[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الشرح ގެ ތަފްސީރު (4)

އެކަލާނގެ ވަޙީ ބަސްފުޅު ((فَإِنَّ مَعَ الْعُسْرِ‌ يُسْرً‌ا ﴿٥﴾ إِنَّ مَعَ الْعُسْرِ‌ يُسْرً‌ا)) (މާނައީ: “ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.) ދަންނައެވެ. މިއީ ރަސޫލާ صلّى الله عليه وعلى آله وسلّم އަށާއި، މުޅި އުއްމަތަށް ﷲ عزّ وجلّ ދެއްވަވާފައިވާ އުފާވެރި ޚަބަރެކެވެ. ރަސޫލާ عليه الصلاة والسلام މައްކާގައި އުޅުއްވިއިރު ވަނީ އެކަލޭގެފާނަށް އުދަނގޫކަންތައްތަކެއް ހިނގާގޮސްފައެވެ. ހަމައެހެންމެ ޠާއިފުގައާއި، މަދީނާގައި މުނާފިޤުންގެ ކިބައިންވެސް ވަނީ އުދަނގޫތަކެއް ކުރިމަތިވެވަޑައިގެންފައެވެ. ފަހެ، ﷲ އެ ވަޙީ ކުރައްވަނީ ((فَإِنَّ مَعَ الْعُسْرِ‌ يُسْرً‌ا)) މާނައީ: “ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.” އެބަހީ؛ ކަލޭގެފާނުގެ ހިތްޕުޅު ކަލޭގެފާނަށްޓަކައި ތަނަވަސްކޮށް ދެއްވިފަދައިންނާއި، ކަލޭގެފާނުގެ ކުށްތައް، ކަލޭގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ދުރުކުރެއްވިފަދައިންނާއި، އަދި ކަލޭގެފާނުގެ ޛިކުރު މަތިވެރިކުރެއްވިފަދައިން މިއީވެސް ބޮޑުވެގެންވާ ނިޢުމަތެކެވެ. ކަލޭގެފާނަށް ކުރިމަތިވެވަޑައިގެންފައިވާ އުނދަގޫތަކަށް ހަމަކަށަވަރުން ފަސޭހަކަންވާ ހުއްޓެވެ. ((فَإِنَّ مَعَ الْعُسْرِ‌ يُسْرً‌ا ﴿٥﴾ إِنَّ مَعَ الْعُسْرِ‌ يُسْرً‌ا)) (މާނައީ: “ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.) މި އާޔަތާބެހޭގޮތުން އިބްނު ޢައްބާސް ވިދާޅުވެފައިވެއެވެ. “ދެ ފަސޭހަކަމެއްގެ މައްޗަށް އެއް އުނދަގޫކަމަކަށް ގަދަވެ ނުގަނެވޭނެއެވެ.”(1)

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު އެ ބަސްފުޅު ވިދާޅުވި ގޮތަކީ؛ މި ދެ އާޔަތުގައި (ލަފްޒުގެ ގޮތުން ބަލާއިރު) އުނދަގޫކަން ދެ ފަހަރު އަދި ފަސޭހަކަން ދެ ފަހަރު ގެންނަވާފައިވެއެވެ. ބަހުގެ ބަލާޣާތާބެހޭ ޢިލްމުވެރިން ވިދާޅުވެލައްވާ ގޮތުގައި: މި ދެ އާޔަތުގައި އެވާ “الْعُسْر” އުނދަގޫކަން ނިސްބަތްކުރަނީ އެއްމެ އުނދަގޫކަމަކަށެވެ. ((فَإِنَّ مَعَ الْعُسْرِ‌ يُسْرً‌ا ﴿٥﴾ إِنَّ مَعَ الْعُسْرِ‌ يُسْرً‌ا)) އެހެނީ؛ ފުރަތަމަ އާޔަތުގައި އައިސްފައިވާ އުނދަގޫކަން އެވަނީ އަލިފުލާމާއެކީ ދެވަނަ ފަހަރަށް ގެންނަވާފައެވެ. މިގޮތަށް ގެނެވޭ އަލިފުލާމުން އަންގައިދޭނީ އެންމެފަހުން އެ ގެނެވުނު އަންގައިދިނުމެވެ. (ޢާއްމު ގޮތެއްގައި ޢަރަބި ބަހުގައި އިސްމުގެ ކުރިއަށް “ال” ގެންނަނީ ވަކި އެއްޗެއް ޚާއްޞަކުރުމުގެ ގޮތުންނެވެ.)

އެހެންނަމަވެސް، “يُسْر‌” ފަސޭހަކަން ގެންނަވާފައިވަނީ އަލިފުލާމުނެތި ތަންވީނުޖެހިގެންނެވެ. ޚާއްޞަކުރުމެއް ނެތިއެވެ. ޢަރަބިބަހުގެ ޤަވާޢިދުގައިވަނީ: ނާދިރު ޙާލަތެއްގައި މެނުވީ އިސްމެއް ޚާއްޞަކުރުމާއެކު ދެ ފަހަރަށް ތަކުރާރުވެއްޖެނަމަ، ދެވަނަ ލަފްޒުން އަންގައިދޭނީ ހަމަ ފުރަތަމަ ލަފްޒުގެ އަންގައިދިނުމެވެ. އަދި އިސްމެއް ޚާއްޞަކުރުމެއްނެތި ދެ ފަހަރަށް ތަކުރާރުވެއްޖެނަމަ، ދެވަނަ ލަފްޒުން އަންގައިދޭނީ ފުރަތަމަ ލަފްޒުގެ އަންގައިދިނުމެއް ނޫނެވެ. އެހެންކަމުން، މި ދެ އާޔަތުގައި (އަންގައިދޭ އަންގައިދިނުމަށް ބާލާއިރު) ދެ ފަސޭހަކަމެއް އައިސްފައިވާއިރު، އުދަނގޫކަން އައިސްފައިވަނީ އެއްމެ އުނދަގޫކަމެކެވެ.

މި ވަޙީ ބަސްފުޅަކީ ﷲ عزّ وجلّ ޙަޟްރަތުން އައިސްފައިވާ ޚަބަރެކެވެ. އެއިލާހުގެ ޙަޟްރަތުން އަންނަ ޚަބަރަކީ ތެދުވެރިކަމުގެގޮތުން އެންމެ ތެދު ޚަބަރެވެ. ފަހެ، ތިބާއަށް ކަމެއް އުނދަގޫވެއްޖެހިނދެއްގައި ފަސޭހަކަމަށް އިންތިޒާރުކުރާށެވެ. ޝަރީޢަތުގައި އައިސްފައިވާ ކަންކަމަށް ބަލާއިރު މިކަން ވަރަށް ސާފުކޮށް ފެނެއެވެ. ނަމާދަށް ބާލާއިރު؛ ތިބާ ކޮޅަށްހުރެ ނަމާދުކުރާށެވެ. ކޮޅަށްހުރުމަށް ކުޅަދާނަނުވެއްޖެނަމަ އިށީނދެއިދެގެން ނަމާދުކުރާށެވެ. އިށީނދެއިދެގެން ނަމާދުކުރުމަށް ކުޅަދާނަނުވެއްޖެނަމަ އޮށޯވެގެން އަރިއަކަށް ކުރާށެވެ. މިއީ ލުއިފަސޭހަކަމެވެ. ކޮޅަށްހުރުމަށް އުނދަގޫވެއްޖެނަމަ އިށީންނާށެވެ. އިށީނުމަށް އުނދަގޫވެއްޖެނަމަ އަރިއަކަށް އޮށޯވެއޮވެ ނަމާދުކުރާށެވެ. ރޯދައަށް ބަލާއިރު؛ ތިބާ ރަށުގައި ޙާޟިރުވެހުރެ ރޯދަހިފުމުގެ ކުޅަދާނަކަން ހުރެއްޖެނަމަ ރޯދަ ހިފާށެވެ. ކުޅަދާނަކަން ނެތިއްޖެނަމަ ރޯދަ ދޫކޮށްލާށެވެ. އަދި ތިބާ ދަތުރެއްގައިވަނީނަމަ (ފަހުން ހިފުމަށް) ރޯދަ ދޫކޮށްލާށެވެ. އަދި ޙައްޖަށް ބަލާއިރު؛ ތިބާއަށް ޙައްޖުކުރުމަށް ކުޅަދާނަކަން ލިބިފައިވާނަމަ ޙައްޖުކުރާށެވެ. ތިބާއަށް ކުޅަދާނަކަން ލިބިފައިނުވާނަމަ ތިބާގެ މައްޗަށް ޙައްޖު (ވާޖިބެއް) ނުވެއެވެ. އަދި ތިބާ ޙައްޖުގެ އަޅުކަމަށް ފަށައިފުމަށްފަހު މަގު ބަންދުވެއްޖެނަމަ ނުވަތަ ޙައްޖުގެ އަޅުކަން ކުރިއަށް ނުގެންދެވޭނަމަ ތަޙައްލުލުވާށެވެ. އަދި ޙައްޖު ފަސްޚުކޮށްލައި ހަދްޔު ކަތިލާށެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ((وَأَتِمُّوا الْحَجَّ وَالْعُمْرَ‌ةَ لِلَّـهِ ۚ فَإِنْ أُحْصِرْ‌تُمْ فَمَا اسْتَيْسَرَ‌ مِنَ الْهَدْيِ)) (البقرة: ١٩٦) މާނައީ: “ތިޔަބައިމީހުން ﷲ އަށްޓަކައި ޙައްޖާއި ޢުމްރާ ފުރިހަމައަށް އަދާކުރާށެވެ! ފަހެ، އެކަމުގައި ތިޔަބައިމީހުން إحصار ވެއްޖެނަމަ، (އެބަހީ: ދެކޮޅުވެރި ބަޔެއްގެ ސަބަބުން، ނުވަތަ އެނޫން ކަމެއްގެ ސަބަބުން ނަމަވެސް، ޙައްޖުވުމަށް ނުވަތަ ޢުމްރާވުމަށް ދިޔުމުގެ މަގު ބަންދުވެއްޖެނަމަ) ހަދްޔުގެ ތެރެއިން ތަނަވަސްވެ ލިބުނު އެއްޗެއް ކަތިލުން ހުށްޓެވެ.” އެހެންކަމުން އަޅުކަމުގައި އިންސާނާއަށް ކުރިމަތިވާ އުނދަގޫކަންކަމުގައި ފަސޭހަކަމާއި ލުއިކަން ލައްވާފައިވެއެވެ. ހަމައެގޮތަށް ޤަޟާ ޤަދަރުގެ ކަންކަމުގައިވެސް ކަން ހިނގާމަގަކީ މިއީއެވެ. އެބަހީ؛ އިންސާނަކަށް މުޞީބާތާއި، ދަތި ދިރުއުޅުމާއި، ހިތްދަތިކަން ކުރިމަތިވިކަމުގައިވީނަމަވެސް އުއްމީދު ކަނޑާނުލާށެވެ. ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ފަހަރެއްގައި އެ ލިބޭ ފަސޭހަކަން އެއީ ބޭރުފުށުން ފެންނަ ޙިއްސީ ފަސޭހަކަމަކަށްވެދާނެއެވެ. މިސާލަކަށް؛ އިންސާނަކު ފަޤީރުވެ، ދިރިއުޅުން ދަތިވުމަށްފަހު، އެމީހަކަށް މުއްސަނދިކަން ފަސޭހަކޮށްދެއްވަފާނެއެވެ. އެއިގެ އަނެއް މިސާލަކީ؛ އިންސާނަކު ބަލިވެ، އެ ބަލިބޮޑުވުމަށްފަހު ﷲ عزّ وجلّ އެމީހަކަށް ޝިފާދެއްވުމެވެ. މިއީވެސް ޙިއްސީ ފަސޭހަކަމެކެވެ. ހަމަމިފަދައިން މަޢުނަވީ ފަސޭހަކަންވެސްވެއެވެ. އެއީ ކެތްތެރިވުމުގައި ﷲ އިންސާނާއަށް ވާގިވެރިވެވޮޑިގަތުމެވެ. މިއީ ފަސޭހައެކެވެ. ކެތްތެރިވުމުގައި ﷲ ތިބާއަށް ވާގިވެރިވެވޮޑިގެންފިނަމަ އުނދަގޫކަންކަން ފަސޭހަވެގެންދެއެވެ. އަދި އެފަދަ މުޞީބާތެއް ފަރުބަދައެއްގެ މައްޗަށް ބާވާލެއްވުނުނަމަ އެފަރުބަދަ ތެޅިގެންދާފަދަ ވަރުގަދަ މުޞީބާތްތައްވެސް، ﷲ ތިބާއަށް ކެތްތެރިވުމަށް ވާގިވެރިވެވޮޑިގެންފިނަމަ ފަސޭހަކަމަކަށް ވެގެންދާނެއެވެ. ފަސޭހަވުމުގެ މާނައަކީ ހަމައެކަނި ކަމަކުން އެއްކޮށް މިންޖުވުމެއް ނޫނެވެ. ފަސޭހަވުމުގެ ތެރޭގައި އެ ޖެހިފައިވާ މުޞީބާތް އެއްކޮށް ފިލައިގެންދިޔުންވެއެވެ. އެއީ ޙިއްސީ ފަސޭހަކަމެކެވެ. އަދި އިންސާނާއަށް ކެތްތެރިވުމުގައި ﷲ ވާގިވެރިވެވޮޑިގަތުމުގެ ސަބަބުން އެ އުނދަގޫކަމެއް ފަސޭހަވެގެންދެއެވެ. މިކަމާމެދު އަހަރެމެން ބުނާނީ އެއީ ﷲ ވަޢުދުކުރައްވާފައިވާ ވަޢުދާމެދު އަހަރެމެން ކުރާ ޔަޤީނެއްގެ ބޮޑުކަމުންވާކަމެއްކަމުގައެވެ. (ނުނިމޭ)

___________________

(1) الموطأ 2/446، ابن أبي شيبة 5/335، 13/308، البيهقي شعب الإيمان 7/205-206، الحاكم 2/301.

މިލިޔުމުގެ އެހެނިހެން ބައިތައް