވެ.” އިންސާނާއަށް ހީވެފައި އޮންނަނީ ނަމާދުކުރުމާއި، ރޯދަހިފުމާއި، ޞަދަޤާތްކުރުމާއި، ޙައްޖުވުމާއި، މައިންބަފައިންނަށް ކިޔަމަންގަތުންފަދަ ޢަމަލުތައް ކުރުމުގެ ސަބަބުން އޭނާ އެހުރީ އަމާންކަން ލިބިގެންކަމުގައެވެ. އެހެންނަމަވެސް، ހިތުގައި އުފެދޭ ޢަދާވާތްތެރިކަމެއްގެ ސަބަބުން އޭނާގެ ނިމުން ނުބައިވެގެންދެއެވެ. މިފަދަ ނުބައިކަމަކުން ﷲ އަޅަމެއް ސަލާމަތްކުރައްވާނދޭވެ!

((وَرَ‌فَعْنَا لَكَ ذِكْرَ‌كَ)) މާނައީ: “އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ޛިކުރު މަތިވެރިކުރެއްވީމެވެ.” އެބަހީ؛ ރަސޫލާ عليه الصلاة والسلام ގެ ޛިކުރު މަތިވެރިކުރެއްވިއެވެ. (އެބަހީ؛ އެކަލޭގެފާނުގެ ޤަދަރާއި، ޚުލްޤާއި، ޢިއްޒަތް މަތިވެރިކުރެއްވިއެވެ.) މިކަމާމެދު އެއްވެސްމީހަކު ޝައްކު ނުކުރާނެއެވެ.

ފުރަތަމައީ؛ ކޮންމެ (ފަރުޟު) ނަމާދެއްގައި އެކަލޭގެފާނުގެ ޛިކުރުވަނީ މަތީ ދަރަޖައަކަށް މަތިވެރިކުރައްވާފައެވެ. އެއީ ބަންގިގޮވާއިރު أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ، أَشْهَدُ أَنَّ مُحَمَّداً رَسُوْلُ اللهِ މި ކަލިމައިންނެވެ.

ދެވަނައީ؛ ކޮންމެ ނަމާދެއްގެ އައްތަޙިއްޔާތުގައި ފަރުޟުވެގެންވާގޮތުގެ މަތިން އެކަލޭގެފާނުގެ ޛިކުރު ވަނީ މަތިވެރިކުރައްވާފައެވެ. ފަހެ، އައްތަޙިއްޔާތު އިނުމަކީ ފަރުޟެކެވެ. އައްތަޙިއްޔާތުގައި ކިޔާ ޛިކުރުގައި أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللهُ، وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ ورَسُوْلُهُ މި ޢިބާރާތް އައިސްފައިވެއެވެ.

ތިންވަނައީ؛ ކޮންމެ އަޅުކަމެއްގައި އެކަލޭގެފާނުގެ ޛިކުރުވަނީ މަތިވެރިކުރައްވާފައެވެ. ކޮންމެ އަޅުކަމެއްގައި އެކަލޭގެފާނު މަތިވެރިކުރުން ހިމެނިގެންވެއެވެ. އެހެނީ، ކޮންމެ އަޅުކަމެއް ﷲ ޤަބޫލުކުރެއްވުމުގައި އަސާސީ ދެ ޝަރުޠު ހިމެނެންޖެހެއެވެ. އެއީ؛ ﷲ ތަޢާލާއަށް އިޚްލާޞްތެރިވުމާއި، ރަސޫލާ عليه الصلاة والسلام އަށް ތަބާވުމެވެ. އެކަލޭގެފާނަށް ތަބާވެގެން އަޅުކަންކުރާހިނދު، ހިތަށް ގެނުވާނެކަމަކީ އެ އަޅުކަމެއް ކުރަމުން މިގެންދަނީ ރަސޫލާ عليه الصلاة والسلام އަށް ތަބާވެގެންކަމެވެ. މިއީ އެކަލޭގެފާނުގެ ޛިކުރު މަތިވެރިކުރެވުމެކެވެ.

(ނުނިމޭ)

______________________

(1) أخرجه البخاري، كتاب التفسير، باب قوله: ((وَمِن دُونِهِمَا جَنَّتَانِ)) (4878).

(2) މިފަދަ ޢިބާރާތަކުން އިމާމް ބުޚާރީ ގެންނަވާފައިވާ ޢިބާރާތުގައި ވެއެވެ. ((لَوْ أَنَّ لِي طِلَاعَ الْأَرْضِ ذَهَبًا لَافْتَدَيْتُ بِهِ مِنْ عَذَابِ اللَّهِ عَزَّ وَجَلَّ قَبْلَ أَنْ أَرَاهُ)) (3692) މާނައީ: “ބިން ފުރެންދެން ތިމަންކަލޭގެފާނަށް ރަން ލިބިފައިވާނަމަ، ﷲގެ ޢަޛާބު ފެނުމުގެ ކުރިން އެ ޢަޛާބުން ސަލާމަތްވުމަށް އެ ހުރިހާ ރަނެއް ފިދްޔައިގެގޮތުގައި ދިނީމުހެވެ.”

މިލިޔުމުގެ އެހެނިހެން ބައިތައް